Support Us

ޒުވާނުންނޭ، ކޮފީއޭ، ނުނިދައޭ، ހިތުގެ ބައްޔޭތޯއެވެ؟

ޞިއްޙީ ދާއިރާގައި ނުހަނު މުރާލިކަމާއެކު މަސައްކަތްޕުޅު ކުރައްވާ ބައެއް ޑޮކްޓަރުން ވިދާޅުވާ އެއްޗެއް އަޑުއަހަން އަޅުގަނޑަށް އެބަޖެހެއެވެ. އެ ބޭފުޅުން ވިދާޅުވެއެވެ. ”ހިތުގެ ބައްޔާއި، ލޭގެ ޕުރެޝަރު މަތިވުމާއި، ހަކުރުބައްޔާއި، މިކަހަލަ ބަލިތައް ޒުވާން ޢުމުރުގެ މީހުންގެ ކިބައިން ފެންނަމުންދާ ނިސްބަތް އިންތިހާޔަށް ބޮޑުވެގެން ދާތީ އަހަރުމެން އެބަ ކަންބޮޑުވެއެވެ. މިހައިރު މިއުޅޭ ޒުވާނުން ރޭގަނޑަކު ނުނިދައެވެ. ހަށިގަނޑަށް ބޭނުންވާ ވަރާ ގާތަށްވެސް ނުނިދައެވެ. ކޮފީވެސް ބޮނީ މާ ގިނައިންނެވެ!“

ޒުވާނުންނޭ، ޒުވާނުންގެ ސުލޫކުގެ ފެންވަރު ހައުދަހައި ދެރަޔޭ، މިކަހަލަ އެއްޗިހިތަކެއް ކިޔާ ބަޔަކުވެސް އަޅުގަނޑުމެން ތެރޭ އެބަ އުޅެއެވެ. އެހެންނަމަވެސް، އަޅުގަނޑަކީ ޒުވާނުންނާ އެކީވެސް ބައެއް ފަހަރު އުޅޭ މީހަކަށް ވެފައި، އަޅުގަނޑުގެ ރަޙުމަތްތެރީންގެ ލިސްޓުގައި ޒުވާނުންވެސް ހިމެނޭތީ ދަންނަވަމެވެ. އަޅެ، އެކުދީން މިކަމާ މެދު ބުނާ އެއްޗެއް އަޑުއަހައިލުމަކީވެސް ނެތް ކަމެއް ނޫން، ދެއްތޯއެވެ؟

އަޅުގަނޑު މި ދަންނަވާ ވާހަކަޔަކީ މިރާއްޖޭގެ ޒުވާނުންގެ ފަރާތުން، ނުވަތަ ޒުވާނުން ތަމްސީލު ކުރުމުގެ ގޮތުން ދައްކާ ވާހަކައެއް ނޫނެވެ. މިއީ އަޅުގަނޑުގެ ރައްޓެހި، ރަޙުމަތްތެރި، ދިރިއުޅުމާ މެދު ސީރިޔަސްކޮށް ވިސްނާ، ފަންނުވެރި ނުވަތަ ފަންނުވެރީންނަށް ވާން ގަދަ އަޅައި މަސައްކަތް ކުރާ ޒުވާނުންކޮޅެއްގެ ގާތުން އަޅުގަނޑަށް އިވިފައި ހުރި ބައެއް ވާހަކަ އަޑުއެހުމަށްފަހު ދަންނަވާ އެއްޗެކެވެ. ޚިޔާލުތަކަކާއި ޝުޢޫރުތަކެއްގެ ޖަމުޢު އެކެވެ. އައްސަވާށެވެ.

”ބޭބޭ އެވެ! އައްސަވާށެވެ! އަޅުގަނޑުމެންނަކީ ޙަޔާތޭ މިކިޔާ ނިޢުމަތް އަޅުގަނޑުމެންނަށް ދެއްވީތީ ޝުކުރުވެރިވާ ބަޔަކީމުއެވެ. ދުނިޔެއުޅުމުގައި އެހެން މީހުންނާ ދިމާޔަށް އަތް ނުދަރައި، ހުތުރު ގޮތަކުން އެއްޗެއް ނުހޯދައި، ޙަލާލު ނޫން އެއްޗެއްގައި އަތްނުލައި އުޅެން އަޅުގަނޑުމެން ބޭނުމެވެ. އަޅުގަނޑުމެންވެސް ބޭބެމެން މިހައިރު ތިޔަ ތިއްބެވި ޢުމުރަށް ދާނެކަން ދެނެތިބެ، އަނބި ދަރީންވެސް ތިބޭނޭ ކަން އެނގިތިބެ، ދިރިއުޅުން އާރާސްތުކުރަން ސީރިޔަސް ކޮށް މަސައްކަތް ކުރަން އެބަ ޖެހޭ ކަން ވަރަށް ސާފުކޮށް ދަންނަމެވެ. މަތީ ތަޢުލީމު ލިބޭތޯ ގަދައަޅައި އަޅުގަނޑުމެން ހިންމަތް ކުރަމުއެވެ. ތަފާތު އެކި ހުނަރުތައް ލިބޭތޯ އެބަ ހިތްވަރު ކުރަމުއެވެ. ބޭބޭ އަޅުގަނޑުމެންނަށް ވަގުތު ދެއްވަނީވެސް އެހެން ވެގެން ކަން އަޅުގަނޑުމެން ބަލައިގަންނަނީ ޝުކުރުވެރިކަމާ އެކުގައެވެ.

ބޭބޭއެވެ! އަޅުގަނޑުމެންނަކީ ބައެއް މީހުން އެ ބުނާހެން ’ގޮޅިޖެހި ގަމީސް ލައިގެން ޖީ.އެން ސައިކަލަށް އަރައިގެން ރަށް ކުޑަޔަށްލައި ދުއްވާ‘ ބަޔަކީމެއް ނޫނެވެ. ތެދެކެވެ. އެ ގޮތަށް އުޅެވޭ މަދު ކުއްޖަކުވެސް މަގުމަތީން ފެނިދާނެއެވެ. އެކަމަކު އަޅުގަޑުމެންގެ ތެރޭގައި ގިނައީ އެކަހަލަ ކުދީންނެއް ނޫނެވެ. އަދި ކުރީން މިދެންނެވި ލޭބަލް ޖެހޭ ކުދީންނަށް އެހެން އެ ވަނީވެސް ކޮންމެވެސް އަނދިރި ’ސްޓޯރީ‘ އެއްގައި ޖެހިގެން ކަން އަޅުގަނޑުމެންނަށް ވިސްނެއެވެ. އެ ކުދީންނަށްވެސް ޙަޤީޤީ ލޯތްބާއި އަޅައިލުން ލިބޭނަމަ… އެކަމަކު އެއީ އެހެން ފަހަރަކުން އަޅުގަނޑުމެން ދައްކަން އޮތް ވާހަކައެކެވެ.

