Support Us

ޖަމަލަކާއި ހިޔަޅެއްގެ ވާހަކަ އަދި އެ ވާހަކައާ ގުޅޭ އެހެން ބައެއް ވާހަކަ

ކޯރެއްގެ އެއް އައްސޭރީގައި ފެން ބޯން އޮތް ޖަމަލެއް އޮތެވެ. އަދި އެއާ ދާދި ކައިރީގައި ހިޔަޅެއް ވެސް ފެން ބޯން އޮތެވެ. ކޯރުގެ ހުރަސްކޮށް ކޯރުގެ އަނެއް އައްސޭރިއަށް ދިޔުމަށް ހިޔަޅު ބޭނުންވިއެވެ. އެތާ އޮތް ޖަމަލަކީ އާންމުކޮށް ކޯރުގެ އަނެއް ފަރާތުގައި އުޅޭ އެއްޗެއްކަން ހިޔަޅަށް އެނގެއެވެ. އެހެންވެ، ޖަމަލު އޮންނާނީ ކޯރު ހުރަސްކޮށްފައި ކަމާއި އަދި ކޯރުގެ ފުންމިން އަންދާޒާ ކޮށްލަން ޖަމަލަށް އެނގޭނެކަން ހިޔަޅަށް ވިސްނުނެވެ.

ކޮންމެ އަކަސް، ޖަމަލު ގާތަށް ޖެހިލައިފައި ހިޔަޅު ބުންޏެވެ. މި ކޯރު ހުރަސްކޮށް ކޯރުގެ އަނެއް ފަރާތަށް ދާން އަހަރެން ބޭނުމެވެ. ކޯރުގެ ފުންމިނަކީ ކިހާވަރެއްތޯ އަހަންނަށް ބުނެދީފާނަން ހެއްޔެވެ؟ ޖަވާބުގައި ޖަމަލު ބުންޏެވެ! ކޯރު އެހާ ފުނެއް ނޫނެވެ. ކޯރުގެ ފެންގަނޑު ފުންމިން އާންމުކޮށް ހުންނަނީ ކަކުލާ ހަމައަށެވެ!

ހިޔަޅު ހަމަޖެހިލައިގެން ކޯރުގެ ތެރެއަށް އެރި ހިނގައިގަތެވެ. އިސާ ހިތަކު ހިޔަޅުގެ ކަރާ ފެންގަނޑު ހަމަވެ، ހިޔަޅު ގެނބޭހެން ހީވުމުން، އައްސޭރި ފަށުގައި އޮތް ޖަމަލާ ދިމާއަށް ހިޔަޅު ހަޅޭލަވައިގަތެވެ. ކަލޭތީ ކޮން ކަހަލަ އެއްޗެއް ހެއްޔެވެ؟ ކަލޭ ބުނީ ފެންގަނޑު ހުންނާނީ ކަކުލާ ހަމައަށް ނޫން ހެއްޔެވެ؟ މިހެން ބުނެ، އަވަސް އަވަހަށް، ހިޔަޅު އެނބުރި އެއްގަމަށް އައެވެ!

އާދެ، މިއިން ލިބޭ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ ކޮންމެ މީހެއްގެ ވާހަކަ ވެސް ބިނާވެފައި އޮންނަނީ އެމީހެއްގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ކަމެވެ. ހިޔަޅު ގާތު ޖަމަލު ބުނި ވާހަކަ ބުނީ އޭގެ ތަޖުރިބާގެ މައްޗަށް ބިނާކޮށެވެ. ކޯރު ހުރަސްކުރުމުގެ ތަޖުރިބާ ޖަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ބަލާފައި ބުނި ވާހަކައެކެވެ. އެ ހުރަސް ކުރާ ކުރުމުން ޖަމަލަށް އެނގެނީ ކޯރުގެ ފެންގަނޑުގެ ފުންމިން ހުންނަނީ ޖަމަލުގެ ކަކުލާ ހަމައަށް ކަމެވެ. ޖަމަލުގެ ވާހަކަ އަޑުއަހައިފައި ހިޔަޅު ޖެހޭނީ ޖަމަލުގެ ތަޖުރިބާގެ ވާހަކައިން އޭނާ ފައިދާ ލިބިގަންނާނީ ކިހިނެއް ކަމާ މެދު ވިސްނާށެވެ. ޖަމަލު އެ ބުނި ވާހަކައަކީ ޖަމަލުގެ ކަކުލާ ހަމައަށް ފެންގަނޑު ހުންނަ ވާހަކަ ކަމާއި، އެ ބުނާ އެއްޗެއްގެ ނިސްބަތުން ބަލާފައި، ހިޔަޅުގެ ކިހާ ހިސާބަކަށް ފެންގަނޑު ހުންނާނެ ކަމުގެ އަންދާޒާއެއް ލިބިގަތުމަށް ވިސްނުމަށެވެ. ނަމަވެސް، ޖަމަލު ބުނި ވާހަކަ ލަފްޒުން ލަފްޒަށް މާނަކޮށް، އެ ލަފްޒީ މާނައިން ދޭހަވާ އެއްޗެއްގެ މައްޗަށް އަމަލުކުރުމުން، ޖަމަލުގެ ކަކުލާ ހަމައާއި ހިޔަޅުގެ ކަކުލާ ހަމަ އެއްވަރުކަމުގައި ބެލެވުނީއެވެ. ދެން، ފެންގަނޑު ތެރެއަށް އެރުމުން، ގެނބި މަރުނުވީ ކިރިޔާއެވެ!

އާދެ، މި މައްސަލައަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އެކި މީސްމީހުންގެ ތަޖުރިބާގެ އަލީގައި ބުނެފައި ހުންނަ އެއްޗެހި ލަފްޒުން ލަފްޒަށް މާނަކޮށް އޭގެ މައްޗަށް އަމަލު ކުރުމުގެ މައްސަލައެވެ. މިފަދައިން ކަންތައް ކުރުމުން ވަރަށް ވެސް ނުރަނގަޅު، ގެއްލުން ހުރި ނަތީޖާ ފެނެއެވެ. މީގެ ވަރަށް ގިނަ މިސާލުތައް ފެނެއެވެ. ސިޔާސީ މައިދަނުންނެވެ. ދީނީ މައިދާނުންނެވެ. އިގުތިސާދީ މައިދާނުންނެވެ. އެއް މިސާލު ލިޔެ ފުއްދާލާނަމެވެ.

މިސާލަކަށް ޑީސެންޓްރަލައިޒޭޝަންގެ މައްސަލަ ނުވަތަ ލާމަރުކަޒީ ކުރުމުގެ މައްސަލައަށް ބަލާލަމާ ހެއްޔެވެ؟ މި މަފްހޫމުގެ ލަފްޒީ މާނައަކީ ހުރިހާ ކަމެއް އެއް ސެންޓަރެއްގައި އެއް މަރުކަޒެއްގައި ނުބެހެއްޓުމެވެ. މިކަން، ސިޔާސީ ހިންގުމާ ގުޅުވާލެވުމުން، މާނައަކަށް ވާނީ ސިޔާސީ ހުރިހާ ބާރެއް އެއްތަނެއްގައި ހަރުކޮށްލެވިފައި ނުބެހެއްޓުމެވެ. މިސާލަކަށް ހުރިހާ ބާރެއް ވެރި ރަށުގައި އޮންނަ ގޮތަށް ސިޔާސީ ނިޒާމު ބައްޓަން ނުކޮށް، ދެވެން އޮންނަ އެންމެ މަތީ ދަރަޖައަކަށް، ސިޔާސީ ބާރު، އެހެން ސަރަހައްދުތަކަށް ވެސް، އެހެން ރަށްރަށަށް ވެސް، ދެވިފައި އޮތުމެވެ.

މިކަން ސާފުވެ ދިޔުމަށްޓަކައި މިސާލެއް ލިޔެލާނަމެވެ. ރާއްޖޭގައި ސަރުކާރުގެ ހުރިހާ އިދާރާއެއްގެ މައި އޮފީސް ހުންނަނީ މާލޭގައެވެ. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ނަގަންވެއްޖެ ނަމަ، އެ ދޫކުރެވެނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާއިންނެވެ. އެ އިދާރާ ހުންނަނީ މާލޭގައެވެ. ނަމަވެސް، ރާއްޖޭގެ އުތުރާއި ދެކުނުގައި އުޅޭ މީހުން ލައިސަންސް ނަގަން އަންނަންވެއްޖެ ނަމަ، މިކަން ވާނީ ބޮޑު އުނދަގުލަކަށެވެ. އެހެންވެ، މި ހިދުމަތް، މިކަމަށް ބޭނުން އޮތް ރަށްރަށުން ލިބޭނޭ ގޮތެއް ހަމަޖެހިފައި އޮންނަން ޖެހެއެވެ. މާލޭގައި މިކަން ކުރާ އިދާރާ ފަދަ އިދާރާތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކޮށް، މާލޭގެ އިދާރާއަށް ލިބިދީފައި އޮންނަ ބާރާއި އިޚުތިޔާރު ރާއްޖޭގެ އެހެން ތަންތަނުގައި ގާއިމުކުރެވޭ އިދާރާތަކަށް ދެވެން ޖެހެއެވެ. ދެން، މިކަން އެންމެ ރަނގަޅު ގޮތުގައި ހިންގުމަށްޓަކައި، ދެވޭ ލައިސެންސަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ބޭނުން ކުރެވޭ ގޮތަށް ދެވޭ ހުއްދައަކަށް ވާން ޖެހެއެވެ. އެކަން ކުރަން ޖެހޭނީ އެކަމަށް ބޭނުންވާ ތަމްރީނުތަކާއި އިމްތިހާނަކަށް ފަހުއެވެ. މި ހުރިހާ ކަމެއް ހަމަނުޖައްސައި ލާ މަރުކަޒީކުރަނީއޭ ކިޔައި އެކި ތަންތަނުގައި ލައިސަންސު ދޭ ތަންތަން ހުޅުވުމުން، އެކަމުން ބޭނުންވާ ރަނގަޅު ފައިދާއެއް ނުނިކުންނާނެއެވެ.

ހަމަ އެހެންމެ، ލާމަރުކަޒީކުރަނީއޭ ކިޔައި، އެކި ހިސާބުތަކުގައި މައި ސަރުކާރާއި ވާދަކޮށް، މައިސަރުކާރާއި ގޮންޖަހާލާ ފަދަ، ކުދިކުދި ސަރުކާރުތަކެއް ފަދަ އިދާރާތަކެއް ގާއިމުކުރުމުން، ލާމަރުކަޒީ ނިޒާމަކުން ގަސްދުކުރެވޭ ފައިދާ– ބިޔުރޯކުރަސީ ކުޑަކޮށް، އިދާރިކަންކަން ފަސޭހަ ކަމާއެކު، އެންމެ ފުރިހަމަ ގޮތުގައި ހިންގާލުން- ހިންގުން ނުލިބޭނެއެވެ.

ލާމަރުކަޒީކުރުމުގެ ނިޒާމުގެ ތާރީޚީ ބައެއް ތަޖުރިބާތަކަށް ބަލާލުމުން ވެސް، އެކަން ކުރާ ގޮތް ފެނެއެވެ. މިސާލަކަށް، ދެވަނަ ބޮޑު ހަނގުރާމަ ނިމި، ޖަރުމަނު އަލުން ބިނާކުރުމުގެ ތަޖުރިބާއަށް ބަލާލާށެވެ. އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި، ހުޅަނގު ޖަރުމަނުގައި 1949ވަނަ އަހަރު އުފެދުނު ސަރުކާރުން އެންމެ ފުރަތަމަ ދުށީ ތަނުގެ އިގުތިސާދު މުޅިން ލާމަރުކަޒީ ނުކުރުމަށެވެ. ސަބަބަކީ އެ ވަގުތު އެކަން ކޮށްފި ނަމަ، ގައުމުގެ އިގުތިސާދީ ހާލަތު ނުބައިން ނުބަޔަށް ހިނގައިދާނެތީއެވެ. ބޮޑެތި ވިޔަފާރިވެރިން، އިގުތިސާދުގެ މައްޗަށް ވެރިވެ، އެމީހުންގެ އަމިއްލަ ފައިދާއަށްޓަކައި ގައުމުގެ ހާލަތު އޮތް ގޮތުގެ ނާޖާއިޒު ފައިދާތައް ނަގާފާނެތީއެވެ. އެހެންވެ، ލާމަރުކަޒީ ކުރަމުން އައީ އިގުތިސާދީ ހާލަތު ރަނގަޅުވަމުން އައިވަރަކަށެވެ. ހަމަ އެހެންމެ، ފުރަތަމަ ބޮޑު ހަނގުރާއަށް ފަހު، ތުރުކީ ގާއިމުކޮށް، އެ މީހުންގެ އިގުތިސާދު ވެސް ބިނާކުރީ މަރުކަޒީ އުސޫލެއްގެ މައްޗަށެވެ. ސަރުކާރުން ކޮންޓުރޯލުކުރާ އުސޫލެއްގެ މައްޗަށެވެ.

މީގެ މާނައަކީ ކޮބައި ހެއްޔެވެ؟ ލާމަރުކަޒީކުރަން އުޅޭއިރު، އެކަމަށް ބޭނުންވާ ކަންކަން ހަމަޖެހިފައި އޮތްތޯ ބެލުމެވެ. މީހުންގެ ވިސްނުމާއި ފިކުރު އޮތީ އެކަމަށް ހަމަޖެހިފައި އޮތްތޯ ބެލުމެވެ. ނޫންނަމަ އެކަމަށް މީހުން ތައްޔާރު ކުރަން ޖެހެއެވެ. މީގެ އިތުރުން އެކަމާ ބެހޭ ހަރުދަނާ ގާނޫނުތަކާއި ގަވާއިދުތައް ހަދަން ޖެހެއެވެ. މިކަންކަން ނުކޮށް، ތަނެއްގައި ލާމަރުކަޒީކުރަނީއޭ ކިޔައި، އެއީ އެންމެ ފުރިހަމަ ގޮތޭ ގޮވައި އަޑުގަދަކޮށް، އެކަން ކުރަނީ އަހަރުމެން އެކަންޏޭ ބުނެ ދައުވާ ކުރުމަކުން އެކަމުން ކުރާނޭ ފައިދާއެއް ނޯންނާނެއެވެ. އެކަމަށް ބޭނުންވާ މުޖުތަމައީ އޮނިގަނޑު ނެތީސް، އެކަން ކުރަން އުޅެން ވެއްޖެ ނަމަ، ފައިދާކުރުމަށް ވުރެ، ގާތީ ގެއްލުން ވުމެވެ.

މިފަދަ މިސާލުތައް މިހާރު ވެސް، އެހެން ދާއިރާތަކުން އެބަ ފެނެއެވެ. ޕާޓީ ޑިމޮކުރަސީގެ މާނަ ކުރެވިފައި އޮތް ގޮތް ބަލާލާށެވެ! ވެރިޔަކީ ކާކު ކަމެއް މިހާރު ނޭނގެއެވެ. ޖުމްހޫރިއްޔާގެ ރައީސްއަކީ ގާނޫނީ ވެރިޔާއެވެ. ނަމަވެސް ގާނޫނީ ވެރިޔާއަށް ވުރެ މަޖުލީހުގެ ރައީސްއާއި ވެރިކަން ކުރާ ޕާޓީގެ ރައީސްގެ ބާރު ގަދަހެން މިހާރު ހީވެއެވެ. ނާއިބު ރައީސެއް ހުއްޓަސް، އޭނާގެ ދައުރު ހުއްޓިފައި އޮތީ ހަމައެކަނި ހަފްލާތައް ހުޅުވާއިރު ރިބަން ކެނޑުމަށްހެން ހީވާ ކަހަލައެވެ!

އާދެ، މިހެން ވަނީ ކީއްވެގެން ހެއްޔެވެ؟ އެހެން މީހުންގެ ތާރީޚީ ތަޖުރިބާއާއި ސަގާފަތުގެ އަލީގައި ނިންމާފައި ހުންނަ ކަންކަން، އޭގެ އުސޫލުތަކަކީ ކޮބައިކަން ދެނެނުގަނެ، އަދި ހަމަ، އަމިއްލަ ތާރީޚާއި އަމިއްލަ ސަގާފަތާއި އަމިއްލަ މީހުންގެ ޒިހުނީ ހާލަތަށް ނުވިސްނައި ހަމަ އެކަނި ބޭރުފުށުން ފެންނަ ގޮތެއް، ހިންގާލަން އުޅުމުން ނިކުންނަ ނަތީޖާއެވެ.

ތަނެއްގައި ގައުމީ ލޯބި އަށަގަންނުވައި އެތަނުގެ ގައުމީ ސަލާން އިސްކޫލުތަކުގައި ކިޔުއްވާ ތަން ފެނިގެން، އެ ގައުމީ ސަލާން އަމިއްލައަށް ދަސްކޮށް އެ ކިޔުމަކުން އަމިއްލަ ހިތުގައި ގައުމީ ލޯތްބެއް ނުއުފެދޭނެއެވެ. ކުދިން ލައްވައި ގައުމީ ސަލާން ކިޔުއްވުމުން އެކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އުފެދޭނަކަން ހީކޮށްލެވުނީ ކީއްވެގެން ކަމާ މެދު ވެސް ސުއާލުކޮށްލަން ޖެހޭނެއެވެ. އެކުދިންގެ ހިތުގައި ގައުމުގެ މުހިއްމުކަން އުފައްދައި އަށަގަންނުވާފައި އޮތީ ކިހިނެއް ކަމާ މެދު ވިސްނާލަން ޖެހެއެވެ. މިކަންކަމާ މެދު ވިސްނާ ނުލައި، އެ ގައުމީ ސަލާން ހިތު ދަސްކޮށް، ނުވަތަ އަމިއްލަ ގައުމީ ސަލާން ކިޔުމަކުން މާ އެދެވޭ ނަތީޖާއެއް ނުނިކުންނާނެއެވެ! އޭރުންވާނީ، ލާމަރުކަޒީ އުސޫލަށް، ނޫނީ ގިނަ ޕާޓީތަކުގެ ޑިމޮކުރަސީއަށް މީހުން ނުހާނުވައި، އެކަންކަމަށް ބޭނުންވާ ހަރުދަނާ ގާނޫނުތަކާއި ގަވާއިދުތައް ނުހަދައި، އެކަންކަން ހިންގާލަން އުޅުން ފަދަ ކަމަކަށެވެ! ހިޔަޅަށް އޭގެ ކަކުލާއި ޖަމަލުގެ ކަކޫގެ އުސްމިން އެއްވަރުކުރުން ފަދަ ކަމަކަށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. " ކޯރުގެ ފެންގަނޑުގެ ފުންމިން ހުންނަނީ ޖަމަލުގެ ކަކުލާ ހަމައަށް ކަމެވެ. ،،

    އިންސާނުންގެ ކަކޫ = ޖަމަލުގެ ކަކޫ

    މީހަމަ ރަންގަޅު ގޮތްބާ ؟

    މިފަދަ ޢިބްރަތުން ފުރިގެންވާ ލިއުމެއްގައި އަދަބީ ގޮތުންވެސް.!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *