Support Us

އަޅުގަނޑު މަހުޖަނަކަށް ވީ ގޮތް

މިއީވެސް ފުލޯކު ވާހަކައެއްގެ ގޮތުގައި އޮތް އެއްޗެއް ކަމަށް ބައްލަވާށެވެ. އެކަމަކު…

މީގެ ހަތަރު ފަސް އަހަރެއް ކުރިން އިންޑިޔާގެ ޔުނިވަރސިޓީ ތަކެއް ގުޅިގެން އިންތިޒާމު ކުރި، ބައިނަލް އަޤްވާމީ ލިޔުންތެރީންގެ  މަހާސިންތާޔަކަށް ދާން އަޅުގަނޑަށް ދަޢުވަތު ލިބުނެވެ. މަހާސިންތާ އޮތީ އިންޑިޔާގެ ދިއްލީގައެވެ. އެ ބައްދަލުވުމަކީ ދުނިޔޭގެ މުއްސަނދި ޤައުމުތަކުން ފަންޑުވެސް ހޯދައިގެން ބޭއްވި، ބޮޑު ބައްދަލުވުމެކެވެ. އަޅުގަނޑުމެން "ސާރކް" އޭ މި ކިޔާ ސަރަޙައްދީ ޖަމުޢިއްޔާގެ އެއް ޤައުމު ފިޔަވައި ދެން އެހެން ހުރިހައި ޤައުމަކުން އެ މަހާސިންތާގައި ބައިވެރިވާން ހަމަޖެހިފައި އޮތެވެ. އަދި އޭގެ ބޭރުންވެސް، މިޔަންމާ އާއި، ޖަޕާނާއި، އީރާނާއި، ފަރަންސޭސިވިލާތާއި، އިނގިރޭސިވިލާތުންވެސް މަންދޫބުން ބައިވެރިވާނެކަން ޢާންމުކޮށް އިޢުލާން ކުރެވުނެވެ.

މަހާސިންތާގެ އެންމެހައި ބައިވެރީންނަށް ފޮނުވައިފައި އޮތް އީމެއިލް އެއް، މަހާސިންތާ ފެށުމުގެ ހައެއްކަ ދުވަސްކުރީން އަޅުގަނޑަށްވެސް ލިބުނެވެ. އޭގައި އޮތީ، މަހާސިންތާގައި ބައިވެރިވާ އެންމެހައި މަންދޫބުން ތިބޭނީ އެއް ހޮޓަލެއްގައި ކަމަށެވެ. އަދި އެ ހޮޓަލުގައި ހުންނަ ހުރުމަށާއި، ކެއުމުގެ އެންމެހައި ޚަރަދެއް ކުރާނީ މަހާސިންތާ އިންތިޒާމުކުރި ފަރާތުން ކަމަށްވެސް އޭގައި އޮތެވެ. ހޮޓަލުގެ ނަމާއި، ހޮޓާ ހުންނަ ތަނުގެ މަޢުލޫމާތުވެސް އީމެއިލްގައި އޮތެވެ. އަދި އިންޑިޔާއަށް އައިސް، ވައިގެ ބަނދަރުން ހޮޓަލަށް ދާން ކުލީކާރު ބޭނުން ކުރާށާއި، އެކަމަށް ހޭދަވާ ޚަރަދުވެސް މަހާސިންތާ އިންތިޒާމުކުރާ ފަރާތުން އަނބުރާ ދޭނެ ކަމަށް އީމެއިލްގައި އޮތެވެ.

އީމެއިލްގައި އެ ބުނި ހޮޓަލަކީ އަޅުގަނޑު ދަންނަ ހޮޓަލެކެވެ. އެއީ ތިންތަރީގެ ފެންވަރުގެ ހޮޓަލެކެވެ. އެއީ އެހައި ދެރަ ނޫނަސް، އެހައި މޮޅު ތަނެއްވެސް ނޫނެވެ. އަޅުގަނޑުމެން ކަހަލަ ލިޔުންތެރީންްނަށް ހަމަ އެންމެ ރަނގަޅު ތަނެކެވެ.

ހޮޓަލަކީ އަޅުގަނޑު އޭގެ ކުރީން އެހެން ކަންކަމުގައި ދިއްލީޔަށް ގޮސް ހުންނަންވެސް ހުރެފައިވާ ތަނެކެވެ. ތަނުގެ އީމެއިލް އެޑްރެސްވެސް އަޅުގަނޑުގެ އަތުގައި އޮވެއެވެ. އަޅުގަނޑަކީ ސިޑިޔާ އެހައި ރައްޓެހި މީހަކީމެއް ނޫނެވެ. ދިއްލީގައި އެ ހޮޓާ ހުންނަ ހިސާބަކީ ބައެއް ފަހަރު ކަރަންޓުވެސް ކެނޑޭ ހިސާބެކެވެ. އަދި ކަރަންޓު ކެނޑިއްޖިއްޔާ ލިފްޓު ބޭނުން ނުކުރެވޭނެތީ، އެކަމުގެ ސަބަބުން އަޅުގަނޑަށް ދަތިތަކެއް ކުރިމަތިވާނެއެވެ. އެހެންކަމާއެކު، މަހާސިންތާ އިންތިޒާމުކުރި ފަރާތުން އަޅުގަނޑުގެ ނަމުގައި ހައްދައިފައިވާ ރިޒަރވޭޝަނަށް ބެލުމަށްފަހު، ހޮޓަލުގެ އެންމެ ތިރީބުރިން ކޮޓަރިޔެއް އަޅުގަނޑަށް ހަމަޖައްސައިދިނުން އެދި، އަޅުގަނޑު ހޮޓަލަށް އީމެއިލްއެއް ފޮނުވައިލީމެވެ. އަޅުގަނޑަކީ އަލަށް އެތަނަށް ދާ މީހެއް ނޫންކަމާއި، މީގެ ކުރީފަހަރު އަޅުގަނޑު އެތާނގައި ހުރިއިރު ލިބުނު ހިތްހަމަޖެހުންވެސް އީމެއިލްގައި އުފަލާއެކު ބަޔާން ކޮށްފައި އޮންނާނެއެވެ.

އަޅުގަނޑު ފޮނުވި އީމެއިލްއަށް ޖަވާބު ދިނީ ހޮޓަލުގެ މެނޭޖަރެވެ. މިފަހަރު އަޅުގަނޑު އެތަނަށް ހިނގައްޖިއްޔާ އެއީ އަޅުގަނޑު އެތަނުގައި ހުންނަ ހަތަރުވަނަ ފަހަރަށް ވާނޭ ކަމަށް އޭނާގެ ޖަވާބުގައި ލިޔެފައި އޮތެވެ. އަޅުގަނޑު އަންނާނޭ ކަމުގެ ޔަޤީންކަން ދީފިނަމަ، ހޮޓަލުގެ އެންމެ ތިރީ ބުރިން އެންމެ ރަނގަޅު އެއް ކޮޓަރި އަޅުގަނޑަށް ބަހައްޓައިދޭނެ ވާހަކަ އީމެއިލް ގައި އޮތެވެ. އަދި އަޅުގަނޑަކީ ދަނޑިއެއްގެ އެހީގައި އުޅޭ މީހެއްކަން ހަނދާން އެބަހުރި ކަމަށާއި، އެހެން ކަމުން އެ ކޮޓަރި އަޅުގަނޑަށް ބަހައްޓައިދިނުމަކީ އޭނާގެ މައްޗަށް ވާޖިބުވާ ކަމެއް ކަމަށް ދެކޭ ވާހަކަވެސް އޮތެެވެ. އަދި ކުރީ ދަތުރެއްގައި އޭނާޔާއި އަޅުގަނޑު އެކީ ނަގައިފައިވާ ފޮޓޯއެއްވެސް ހަނދާނެއްގެ ގޮތުން އީމެއިލް އާއެކު ފޮނުވިއެވެ. އެހެންނަމަވެސް، އީމެއިލް ގައި ދެން އޮތީ އަޅުގަނޑު ކުޑަކޮށް ކަންބޮޑުވި ކަމެކެވެ. އެއީ، ކުރިން މިދެންނެވި މަހާސިންތާ އިންތިޒާމު ކުރާ ފަރާތުން ފޮނުވި، މެހުމާނުންގެ ނަން ލިސްޓުގައި އަޅުގަނޑުގެ ނަން ނެތް ވާހަކައެވެ!

އަޅުގަނޑު ވަގުތުން ފިޔަވަޅު އެޅީމެވެ. ގިނަ މީހުން ބައިވެރިވާ މަހާސިންތާއެއް ދިއްލީ ކަހަލަ ތަނެއްގައި ހިނގާ ދުވަސްވަރެއްގައި އެ ކަން އޮންނަ އަވަށުން ކޮޓަރިޔެއް ދުރާލައި ހަމަނުޖައްސައިފިއްޔާ ދެން ހުންނަން ޖެހޭނީ ދުރުގައި ކަމަށް ވުން ގާތެވެ. ދިއްލީއަކީ ބޮޑު، މަހާސަހަރެކެވެ. މަގުމަތީގެ ކާރޫބާރޫ ބޮޑު ތަނެކެވެ. އެހެންކަމުން… މަހާސިންތާ އިންތިޒާމު ކުރާ ފަރާތަށް އަޅުގަނޑު އީމެއިލްއެއް ފޮނުވައިލައިފީމެވެ. މަންދޫބުން ތިބެން ހަމަޖެހިފައިވާ ހޮޓަލަށް ފޮނުވި ނަން ލިސްޓުގައި އަޅުގަނޑުގެ ނަން ނެތީމައި އެކަމާ ކުޑަކޮށް ކަންބޮޑުވާ ވާހަކަ ލިޔެފައެވެ.

މަހާސިންތާ އިންތިޒާމުކުރާ ފަރާތުން އަޅުގަނޑަށް ޖަވާބު ދިނީ ހީކުރި ގޮތަކަށް ނޫނެވެ. އީމެއިލް އިން ޖަވާބެއް ފޮނުވުމުގެ ބަދަލުގައި އެ ފަރާތުން އަޅުގަނޑަށް ކުރީ ފޯނެވެ! ފޯނު ކުރެއްވީވެސް މަހާސިންތާ އިންތިޒާމު ކުރުމުގައި ބައިވެރިވާ ޔުނިވަރސިޓީތަކުން ކުރެ އެއް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރެވެ.

ވައިސް ޗާންސެލަރު ފޯނުން އަޅުގަނޑަށް ބުނެދެއްވި ގޮތުގައި، މަހާސިންތާގައި ކަރުދާސް ހުށައަޅާ ފަރާތްތަކުގެ ތެރެއިން އިންޑިޔާގެ އެކި ސްޓޭޓް ތަކުން ވަޑައިގަންނަވާ ބޮޑެތި ޢިއްޒަތްތެރީންނާއި މުއްސަނދި ޤައުމުތަކުގެ ފޯރާ މަންދޫބުން ތިއްބަވާނީ އަދި އެހެން ހޮޓަލެއްގައެވެ. އެއީ ފަސްތަރީގެ ހޮޓަލެެކެވެ. އަދި މި ބާވަތުގެ މަންދޫބުން އެ ހޮޓަލުގައި ތިއްބެވުމާއި، ފަރީއްކޮޅުގެ ކަންކަމާއި، އިންޑިޔާގެ އެތެރެޔާއި ބޭރުގެ ދަތުރުފަތުރުގެ އެންމެހައި އިންތިޒާމެއް އެ ފަރާތުން އިންތިޒާމު ކޮށްދެއްވިޔަސް، އެ ކަމަށް ހިނގާ އެންމެހައި ޚަރަދެއް ކުރައްވަންވާނީ މަންދޫބުން އަމިއްލަފުޅަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އަޅުގަނޑަކީވެސް މުއްސަނދި ޤައުމަކުން ދާ، ފޯރާ މަންދޫބަކަށް ވާތީ، އަޅުގަނޑުވެސް ހުންނަން ހަމަޖެހިފައިވަނީ ފަސްތަރީގެ އެ ޚާއްޞަ ހޮޓަލުގައެވެ! އަމިއްލަ ޚަރަދުގައެވެ. އަޅުގަނޑު ކަހަލަ ފޯރާ މީހަކަށް އެއީ ދެން އެވަރުގެ ކަމެއް ނޫނެއް ނޫންހޭވެސް އޭނާ އައްސަވައިލެއްވިއެވެ.

އަޅުގަނޑު މުއްސަނދި މަހުޖަނަކަށް ވަނީ ކޮން މިންގަނޑަކުންތޯ އަޅުގަނޑު ވައިސް ޗާންސެލަރު އަރިހު ދަންނަވައިލީމެވެ. އަދި އަޅުގަނޑަކީ ޤައުމީ ޚިދުމަތުން ދުވަސްކޮޅެއް ކުރީން ދުރަށް ޖެހެން މަޖުބޫރުވެ، މުސާރަ ލިބޭ ވަޒީފާއެއްވެސް މިހައިރު ނެތް މީހަކަށް ވާތީ، އެ ނޫން ގޮތެއް ހަމަ ނެތްތޯ ދެންނެވީމެވެ. އަދި އަޅުގަނޑަށް ތިންތަރީގެ ހޮޓާ މާ ރަނގަޅޭވެސް ދެންނެވީމެވެ. އަދި އެއީ އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަވެސް ތަނެކޭ، މީގެ ކުރީންވެސް އެތާނގައި ހުންނަމޭ، މެނޭޖަރުވެސް ދަންނަމޭ ދެންނެވީމެވެ.

ވައިސް ޗާންސެލަރު ހީފުޅުކުރެއްވީ އަޅުގަނޑު އޭނާޔާ ސަމާސާ ކުރަނީ ކަމަށެވެ. އެހެން ކަމުން އޭނާ އެ ބީދައިން އަޅުގަނޑަށް ޖަވާބު ދެއްވިއެވެ.

ރެޔަކަށް ހާހުން ޑޮލަރު ނަގާ ރިސޯޓުތައް ގިނަ، ބައިމަދު ޤައުމެއްގެ ރައްޔިތުންގެ ތެރޭގައި މަހުޖަނުން ނޫން ބަޔަކު ތިބޭނޭތޯ އޭނާ އަޅުގަނޑު ގާތު އެއްސެވިއެވެ. އަދި އޭނާ އެއް ފަހަރު ރާއްޖެ ވަޑައިގެން ކަމަށާއި، އޭނާ ހުންނެވި ރިސޯޓުން ބައިލިޓަރުގެ ބޯފެން ފުޅިޔެއްވެސް ވިއްކީ ފަސް އެމެރިކާ ޑޮލަރަށް ކަމަށް ވީއިރު، އަޅުގަނޑުމެން ކަހަލަ މީހުން މަހުޖަނުންނަށް ނުވާނީ ކިހިނެއްތޯވެސް ހިނިފުޅުވެޑުވުމަކާއެކު އައްސަވައިލެއްވިއެވެ. އޭނާ މިހައިތަނަށް ދެކެވަޑައިގެން މަދު ދިވެހީން ތިބެނީ ޔޫރަޕުގެ ނަންހިނގާ މަރުކާތަކުގެ ގަމީސް ލައިފައި، ރޯލެކްސް ގަޑި އަޅައިފަޔޭ، ދިވެހީންނަކީ ގޭގައި ހުންނަ ބަގީޗާ ގަހަށް ފެންފޮދެއް ދޭންވެސް ބޮޑު މުސާރައިގައި ބިދޭސީ މަސައްކަތު މީހުން ގެންގުޅޭ ބަޔެކޭވެސް ވިދާޅުވިއެވެ. އަދި އަޅުގަނޑު މަހާސިންތާއިން ފެންނާނެ ކަމަށް އުންމީދުކުރައްވާ ވާހަކަ ވިދާޅުވެފައި، އަނެއްކާވެސް ސަމާސާ ގޮތަކަށް ހިނިފުޅު ވަޑުވައިލައްވައިފައި ފޯނު ބޭއްވެވީއެވެ.

މިހައިރުގެ ގޮތަށް ދަންނަވާނަމަ، އެނގިވަޑައިނުގަތުމުގެ ތެރެއިން ނަމަވެސް އޭނާޔަށް އެ ވިދާޅުވެވުނީ "ވަރަށް ވާހަކަ" އެވެ. އޭނާޔަށް އޭނާ ވަޑައިގެން އިންނެވި ނައު އެ ދަތުރުކުރީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ޤަބޫލުކުރަން ބޭނުން ނުވާ ޙަޤީޤަތެއްގެ ފުންކަނޑެއްގައި ހުރި ހަލަބޮލި ރާޅުތަކަކާ ވަރަށް ގާތުން، އެކަމަކު ފަރަށް ނާރައެވެ. ލަފާ ގާތް ނުކުރާ ޙާލަތުގައެވެ.

އަޅުގަނޑު އެ މީހުން ގާތު ސަލާން ޖަހައިގެން، ކެނދިގަނެގެން، ތިންތަރީގެ އެއްކަލަ ހޮޓަލަށް ދާހިތެއް ނުވިއެވެ. އެހެންކަމުން، ނިކަމެތި އަޅުގަނޑު، އަދި ބޭރު ބަޔަކު ކުށްގޮތަކަށް ހީކުރި ގޮތަށް ނަމަ "ކުރޯޅުޕަތިޔޯންކާ ބޭތާޖް ބާދްޝާހް"، އެ މަހާސިންތާޔަކަށް ނުދަމެވެ. ކުރާނީ ކީއްތޯއޭ، ލަދަކީވެސް އޮންނަ އެއްޗެއް ވިއްޔާއެވެ. އެކަމަކު ލަދު ގަންނަންވީ ކޮންބަޔަކު، ކިހިނެއް، ކޮންތާކުކަން ދަންނާނީވެސް އެހެން ބަޔަކު ނޫންތޯއެވެ؟