މައުލޫދު ބާޝައިޚަކީ އުޑުން ފައިބާ ކަންޒު ހޮވަން އުޅޭ މަޣްރިބުގެ މީހެކެވެ. އޭނާގެ ކާރުގައި މަޣްރިބުގެ ސަރާސަރު ޞަހަރާތެރޭގައި ދަތުރުކުރާއިރު އޭނާގެ ދެ ލޮލުން ބަލަމުންދާނީ އުޑުން ވެއްޓިފައި އޮތް ގިނިހިލަކޮޅެއް ފެނޭތޯއެވެ.
ގިނިހިލައަކީ ދެކުނު މަޣްރިބުގެ ބައެއް މީހުން މިއަދު ދިރިއުޅުމަށް ޓަކައި ކުރާ ކެޔޮޅުކަމެކެވެ. އެމީހުން ފައިމަގުގައްޔާއި ސައިކަލުގައްޔާއި ޖީޕުގައި މި ކެޔޮޅުކަން ކުރެއެވެ. އުޑުން ވެއްޓި ޞަޙަރާގެ ހަނަފަސް ވެލިގަނޑުތެރޭގައި ވަޅުލެވިފައި އޮންނަ ގިނިހިލަކޮޅުތައް ހޯދުމުގައި އެ މީހުން ދުވާލުގެ ގިނަ ވަގުތުތައް ހޭދަކުރެއެވެ.
މައުލޫދުގެ ގިނިހިލައިގެ ވާހަކަ ފެށެނީ އެތައް ދަހަރުތަކެއް ކުރިންނެވެ. އުޑުން ބިމަށް ހަދިޔާ ކުރާ ހިބަތައް ހޯދަން މަޣުރިބަށް ދާ ބިދޭސީ ދާރިސުންނާ ހަމައިންނެވެ. އެމީހުން ސަހަރާތެރެއަށް ކުރާ ދަތުރުތަކުގައި ސަހަރާގެ ތަފާތު ސަރަޙައްދުތައް ދަންނަ ދުއްވާނެ އަމިއްލަ އުޅަނދެއް އޮންނަ އާރުކާޓީއަކަށް ބޭނުންވި ހިސާބުންނެވެ.
މައުލޫދު ބުނާގޮތުގައި އޭނާއަށް މި ބިދޭސީންގެ ކިބައިން ގިނިހިލަތަކުގެ ޢިލްމީ މަޢުލޫމާތު ލިބުނެވެ. އަދި އޭގެތެރޭގައި ހިމެނޭ އަގުބޮޑު ބާވަތްތަކާއި މި ބާވަތްތަކުގެ މަޞްދަރުތައް ވަކިކޮށް ދެނެގަންނާނެ ގޮތްތައް ދަސްވިއެވެ.

މަޣްރިބުގެ ގިނިހިލައަކީ އުޑުގެ ހަދިޔާއެއް
މި ތަޖްރިބާތަކުގެ ސަބަބުން މިއަދު މައުލޫދަކީ ގިނިހިލަ ވިއްކާ ތަޖްރިބާކާރެކެވެ. ނާދިރު ގިނިހިލަތައް ހޯދުމަށް އޭނާގެ ގާތަށް މިއަދު ބާހިސުންނާއި ދާރިސުން ދެއެވެ. އެމީހުންގެ އިތުރަށް ގިނިހިލަ ބާނައި މަޣްރިބުގެ ކެޔޮޅުން ވެސް އެމީހުންނަށް ބޭނޭ ގިނިހިލަތަކުގެ އަގު ބެލުމަށް ޓަކައި އޭނާގެ ގާތަށް ދެއެވެ.
ގިނިހިލައިގެ މަސައްކަތުން މިއަދު މައުލޫދަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ތަޖްރިބާކާރު ޒުވާނެކެވެ. އޭނާގެ އަތުގައި ގިނިހިލަ ހޯދުމަށް ބޭނުންވާ ސާމާނާއި ސަހަރާތެރޭގައި ދުއްވާނެ މޮޅު ޖީޕެއް ވެސް އެބަ އޮތެވެ.
މައުލޫދު ހާމަކުރާގޮތުގައި އޭނާ ވިއްކައިލި އެންމެ އަގު ބޮޑު ހިލަކޮޅުގެ އަގަކީ ގްރާމަކަށް 1،700 ޑޮލަރު ލިބުނު ހިލަގަނޑެކެވެ. އެއީ މިއްރީޚުގެ ހިލަކޮޅެކެވެ. މި ހިލަކޮޅުގެ ނަމަކީ "ބްލެކް ބިޔުޓީ"އެވެ. އޭނާއަށް މި ހިލަކޮޅު ފެނުނީ "ބިއުރު އަންޒުރާން" ސަހަރާއިންނެވެ.

ޓައިސެންޓް ގިނަހިލައާއި ގިނިހިލަ ދާރުލް އާސާރަކީ ގިނިހިލަ ބާނާ މީހުންގެ ކަނދުފަތި
ދެކުނު މަޣްރިބުގެ ޠާޠާ ސަހަރުގެ ރަށްބޭރުގައި އޮންނަ ޓައިސެންޓް ނަމަކަށް ކިޔާ ރަށްފުށުގެ ރަށަށް 2011 ވަނަ އަހަރު ގިނިހިލައެއް ވެއްޓުނެވެ. މި ޚަބަރު ފެތުރިގެން ދިޔުމުން ދުނިޔޭގެ އެތައް މިތަނުން މި ހިލަ ހޯދުމަށް ޓަކައި އެ ރަށަށް ދާރިސުންނާއި ބާޙިސުން އައެވެ. މި ކަމަށް ޓަކައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި މަޣްރިބުގެ ޕްރޮފެސަރެއް ކަމުގައިވާ ޢަބްދުއްރަޙީމު އަބްހާ ވެއެވެ. ޢަބްދުއްރަޙީމުގެ ހަނދުމަފުޅު ފަހަތަށް އަނބުރާލައްވާފައި ވިދާޅުވިގޮތުގައި އެންމެ އަގުބޮޑު ގިނިހިލައަކީ މިއްރީޚު ގިނިހިލައެވެ. މި ރަށުގެ މީހުން މީގެ ހިލަކޮޅެއް ވިއްކަމުން ގޮސްފައި ވަނީ ގްރާމެއް ވިއްސަކަށް ތިރީހަކަށް ޑޮލަރަށެވެ. ހިލައިގެ ކެޔޮޅުންނަށް އޭގެ އަގު އެނގުމުން އަގު މައްޗަށްގޮސް ދަމާކަނޑާ މީހުންގެ މެދުގައި ވާދަވެރިކަން އިތުރުވެގެން ދިޔައެވެ. އެ ފަހަރު ވެއްޓުނު ހިލަގަނޑުން ބާކީވެ މަޣްރިބުގައި އޮތީ ކުޑަކުޑަ އެތިކޮޅެކެވެ.

މަޣްރިބޔުގެ މި ތަޖްރިބާކާރު ޢިލްމުވެރިޔާ ހާމަކުރެއްވިގޮތުގައި މި ކަމުގެ ސަބަބުން އޭނާގެ ހިތްޕުޅަށް ވަރަށް ތަދުވިއެވެ. މިއްރީޚުން ވެއްޓުނު ޓައިސެންޓް ހިލަގަނޑުގެ އެތިކޮޅުކޮޅު ދުނިޔޭގެ ބޮޑެތި ދާރުލްއާސާރުގައި ހުރިއިރު، މި ހިލަގަނޑު ވެއްޓުނު މަޣްރިބުގައި އޭގެ ކުޑަކުޑަ އެތިކޮޅެއް މެނުވީ ނެތީމައެވެ. ގިނިހިލައާ ބެހޭ ދާރުލްއާސަރެއް ހެދުމުގެ ޚިޔާލު ލިބިވަޑައިގަތީ މި ކަމުގެ ސަބަބުންނެވެ. މި ޚިޔާލު ހިއްޕަވައިގެން އަބްހާ މަޣްރިބުކަރައިގެ ތަފާތު މަސްއޫލުވެރީންގެ އަރިހަށް ވަޑައިގެންނެވިއެވެ. މި ކަމަށް އެންމެ ބޮޑަށް ތަރްޙީބު ދެއްވީ އަކާދީރުގައި ހުންނަ އިބްނު ޒުހްރު ޔުނިވަރސިޓީގެ ރައީސެވެ. ރަސްމީ ގޮތުން އެމަސައްކަތް ފެށުނީ 2016ގައެވެ. މިއީ އެފްރިކާގައި ވެސް އަދި ޢަރަބި ދުނިޔޭގައިވެސް ޤާއިމު ކުރެވުނު މިފަދަ ފުރަތަމަ ދާރުލްއާސާރެވެ. އޭނާ ހާމަ ކުރެއްވިގޮތުގައި މި ދާރުލްއާސަރުން ގިނިހިލައިގެ ކެޔޮޅުންނަށް ތަމްރީނުދީ ގިނިހިލައިގެ ބާވަތްތައް ދެނެގަތުމަށް ތަމްރީނު ދެއެވެ.

އަބްހާ ވިދާޅުވިއެވެ. "އަޅުގަނޑު ހުރީ ވަރަށް ދެރަވެފައެވެ. މަޣްރިބުގެ ބިމުގައި ހުރި މި މުއްސަނދިކަން ޤައުމުން ބޭރަށް ގެންދެވޭތީއެވެ. އުޑުން ބާވައިލެއްވޭ މި ގިނިހިލަތަކަކީ މާތްﷲ އެމީހުންނަށް ދެއްވާ ހިބަތަކެކެވެ. އެމީހުންނަށް ދެއްވާ ރިޒްޤެކެވެ."
މައުލޫދު ބާޝައިޚު ހޮވާ ގިނިހިލަތައް ގިންތި ކުރުމަށާއި އޭގެ އަގު ކަނޑައެޅުމަށް ޓަކައި މިއަދު އޭނާ ދަނީ ޔުނިވަރސިޓީތަކުގެ ލެބުތަކަށެވެ. މި ލެބުން ކުރާ ތަޙްލީލުތަކުން އެ ހިލަތަކުގެ ފޭރާން ދެނެގަނެވެއެވެ. މި ލެބްތަކުން އޭނާއާއެކު އެއްބާރުލާތީ މައުލޫދު އޭނާ އެއްކުރާ ހިލަތަކުން ހިލަކޮޅުކޮޅު މި ލެބްތަކަށް ހަދިޔާކުރާތަން ވެސް ފެނެއެވެ.
މަޣްރިބުގެ އަކާދީރު ދާރުލްއާސާރުގައި މިހާރު ބަހައްޓާފައި ހުރި ހިލަތަކުގައި މި ހިލަތަކުގެ މަޞްދަރުތަކާއި މި ހިލަކޮޅުތައް ހޮވި ތަނާއި ހޮވި ތާރީޚު ބަޔާންކޮށްފައި ހުރެއެވެ. މި ހިލަތަކާބެހޭ ޢިލްމީ ދިރާސާތައް ވެސް ބަހައްޓަފައި ހުރެއެވެ.
ބާޝައިޚު އެއްކޮށްފައިވާ ގިނިހިލަތަކުގެތރޭގައި ހަނދުގެ ހިލަކޮޅުކޮޅާއި މިއްރީޚުގެ ހިލަކޮޅުކޮޅާއި ތަފާތު ބާވަތްބާވަތުގެ ކަރުބޯނީ ހިލަކޮޅުތައް ވެއެވެ. ތަޖްރިބާކާރު ބާޝައިޚު ބުނާގޮތުގައި މީގެތެރެއިން އެންމެ އަގުބޮޑީ ހަނދުގެ ހިލަކޮޅުކޮޅާއި މިއްރީޚުގެ ހިލަކޮޅުތަކެވެ. މި ހިލަކޮޅުތައް ދިރާސާކޮށްގެން އެތަންތާނގެ ޖިޔޯލޮޖީ ދިރާސާ ކުރެވޭތީއެވެ.
މި ހިލަތަކުގެ އަގު ބޮޑުވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ބުންޏެވެ. ހަނދު ގިނިހިލަކޮޅަކާ ބެހޭގޮތުން ނުވަތަ މިއްރީޚުގެ ގިނިހިލަކޮޅަކާ ބެހޭގޮތުން ސައެންސީއަކާ ސުވާލުކޮށްފިނަމަ އޭނާގެ ޖަވާބަކަށް ވާނީ އެއީ ހަނދަށްގޮސް އެއިން ހިލަކޮޅެއް ގެނައުންފަދަ ކަމެކެވެ. އެކަމަށް ކުރަން ޖެހޭ ހޭދައިގެ ބޮޑުކަން ތަޞައްވުރު ކުރާށެވެ. އޭރުން ތިބާއަށް އޭތިކޮޅު އަގު ބޮޑުވާން ޖެހޭ ސަބަބު އެނގޭނެއެވެ. އެއީ ހަނދަށް ދިޔުމަށް ބޭނުންކުރާ ޖައްވީ އުޅަނދުގެ އަގާ އެއްވަރު އެއްޗެކެވެ. ނުވަތަ އެއީ މިއްރީޚަށް ދަތުރެއް ކުރުމަށް ބޭނުންވާ ޖައްވީ އުޅަނދާ އެއްވަރުގެ އަގު ބޮޑު އެއްޗެކެވެ.
އިންސާނާ އެމެރިކާގެ ޖައްވީ އުޅަނދު އެޕޯލޯގެ ދަތުރުތަކުގެތެރެއިން ލައިފާ ނުވަތަ ރޫސީ ޖައްވީ އުޅަނދުތަކުގެ ދަތުރުތަކުގެތެރެއިން ލައިފާ ހަނދަށް ކުރި ދަތުރުތަކުން ގެނެވިފައިވަނީ ހަނދުގެ ހިލަތަކުން އެންމެ 370 ކީލޯގްރާމު ހިލައެވެ. ގިނިހިލައިގެ ކެޔޮޅުން ސަޙަރާތެރެއިން ހޮވާ ހިލަތަކުގެ ބޮޑުވަނީ މިހެންވެގެންނެވެ.
މިއްރީޚުގައި އަތްލުން ފަދަ
ބާޝައިޚު ބުނާގޮތުގައި ގިނިހިލަ ހޯދުމުގެ މަސައްކަތަކީ އެހާ ފަސޭހަ ކަމެއްނޫނެވެ. ސަޙަރާގެތެރެއިން ބިން މައިންގެ ދަނޑަކާ ކުރިމަތިވެދާނެއެވެ. ނުވަތަ ވިހަގަދަ ހަރުފައާއި ނަގުލަންދާށި ފަދަ ބިރުވެރި ދިރޭ އެއްޗަކާ ކުރިމަތިވެދާނެއެވެ. އަދި ބައެއް ފަހަރަށް ކުއްލިއަކަށް ހިރަފުހުގެ ނުވަތަ ވެލީގެ ޠޫފާނަކާ ވެސް ކުރިމަތިލާން ޖެހިދާނެއެވެ. ކެޔޮޅު ހުންނަން ޖެހޭނީ މި ހުރިހާ ކަމަކަށް ތައްޔާރުވެގެންނެވެ.

މިއަދު މައުލޫދު މަސައްކަތް ކުރަނީ އޭނާ މި އެއްކުރާ ތަފާތު ގިނިހިލަތައް ކުރިމަގުގެ ޖީލުތަކަށް ތަޢާރުފުކޮށްދީ އެ މަސައްކަތަށް އެ ކުދީން ޝައުޤުވެރި ކުރެވޭތޯއެވެ. އަދި މިހިލަތަކާބެހޭ ޢިލްމީ މަޢުލޫމާތު ކިޔައިދީ ފަހަށް ރައްކައު ކުރެވޭތޯއެވެ. މިހެންވެ އުޑުގެ މި ހަދިޔާތަކާ ބެހޭ ޖަމްޢިއްޔާއެއް ޤާއިމު ކުރީއެވެ. މި ޖަމްޢިއްޔާގެ މަޤްޞަދަކީ ކައުނުގެ މި ސިއްރުތައް ޒުވާން ޖީލުތަކަށް ތަޢާރުފުކޮށް ދިނުމާއި ޖައްވުގެ ސިއްރުތަކާމެދު ޢިލްމީ ނަޒަރަކުން ވިސްނުމަށް ގޮވައިލުމެވެ.
"ތިބާއަށް މިއްރީޚުގައި އަތްލެވިދާނެ" މި ޝިޢާރުގެ ދަށުން އޭނާ މި ޖަމްޢިއްޔާގައި ޚައްޞަ މާލަމެއް ހަދައިފައި ވެއެވެ. މި ކުޑަ މާލަމުގައި ބަހައްޓާފައި ހުރީ ހަނދުންނާއި މިއްރީހުންނާއި ގުރުގުރަހަތަކުން ވެއްޓިފައިވާ ހިލަކޮޅުތަކެވެ. އޭނާ ބުނިގޮތުގައި މިއްރީޚުގެ ހިލަކޮޅެއްގައި އަތްލުމަކީ މިއްރީޚުގައި އަތްލުންފަދަ ކަމެކެވެ.
މައުލޫދަށް ބަލާއިރު އުޑަކީ މީސްތަކުންނަށް ރޭގަނޑައި ދުވާލު ހެޔޮ ފޯރުވާ މަޞްދަރެކެވެ. އޭނާ ދުވާލު ހޭދަކުރަނީ ސަހަރާގައި ގިނިހިލަ ޝިކާރަ ކުރުމުގެ ކެޔޮޅުކަމުގައެވެ. ރޭގަނޑު ހޭދަ ކުރަނީ ފަތުރުވެރީން ގޮވައިގެން ސަހަރާގެ ތަނަވަސް މައިދާނުގައި ދަތުރުކޮށް އެމީހުންނަށް ސަހަރާގެ ސާފު އުޑާއި މި އުޑުގެ ތަފާތު ތަރިތައް ދައްކައިދިނުމުގައެވެ.



advertisment