Support Us

ދޮންގޮމާ…

ނީލަމެއް ހެން ހީނލުމުން ހީވޭ ވިދާ ފަރި ދޮންގޮމާ
ނީލަކޯރުގެ ސާޙިލަށް ދާން ހިތްއެދޭ އެކުގައި ގޮމާ

ކަސަބު ބޯވަޅު އެޅި ފަށުވި ފެހި ހެދުމުގައި ދާއިރު ގޮމާ
އަސަރު ނުކުރާނޭ ހިތެއް ވޭހޭ އެފަރި ފަރި ދޮން ގޮމާ

އިރު ހަނދާ ތަރިތަކުގެ ބެބުޅުން ފަނޑު ވެދާފަދަ ދޮންގޮމާ
ފިރުމަމުންދާ ރޯޅިވެސް މަޑު ކޮށްލައޭ ފެނިފައި ގޮމާ

ފިރި ފުރާވަރު އުމުރުގައި ފިނިފެން މަލެއް ފަދަ ފަރިގޮމާ
ތިރިތިރިން އުދުހޭ ކޮކާތައް ވެސް ނަމުން ގޮވަނީ ގޮމާ

ފެންނަހިނދު ހިތް ހެޔޮކަމާއެކު ވާނެ ހިނިތުން ދޮންގޮމާ
އެންމެހާ ހިތްތައް ފަތަހަ ކޮށް މަގުހިނގާނޭ ނަލަ ގޮމާ

އިރު އަރާ މަންޒަރު ބަލަން ފަތިހާ ތެދުވެ ދާނޭ ގޮމާ
އިރުގެ ރަންދޯދިން ވިދާނޭ ބޮލުގެ ހުޅި ފަރި ދޮންގޮމާ

ކަންހުޅިން ހުވަނދުގެ ވަހޭ ފަތުރައިދެނީ ތުނި ދޮންގޮމާ
އަންބަރާ މިސްކުން ފަޒާ އެއްވަސް ކުރޭ ނަލަ ދޮންގޮމާ

އުނިމަލާ ފޮނިމާ އަތުން ބިނދެ އަމުނައޭ ފަރި ދޮންގޮމާ
ތުނި އަތުން މާފަތި ގަތާނޭ ދެއިރު ފިންޏަށް ދޮންގޮމާ

އަތުގެ ތަކަހޮޅި ތަޅުވަމުން ކަތިނަޒަރަކުން ބަލައޭ ގޮމާ
ފަތުގެ ކަންމުދި ރަތުރަނުން ވިދަނީ އޮމާން ތުނި ދޮންގޮމާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *