Support Us

ބޮޑުއޮޑި…

ރަށުގެ އެންމެން ފޯރިނަގަމުން އެކިކޮޅަށް ހިނގަމުންދަނީ
ފޮށި ވަށިން ނެގި އާހެދުންތައް ދޮވެ ހުވަނދު ލައިގެން ދަނީ

އަތިރި މަތި އެއްކޮށް ކަހައި ކުނި ސާފުކުރަމުންނޭ ދަނީ
ކަތި ރިޔާނެގި ދޯނި ބައްތެލި އޮޑިދޮށަށް ފުރަމުންދަނީ

މުޅިރަށަށް ޢީދެއް އައިސް އުފަލުން އެކީ ހިނިތުންވަނީ
ކުޅި ބަލަން ތިބި ކުދިވެރިން ހޮޅުއަށިމަތީ ކުޅެމުންދަނީ

ރަށުގެ ބޮޑު އޮޑި ދަތުރު ނިމިގެން މާކަނޑުން އައިސް ވަންނަނީ
ރަށުގެ ހުރިހާ ބޮޑެތިމީހުން މަރުހަބާ ކިއުމަށް ދަނީ

ކޮޅުނބު ދަތުރުން އަތަރު ސައިބޯނި އެކި ކުލައިން ފޮތި ފޭލިތައް
ކޮޅުނބު މެޓަޔާ މީރު ޗޮކްލެޓް އުފަލުގައި ބަހަމުންދަނީ

އޮޑިވެރިން އޮޑިވެރި ގެއަށް ދުރުވާ މަގުގެ ދެފަރާތުގައި
އޮޑިވެރިން ނަށް މަރުޙަބާ ކިއުމަށް ކުދިން ނަށަމުން ދަނީ

ރޭގަނޑަށް އެކި ގޭގެއަށް ފަޅުވެރިކުދިން އުފަލުން ދަނީ
ރޭގަނޑަށް ނަލަ މާބަގީޗާގައި އުފާކުރަމުން ދަނީ

މޮޅު އަތަރު އަންބަރު ގެނަސް އުފަލާއެކީ ހަދިޔާ ދެނީ
ގޮޅިފޮތިން އެކި ކުލަކުލައިން ހެދުމާ ކަސަބު ބަހަމުން ދަނީ

އަންނަ އަހަރަށް ދަތުރު ފުރުމުގެ މާކުރިން ކައިވެނިކުރަން
ރަންއުޅާ ފައްޓަރު ބަޔާ އެކު ހެއްދުމަށް ބުނަމުން ދަނީ

އޮއްސުމުން އިރު ހަނދުވަރުގެ އަލި ގަސްތަކަށް އެޅިފައިވަނީ
ބޮސްދެމުންދާ ރޯޅި ފިނި ވައި ލިބި އުފާ ކުރަމުން ދަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *