Support Us

ކޮންމެ އެއްޗަކީ ވާ ވަލުން ހޮވައި، ބިނދެ، ކޮށަން ލިބެން ހުންނަ އެއްޗެއް ނޫނެވެ!

އިހުގައި ރާއްޖޭގެ ގިނަ ރަށް ރަށުގައި ބައެއް ކަހަލަ އެއްޗިއްސަށް ބޭނުން ޖެހުމުން، ގެއިން އެ އެއްޗެއް ނުލިބިއްޖެ ނަމަ، ބައެއް ފަހަރު، ވާ އޮންނަ ރަށެއް ނަމަ، ވަލަށް ގޮސް އެ އެއްޗެއް ލިބޭ ގޮތް ވެއެވެ. މިސާލަކަށް، ވަކި ކަހަލަ ފަތްކޮޅެއް ބޭނުންވެ، ގޭ ގޯތިތެރެއިން އެ ލިބެން ނެތް ނަމަ، ވަލުތެރޭން އެ ފަދަ ފަތް ލިބޭން ހުރެއެވެ. ދެން، ވަލުތެރަށް ގޮސް އެ ފަތް ބިނދެގެން ގެނެސް އޭގެ ބޭނުންކޮށް ކުރަން ޖެހުނު ކަންތައް ކޮށް ނިންމާލެވެއެވެ.

ހަމަ އެހެންމެ، ދާދި ފަހަކާ ޖެހެންދެން ދަރުގެ މައްސަލަ ވެސް އޮތީ މިފަދަ ގޮތެއްގައެވެ. ހެނދުނު ހެނދުނާ ވަލުތެރަށް ގޮސް ކެއްކުމަށްޓަކާ ބޭނުންވާ ދަރު ހޮވައިގެން ނޫނީ ކޮށައިގެން ގެއަށް ގެނެއެވެ. އާދެ، ބައެއް ކަހަލަ އެއްޗިއްސަކީ އެއް އިރެއްގައި ރާއްޖޭގެ އެކިއެކި ރަށްތަކުގެ ވާވަލުން ލިބެން ހުންނަ އެއްޗިއްސެވެ. އެ ހޯދަން ހަމަ އެކަނި ކުރަން ޖެހޭ މަސައްކަތަކީ ވަލަށް ގޮސް އެ އެއްޗެހި ހޮވުމެވެ. ނޫނީ ބިނުމެވެ. ނޫނީ ކޮށުމެވެ.

ނަމަވެސް، ކޮންމެ ކޮންމެ އެއްޗަކީ މިފަދަ ގޮތެއްގައި ލިބެން ހުންނަ އެއްޗިއްސެއް ނޫނެވެ. އިހުގައި މި ނަންގަތްހެން ހިލޭ ލިބެން ހުރި ބައެއް އެއްޗިއްސަކީ މިހާރު ހިލޭ ލިބެން ހުންނަ އެއްޗިއްސެއް ނޫނެވެ. ބައެއް ރަށްރަށުގެ ވާ ނެތި ދިޔުމުން، އިހުނު ފަދައިން މިހާރު އެ ރަށްރަށުން ދަރު ލިބޭ ގޮތެއް ނުވެއެވެ. މިކަން 80ގެ އަހަރުތަކުގެ ތެރޭގައި ވެސް ފާހަގަ ކުރެވުނެވެ. މަސްވެރިކަން ކުރާ ބައެއް ދޯނިފަހަރުގެ މީސްމީހުން، އެމީހުންގެ ރަށްރަށުން ދަރު ލިބެން ނެތުމުން، ބާނާ މަސް ހިފައިގެން ދަރު ލިބެން ހުންނަ ރަށްރަށަށް ގޮސް، އެ ރަށްރަށު މީހުން ލައްވައި މަސް ކައްކައި، މަސް ވަޅޯކޮށްގެން މާލެ ވިއްކަން ގޮސް އުޅުނެވެ. މަސް ކެއްކުމުގެ އަގެއް ގޮތުގައި އެ ރަށްރަށު މީހުންނަށް، ގަރުދިޔައާއި ހާމަހާއި ރިހާކުރު ލިބެއެވެ.

ކޮންމެ އަކަސް، މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ ކޮންމެ ކޮންމެ އެއްޗަކީ ވަލުން ނޫނީ އެހެން ތަނަކުން ހޮވައި ބިނދެ ކޮށެން އޮންނަ އެއްޗިއްސެއް ނޫންކަމެވެ. މިކަން ފާހަގަކޮށްލަން ޖެހުނީ ދޭތެރެދޭތެރޭން އިވޭ އަޑެއްގެ ސަބަބުންނެވެ. ވަޒީފާތަކަށް ބޭނުންވާ ހުނަރު ހުރި މީހުން ނުލިބޭ ކަމުގެ ވާހަކައެވެ. އަދި، އެހެންވެ، އެފަދަ ހުނަރުވެރިން ބޭރުން ގެންނަން ޖެހޭ ވާހަކައެވެ. މި ވާހަކަ އެންމެ ފަހުން އިވިގެން ދިޔައީ ގުރުއާނާއި އަރަބި ބަސް ކިޔަވައިދޭނޭ މުދައްރިސުން އިންޑިޔާއިން ގެނައުމުގެ ސަބަބު ބަޔާން ކޮށްދެމުން، މިކަން ކުރެވުނީ އެފަދަ މުދައްރިސުން ރާއްޖެއިން ނުލިބުނީމައޭ ކަމާ ބެހޭ ރަސްމީ ފަރާތުން، އާދެ، އެޑިޔުކޭޝަން މިނިސްޓުރީން ބުނީމައެވެ. މިފަދަ ވާހަކަތައް ދައްކާއިރު، އެ ވާހަކަތައް ބުނާ ކަހަލައެވެ. މިފަދަ ހުނަރުތައް ލިބޭ މީހުން "ވަލުތެރޭން، ނޫނީ މޫދުން، ނޫނީ އެނޫން ވެސް އެހެން ތަނަކުން ނުލިބުނެވެ!"

އާދެ، ފަހަރެއްގައި ވެސް މިބުނަނީ ކަމާ ބެހޭ ފަރާތުން މިހެން ބުނި ވާހަކައެއް ނޫނެވެ. ވަލުންނާއި މޫދުން އަރަތްބާއި ގުރުއާން ކިޔަވައިދޭ މުދައްރިސުންނާއި އަދިވެސް އެކި ހުނަރުތަކުގެ ވެރި މީސް މީހުން ހޯދަނީ ވަލުންނާއި މޫދުން ކަމަށް ބުނި ވާހަކައެއް ނޫނެވެ. މިހެން ބުނާ ކަހަލަ ވާހަކައެވެ. މިފަދައިން ބުނާހެން ހީވާ ކަހަލަ ވާހަކައެވެ. ދެން، އުފެދޭ ސުއާލަކީ، ވަލުންނާއި މޫދުން އެކިއެކި ވަޒީފާތަކަށް ބޭނުންވާ ހުނަރު ހުރި މީހުން ނުލިބިއްޖެ ނަމަ، ދެން އެފަދަ މީހުން ހޯދާނީ ކިހިނެއް ހެއްޔެވެ؟ ކުރު ޖަވާބަކީ އެފަދަ މީހުން ޖެހޭނީ އުފައްދާށެވެ. އަދި، އެފަދަ މީހުންނަށް ވަޒީފާ އަދާ ކުރެވޭނޭ މާހައުލެއްވެސް އުފައްދާށެވެ. މި ދެ ނުކުތާގެ މައްޗަށް އިތުރަށް ބަލާލުން މުހިއްމެވެ.

ކަންކަމަށް ބޭނުންވާ މީހުން އުފެއްދުމަކީ، ޝައްކެއް ނެތް ގޮތުގައި ގައުމީ ވާޖިބެކެވެ. ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އަވާޖިބު އަދާ ކުރުމުގެ މަސްއޫލިއްޔަތު އެޅެނީ އެ ވަގުތު ގައުމު ހިންގުމާ ހަވާލުވެ އޮންނަ ސަރުކާރެއްގެ ބޮލުގައެވެ. މިހެން ބުނާއިރަށް، މި ދުވަސްވަރު، އެންމެ ފުރަތަމަ ވެސް ގިނަ ބައެއްގެ ހިތަށް އަންނަނީ "ގަބަލީ ވިސްނުމެވެ." ތި އުޅެނީ ވަކި ސަރުކާރެއް ގޯސްކުރާށެވެ! އަދި ވަކި ސަރުކާރެއް ރަނގަޅުކުރާށެވެ! އެހެންވެ، އެންމެ ފުރަތަމަ ވެސް ބުނަން ޖެހެނީ މިއުޅެނީ ސަރުކާރެއް ގޯސްކޮށްފައި ސަރުކާރެއް ރަނގަޅުކުރަން ނޫން ކަމުގައެވެ. މިއުޅެނީ ގައުމީ މައްސަލައެއް ފާހަގަކޮށް އެއީ ހައްލުކުރަންވެއްޖެ ކަމެކޭ ބުނެވޭތޯއެވެ. މިއީ މިއަދުގެ މައްސަލައެއް ނޫނެވެ. މިއީ އެންމެ އިހުއް ސުރެން އޮތް މައްސަލައެކެވެ. މި މައްސަލަ ހައްލު ނުކުރެވި އޮތުމަށް ކުރިމަތިވެފައި އޮންނަ ހުރަސްތަކެއް އެންމެ ކުރިއްސުރެވެސް އޮތްކަން ވެސް ފާހަގަކޮށްލަން ބޭނުންވެއެވެ. މިއީ ވަކި ސަރުކާރަކާ ގުޅިފައި އޮތް ކަމެއް ނޫންކަން ބުނެދިމަށާއި މިކަން ހައްލުކުރެވޭނީ މި ހުރަހާއި އަދި ވެސް މި މައްސަލަ ހައްލުކުރުމަށް ހުރި އެހެންވެސް ހުރަސްތައް ނައްތާލެވިގެން ކަމުގައި ބުނުމެވެ. ކޮންމެ މައްސަލައެއްގެ ހައްލުގެ ފެށުމަކީ އެ މައްސަލަ ހައްލުކުރުމުގެ އެދުން، މައްސަލަ ހައްލުކުރުމުގެ ބާރާއި އިޚުތިޔާރު އޮތް ފަރާތެއްގެ ކިބައިގައި އުފެދުމެވެ. ދެން، އޮންނާނީ މައްސަލައިގެ އަސްލު ފާހަގަކޮށް، އެކަން ދެނެގަތުމެވެ. އަދި، އެކަން ކުރުމަށް ހުރި ކަންކަން ކުރުމެވެ. މިކަން ކަމުގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟

ކަންކަމަށް ބޭނުންވާ މީހުން ތައްޔާރުކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ. މީހުން ތަމްރީނުކޮށްގެންނެވެ. މިކަމަކީ، ރާއްޖޭގައި، މީގެ ހަތްދިހަ ވަރަކަށް އަހަރުއްސުރެ ކުރިން ފެށިގެން ކުރެވެމުން އަންނަ ކަމެކެވެ. ނަމަވެސް، މާ އެކަށީގެންވާ ގޮތެއްގައި ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ. މި ޒަމާނުގައި، އެންމެ ފުރަތަމަ އެކި އެކި ކަންކަމަށް މީހުން ތަމްރީނު ކުރަން ވެއްޖެ ކަން ފާހަގަ ކުރެވުނީ 1940ގެ އަހަރުތަކުގެ ތެރޭގައެވެ. ސަރުކާރުގެ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާނޭ، ލިޔަން ކިޔަން ވެސް އެނގޭ މީހުން ފުދޭވަރަށް ނެތުމުންނެވެ. އެހެންވެ، ތައުލީމު އާންމު ކުރުމުގެ މަސައްކަތް ފެށުނެވެ. ސަރުކާރުން ހިންގާ އިސްކޫލެއް އުފައްދައި ރާއްޖޭގެ އެކި ހިސާބުތަކުން ކުދިން ގެނެވި ސަރުކާރުގެ ޚަރަދުގައި ކިޔަވައިދޭން ފެށުނެވެ. މި ފިޔަވަޅުގެ ސަބަބުން ސަރުކާރުގެ އެކި އެކި ދާއިރާތަކުގައި މަސައްކަތްކުރާނެ ބަޔަކު އުފެދުނެވެ.

ފަންސާހުގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ތައުލީމީ ދާއިރާއަށް ވަރަށް ހީނަރުކަން އައެވެ. ރާއްޖޭގެ އެ ދުވަސްވަރުގެ އިލްމުވެރި ބޭފުޅަކު ފާހަގަކުރެއްވީ އޭރުގެ ވުޒާރަތުލް މައާރިފުން ކުރާހާ ވެސް ކަމަކީ "ބޮޑުތަރުތީބު ވިއްކުމެވެ." އެހެންވެ، އެ ބޭފުޅަކު ވިދާޅުވީ "ވުޒާރަތުލް މައާރިފަކީ ބޭނުން ނެތް ތަނެއް ކަމާއި އެތަން އުވާލަން ޖެހޭ ކަމެކެވެ." އަދި، އެ ގޮތުން، އެ ބޭފުޅަކު އޭރުގެ ރައްޔިތުންގެ މަޖުލިހަށް ވުޒާރަތުލް މައާރިފު އުވާލުމުގެ ބިލެއް ވެސް ހުށަހެޅުއްވި ކަމަށް ވެއެވެ. މި ވާހަކައަކީ، އަޅުގަނޑުމެން މަޖީދިއްޔާގައި އުޅުނު ދުވަސްވަރު، ޖަލްސާއެއްގައި އޭރުގެ ސަރުކާރުގެ މިނިސްޓަރަކު ހުރިހާ ކުދިންގެ ކުރިމަތީ ވިދާޅުވި ވާހަކައެކެވެ. މި ވާހަކައިން ކިޔަވައި ދިނުމާއި އަދި މީހުން ތަމްރީނުކުރުމުގެ މަސައްކަތް އެހާ ހަރުދަނާ ގޮތެއްގައި ކުރިއަށް ނުގެންދެވޭކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އިތުރަށް ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން، މި ފަދަ މަސައްކަތް ރާއްޖޭގައި ސަރުކާރުތަކުން އިސްނަގައިގެން ހިންގާލުމަށް ހުރަސް އަޅާ ކަމެއް އޮވެއެވެ. ދިވެހިންގެ ޚާއްސުންނާއި އަދި ބައެއް ފަހަރު އާންމުންގެ ނަފްސުގައި އެންމެ އިހުއްސުރެން ހަރުލާފައިހުރި ދިވެހި ނަފްސާނިއްޔަތާއި (ސައިކްއާ) ގުޅޭ ކަމެކެވެ. އެކަން، އިހުގެ ބައެއް ވެރިންގެ ބަސްފުޅުތަކުގައި ޚުލާސާކޮށްލެވިފައިވެއެވެ. "ދިވެހިންނަށް ދެކަމެއް ކޮށްދީގެން ނުވާނެއެވެ. ކިޔަވައިދިނުމާއި ފައިސާވެރިކުރުވުމުވެ." އާދެ، ކިޔަވައިދީ ތަނަވަސް ދިރުއުޅުން ދިވެހިންނަށް ހޯދައިދީގެން ނުވާނޭ ބުނަން ޖެހެނީ ކީއްވެ ހެއްޔެވެ؟ އެކަން ވެސް ހަމަ އިހުގެ ބޮޑު ބޭފުޅަކު ވިދާޅުވެފައި އޮވެއެވެ. "ކިޔަވައި ނޫނީ ތަނަވަސް ކަން ލިބިއްޖެ ނަމަ، ވެރިކަމާ ތޮޅޭނެއެވެ." އާދެ، ވެރިކަމަށް އޮތް ދަހިވެތި ކަމެއްގެ ސަބަބުން ކިޔަވައިދިނުމާއި ފަސޭހަކަމާއެކު ދިރިއުޅުމުގެ ކަންކަން ހަމަޖެހޭނޭ ގޮތް ހެދުމަކީ ކޮންގެންވާނޭ ކަންކަމެއް ނޫނެވެ.

