Support Us

"ލާޓާ، ސޭ މުވާ"– ދައުލަތް ހެއްޔެވެ؟ އެއީ އަހަންނެވެ!

މި އިބާރާތް- "ލާޓާ، ސޭ މުވާ"– ދައުލަތް ހެއްޔެވެ؟ އެއީ އަހަންނެވެ!– ނިސްބަތްކުރެވެނީ ފަރަންސޭސި ވިލާތުގެ މުތުލަގު ރަސްކަލެއް ކަމުގައިވާ ލުއީ 14 ވަނަ އަށެވެ. މުތުލަގޭ ބުނެފައިވަނީ ދައުލަތުގެ ހުރިހާ ބާރެއް، އެއީ ދައުލަތް ހިންގާ ބާރުކަމުގައި ވިޔަސް، ގާނޫނުތައް ހަދާ ބާރުކަމުގައި ވިޔަސް ނޫނީ ގާނޫނުތައް ހިންގާ ބާރު ކަމުގައި ވިޔަސް، މި ހުރިހާ ބާރެއް ވެސް އޮތީ އެ ރަސްގެފާނުގެ އަތްޕުޅުގައި ކަމަށްވީމައެވެ.

ފަރަންސޭސި ވިލާތުގެ ލުއީ 14ވަނަ ރަސްގެފާނަކީ މީލާދީ ސަނަތުން 1643 ވަނަ އަހަރުން ފެށިގެން 1715 ވަނަ އަހަރު އޭނާ އަވަހާރަވުމަށް ދާންދެން ފަރަންސޭސި ވިލާތުގެ ރަސްކަންކުރެއްވި ރަސްގެފާނެވެ. އޭނާގެ ބައްޕާފުޅު ލުއީ13ވަނަ އަވަހާރަވެ، އޭނާއަށް ރަސްކަން ލިބިވަޑައިގަތް އިރު ލުއީ 14ވަނަ ރަސްގެފާނުގެ އުމުރުފުޅަކީ އެންމެ ފަސް އަހަރެވެ. އެހެންވެ، ބޮޑުފުޅުވެ، ރަސްކަމުގެ ޒިންމާ އުފުއްލެވެންދެން ރަސްކަން ހިންގެވީ އޭނާގެ މަންމާފުޅާއި އަދި އިސް ވަޒީރު މަޒާރިންއެވެ. ލުއީ 14 ވަނަ އަމިއްލައަށް ރަސްކަން ހިންގެވުމާ ހަވާލުވެ ވަޑައިގަތީ 1661 ވަނަ އަހަރުއެވެ. އެއީ އޭނާގެ އިސް ވަޒީރު މަޒާރިން އަވަހާރަވުމުންނެވެ. އެހިނދު، އޭނާގެ ސެކެޓެރީންނަށާއި ވަޒީރުންނަށް ރަސްގެފާނު ވިދާޅުވިއެވެ. "ކަލޭމެން ކަލޭމެންގެ މަޝްވަރާދީ އަހަންނަށް އެހީވެދޭނީ އެކަމަށް އަހަރެން އެދިއްޖެ ހިނދެއްގައެވެ. ކަލޭމެންނަށް އިލްތިމާސްކޮށް އަހަރެން އަމުރުކުރަމެވެ. އަހަރެންގެ އަމުރެއް ނެތި، އެއްވެސް އެންގުމެއްގައި ކަލޭމެން ސިއްކަ ޖަހައިގެން ނުވާނެއެވެ. ޕާސްޕޯޓެއް ވިޔަސް އަދި އެހެން އެއްޗެއް ވިޔަސް އެއްވެސް އެއްޗެއްގައި ސޮއިނުކުރުމަށް، އަހަރެން ކަލޭމެންނަށް އަމުރުކުރަމެވެ…" އާދެ، ރަސްގެފާނުގެ މި އަމުރުފުޅުން، "ލާޓާ، ސޭ މުވާ"– 'ދައުލަތް ހެއްޔެވެ؟ އެއީ އަހަންނެވެ!' މި އިބާރާތުގެ މުރާދު ސާފުވެއެވެ. ހުރިހާ ބާރަކާއި އިޚުތިޔާރެއްގެ ވެރިޔަކީ ރަސްގެފާނުކަމެވެ.

މިފާޑުގެ ވެރިންނަށް، މަރުހޫމު އިބްރާހިމް ޝިހާބު ބޭނުންކުރައްވާ އިބާރާތެއް އޮވެއެވެ. ތިމާއަކީ މުޅި އުއްމަތްކަމަށް ދެކޭ ވެރިންނެވެ. މި އިބާރަތް އޭނާ ނިސްބަތްކުރެއްވީ ރައީސް މުހައްމަދު އަމީނަށެވެ. ރައީސް އަމީނުގެ ވެރިކަން ވެއްޓުނު ސަބަބުތައް ބަޔާންކުރައްވަމުންނެވެ. އިސްތިބްދާދިއްޔަތުގައި ހައްދު ފަހަނައަޅާ ގޮސް، މުޅި ގައުމަކީ އޭނާކަމުގައި ދެކެވަޑައިގަތްކަން ވިދާޅުވަމުންނެވެ. އާދެ، މި މާނައަށް އިޝާރަތްކޮށް ފަރަންސޭސި ރަސްގެފާނު ފަދައިން ހުރިހާ ބާރަކާ އިޚުތިޔާރެއް އޭނާއަށް ލިބެން ޖެހޭނޭ ރަސްރަސްކަލުންނާއި ވެރިންނަކީ 'އުއްމަތިއްޔަ' ވެރިންނެވެ. ގާނޫނާ ގަވާއިދުތަކަކީ އުއްމަތިއްޔަ ވެރިންނަށް މުހިއްމު އެއްޗިއްސެއް ނޫނެވެ. ގާނޫނުތަކާއި ގަވާއިދުތައް، އެވަގުތު ފެނުނު ގޮތަކަށް، އުއްމަތިއްޔަ ވެރިން އެމީހުންގެ ދުލުން ނެރެއެވެ. ކީއްވެ ހެއްޔެވެ؟ ދައުލަތަކީ ވެސް، ސަރުކާރަކީ ވެސް އަދި ގައުމަކީވެސް ހަމަ އެންމެ މީހަކަށް ވުމުންނެވެ. އެ ހުރިހާ އެއްޗަކީ ވެސް އުއްމަތިއްޔަ ވެރިޔާއަށް ވުމުންނެވެ!

އުއްމަތިއްޔަ ވެރިންގެ މައްސަލަ މަތިން ހަނދާންވީ ނޫސްތަކުން ފެންނަ މައި ސުރުޚީއެއްގައި އަޅައިގަތުމުންނެވެ. ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކައަކާ ގުޅޭ ޚަބަރެއް ކިޔާލުމުންނެވެ. އެ ޚަބަރުގައި އޭނާ ގޮވާލައްވާފައި ވަނީ ގިނަ އަދަދެއްގެ ބަޔަކު ހިފާ ހައްޔަރުކުރުމަށެވެ. މިކަން ޚާއްސަ ގޮތެއްގައި އަމާޒުވަނީ "އިސްލާމީ ނިރުބަވެރި އަމަލުގެ މީހުންނަށް" ކަމުގައި ބެލެވެއެވެ. ސަބަބަކީ ޖާނުން ފިދާވެ، މީހުން މަރައި ތަންތަން ވެސް ހަލާކުކުރުމުގެ މީހުންނަށް މި ބަންދު ކުރުން އަމާޒުކުރެވިފައިވާތީއެވެ. މިއީ ކޮން ބައެއްކަން ކަނޑައެޅިފައެއް ނެތެވެ. ޚަބަރުގައި އޭނާ ވިދާޅުވި ކަމަށް އޮތީ ބޮން ހެދުމުގެ ޓެކްނޮލޮޖީގެ ހުނަރު ހުރި އެންމެން ބަންދުކުރުމަށެވެ.

މިފަދަ ވާހަކައެއް އަޑުއަހައި، އެ ވާހަކަ ނިކުތް ދުލަކަށް ނުބަލައި އެއްޗެއް ބުނާ ނަމަ، އެންމެ ފުރަތަމަ ވެސް ހިތަށް އަންނާނީ މިއީ ބުއްދި ހަމަ ޖެހޭ މީހެއްގެ ވާހަކަ ބާވައެވެ؟ ނަމަވެސް، އެ ވާހަކަ ނިކުތް ދުލަކީ މަސްއޫލުވެރި ފަރާތަކަށް ވުމުން، އެއީ މޮޔައަކު ދައްކާ ވާހަކައެއް ކަމަށް ބެލޭކަށް ނެތެވެ. މިހެން ބުނާއިރު، މި ޚަބަރު ގެނެސްދީފައިވާ ބައެއް ނޫސްތަކުގެ ކޮމެންޓުތަކުގައި ބައެއް މީހުން، ރައީސް ނަޝީދުގެ ބުއްދި ސަލާމަތުން ހުރިތޯ ސުއާލުކޮށްފައި ވެއެވެ.

ކޮންމެ އަކަސް، މިފަދަ ގޮވުންތައް ގޮވުމާއި އަމުރުތައް ނެރުން، މި ފަހަރު، ގުޅުވާލާނީ ސަލާމަތް ބުއްދިނެތުމަކާ ނޫނެވެ. ނަމަވެސް، ކުރިން ނަންގަތް އުއްމަތިއްޔަ ވެރިޔާކަމުގެ ސިފައާއެވެ. މި ސިފައަކީ އަޅުގަނޑުމެންގެ ވެރިކަމުގެ ސަގާފަތުގައި ވަރަށް ގަދައަށް އަށަގަނެ ހަރުލާފައިވާ ސިފައެކެވެ. ކުރިން ނަންގަތް މަރުހޫމު ޝިހާބު އިބާރާތުން އެ ސިފަ ރައީސް އަމީނާ ގުޅުވާލެވިފައިވާ ތަން ފެންނާނެއެވެ. އޭނާ ވިދާޅުވެފައި ވެއެވެ. "މުޅި އުއްމަތަކީ މުހައްމަދު އަމީންކަމުގައި ޔަގީންވެވަޑައިގަތް ކަން އޭނާ ވެއްޓި ވަޑައިތުމުގެ އަސްލަކަށް ހިމެ[ނުނެވެ]."

މިހެން ވުމުގެ ނަތީޖާއަކީތޯއެވެ؟ މިކަން ސާފުކޮށްދެއްވަމުން މަރުހޫމު ޝިހާބު އިތުރަށް ވިދާޅުވެފައިވެއެވެ. "ދައުލަތުގެ ކޮންމެ އެއްޗަކީ، ރައްޔިތުންގެ ހުގޫގުތަކަކީ، އޭނާގެ އަމިއްލަފުޅު އެއްޗެއް ކަމުގައި މަސްހުނި[ކުރެވުމެވެ.] ހުރިހާ ބާރަކާއި އިޚުތިޔާރެއް މުހައްމަދު އަމީނަށް ލިބިވަޑައިގެން އުއްމަތިއްޔަ ވެރިޔަކަށްވެ، އޭނާ ކަންކަން ކުރެއްވި ގޮތުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ދީނީ ހާލަތު ދަށަށް ދިޔަކަމާއި ދައުލަތުގެ ޚަޒާނާ ބެލެހެއްޓުމުގައި އަމާނަތްތެރިކަން ނެތިގެން ދިޔަކަން މަރުހޫމު މާދޫގޭ އަލީ އަހުމަދު ލިޔުއްވާފައިވެއެވެ. އަދި މަރުހޫމު ގިރީތެރޭގޭ ކާމިލު ދީދީ ވިދާޅުވާ ގޮތުގައި މިކަންކަން މިހެންވާން ދިމާވީ "ޖުމްހޫރިއްޔަތުގެ ނަމުގައި މުހައްމަދު އަމީން ހިންގެވި ޚުދްމުޚްތާރު އަދި މުސްތަބިއްދު ވެރިކަމުގެ" ސަބަބުންނެވެ. މީގެ އިތުރުން، އެހެން ލިޔުންތެރިޔަކު ލިޔުއްވަނީ އުއްމަތިއްޔަ މުސްތަބިއްދު ވެރިންގެ ވެރިކަމުގައި ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުނުކުރެވި އެކަންކަން ބޭކާރުވެ، އެއްވެސް މާނައެއް ނެތް ކަމަކަށް ވެގެންދާ ކަމެވެ.

އާދެ، މަތީގައި ދެންމެ މި ފާހަގަކޮށްލެވުނީ ވެރިކަމުގައި އުއްމަތިއްޔަ ވެރިންގެ، ހުރިހާ ބާރަކާއި އިޚްތިޔާރެއް އެމީހުންގެ މުށުތެރޭގައި އޮންނަ ވެރިންގެ ސަބަބުން ގައުމަށް ކުރިމަތިވާ ނޭދެވޭ އަސަރުގެ ވާހަކައެވެ. އެފަދަ ވެރިންގެ ދުލަކީ، ފަރަންސޭސި ރަސްގެފާނު މީގެ ހަތަރު ސަތޭކަ ވަރަކަށް އަހަރު ކުރިން ވިދާޅުވި ފަދައިން، ގާނޫނުކަމަށް ވުމުން، ގާނޫނުތަކާއި ގަވާއިދުތައް ބޭކާރުވެ، ހިތު ހުރި ގޮތަކަށް ކަންތައް ކުރެވެނީއެވެ. އަދި އެކަމުގެ ސަބަބުން އަދުލު އިންސާފު ގެއްލި، ރައްޔިތުންގެ ހައްގުތައްވެސް ގެއްލިގެން ދަނީއެވެ. ދައުލަތުގެ ޚަޒާނާއަކީ ވެރި މީހާގެ އަމިއްލަ އެއްޗަކަށްވެ އެއަށް ވެސް ބޭނުން ގޮތެއް ހެދެނީއެވެ. އާދެ، އުއްމަތިއްޔަ ވެރިން ކުރިމަތި ކުރުވާ ގެއްލުންތަކެވެ.

އަޅުގަނޑުމެންގެ ތެރޭގައި، ރައީސް އަމީނުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް އުފެދުނީ މިފަދަ އުއްމަތިއްޔަ ވެރިންނެވެ. މުޅި ދައުލަތަކީ، ދައުލަތް ހިންގާ ސަރުކާރަކީ، އަދި ގައުމަކީ ވެސް ހަމައެކަނި ތިމާ ކަމުގައި ދެކޭ ވެރިންނެވެ. އެއީ ރައީސް ނާސިރަށް ނޫނީ ރައީސް މައުމޫނަށް ނޫނީ ރައީސް ނަޝީދަށް ނޫނީ ރައީސް ޔާމީނަށް ބެލިކަމުގައި ވިޔަސް ވެހެވެ. އަޅުގަނޑުމެންގެ ވެރިކަމުގެ ތެރޭގައި އޮތް އުއްމަތިއްޔަ ސަގާފަތަކަށް ބަދަލެއް ނާދެއެވެ.

މި ހުރިހާ ދައުރެއްގައި ވެސް، ބާރާއި އިޚްތިޔާރު އޮންނަނީ ވެރިޔާގެ މުއްޕުޅުގެ ތެރޭގައެވެ. ގާނޫނުތަކާއި ގަވާއދިތަކުގެ ބާރުގެ ދަށަކު ނޫނެވެ. މީސް މީހުން ބަންދުކުރަންވީމާ ދާދި ފަސޭހައިން ބަންދުކުރެވޭ ގޮތަށް 'ގާނޫނުތައް' ހަދާލެވިފައި އޮވެއެވެ. އާދެ، ކޮންމެ ފަދަ އެއްޗަކަށް ގާނޫނޭ ކިޔަން ނުވާއިރު ވެސް މެއެވެ. ނަމަވެސް، ގާނޫނުގެ އަތް ފޯރުވަންވީ ހިސާބަކަށް ފޯރުވޭނޭ ފަދަ، މާނަ ނޭނގޭ ގާނޫނުތައް ހުރެއެވެ. މިސާލަކަށް ރައީސް ނާސިރުގެ ދުވަސް ވަރު އޮތް 'ފިތުނަ އުފެއްދުމުގެ ގާނޫނެވެ'. ރައީސް މައުމޫނުގެ ދުވަސް ވަރު އޮތް ސަރުކާރާއި ރައްޔިތުން ޖައްސާ ގާނޫނެވެ. އަދި މިވަރުން ނުފުދިގެން 'ދީނީ އެއްބައިވަންތަ ކުރުމުގެ ގާނޫނެއް' ހަދައި ދީނާ ގުޅޭ އެއްވެސް ކަހަލަ ވާހަކައެއް މީހަކު ބުނެފި ނަމަ، އެމީހަކު ބަންދުކުރެވޭ ގޮތަށް ގާނޫނު ހެދިއެވެ. ބަންދު ކުރެވިދާނޭ ފަދަ ގާނޫނެއް ނެތް ނަމަ، ވެރިޔާ އަށް ފެނިއްޖެ ހިނދެއްގައި މީހުން ބަންދުކުރެއެވެ. ރައީސް ނާސިރު އިރުގައި އޭރުގެ ބޮޑު ވަޒީރު މަރުހޫމު ޒަކީ ފަސް އަހަރެއްވަންދެން ބަންދުކުރެވިފައި ހުރީ އެއްވެސް ޝަރީއަތެއް ނުކޮށެވެ. ހަމަ އެހެންމެ، ރައީސް ނަޝީދުގެ ދުވަސްވަރު، ގާޒީއެއް ބަންދުކުރެވުނީ ވެސް ގާނޫނީ ހަމަތަކުގެ މަތިންނެއް ނޫނެވެ. މީގެ އެންމެ ބޮޑު ހެއްކަކީ މި ދެކަމަކީ ވެސް ފަހުން ޝަރީއަތް ކުރެވި، އެކަން ކުރެވުނީ ގާނޫނާ ޚިލާފަށް ކަމަށް ނިންމުނު ދެކަމެވެ.

ދެން، މި ސިލްސިލާގެ، އާދެ، އުއްމަތިއްޔަ ވެރިން ހިތު ހުރި ގޮތަކަށް ކަންތައް ކުރުމުގެ ސިލްސިލާގެ ބޮޅުތަކުގެ ތެރެއަށް އެންމެ ފަހުގެ އިތުރުކޮށްލެވުނު ބޮޅުގެ ވާހަކައަށް އެނބުރިލަމާ ހެއްޔެވެ؟ އާދެ، ހިތަށް ފެންނަ ކޮންމެ މީހަކު ބަންދުކުރެވޭ ގޮތަށް ރައީސް ނަޝީދުގެ ގޮވާލެއްވި ގޮވާލެއްވުމުގެ ވާހަކައަށެވެ. މިވާހަކައަކީ ވެސް، އަޅުގަނޑު ދެކޭ ގޮތުގައި އުއްމަތިއްޔަ ސަގާފަތާ ގުޅޭ ކަމެކެވެ. 'ޖުމްހޫރިއްޔަތޭ ކިޔަސް، އޭގެ ނަމުގައި ރައީސް އަމީނު ވެސް މުސްތަބިއްދު ވެރިކަމެއް ހިންގެވި ފަދައިން، ޑިމޮކުރަސީއޭ ނޫނީ ގިނަ ޕާޓީތަކުގެ ޑިމިކުރަސީއޭ ކިޔަސް، އަޅުގަނޑުމެންގެ ތެރޭގައި އޮތް އިސްތިބްދާދިއްޔަ ގޮތާއި އުއްމަތިއްޔަ ވެރިން ނެތިދާ ގޮތެއް ނުވެއެވެ. ޝައްކެއް ނެތް ގޮތުގައި ރައީސް އަމީނުގެ އިރާއި މިހާރާ ތަފާތު ތަކެއް އެބަހުއްޓެވެ. ރައީސް އަމީންގެ ދުވަސްވަރު، ބޭނުން އެއްޗެއް ބުނުމުގެ މިނިވަންކަމެއް ނޯވެއެވެ. މިހާރު އެ މިނިވަންކަން ކޮންމެ ވެސް ވަރަކަށް އެބަ އޮތެވެ. ނަމަވެސް، މި މިނިވަންކަމަކީ ސަރުކާރުން ދީފައި އޮތް މިނިވަންކަމެއް ނޫނެވެ. ސަރުކާރުތަކަށް ކުރެވޭ ނަމަ، އެކަން ހުއްޓުވީހެވެ. އޭގެ ހެއްކަކީ ހެއްޔެވެ؟ ސަރުކާރު ނުރުހޭ ގޮތަށް އެއްޗެއް ބުނެފިނަމަ، ވަޒީފާއިން ވަކިކުރުމާއި ނޫސްތައް ޖޫރިމަނާކުރުމެވެ. އެ މީހަކު ބޭނުންވާ އަމިއްލަ ޚިޔާލު މިއަދު ފާޅުކުރެވެނީ ފަހަރެއްގައި ވެސް ސަރުކާރުތަކުން އެކަން ދޫކޮށްލާފައި އޮންނާތީކީ ނޫނެވެ. މިއަދުގެ ޚަބަރު ފަތުރާ ވަސީލަތްތަކުގެ ސަބަބުންނެވެ. ޚާއްސަކޮށް، ފޭސްބުކް ފަދަ ޚަބަރު ފަތުރާ އިޖުތިމާއި ވަސީލަތްތަކުގެ ސަބަބުންނެވެ. އެއްވެސް ނާޝިރަކާއި ނުލައި އެމީހަކު ބޭނުންވާ އެއްޗެއް ބުނެވެން އޮތީމައެވެ. އެހެންވެ، ރާއްޖެއަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައިދިނީ ތިމަންނައޭ ނުވަތަ ތިމަންނަމެންނޭ ބުނުމުގެ ހައްގު ވަކި ފަރުދަކަށް ނުވަތަ ވަކި މީހަކަށް ޚާއްސަވެފައި ނެތެވެ. އެކަމުގައި ވަރަށް ގިނަ މީހުންނަށް އަދަބު ލިބުނެވެ. މިސާލަކަށް އަޅުގަނޑުމެންގެ އާއިލީ ގާތް މީސްމީހުންނަށް ވެސް ބޮޑެތި ޖަލު ހުކުމްތައް ވެސް އެކަމުގެ ސަބަބުން އައިސްފައި ވެއެވެ.

ދެން އޮތް ވާހަކައަކީ ރައީސް ނަޝީދު އެތައް ބަޔެއް، ގާނޫނުގެ ބޭރުން، ހިފާ ހައްޔަރުކުރަން ގޮވާލައްވާ ގޮވާލެއްވުމުގެ މާނައަކީ ކޮބައިބާވައެވެ؟ ހަމަ، އެފަދަ މީސް މީހުން، ހަމަ އިހުގައި ވެސް ކަންތައް ކުރަމުން އައިގޮތަށް، ކޮންމެވެސް ބަހަނާއެއް ދައްކާފައި، އެ މީހުންގެ ފަރާތުން ސަރުކާރަށް ނުރައްކަލެއް ކުރިމަތިވެދާނޭ މީސް މީހުން ހިފާ ހައްޔަރުކުރަންވީ ބާވައެވެ؟ އެ ގޮވެލީގެ މާނައަކީ މިއީ ކަމަށް ވުމުގެ އިހުތިމާލު އެބައޮތެވެ. ނޫން ނަމަ މިއީ އެހެން ކަމެއްގެ ފެށުން ބާވައެވެ؟ މީގެ ދެއަހަރެއް ކުރިއް ސުރެން، ރާއްޖޭގައި އިންޑިޔާގެ ސިފައިންގެ މަރުކަޒުތައް ގާއިމުކޮށް، އިންޑިޔާގެ ސިފައިން ރާއްޖެ ގެނައުމުގެ މަގުސަދުގައި ރައްޔިތުންގެ ސިކުނޑި އެކަމަށް ތައްޔާރުކުރުމުގެ ގޮތުން ފެއްޓެވި ކެމްޕޭނުހެން، ކޮންމެ ވެސް އެހެން ކަމަކަށް ތައްޔާރު ވުމުގެ ގޮތުން ފެއްޓެވި ކަމެއް ބާވައެވެ؟ އޭރުގެ ކެމްޕޭނުގައި ޗައިނާއަކީ ރާއްޖެ ހިފަން އުޅޭ ތަނެއްކަމާއި، ރާއްޖޭގެ ސިފައިންނަކީ އިތުބާރު ނުކުރެވޭ ބައެއްކަމާއި ސިފައިންގެ ތެރޭގައި އަނދިރި ދައުލަތެއް އޮތްކަމާއި މިކަހަލަ ވާހަކަތައް ދެކެވުނެވެ. މިފަހަރު ބިރު ދައްކަނީ ރާއްޖޭގައި އޮތީ ހައްތަހާ ވެސް އައިސިސްގެ މީހުނޭ ބުނެއެވެ. އިންޑޔާގެ ސިފައިން ރާއްޖޭގައި ތިބުމަށް ބަހާނާއަކަށް އޭރު ނެގީ އިންޑިޔާ ކަނޑުގެ އަމަން އަމާންކަން ބެލެހެއްޓުމެވެ. މިފަހަރު އަނެއްކާ މިފެށެނީ އިންޑިޔާގެ ސިފައިންގެ އަތްމައްޗަށް ރާއްޖޭގެ ދާޚިލީ ކަންކަން ގެނައުމުގެ ކެމްޕޭނެއް ބާވައެވެ؟ މިކަމުގެ ވެސް އިހުތިމާލު ނެތެކޭ ނުބުނެވޭނެއެވެ. އެއީ ރާއްޖޭގެ ސިފައިން އުވާލުމުގެ ވާހަކައެއް ވެސް ވެރިކަން ކުރާ ޕާޓީގެ ތެރެއިން ދެއްކިފައިވާތީއެވެ. އެހެންވެ، އެކަން ކުރުން އަދިވެސް ފޮރުވިފައިވާ އެޖެންޑާގެ ތެރޭގައި އޮތުމަކީ އެކަށީގެންވާ ކަމެކޭ ބުނެވިދާނެތީއެވެ.

އަދި އިތުރު އެހެން ވާހަކައެކެވެ. ކައިރި މާޒީއަށް ބަލާލާއިރު ހައްތަހާ ވެސް މިފެންނަނީ އުއްމަތިއްޔަ ވެރިންނެވެ. ކޮންމެ ނަމެއްގައި ވެރިކަމަށް އައިކަމުގައި ވިޔަސް މި ސިފައަކަށް ބަދަލެއް ނާދެއެވެ. ޖުމްހޫރީ ވެރިކަމުގެ ނަމުގައި ވެރިކަން ހިންގިޔަސް ވެހެވެ. ދީނުގެ ނަމުގައި ވެރިކަމުގެ ގޮނޑިއާ ހަމައަށް ވާސިލުވެވުނަސް ވެހެވެ. ޑިމޮކުރަސީގެ ނަމުގައި އެ ގޮނޑީގައި އިށީނދެވުނަސް ވެހެވެ. މިފަދަ އުއްމަތިއްޔަ ވެރިންގެ ސަގާފަތެއް އޮތުމުން ގައުމަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑުކަން އެންމެނަށް ވެސް އެނގެއެވެ. ދައުލަތުގެ ޚަޒާނާއަކީ ވެރިކަމުގައި ހުންނަ މީހަކު ބޭނުން ގޮތަކަށް ކަންތައް ކުރެވޭ އެއްޗަކަށް ވެއެވެ. ވެރިޔާގެ ނުރުހުމުގެ ނަޒަރު އެމީހަކާ ދިމާއަށް ހުއްޓިއްޖެ ނަމަ، އޭނާގެ ދުވަސް ދެއެވެ. އެންމެ ފަހުން މިހާރު މިއޮތީ ގައުމުގެ ސިޔާދަތާއި މިނިވަންކަން ވެސް ގެއްލޭ ހިސާބަށް ގޮއްސައެވެ. ހަމަ މިނަންގަތް އުއްމަތިއްޔަ ވެރިންގެ ސަބަބުންނެވެ. މީގެ އިތުރުން އަމުރުވެރިން ގިނަވެ، ތިމާގެ ގާނޫނީ ހައިސިއްޔަތަކީ ކޮބައިކަން އޮޅި ބޭރު ދައުލަތްތަކަށް އަމިއްލަ ގައުމު ހިފުމަށް ބޭރު ދައުލަތްކަށް ދައުވަތު ދިނުމުގެ ބާރު ވެސް އޮތް ކަމަށް ހިވާ އުއްމަތިއްޔަ ވެރިން އުފެދިފައެވެ. ފަރަންސޭސި ރަސްގެފާނު ލުއީ 14ވަނަ ވިދާޅުވި ފަދައިން، ތިމަންނައަކީ ދައުލަތޭ ސަރުކާރޭ، އުއްމަތޭ ފާޓީތަކުގެ ވެރިންނަސް ވެސް ބުނެވޭ ގޮތްވެ، ހުރިހާ ބާރަކާއި އިޚުތިޔާރެއް އެމީހުންގެ މުށުތެރެއަށްލާ ވެރިންގެ ސަބަބުންނެވެ. މިހެން ކަންތައް ވަމުންދަނީ ކީއްވެގެން ބާވައޭ ސުއާލުކުރަން ޖެހެއެވެ. ޖަވާބުގައި ބުނަން ޖެހެނީ އުއްމަތިއްޔަ، މުސްތަބިއްދު، ޚުދްމުޚްތާރު ވެރިން އުފައްދަނީ ރައްޔިތުންނެވެ. އެމީހުންގެ އަމިއްލަ ވިސްނުން ބޭނުން ނުކޮށް، ތިމާއަށް ލިބިދާނެ، އާދެ، ލިބިދާނެ، މާއްދީ ފައިދާއަކަށްޓަކައި، ނުނީ އެހެން މީހަކާ މެދު އޮތް ހަސަދަވެރިކަމެއްގެ ސަބަބުން، ވެރިކަމަށް ކުފޫ ހަމަނުވާ މީހުން ވެރިކަމަށް އިސްކުރާތީއެވެ. އަދި، އެއަށް ފަހު، އެމީހުންނަކީ، ކީރިތި ގުރުއާނުގެ އިބާރާތެއް ބޭނުން ކުރާނަމަ، 'އަންދާދުން’ތަކެއް ކަމުގައި، 'ކުދި ކަލާނގެތަކެއް ކަމުގައި ހަދައި' މޮޔަ ގޮވާއިރު ވެސް، ޚުޝާމަދުކޮށް، އަތްތިލަބަޑި ޖަހަން ތިބޭތީއެވެ. މާޒީގައި ކަން ހިނގި ކިހިނެއްކަން ދެނެގަނެ، އެ މާޒީ އަނެއްކާ ވެސް ހާޒިރަށް ނުވޭތޯ ނުބެލޭތީއެވެ. އެހެންވެ، ރައްޔިތުންނަށް އަބަދުވެސް މި އުފެއްދެނީ ތިމަންނައަކީ ދައުލަތޭ، ސަރުކާރޭ، އުއްމަތޭ ގައުމޭ ބުނާ ވެރިންނެވެ! ގައުމުގެ މަސްލަހަތު އިސްކޮށްގެން، ޖަމާއީ ފައިދާއަށްޓަކައި މަސައްކަތްކުރާނޭ ވެރިންނެއް ނޫނެވެ. މިކަން ބަދަލުވާނީ ވެރިންނަށް ދޮގު ތައުރީފާއި ޚުޝާމަދުކުރުން ހުއްޓައި މޮޔަ ގޮވާއިރު އެ ގޮވަނީ މޮޔައޭ ބުނަން އެނގިގެންނެވެ!