Support Us

މޫސުން ކުރިއަށް އޮންނަ ގޮތް ބުނެދޭ ހިމާރެއްގެ ވާހަކަ

އެއް ދުވަހު ރަސްގެފާނާއި ރާނީ މަސްބާނަން ވަޑައިގަތުމަށް ނިންމެވިއެވެ. ދެން، ގަނޑުވަރުގެ މޫސުންބަލާ މީހާ ކުރެން އެ ދުވަހުގެ މޫސުން އޮންނާނީ ކިހިނެއް ކަން ބުނެދިނުމަށް ރަސްގެފާނު އެދިވަޑައިގަތެވެ.

މޫސުން ބަލާ މީހާ، އޭނާގެ ހިސާބުކިތާބު ބަލައިފައި ރަސްގެފާނަށް ދެންނެވީ ދުވަހަކީ ވަރަށް ވެސް ރީތި ދުވަހެއް ކަމެވެ. ދެން، ރަސްގެފާނާއި ރާނީ މަސްބާނަން އަތިރިމައްޗަށް ވަޑައިގަތެވެ. ވަކި ހިސާބަކުން ހިމާރެއްގެ މަތީ ދަތުރުކުރަމުން އައި މަސްވެރިއަކާ ރަސްގެފާނާ ދިމާވިއެވެ.

ރަސްގެފާނު މަސްވެރިޔާކުރެން އެއްސެވިއެވެ. ކޮބާ މަސްބާނަން ނޫޅެ، ގެއަށް ތިދަނީ ކީއްވެ ހެއްޔެވެ؟ ދޮށީގައި މިއަދު، މަހެއް ކޮށާވެސް ނުލަނީ ހެއްޔެވެ؟ ދެން، މަސްވެރިޔާ ރަސްގެފާނަށް ދެންނެވިއެވެ. މަސާހިބާއެވެ. ނޫނެކެވެ. މަސް ވަރަށް ވެސް ތިޔާތްގެވެ. ނަމަވެސް، ދެން، މާ ގިނައިރުތަކެއް ނުވަނީސް، މޫސުން ގޯސްވެ، ވައިގަދަވެ، ވާރޭ ވެހެން ފަށާފާނެއެވެ. އެހެންވެ، އަޅުގަނޑު ނިންމީ އަވަހަށް ގެއަށް ދެވޭތޯ ބަލާށެވެ.

ދެން ރަސްގެފާނު ވިދާޅުވިއެވެ. ތިޔަހެން ކަންތައް ވާނީ ކިހިނެއް ހެއްޔެވެ؟ އަހުރެންގެ މޫސުން ބަލާމީހާ ބުނީ މިއަދު މޫސުން ރީތިވާނޭ ކަމެވެ. އޭނާއަކީ އޭނާގެ މަސައްކަތުގައި ރަށުގައި ހުރި އެންމެ މޮޅު މީހާއެވެ. އެހެންވެ، އަހަރެން ގަބޫލުކުރާނީ އޭނާ ބުނި ބަހެވެ.

މިހެން ވިދާޅުވެފައި ރަސްގެފާނާއި ރާނީ އަތިރިމައްޗަށް ދިމާއަށް ވަޑައިގަތެވެ. ކޮންމެއަކަސް މާ ގިނައިރެއް ނުވަނީސް، އުޑުމަތި ކަޅުކޮށްލިއެވެ. އަދި ވައިގަދަވެފައި ބޯކޮށް ވާރޭވެހެން ފެށިއެވެ. އަދި ރަސްގެފާނާއި ރާނީވެސް ވާރޭން ތެމިފޯވިއެވެ.

ރަސްގެފާނު އަވަހަށް ގަނޑުވަރަށް ވަޑައިގަތެވެ. އޭރު ތުރުތުރުއަޅުއްވައެވެ. ތެމިވަޑައިގެން ހީފުޅު ކަރުއްވައިގެން ނޫނީ ކޯފާވެފައި ހުންނެވިލެއް ބޮޑުކަމުން ކަމެއް ނޭނގެއެވެ. ކޮންމެއަކަސް، މޫސޫން ބަލާމީހާ ގެނެސް އިތުރު އެއްވެސް އެއްޗެއް ވިދާޅު ނުވެ، އޭނާ ވަޒީފާއިން ވަކިކުރެއްވިއެވެ. ދެން، އެއްކަލަ މަސްވެރިޔާ ގެނެސް މޫސުން ބަލާ މީހާގެ ވަޒީފާ އޭނާއަށް ދެއްވިއެވެ.

އެ ވަގުގު މޫސުން ބަލާ މީހާ ރަސްގެފާނަށް ދެންނެވިއެވެ. މޫސުން ބެލުމާ ބެހޭ އެއްވެސް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑަކީ މަސްވެރިއެކެވެ. ދެން، އޭނައަށް، އެ ދުވަހު ވާރޭ ވެހޭނެކަން އެނގުނު ގޮތް އޮޅުން ފިލުވައިދިނުމަށް ރަސްގެފާނު ވިދާޅުވިއެވެ. ޖަވާބުގައި މަސްވެރިޔާ ދެންނެވިއެވެ. އެއީ އަޅުގަނޑުގެ ހިމާރުގެ ކަމެކެވެ. ހިމާރުގެ ދެ ކަންފަތް ކޮޅަށް ޖެހިފައި ހުރެއްޖެ ނަމަ، އަޅުގަނޑު ބަލަނީ އެދުވަހަކީ ރީތި ދުވަހަކަށް ވާނޭ ކަމެވެ. ހިމާރުގެ ދެ ކަންފަތް އެލުވާލައިފި ދުވަހެއް ނަމަ، އަޅުގަނޑު ބަލަނީ އެއީ ވާރޭ ވެހޭނޭ ދުވަހެއް ކަމެވެ. ހިމާރުގެ ކަންފަތުގެ އަލީގައި، ވަރަށް ގިނަ ފަހަރު، މޫސުން ލަފާ ކޮށްލަން އަޅުގަނޑަށް އެނގެއެވެ.

ދެން، ރަސްގެފާނު ނިންމެވީ މޫސުން ބަލާ މީހާގެ ވަޒީފާ ހިމާރަށް ދެއްވުމަށެވެ. އެދުވަހުން ފެށިގެން، ރަށުގެ އިސް ވަޒީފާތަކަށް ހިމާރުން އައްޔަނު ކުރެވެން ފެށުނެވެ. އާދެ، މޫސުން ބަލެމުގެ އަހުލުވެރިކަން ލިބިފައި ހުރި މީހަކާއި ހިމާރަކާ ދެމެދު ހުރި ތަފާތު ނޭނގޭ ރަސްރަސްކަލުން އުފެދުމުގެ ސަބަބުންނެވެ. ދެން، މާގިނަ ދުވަސްތަކެއް ނުވެ، ރަށުގެ ހުރިހާ ބޮޑެތި ވަޒީފާތަކުގެ ގޮނޑިތަކުގައި، އޭގެ ކަންފަތް ކޮޅަށް ޖެހުމާއި ތިރިވުމުގެ މައްޗަށް ބިނާކޮށް މޫސުން ލަފާކުރުމުގެ ހުނަރު ހުރި ފަދަ، ހިމާރުންތައް އިށީނދެ ތިބިތަން ފެނުނެވެ.