މިފަދަ ކަންކަމީ ހަމައެކަނި ވެރިކަމުގެ އިސް ސަފުތަކުގައި ތިބި "ބޭފުޅުން" ދެކިލެއްވި ގޮތެއް ނޫނެވެ. އަދި، ހަމަ އެކަނި، މާލޭގައި ކަން އޮތް ގޮތެއް ވެސް ނޫނެވެ. އާންމުންގެ ތެރޭގައްޔާއި ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް ކަން އޮތީ ހަމަ މިފދަ ގޮތަކަށެވެ. އަތޮޅުތަކާއި ރަށްރަށުގެ ވެރިކަން އޮންނަން ޖެހޭނީ ވަކި އާއިލާ ތަކެއްގެ ތެރޭގައެވެ. އެހެންވެ، ވެރިކަމުގައި ހުރި މީހެއްގެ އެންމެ ބޮޑު އެއް މަގުސަދެއްކަމުގައި ވެފައި އޮންނަނީ އޭނާގެ ވެރިކަން ނިމޭ އިރަށް އާއިލާގެ އެހެން މީހަކާ އެކަން ހަވާލުކުރެވޭ ގޮތް ހެދުމެވެ. އާއިލާއިން ބޭރު އެހެން އެއްވެސް މީހަކަށް ވެރިކަމުގެ ގޮނޑިއާ ކައިރި ނުވެވޭ ގޮތް ހެދުމެވެ. މީގެ އިތުރުން، މަސައްކަތެއް ދަސްވެފައި ހުރި މީހެއް ނަމަ، އެ މަސައްކަތް އެހެން މީހުންނަށް ދަސްކޮށްދިނުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އެ މަސައްކަތް ދަންނަ އާންމުން ވެސް ނުދެކެއެވެ. މިސާލަކަށް ދިވެހި ބޭސްވެރިކަން ދަންނަ މީސްމީހުން ވަރަށް ގިނަ ފަހަރު ނިމިދަނީ އެމީހުންގެ ހުނަރު އެހެން މީސްމީހުންނަށް ފޯރުނުކޮށްދީއެވެ. މީގެ މައްޗަށް ވަޑާން ކުރުމާއި އަދި އެނޫން އެހެން މަސައްކަތްތައް ވެސް ގިޔާސް ކޮށްލާށެވެ!

އާދެ، މީހުން ތަމްރީނުކުރުމުގެ ވާހަކަ ދައްކަން ފަށާއިރު އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމެއްކަމުގައި ފާހަގަކޮށްލަން ޖެހެނީ ދިވެހި ނަފްސާނިއްޔަތުގެ މި ކަން ނެތިކޮށްލަން ޖެހޭ ކަމެވެ. ކަންކަމަށް މީހުން އިސްކުރެވެނީ ތަމްރީނު ލިބިގެންކަން ގަބޫލުކުރަން ޖެހިއްޖެއެވެ. އެކަމަކީ ވަކި އާއިލާއަކަށް ނުވަތަ ވަކީ ޕާޓީއަކަށް ނުވަތަ ވަކި މީހަކާ ގުޅުން އޮތުމުން ވާން ޖެހޭނޭ ކަމެއްކަން ދޫކޮށްލަން ޖެހިއްޖެއެވެ. އަޅުގަނޑު ހިތުން މިކަން ދޫކޮށްލެވިއްޖެ ނަމަ، މީހުން ތަމްރީނުކުރުމުގެ އެދުން އުފެދި، އެކަން ކުރަން ފެށޭނެއެވެ. ހުޅަނގުން ވެސް މީގެ މިސާލު ފެނެއެވެ. މިސާލަކަށް ފަރަންސޭސި އިންގިލާބުގެ ކުރިން ބޮޑެތި ވަޒީފާތައް ދެވެނީ އާއިލީ ގުޅުންތަކަށް ބެލިގެންނެވެ. ނަމަވެސް، އިންގިލާބަށް ފަހު މިކަން ބަދަލުވިއެވެ. އަދި، ކަންކަމަށް ބޭނުންވާ މީސްމީހުން، ތައުލީމީ ނިޒާމުގެ ދަށުން ތަމްރީކުރުމަށް އިސްކަން ދެވުނުވެ. މި މަސައްކަތް، ޚާއްސަ ގޮތެއްގައި ނެޕޯލިޔަންގެ ދުވަސްވަރު ފަރަންސޭސީ ތައުލީމީ ނިޒާމަށް ގެނެވުނު ބަދަލުތަކުން ފާހަގަކޮށްލެވެއެވެ.

ދެން، ފަސްދޮޅަކުގެ އަހަރުތަކަށް އެޅުނުތަނާ ރާއްޖޭގެ ތައުލީމަށް ބޮޑު ބަދަލެއް ގެނެވުނެވެ. ތައުލީމީ ނިޒާމުގައި އިރުޝާދުދެވޭ ބަހަކީ އިނިގިރޭސި ބަހަށް ހަދާލެވި، އިނގިރޭސި މަންހަޖުތައް ކިޔަވައިދޭން ފެށުނެވެ. ނަމަވެސް، މިކަން އެންމެ އެކަށީގެންވާ ގޮތުގައި ހިންގާލުމަށް ބޭނުންވާ މުދައްރިސުން އުފެއްދުމުގެ މަސައްކަތެއް ނުކުރެވެއެވެ. މީގެ ހެއްކަކީ އޭގެ ފަހުން ފަސްދޮޅަހަކަށް އަހަރުވީ އިރުވެސް، ފުދޭވަރާ ގާތަށް ވެސް، އެކިއެކި މާއްދާތައް ކިޔަވައިދޭނޭ ގާބިލު ދިވެހި މުދައްރިސުން އުފެއްދިފައި ނެތުމެވެ. ޝައްކެތް ނެތް ގޮތުގައި ހަތްދިހައިގެ އަހަރުތަކާއި އަށްޑިހައި އަހަރުތަކުގައި ވެސް އެކިއެކި ރޮނގުތަކުގައި މީސް މީހުން ތައްޔާރު ކުރެވުނެވެ. ޝަރުއީ ދާއިރާގައި މަސައްކަތްކުރާނޭ ގާޒީން ތައްޔާރުކުރުމުގެ މަސައްކަތް ފަސްދޮޅަހުގެ ފަހުކޮޅުން ފެށިގެން ކުރިއަށް ގެންދެވުނެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރާނޭ އަސާސީ ފެންވަރެއްގެ ބަޔަކު ހަތްދިހައިގެ އަހަރުތަކުގައި ތައްޔާރުކުރެވުނެވެ. އަށްޑިހައިގެ އަހަރުތަކުގައި އިބްތިދާއީ މަރުހަލާތަކުގައި ކިޔަވައިދޭނޭ ޓީޗަރުން ތައްޔާރުކަން ފެށުނެވެ. އަދި، ފަހުން، އިސްލާމް މުދައްރިސުންނާއި ގުރުއާން މުދައްރިސުން ތަމްރީނުކުރާ ކޯސްތައް ވެސް ހިންގުނެވެ. ހަމަ އެހެންމެ، ހޮޓެލް އިސްކޫލު ހުޅުވި ދަތުރުފަތުރުގެ ސިނާއަތަށް ބޭނުންވާ މީސްމީހުން ތަމްރީނުކުރަން ވެސް ފެށުނެވެ. ހޮޓެލް އިސްކޫލުގެ ކުރިން ވެސް، މި ދާއިރާގައި މަސައްކަތްކުރާނޭ މީހުން ތައްޔާރުކުރުމުގެ ގޮތުން މީސްމީހުން ލަންކާއަށް ފޮނުވައިގެން ތަމްރީނު ދެވުނެވެ.

މިހުރިހާ ކަންކަމެއް ފެށިނު އިރުވެސް، އިއްޔެކޭ އެއްފަދައިން މިއަދުވެސް މި ފެންނަނީ އެކަށީގެންވާ އަދަދާ ގާތަށް ވެސް މީހުން ތަމްރީނު ވެފައި ނެތް ކަމެވެ. ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާނޭ މީހުންނެވެ. ޚާއްސަ ގޮތެއްގައި ތައުލީމީ ދާއިރާގައި މަސައްކަތްކުރާނޭ ޓީޗަރުންނެވެ. މިފަދަ މީހުން ނެތޭ ނުވަތަ ނުލިބުނޭ، ތައުލީމީ ވުޒާރާގެ ފަރާތުން ބުނުމަކީ ހަމަޖެހޭ ކަމަކަށް ނުވެއެވެ. ސަބަބަކީ، ތައުލީމީ ދާއިރާއަކީ މިފަދަ މައްސަލަތައް ބަލައި މިފަދަ މައްސަލައް ހައްލުކުރުމުގެ ސިޔާސަތު އެކުލަވާލައި އެ ސިޔާސަތު ހިންގަން ތިބި ފަރާތްކަމަށް ވާތީއެވެ.

ދެން އޮތީ މިކަމަށް އޮތް އެހެން ހުރަހެއްގެ ވާހަކައެވެ. ކުރިން ނަންގަތް ނަފްސާނިއްޔަތުގެ ހުރަހުގެ އިތުރުންނެވެ. މި ބުނަން އުޅޭ ހުރަސް އަސާސީ ގޮތެއްގައި ގުޅެނީ ފައިސާއާއެވެ. އެއްވެސް ކަމަކީ ހިލޭ ކޮށްފާނޭ ނުވަތަ ކުރަން ޖެހޭނޭ ކަމެއްކަމުގައި ދެކިގެން ނުވާނެއެވެ. މީހަކު ކުރާ މަސައްކަތުން އޭނާއަށް ހަމަޖެހިގެން ދިރިއުޅެވެން ޖެހެއެވެ. އެހެންވެ، ކިޔަވައިދިނުމުގެ މަސައްކަތާއި ވިސްނުން ތޫނު ކުދިން ކުރިމަތިލުމަށްޓަކައި ކިޔަވައިދިނުމަކީ ފައިސާގެ ގޮތުން ބަލާއިރު ރަނގަޅުކަމަށް ވާން ޖެހެއެވެ. ސަރުކާރުތަކުން، މިކަމަށް ޚަރަދުކުރަން ޖެހެއެވެ. އާދެ މިކަމަށް އިސްތިސްމާރުކުރަން، އިންވެސްޓުކުރަން ޖެހެއެވެ. އެއްވެސް ހުނަރެއް، ތަނެއް ދޮރެއް ނޭނގޭ މަޖުލީހުގެ މެމްބަރަކަށް ލައްކައި މުސާރަދެވޭ ކަމަށް ވަންޏާ، އެމީހުންގެ އުމުރު ތައުލީމީ ދާއިރާގައި އެހެން ދާއިރާތަކުގައި މަސައްކަތްކުރާނޭ އިގުތިސާދީ ގޮތުން ފައިދާ ކޮށްދޭ ބަޔަކު އުފައްދަން ތިބޭ މުދައްރިސުންނަށް އެކަށީގެންވާ ރަނގަޅު މުސާރައެއް ނުދެވޭންޖެހޭ ސަބަބެއް ނެތެވެ.

ކޮންމެ އަކަސް ފާހަގަކޮށްލަން ޖެހެނީ، ކަންކަމަށް ބޭނުންވާ ހުނަރުވެރި މީހުންނަކީ ވަލަށް ވަދެ، ގަސްގަހުން ފަތް ކަނޑައި ނުވަތަ ދަރު ހޮވައި ކޮށާ ފަދަ ގޮތަކަށް ލިބެން އޮންނަ އެއްޗެއް ނޫންކަމެވެ. އެކަމަކީ އެފަދަ މީސްމީހުން ލިބޭނީ އެފަދަ މީސްމީހުން ތައްޔާރުކުރުމުންނެވެ. އަދި، އެމީހުންނަށް މަސައްކަތްކުރުމުގެ ހިތްޖެހޭ ހާލަތުތަކެއް ވެސް އުފައްދައިގެންނެވެ. މިކަމަކީ ސަރުކާރުތަކުން ކުރަން ޖެހޭ ކަމެކެވެ. ސަރުކާރުތައް އޮތުމުގެ ބޭނުމަކީ މިފަދަ މަސައްކަތްތައް ކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

One Response

  1. ރާއްޖޭގައި އެބަތިބި ޔާމީނު ސަރުކާރުން ކިޔަވާދީ ތައްޔާރުކޮށްފަތިބި އަރަބި އަދި ޤުރުއާން ޓީޗަރުން. މިވެރިން 2019 ގަ އިންޑިޔާއިން ޓީޗަރުން ގެންނަން ސިއްރިޔާތުގައި މިކަމެއް ހިންގައި ސުކޫލްތަކުން ޓީޗަރުންކޮޅެއް އިންޑިޔާއަށް ފޮނުވައިގެން މިކަމެއް ކުރީ. މިސަރުކާރުން ޓީޗަރުންނާމެދު އަމަލުކުރަނީ ވަރަށް ދެރަވަރުކޮށް. ކުރީގަ އޮތް އެމްޑީޕީ ސަރުކާރުގަވެސް ހަމަ ހެދީ އެހެން. ޚާއްސަކޮށް އިސްލާމް ޤުރުއާން މި މާއްދާތަކުގެ ޓީޗަރުންނާމެދު ކަންތައް ކުރީ ވަރަށް ނާއިންސާފުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *