Support Us

ކުރު ވާހަކަ: ޣާފިލު، އެއްވެސް ހޭލުންތެރިކަމެއް ނެތް، މޮޔަ މީހާ

މި ވާހަކައަކީ ކުރު ވާހަކަ ލިޔުމުގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ ރަޝިޔާގެ އަދީބެއް ކަމުގައިވާ އެންތޯން ޕަވްލޮވިޗް ޗެޚޯވެގެ ކުރު ވާހަކައެއްގެ ޚުލާސާއެވެ. ތަންކޮޅެއް ކުރިން ވެސް ޗެޚޯވެ ތައާރުފަކާއި އޭނާގެ ވާހަކަކޮޅެއް ގެނެވުނެވެ. ހަނދާން އާކޮށްލުމުގެ ގޮތުން އޭނާގެ ތައާރުފުގައި އެއްޗެއް ބުނެލަން ގަސްދުކުރަމެވެ.

ޗެޚޯވް އުފަންވީ 1860 ވަނަ އަހަރުއެވެ. މި ދުނިޔޭ ދޫކޮށް ދިޔައީ 1904 ވަނަ އަހަރުއެވެ. ޗެޚޯވްގެ ރަސްމީ މަސައްކަތަކީ ޑަކްޓަރީ މަސައްކަތެވެ. ލިޔުއްވުމަކީ އޭނާ ބުނުއްވާފައިވާ ގޮތުގައި ސާނަވީ ކަމެކެވެ. އޭނާގެ ވާހަކަތަކުގެ މައިގަނޑު އެއް މައުޟޫއަކީ، ފިނޑިކަމާއި ނުކެރުމުގައި، އިންސާނިއްޔަތަށް ފައިދާ ކުރާ ރަނގަޅު އެއްވެސް ކަމެއް ނުކޮށް، އިންސާނާ އޭނާގެ ހަޔާތް ވޭތުކޮށްލާ ކަމެވެ. ތިރީގައި ޚުލާސާކޮށްލެވިފައިވާ އޭނާގެ 'ޣާފިލު' އާދެ، އެއްވެސް ހޭލުންތެރިކަމެއް ނެތް މޮޔަ މީހާ، މިވާހަކައިގެ މައިގަނޑު ނަމުންނާއި ވާހަކައިގެ މައިގަނޑު މައުޟޫއިން ވެސް މިކަން ފާހަގަކުރެވޭނެއެވެ.

މި ވާހަކަ ފެށެނީ، ވާހަކައިގެ ބަތަލު އޭނާގެ ކުދިންނަށް ކިޔަވައިދީ ތަރުބިއްޔަތުކޮށްދޭން ގެއަށް ގެންނަ މީހަކަށް އުޖޫރަދޭން އުޅޭ ހިސާބުންނެވެ. ވާހަކައިގެ ހާކީގެ ދުލުން، އާދެ، ވާހަކަ ކިޔައިދޭ މީހާގެ ދުލުން ވާހަކަ މައިގަނޑު ހާދިސާ ކިޔައިދެމުން ކުރިއަށް ގެންދިޔައެވެ.

'ކުޑަ ދުވަސް ކޮޅެއް ކުރިން، އަހަރެންގެ ކުދިންނަށް ކިޔަވައިދޭ މީހާ، ޖޫލިއާ ވާސިލީވީނާއަށް، އޭނާގެ އުޖޫރަ ދިނުމަށްޓަކައި އޭނާއަށް ގޮވައި އަހަރެންގެ ކޮޓަރިއަށް ގެނައިމެވެ.

އަދި، އަހަރެން ބުނީމެވެ. "ޖޫލިއާއެވެ. އިށީންނާށެވެ. އުޖޫރައިގެ ހިސާބުގެ ކަންތައްތައް ނިންމާލަމާ އަންނާށެވެ. އަބަދުވެސް ކަލޭ ހުންނަނީ ފައިސާއަށް ބޭނުން ޖެހިފައި ނޫން ހެއްޔެވެ؟ ނަމަވެސް، ކަލޭގެ ލަދުވެތިކަމުގެ ސަބަބުން، ފައިސާއަކަށް ކަލޭ އަމިއްލައަށް އެއްގޮތަކަށް ވެސް ނޭދެމު ނޫން ހެއްޔެވެ؟ އެންމެ ރަނގަޅެވެ. އަހަރުމެން އެއްބަސްވީ ކޮންމެ މަހަކު ކަލެއަށް ތިރީސް ރޫބެލް ދިނުމަށް ނޫން ހެއްޔެވެ؟"

ޖޫލިއާ: "ނޫނެކެވެ. ސާޅީސް ރޫބެލްއެވެ!"

އަހަރެން ބުނީމެވެ: "ނޫނެކެވެ! ތިޔަހެނެއް ނުވާނެއެވެ! ކަލެއަށް ދޭންވާ ވަރު، އަހަރެން މިއޮތީ އެންމެ ކުރިން ވެސް އަހަރެންގެ އެކައުންޓު ފޮތުގައި ލިޔެފައެވެ. އަދި ކިޔެއް ހެއްޔެވެ؟ އަހަރެން ގެއަށް ގެންނަ ކިޔަވައިދޭ މީހުންނަށް އަބަދުވެސް އަހަރެން ދެނީ މަހަކަށް ތިރީސް ރޫބެލްއެވެ. ދެން، އެންމެ ރަނގަޅެވެ. ކަލޭ މިހާރު އަހަރެންގެ ގޭގައި ދެ މަސްވަންދެން މަސައްކަތްކޮށްފީމު ނޫން ހެއްޔެވެ؟"

ޖޫލިއާ: ދެމަހާއި ފަސް ދުވަހު މަސައްކަތްކޮށްފީމެވެ.

އަހަރެން: ނޫނެކެވެ. ހަމަ ބަރާބަރު ދެމަހެވެ. އެކަން، އަހަރެންގެ ފޮތުގައި ލިޔެ ނޯޓުކުރެވިފައި އެބަ އޮތެވެ. އެހެންވީމާ ކަލެއަށް، އަހަރެން ދޭން ޖެހެނީ ފަސްދޮޅަސް ރޫބެލްއެވެ. މީގެ ތެރެއިން ނުވަ އާދީއްތަ ދުވަހުގެ އުޖޫރަ ކަނޑަން ޖެހެއެވެ. އެ ދުވަސްތަކަކީ ކިޔަވައިދިނުމުގެ މަސައްކަތް ކަލޭ ނުކުރާ ދުވަސްތަކެވެ. އެދުވަސްތަކުގައި ކަލޭ އުޅުނީ ކުދިން ގޮވައިގެން ޕާކަށް ގޮސް މުނިފޫހި ފިލުވުމުގައެވެ. ދެން، އަދި، އީދު ޗުއްޓީގެ ތިން ދުވަސް ނަގާފައި އެބަ އޮތެއް ނޫން ހެއްޔެވެ؟"

ޖޫލިޔާ ރުޅިއައިސް މޫނުމަތި ރަތްވިއެވެ. އަދި، އޭނާގެ ހެދުމުގެ ފަސްބައިގައި އަތުން ހިފައި މުއްކަވަމުން ދިޔައެވެ. ނަމަވެސް، ހަމަ އެކައްޗެއް ވެސް ނުބުނެއެވެ.

'އަހަރެންގެ ވާހަކަ ކުރިއަށް ގެންދިޔައީމެވެ. "އީދުގެ ޗުއްޓީގެ މަސައްކަތް ނުކުރާ ތިން ދުވަހަށް އުޖޫރައިން ކަނޑަން ޖެހޭނެތާއެވެ! މަސައްކަތް ނުކުރާ މިބުނި ހުރިހާ ދުވަހަކަށް ބާރަ ރޫބެލްވެއެވެ. ދެން، ކޫލިޔާ ބަލިވި ހަތަރު ދުވަހު އޭނައަކަށް ކިޔވައެއް ނުދެމު ނޫން ހެއްޔެވެ؟ އެ ހަތަރު ދުވަހު ކިޔަވައިދިނީ ހަމައެކަނި ފާރިޔާއަށް ނޫން ހެއްޔެވެ؟ މީގެ އިތުރުން، ތިން ދުވަސް ވަންދެން ދަތުގަ ރިއްސާތީ ކަލޭ އުޅުނީމު ނޫން ހެއްޔެވެ؟ އެ ތިން ދުވަހު، އަހަރެންގެ އަންހެނުން މެންދުރު ފަސް ކަލެއަށް ޗުއްޓީކޮށް ދިން ނޫން ހެއްޔެވެ؟ އެހެންވީމާ މިކަމަށް ވެސް އިތުރަށް އަދި ހަތް ރޫބެލް އުޖޫރައިން ކަނޑަން ޖެހޭ ނޫން ހެއްޔެވެ. އެހެންވީމާ ބާރައަކާއި ހަތެއް ވީމާ އެވާނީ ނަވާރައަށް ނޫން ހެއްޔެވެ؟ ދެން ފަސްދޮޅަހުން ނަވާރަ ކެނޑިމާ ބާކީ އޮންނާނީ ސާޅީސް އެއް ރޫބެލް ނޫން ހެއްޔެވެ؟"

މިހާރު ޖޫލިއާގެ ލޯ ވެސް ރަތްވެ، ފެންކަޅިވެއްޖެއެވެ. ދަތްދޮޅި ތުރުތުރުއަޅަން ވެސް ފަށައިފިއެވެ. ރުޅިއައިސްގެން ގޮސް ކެއްސަން ވެސް ފެށިއެވެ. އަދި، ނޭފަތްވެސް ފޮޅާލިއެވެ. ނަމަވެސް، ޖޫލިޔާގެ އަނގައިން ހަމަ އެންމެ ބަހެއް ވެސް ނުނިކުމެއެވެ.

"އަދިވެސް ބަލަން ޖެހޭ ބައެއް ކަންކަން އެބަ ހުއްޓެވެ." އަހަރެން ބުނީމެވެ. "އާ އަހަރު ލައިގަތުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ކަލޭއަތުން ޖޯޑަކާއި ވަތުތަށްޓެއް ތެޅުނު ނޫން ހެއްޔެވެ؟ އެއަށް ދެ ރޫބެލް ކަނޑަން ޖެހެއެވެ. ދެ ރޫބެލްއަށް ވުރެ އޭގެ އަގު ބޮޑުވާނެއެވެ. އެއީ އަހަރުމެންނަށް ވާރުތައިން ލިބިފައިވާ އެއްޗިއްސެވެ. ދެން، ކޫލިޔާ ގަހަކަށް އަރައި އޭނާގެ އަގު ބޮޑު ހެދުން ވީދުނު ނޫން ހެއްޔެވެ؟ މިކަން ހިނގީ ކޫލިޔާގެ ކަންތައް ބަލަހައްޓަން ވީވަރަށް ކަލޭ ނުބެލެހެއްޓީމާ ނޫން ހެއްޔެވެ؟ އެހެންވީމާ ކަލޭގެ އިހުމާލުން އެކަން ވުމުން، އިތުރަށް ދިހަ ރޫބެލް އުނިކުރަނ ޖެހެއެވެ. އަދިވެސް އެހެން ކަމެއްގެ ވާހަކަ އެބަ އޮތެވެ. ކަލޭ އިހުމާލު ވުމުން، ގޭގެ ޚާދިމާ ފާރިޔާގެ ފައިވާން ޖޯޑެއް ވަގަށް ގެންދިޔައެވެ. ކަލެއަށް އުޖޫރަ ދެވެނީ މިކަންކަން ވެސް ރަނގަޅަށް ބަލަހަށްޓަން ނޫން ހެއްޔެވެ؟ އެހެންވެ، އެ ކަން ހިނގުމުގައި ވެސް ކަލޭގެ އިހުމާލެއް އޮތުމުން، ފަސް ރޫބެލް އިތުރަށް ކަނޑަން ޖެހެއެވެ."

"މި ދިޔަ ޖަނަވަރީ މަހު، އަހަރެން އަތުން ކަލޭ ދިހަ ރޫބެލް ނެގީމެން ނޫން ހެއްޔެވެ؟"

ދެން، ޖޫލިއާ އަވަސްވެ، ބުންޏެވެ. "ނޫނެކެވެ. ނުނަގަމެވެ."

އަހަރެން ބުނީމެވެ: "ނެގިއެވެ. އަހަރެންގެ ފޮތުގައި ލިޔެވި ނޯޓުކުރެވިފައި އެބަ އޮތެވެ."

ޖޫލިއާ ބުންޏެވެ. "އެންމެ ރަނގަޅެވެ. ނެގި ކަމަށް ބަލާށެވެ!"

އަހަރެން ބުނީމެވެ. "ސާޅީސް އެއް ރޫބެލް އިން ހަތާވީސް ނެގީމާ ދެން ބާކީ އޮންނާނީ ސާދަ ރޫބެލްއެވެ."

މިހާރު ހަމަ ރަނގަޅަށް ވެސް ޖޫލިއާގެ ދެލޯ ކަރުނައިން ފުރި، އޭނާއަށް ރޮވިއްޖެއެވެ. އޭނާގެ ރީތި، ދިގު ނޭފަތް މަތީން ހާސްކަމުގެ ދާ ތިކިތައް ފާއްދާލައިފިއެވެ. އޭނާގެ ނިކަމެތިކަމާއެވެ! ދެން، ތުރުތުރު އަޅަމުން ބުންޏެވެ. ސާހިބުގެ އަންހެންނުން އަތުން އަހަރެއް ތިން ރޫބެލް ނެގީމެވެ. އޭގެ އިތުރުން އެއްވެސް އެއްޗެއް ނުނަގަމެވެ.

ދެން އަހަރެން ބުނީމެވެ. "ހަމަ ތެދެއް ހެއްޔެވެ؟ ތި ކަމެއް އަހަރެން ލިޔެ ނޯޓުކޮށްފައެއް ނެތެވެ. އެހެންވީމާ ސާދަ ރޫބެލް އިން ތިނެއް ކެނޑީމައި ބާކީ އޮންނާނީ އެގާރަ ރޫބެލް ނޫން ހެއްޔެވެ؟ މިއޮތީ ބާކީ އޮތް އެގާރަ ރޫބެލްއެވެ. މި ގެންދާށެވެ!"

ދެން، އެ ފައިސާ ދިއްކޮށްލުމުން އޭގައި ޖޫލިޔާ ހިފިއެވެ. އަދި، ތުރުތުރު އަޅާ އޮތް އަތަކުން އެފައިސާ އޭނާގެ ޖީބަށް ލާފައި މަޑުމަޑުން ޝުކުރިއްޔާއޭ ބުނެ އަހަންނަށް ޝުކުރު އަދާކުރިއެވެ.

ދެން، އަހަރެން ގާތަށް ވަރަށް ރުޅިއައެވެ. އަދި ފުންމައިގެން ތެދުވެ، ކޮޓަރީގެ ދިގަށް އެކޮޅު މިކޮޅަށް ހިނގަން ފެށީމެވެ. ދެން، އިރުކޮޅަކުން، ޖޫލިއާއާ ދިމާއަށް ބުނީމެވެ. "ތި ޝުކުރު އަދާކުރަނީ ކޮން ކަމަކަށް ހެއްޔެވެ؟"

"ފައިސާ ދިނުމުންނެވެ!" ޖޫލިޔާ ބުންޏެވެ.

"އަޅެ ނިކަން ވިސްނާލަބަލާށެވެ!" އަހަރެން ބުނީމެވެ. "ގަދަކަމުން ކަލޭ އަތުން އަހަރެން ފައިސާ އަތުލައިފީމެވެ. އަދި ފޭރިގެން ވެސް ފީމެވެ. ވައްކަން ވެސް ކޮށްފީމެވެ. ދެން، ތި ޝުކުރުއަދާ ކުރަނީ ކޮން ކަމަކަށް ހެއްޔެވެ؟"

"އެހެން ބައެއް ތަންތަނުން، އެއްވެސް އެއްޗެއް ނުދީ ވެސް އެބަ ހުއްޓެވެ." ޖޫލިޔާ ބުންޏެވެ.

"ހަމަ އެކައްޗެއް ވެސް ނުދޭ ހެއްޔެވެ؟" އަހަރެން އަހާލީމެވެ. "ތިޔައީ އަޖައިބުވާންވީ ކަމެއް ނޫނެވެ! ނަމަވެސް، މިއަދު ކަލެއާ އަހަރެން ކޮށްލީ ސަމާސާއެކެވެ! ކަލެއަށް އަހަރެން ދޭން ޖެހޭ އަށްޑިހަ ރޫބެލް މި ސިޓީއުރައިގައި އޮންނާނެއެވެ."

އަދިވެސް ޖޫލިއާއަށް ބުނީމެވެ. "ތި ދަރަޖައަށް، ހަމަ ނުކުޅެދޭން ޖެހޭ ހެއްޔެވެ؟ އަނިޔާ ލިބެމުންދާ އިރު، ދެކޮޅުހަދައި އިހުތިޖާޖުކޮށް އެއްޗެއް ނުބުނެ ހުންނަނީ ކީއްވެ ހެއްޔެވެ؟ މި ދުނިޔޭގައި ހަމަ ތިގޮތަށް ދަތްތައް ކޮށިކޮށްލައިގެން ހުންނަން ޖެހޭ ހެއްޔެވެ؟ ހަމަ ތި ދަރަޖައަށް ޣާފިލުވެ، ހޭލުންތެރިކަން ނެތި، މޮޔަހެދިފައި ހުންނަން ޖެހޭ ހެއްޔެވެ؟"

ދެން، ނުކުޅެދުމުގެ ހީލުމަކުން ހީލާފައި، ޖޫލިއާ ބުންޏެވެ! "ޖެހިދާނެއެވެ!" ކޮންމެ އަކަސް ޖޫލިއާގެ ކިބައިން އަހަރެން މާފަށް އެދުނީމެވެ. މިފަދަ ރަހުމުކުޑަ ފިލާވަޅެއް ދޭން ޖެހުނީތީއެވެ. ދެން، ހައިރާންވެފައި ހުއްޓައި، ސިޓީ އުރައަށް ލާފައި އޮތް، ޖޫލިއާއަށް ދޭން ޖެހޭ އަށްޑިހަ ރޫބެލް، އޭނާއަށް ފުރިހަމައަށް ދިނީމެވެ. ދެން، އޭނާ އަހަންނަށް ޝުކުރުއަދާ ކުރުމަށްފަހު، ނިކުމެގެން ދިޔައެވެ.

އާދެ، އެންތޯންގެ ޣާފިލު މޮޔަ މީހާގެ ވާހަކައިގެ މައިގަނޑު މައުޟޫއަކީ ކޮބައި ހެއްޔެވެ؟ މީސްތަކުން އަމިއްލައަށް ހޭލުން ތެރި ނުވެއްޖެ ނަމަ، އެހެން މީހުން އެމީހުންގެ، އާދެ، ހޭލުންތެރިކަން ނެތް މޮޔަ ޣާފިލުންގެ ނާޖާއިޒު ފައިދާ ނަގާނޭ ކަމެވެ. އަޅުގަނޑުމެންގެ ތެރެއިން ވެސް މިފަދަ ކަންކަން ފެނިފެނި ހުރެއެވެ. އެންމެ، ފާޅުކަން ބޮޑު ގޮތެއްގައި މިކަން ފެނިގެންދަނީ އަޅުގަނޑުމެންގެ ސިޔާސީ މަސްރަހުންނެވެ. ކޮންމެ ވެރިކަމެއްގައި އަންނަ ވެރިޔަކު، އާންމު ރައްޔިތުންގެ ކިޔަމަންތެރި ކަމުގެ ނާޖާއިޒު ފައިދާ ނަގާ ތަނެވެ. މުޅި ދައުލަތަކީ، ދައުލަތުގެ ޚަޒާނާއަކީ ވެރިންނާއި ވެރިންގެ ގާތް މީހުންގެ އަމިއްލަ އެއްޗަކަށް ހަދައި، އޭގެ ބޭނުން ކޮށްލައެވެ. ދެން، ރައްޔިތުން، ވެރިންނަށް ޚުޝާމަދު ކުރުމުގައި، ޣާފިލުކަން މަތީ މޮޔަ ހެދިފައި ތިބެއެވެ. ވެރިންގެ އަމިއްލަ އެދުމުގައި، ޚަޒާނާ ހުސްކޮށް، އެންމެން ފަހުން، ބޭރު ބައަކު ގައުމަށް ގެނެސް، ގައުމުގައި ބާރުވެރިކުރުވައި، ގައުމުގެ ސިޔާދަތާއި މީސްތަކުންގެ މިނިވަންކަން ގެއްލުވާލާއިރު ވެސް، ޖޫލިއާ ފަދައިން، ޣާފިލުވެ، މޮޔަ ހެދިފައި، ހެދި ކޮންމެ ގޮތެއް ވަރިހަމަވެފައި، ވެރިންނަށް ޚުޝާމަދު ކުރުމުގައި ރައްޔިތުންގެ އެއްބަޔަކު ތިބެއެވެ. އަނެއް ބަޔަކު، ދެމަފިރިން ޖިމާއުވާއިރު، ގުރުއާން އަޑުއެހެން ރަނގަޅުތޯ ފަދަ، ތާކުން ތާކު ނުޖެހޭ ބަހުސްތަކުގައި އެމީހުންގެ ވަގުތުތަކާއި ހަކަތަ ނަގާލަން ތިބެއެވެ. އަޅެ ނިކަން ބުނެބަލާށެވެ! ގުރުއާން އަޑުއަހައި، ގުރުއާނުގެ މައްޗަށް ފިކުރުކުރަން އެންމެ ރަނގަޅު ވަގުތަކީ ޖިމާއުވުމުގެ ވަގުތު ހެއްޔެވެ؟ މިފަދަ ގޮތެއްގައި، އެންތޯން ޝެޚޯވެގެ މޮޔަމީހާގެ ވާހަކައިގެ ބަތަލު ޖޫލިއާ ފަދައިން، މޮޔަ ހެދި، ޣާފިލުވެ، އަނގައިން ބުނަން ނޭނގިައި ތިބުމުން، އަޅުގަނޑުމެންގެ ސިޔާސީ މަސްރަހުން ފެންނަނީ ހަމަ އެއް ތަމްސީލެއް ތަކުރާރުކޮށް ކުޅެމުންދާ ތަނެވެ! ލިޔުންތެރިއަކު ބުނެފައިވާ ފަދައިން، "ވެރިކަމުގެ ކޮންމެ ދައުރެއްގައި ވެސް އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމަކަށް ވެގެން ދަނީ އަދި އަޅުގަނޑުމެންނަށް އެނގޭ ގައުމީ ޚިދުމަތަކަށް ވެސް ވަނީ 'ލީޑަރު ތަސްބީހަ' ކިޔުމާއި 'މަހާނަ މައްޗަށް މަޑިއަށް ޖެހުމެވެ.'" ގައުމު ބަނގުރޫޓުވެ، ބަނޑަށް ޖެހުމުންދާ އިރުވެސް މެއެވެ. ތަނަށް ބޭރުގެ އަސްކަރީ ބާރެއް އަތް ގަދަކޮށް، ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލިގެންދާއިރު ވެސް މެއެވެ.