Support Us

ސޫފިޔާނާ ވާހަކައެއް: ސުވަރުގެ ގަންނަން އުޅުނު މީހާގެ ވާހަކަ

އެއްދުވަހު އަންހެނަކު ހިނގަމުން ދަނިކޮށް މަގުގެ އެއްފަރާތުގައި އިން ފަގީރު ނިކަމެތި ކުއްޖަކާ ދިމާވިއެވެ. އެކުއްޖާ އަތުގައި ދަނޑިކޮޅެއް އޮތެވެ. އަދި ބިންމަތީ އެ ދަނޑިކޮޅު ރޮނގުއަޅައި ކުރަހަމުން ގެންދިޔައެވެ.

އެކުއްޖާއާ މެދު ހަމްދަރުދީގެ، އެކުއްޖާއަށް އެހީއެއް ވެދިނުމުގެ ނިޔަތުގައި އެކުއްޖާ ގާތަށް އަންހެން މީހާ ޖެހިލިއެވެ. އަދު އެ ކުއްޖާއާ ސުއާލުކުރިއެވެ. "ކޮއްކޯއެވެ! ކޮއްކޮ ތިކުރަނީ ކޮން ކަމެއް ހެއްޔެވެ؟" ދެން އެކުއްޖާ ބުންޏެވެ. "ކޮއްކޮ މި ކުރާ ކަމަކީ ސުވަރުގެ ކުރެހުމެވެ. އަދި ސުވަރުގެ ބައިބަޔަށް ބަހަނީއެވެ."

އަންހެން މީހާ އިތުރަށް އެހިއެވެ. "ކޮއްކޯއެވެ! ދައްތައަށް ސުވަރުގޭން ތަންކޮޅެއް ވިއްކަފާނަން ހެއްޔެވެ؟ އަދި ކިހާވަރަކަށް ހެއްޔެވެ؟" އެ ކުއްޖާ އާނއެކޭ ވިހި ރުފިޔާއޭ ބުނުމުން ހަމަ އެކަނި ވިހި ރުފިޔާހޭ އަންހެން މީހާ އެއްސެވެ. ދެން އެކުއްޖާ އާނއެކޭ ބުނުމުން ވިހި ރުފިޔާއާއި އަދި މެޓާކޮޅެއް ވެސް ދީފައި އެނބުރި ގެއަށް ދިޔައެވެ.

ދެން އެރޭ ހުވަފެނުގައި ސުވަރުގެ ގޮސް އުޅެނިކޮށް އަންހެން މީހާއަށް ފެނުނެވެ. ހެނދުނު ވުމުން ފިރިމީހާ ގާތު އަންހެން މީހާ މި ވާހަކަ ކިޔައިދިނެވެ. އެ ކުޑަ ކުއްޖާއަތުން ސުވަރުގޭން ގޮޅިއެއް ގަތް ވާހަކައާއި ފެނުނު ހުވަފެނުގެ ވާހަކައެވެ.

ހެނދުނު ސައިބޮއި ހަދައިގެން ފިރިމީހާ އެއްކަލަ ކުޑަ ކުއްޖާ އިން މަގަށް ދިޔައެވެ. އަދި ސުވަރުގޭން ގޮޅިއެއް ގަތުމަށް އޭނާގެ ކިބައިން އެދުނެވެ. ނަމަވެސް، އެކުއްޖާ ބުނީ ސުވަރުގެ ނުވިއްކާނޭ ކަމެވެ. ދެން އޭނާގެ އަނބިމީހާ އަށް، ވިހި ރުފިޔާއަށް، ސުވަރުގެއިން ގޮޅިއެއް ކުރީ ދުވަހު އެކުއްޖާ ވިއްކި ވާހަކަ ފިރިހެން މީހާ ބުނެ، އެކަން ހަނދާންކޮށްދިނެވެ. އެ ކުއްޖާގެ ޚިޔާލު ބަދަލުވެދޭތޯއެވެ.

ދެންވެސް، ފިރިހެން މީހާ ގާތު އެ ކުއްޖާ ބުނީ ސުވަރުގެ ނުވިއްކާނޭ ކަމެވެ. އަދި، އޭނާގެ އަންހެނުން ސުވަރުގެ ހޯދީ ވިހި ރުފިޔާއަކަށް ނޫންކަމެވެ. ބޭބޭގެ އަންހެނުން ސުވަރުގެ ހޯދީ ހިތުގެ ހެޔޮއެދުމާއި އަޅާލުން ދީފައޭ އެކުއްޖާ ބުންޏެވެ. އޯގާތެރިކަމާއި ކަމޭ ހިތުން ދީފައެވެ. ނަމަވެސް އެ ފިރިހެން މީހާ އައީ ސީދާ ފައިސާއަށް ސުވަރުގެ ލިބޭނޭ ކަމަށް ހީކޮށެވެ. އަދިވެސް އެކުއްޖާ އެމީހާ ގާތު ބުންޏެވެ. ސުވަރުގެއަކީ ފައިސާއަށް ގަނެވޭ އެއްޗެއް ނޫން ކަމުގެ ވާހަކައެވެ. ސުވަރުގެ ލިބެނީ އީމާންކަމަށް ފަހު، ހިތުގެ ހެޔޮކަމާއި ގުނަވަންތަކުގެ ހެޔޮއަމަލުން ކަމުގެ ވާހަކައެވެ.