ބޭބޭއެވެ! ޒުވާނުންނޭ ވިދާޅުވެފައި ޑޮކްޓަރުންގެ ތެރެއިން މަދު ބޭފުޅުންކޮޅެއް ނަމަވެސް އެއްޗެއް އެބަ ވިދާޅުވެއެވެ. އެ ބޭފުޅުން ވިދާޅުވެއެވެ. ހިތުގެ ބައްޔާއި، ލޭގެ ޕުރެޝަރު މަތިވުމާއި، ހަކުރުބައްޔާއި، މިކަހަލަ ބަލިތައް ޒުވާން ޢުމުރުގެ މީހުންގެ ކިބައިން ފެންނަމުންދާ ނިސްބަތް އިންތިހާޔަށް ބޮޑުވެގެން އެބަ ދެއެވެ. އަދި އެ ބޭފުޅުން އެ ކަމާ ފިކުރުފުޅު ކުރައްވަނިއްޔޯލައެވެ. މިހައިރު މިއުޅޭ ޒުވާނުން ރޭގަނޑަކު ނުނިދައޭ، ހަށިގަނޑަށް ބޭނުންވާ ވަރާ ގާތަށްވެސް ނުނިދައޭ ވިދާޅުވެވެނީއެވެ. ކޮފީ ބޮނީ މާ ގިނައިންނޭ، އެހެން ވީމައި އެކަހަލަ ބަލިތައް ޒުވާނުންނާ ހުށަހޮޅިގަންނަނިއްޔޭވެސް ވިދާޅުވެވެނީއެވެ.

ބޭބޭއެވެ! އެ ބޭފުޅުންނަށް އެ ވިދާޅުވެވެނީ އޭގެ ޒާތުގައި ރަނގަޅު ވާހަކައެކެވެ. އެކަމަކު އެހެން އެ ވަނީ ކީއްވެ ކަމާ މެދު އެ ބޭފުޅުން ވިސްނާވަޑައިނުގަންނަވަނީ ބާވައޭ އަޅުގަނޑުމެން އެބަ ހިތަށް އަރައެވެ.

ބޭބޭއެވެ! އަޅުގަނޑުމެންނަށްވެސް ރޭނިންޖަކީ އަރާމު އެއްޗެކެވެ. ކޮންމެހެން ބޭނުންވެސް ވާ އެއްޗެކެވެ. ވަކީން ޚާއްޞަކޮށް، އަޅުގަނޑުމެންގެ ތެރެއިން ބުރަ މަސައްކަތް ކޮށްގެން ދިރިއުޅުމުގެ ޚަރަދުބަރަދު ހަމަޖައްސަން ޖެހޭ ކުދީންނާއި، މުއްސަދީންނަށް ނޯކިރީ ކޮށްދީގެން ކައިގެން ބޮއިގެން އުޅޭ ކުދީންނާއި، މުސްކުޅި މައިންބަފައިން ބަލަމުން، ވަޒީފާ އަދާކުރަމުން، ކިޔަވާ ކުދީންނާއި، މިހުރިހައި ކުދީންނަކީ ނިންޖަކީ ކިހައިވަރެއްގެ އެއްޗެއްކަން ވަރަށް ރަނގަޅަށް އެނގޭނޭ ކުދީންނެވެ. އެކަމަކު…

ބޭބޭއެވެ! އައްސަވާށެވެ. ދާދި އިހަކަށް ދުވަހު މާލޭގައި އޮތް ފުރަބަންދާއި ކާފިޔުގެ ދުވަސްތަކަކީ އަޅުގަނޑުމެންގެ އެތައް ކުދީންނެއްގެ ވަޒީފާޔަށް ބުރޫއެރި ދުވަސްތަކަކަށް ވިޔަސް، އެ ބޭފުޅުން އެ ވިދާޅުވާ ނިދި އެ ދުވަސްވަރު އަޅުގަނޑުމެންނަށް ލިބުނެވެ. އަރާމުވެސް ލިބުނެވެ. އެކަން އަޅުގަނޑުމެން ތަޖުރިބާކުރީމެވެ. އަޅުގަނޑުމެންގެ އާމްދަނީއިން އުނިވި ބައި އަޅުގަނޑުމެންގެ ނިންޖާއި އަރާމުުން އަޅުގަނޑުމެންނަށް ލިބުނެވެ.

އެކަމަކު ކާފިޔު މި ނިމުނީއެވެ. އަޅުގަނޑުމެންނަށް އޮތް އަނެއް ބިރުވެރިކަން ފެށުނީއެވެ! ބޭބޭއެވެ! އައްސަވާށެވެ! ދެ މިސާލެއް ދަންނަވައިލާނަމެވެ.

އަޅުގަނޑުގެ ރަޙުމަތްތެރި ޢަޒީމް އެއީ އަޅުގަނޑު ކަހަލަ ޒުވާނެކެވެ. އަމާނާތްތެރި ކަމާއެކު ޤައުމަށް ޚިދުމަތްކޮށް، މުސްކުޅިކުރައްވައިފައި ހުރި، މަހަކު ދެހާހެއްހައި ރުފިޔާގެ ޕެންޝަނެއް ލިބޭ، ދެރަ ފަޤީރެއްގެ ދަރި ފަޤީރެކެވެ. މަހުޖަނެއް ނޫނެވެ. އެހެންކަމުން، އެ މީހުން ދިރިއުޅޭ، ބައުވެފައިވާ ގެގަނޑު އެހެރީ އިހުގެ ގޮތަށް އެއް ބުރިޔަށެވެ. އެކަމަކު އެ ގޭ ފުރަގަހުން އެ ހުރީ ކޮންމެވެސް ގޮތަކުން މަހުޖަނަކަށް ވެފައިވާ މީހެއްގެ ހަތަރު ބުރީގެ ޢިމާރާތެކެވެ. އެ ޢިމާރާތުގެ ޢުމުރުން  އަދި މި ވީ އެންމެ ފަސް އަހަރު ކަމަށް ވިޔަސް، މަހުޖަނު މިހައިރު ބޭނުންވަނީ އެ ޢިމާރާތް ތަޅައިފައި އެތަނުގައި ބާރަ ބުރީގެ ޓަވަރެއް އަޅާށެވެ. ޢަޒީމް އަށް އެކަން މައްސަލަޔަކަށް ވަނީ އެކަން ކުރަން އުޅޭ ގޮތް ކުޑަކޮށް ނުކިއްސަރު ވާ ހިސާބުުންނެވެ.

ޢިމާރާތް ތަޅަން ފަށައިފިއެވެ. ހުއްދަ ނަގަން ޖެހޭ ފަރާތްތަކުން ހުއްދަ ނަގައިގެންނެވެ. އެހެން ނަމަވެސް، ހުއްދަ ދެއްވި ފަރާތުން  ދެއްވި ހުއްދަޔާއެކު ޝަރުޠުކުރެއްވި ކަންކަން ހުރީ ފުރިހަމަ ނުވެއެވެ. ތަޅާ ޢިމާރާތުން ޢަޒީމްމެން ދިރިއުޅޭ ގެ ސަލާމަތް ކުރަން ހަރުކުރަންޖެހޭ ސަލާމަތީ ދަލެއް ނެތެވެ. މަސައްކަތް ކުރާ ކުންފުންޏަކީ ކޮބައިކަން އެނގޭނޭ ލިޔުމެއް ހުރި ނެތެވެ. މަސައްކަތް ކުރާކަށް ގަޑިޔެއް ގަޑިޔެއް ނޯވެއެވެ. ހުކުރެއް، ބޮޑު ޢީދެއް، މެންދަމެއް، ފަތިހެއް ނޯވެއެވެ. ޢިމާރާތް ތަޅަން ބޭނުންކޮށްގެން ނުވާނޭ ވަކި ހަތިޔާރެއް ނޯވެއެވެ. ޢަޒީމް އަށް ނިދޭނޭ ގޮތެއްވެސް ނޯވެއެވެ. އެއީ ކީއްވެތޯއެވެ؟ ދަންވަރު ނިދައިފައި އޮއްވައި ސިމެންތި ކޮތަޅެއް، ނުވަތަ ބަރު ހިލަގަނޑެއް، ނޫނީ ދިގު ދަގަނޑެއް ފުރާޅު ފޫދުއްވައިލައިފައި އަންނާނީ ކޮން އިރަކުން ކަން ނޭނގޭތީއެވެ. އަދި އެހެން ނޫނަސް، ޢަޒީމް އަށް ނިދައިލަން ލިބޭ ކޮންމެ މެންދަމަކީ ބަރު ހަތިޔާރުގެ ސަބަބުން އެ ފަކީރުގެ ގެގަނޑު ގުޑާ މެންދަމަކަށް ވާތީއެވެ. އަޑުފަށްގަނޑު ގަދަކަމުން ކަންފަތް ބީރުވާ ހިސާބަށް ދާތީއެވެ.

ޢަޒީމް އަށް ބޭރަށް ނިކުމެވެނީ އެހެން ވާތީއެވެ. ދެން އޭނާޔަށް ދެވޭނީ އަތިރިމައްޗަށެވެ. ކޮންމެވެސް ތޮށިގަނޑެއްގެ މައްޗަށެވެ. އެ ތާ އެހެން އިންދައި ތާއްޔާޖެހޭ ގޮތް ވީމައި، ދެން ދެވޭނީ ކޮފީގެ އެހީގައި ހޭލައި އިނދެވޭތޯ ބަލަން ކޮންމެވެސް ކެފޭޔަކަށެވެ. ޢަޒީމް އަކީވެސް އިންސާނެކެވެ. އެ ފަކީރަށް އެނޫން ގޮތެއް ހަމަ ނެތެނީއެވެ. ނިންޖަށް ބަލިވެ، ސިކުނޑި ސުމަކަށް ދިޔައިމައެވެ.

އަޅުގަނޑުގެ ރަޙުމަތްތެރި ޙަސީން އަކީ ގުރެފިކު ޑިޒައިނަރެކެވެ. އެއީވެސް ފަޤީރެއްގެ ދަރި ފަޤީރެކެވެ. އޭނާގެ ގެޔާ ޖެހިގެން މިހައިރު އެހެރަ އަރަނީ ރިސޯޓު އޯނަރެއްގެ ދިހަ ބުރީގެ ގަނޑުވަރެކެވެ. އެތާނގައި ކުރާ މަސައްކަތުގެ ފޯރީ އެންމެ ގަދަވަނީވެސް ރޭ ދެބައިވީމައެވެ. ޙަސީން ކޮފީއަކަށް ފަހު ކޮފީއެއްގެ އެހީގައި ރޭގަނޑު ހޭދަކޮށްފައި، ހެނދުނު ވަޒީފާޔަށް ނިކުންނަން ދުވަސްކޮޅަކު ގަދައަޅައި ހިންމަތް ކުރިއެވެ. ޢިމާރާތް ނިމުނީމައި ހަށިފުރައި ނޭވާއެއް ލައިފައި އަރާމުކޮށް ނިދައިލުމުގެ ހުވަފެން ދެކެމުންނެވެ. އެހެން ނަމަވެސް، އެނާގެ މަސައްކަތުގެ ފެންވަރު މަޑުމަޑުން ދަށްވަމުުން ގޮސް އޭނާޔަށް ވަޒީފާ ދިން ފަރާތަށް އެކަން ފާހަގަ ކުރެވުނު ހިސާބުން، އޭނާ މިހައިރު އެހެރީ ފަހު އިންޒާރު ދީފައެވެ.

ޢިމާރާތް ތެޅުމާއި ބިނާކުރުމާ ބެހޭ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތައް ޢަޒީމް އާއި ޙަސީން އަށް ވަރަށް ރަނގަޅަށް އެނގެއެވެ. ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްމެ ލިބިދީފައި އޮންނަ ޙައްޤުތައް އެ މީހުންނަށް އެނގެއެވެ. އެހެންނަމަވެސް މިދެންނެވި ދެ ޢިމާރާތުގެ ވެރީންނާއި ކޮންޓުރެކުޓަރުންނަށް އެކަން އެނގުނަސް، އަދި ނޭނގުނަސް، އެ މީހުން މުގުރަމުން އެ ގެންދާ ގަލާއި، ހިލަޔާއި، ޤާނޫނު ތަކާއި، ޤަވާޢިދުތަކާއި، އިންސާނީ ޙައްޤުތައް އެ ކުދީންނަށް ހޯދައިދެވޭނޭ ބަޔަކު އެ ކުދީންނަކަށް އަދި ނުފެނެއެވެ. އެ ކުދީން އެ ކަމާ ލިޔުނީމައި ޖަވާބު ނުދެއްވައި، ފޯނުކުރީމައި ފޯނު ނުނަންގަވައި، ފައިންޕުޅެއް ފެނޭތޯ ގޮސްގެން ފައިންޕުޅު ނުދެއްކެވި ކިތަންމެ މަސްއޫލުވެރި ޢިއްޒަތްތެރިޔެކެވެ. ވަޅީގައި ތުނޑު އޮތް ހަމަ އެންމެ ބޭބެޔަކާވެސް އެކުދީންނަކާ އަދި ދިމައެއް ނުވެއެވެ.  އެހައިތަނަށް އެ ކުދީންނަށް އެ ބޮވެނީ ކަޅު ކޮފީއަކަށް ފަހު އެޔަށްވުރެ ކަޅު ކޮފީއެކެވެ. މަތިމައްޗަށެވެ. އަޅެ ދެރަކަމެއް ނޫންތޯއެވެ؟

ބޭބޭއެވެ! ކާފިޔު އުވުނީއެވެ. ދެން އޮންނާނީ އެ މީހަކާ އެ މީހެކެވެ! ޢިމާރާތް ތެޅުމަކީ މެންދަމުގެ ފިނީގައި މާ މޮޅަށް ކުރެވޭ ކަމަށް ވެފައި، ގުންގުރޭޓޫ އެންމެ މޮޅަށް ހިކެނީ ފަޖުރުތަރީގެ އައްޔަށް ކަމަށް ޢިމާރާތް ތަޅައި ބިނާކުރާ މީހުން ދަޢުވާކުރާ މޫސުން އަނބުރާ އައީއެވެ. ޢަޒީމް މެން ކަހަލަ، ޙަސީން މެން ކަހަލަ ކުދީން ކޮފީ ބޮއިގެން ނުނިދައި އުޅެންޖެހޭ ދުވަސް އަނެއްކާ އައީއެވެ.

ބޭބޭއެވެ! ހިތުގެ ބައްޔާއި، ލޭގެ ޕުރެޝަރު މަތިވުމާއި، ހަކުރުބައްޔާއި، މިކަހަލަ ބަލިތައް ޒުވާން ޢުމުރުގެ މީހުންގެ ކިބައިން ފެންނަމުންދާ ނިސްބަތް އިންތިހާޔަށް ބޮޑުވެގެން ދަނީ ޒުވާނުން ނުނިދައި މާގިނައިން ކޮފީ ބޯތީއޭ ޑޮކްޓަރުން ވިދާޅުވާއިރު، ފަޤީރުންނާއި އެ މީހުންގެ ޒުވާން ދަރީން ޤަސްދުގައި ނުނިދައި އުޅެނީތޯ، ނޫނީ ޢަޒީމް އާއި ޙަސީން ކަހަލަ ހެޔޮލަފާ ޒުވާނުންނަށް އެ ނޫން ގޮތެއް ނެތެނީތޯ ބައްލަވައިލައްވަން އޮންލައިން ސާރވޭއެއް ވަރުވެސް ހައްދަވައިލައްވާނޭ ޒިންމާދާރު ބޭފުޅުން ގޮނޑިކޮޅުތަކުގައި އިށީނދެވަޑައިގެން ހަމަ ނެތީތޯއެވެ؟

ފޯރާ މީހުންގެ ގުންގުރޭޓު ޢިމާރާތްތައް ތަޅައި، އަލުން ބިނާކޮށް ހަދާއިރު، އެކަން ކުރުމުގައި އަވަށްޓެރީންގެ ފުރާނަޔާއި މިލްކިއްޔާތަށް ބަލައިގެން ކަން ކުރަން ހެދިފައިވާ ޤަވާޢިދުތައް ތަންފީޒު ވޭތޯ ބެއްލެވުމާއި، މަސައްކަތް ކުރަން ހުއްދަ ގަޑިތަކާއި، މަނާ ގަޑިތަކާއި،  އެ ހުއްދަތައް ދެއްވާ ފަރާތްތަކުން އެކަމުގައި ވިސްނުންފުޅު ގެންގުޅުއްވަން ވާނޭ ގޮތްތަކުގައި އެންމެންގެ މަޞްލަޙަތުތައް ހަމަހަމަ ކުރެއްވުމާއި، މިހުރިހައި ކަމެއް ޤަވާޢިދުން މުރާޖަޢާ ކުރައްވައި، ރިޝްވަތުގެ މަގުން ނުހިނގާ ޒާތުގެ އިނިސްޕެކްޓަރުން ލައްވައި ސައިޓުތައް ބެލޭނޭ އިންތިޒާމު ހަމަޖައްސަވައި، މިހުރިހައި ކަމެއްގެ މަސްއޫލިއްޔަތު އުފުއްލަވާނޭ ބޭފުޅުންކޮޅެއް ފަޤީރު ޢާންމު ރައްޔިތުންނަށް ދައްކަވާނޭ ނަމަ ހާދަ ރަނގަޅެވެ.

ބޭބޭއެވެ! ޢަޒީމް އާއި، ޙަސީން އާއި، އަޅުގަނޑާއި، އަޅުގަނޑުގެ އެންމެހައި ރައްޓެހީން ރޭގަނޑު ހަތަރުދަމު ކޮފީބޯން ތޮށިގަނޑު މަތީގައި ނޫނީ ކެފޭގައި ތިބޭކަށް ބޭނުމެއް ނޫނެވެ. ރޭގަނޑު ހަމަނިދި ނިދައިލައިފައި ދުވާލު މުރާލިކަމާއެކު މަސައްކަތް ކުރަންވެސް ބޭނުމެވެ. ހިތުގެ ބައްޔާއި، ލޭގެ ޕުރެޝަރު މަތިވުމާއި، ހަކުރުބައްޔާއި، މިކަހަލަ ބަލިތަކަށް ދަޢުވަތު ދޭކަށް އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. އެކަމަކު ފޯރާ މީހުންގެ ގަނޑުވަރުތައް ބިނާކުރަން ޖެހުނީމައި… ދެއްތޯއެވެ!

ބޭބޭއެވެ! މި ކަމާ ބެހޭގޮތުން ކޮންމެވެސް ކަމެއް ކޮށްދެއްވާށެވެ!“

ދަރީންނޭވޭ، ބޭބެވެސް މިއުޅެނީ ހަމަ ތިޔަ ޙާލުގައޭ، ޖަވާބުގައި މިހެން ބުނެލައިފައި ފުއްދައިލަން އަޅުގަނޑު ހިތަށް އެރިއެވެ. ޒުވާނުންނޭ، ކޮފީއޭ، ނުނިދައޭ، ހިތުގެ ބައްޔޭ، މިހެން ވިދާޅުވެފައި ހުއްޓަވައި ނުލައްވާށޭ ބޭސްވެރި ބޭފުޅުން އަރިހު ދަންނަވަން ހިތަށްއެރިއެވެ. އެކަމަކު އެކަންވެސް ކުރެވޭނީ ކާފިޔު އުވުނީމައި އަވަށްޓެރިޔާގެ ގެޔަށް މެންދަމު ފުރޭތަ ނޭރިއްޔާ، އެހެން ނޫންތޯއެވެ!