Support Us

ސިންގާ ލީޑަރާއި ހިމާރު ލީޑަރު

(ތަރުޖަމާއަކާއި ކޮމެންޓެއް)

އެއް ހާސް ސިންގާގެ މައްޗަށް އެކުލެވޭ ލަޝްކަރެއްގެ މައްޗަށް ކޮމާންޑަރެއްގެ ގޮތުގައި ހިމާރެއް ލައިފި ނަމަ، ސިންގާތައް ހިމާރުތަކެއް ފަދައިން މަރުވެ، ލަޝްކަރު ފުނޑުފުނޑުވެގެން ހިނގައިދާނެއެވެ. މީގެ ވަރަށް އިބުރަތްތެރި މިސާލެއް ދެވަނަ ބޮޑު ހަނގުރާމައިގައި ސޯވިއެޓުންނާއި ޖަރުމަނުގެ ލަޝްކަރު ބައްދަލުވެ، އެ ހަނގުރާމައިގެ ނަތީޖާ ނިކުތް ގޮތުން ފެނިގެން ދެއެވެ! ޖަރުމަނުގެ ލަޝްކަރު ފުނޑުފުނޑުވެ، ބަލިވެ، ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނު ބަލިވާން ދިމާވި މަިގަނޑު ސަބަބަކަށް މިބަލިވުން ވިއެވެ. މި ހަނގުރާމައިގައި ޖަރުމަނުގެ ލަޝްކަރު ބަލިވުމުގެ އެންމެ މުހއްމު ސަބަބަކަށްވީ މި ހަނގުރާމައަށް ތައްޔާރުވުމުގައި ބަލަންޖެހޭ ކަންތައްތަކަށް ނުބެލުމެވެ. އަދި، ސޯވިއެޓުންގެ ބާރާއި އެމީހުން ކަންތައްތައް ކުރާނޭ ގޮތުގެ މައްޗަށް ވެސް ބަލަންވީ ވަރަށް ނުބެލުމެވެ. މިފަދަ އެހެން މިސާލެއް ތާރީޚުން ފެނިފައިވާ އިރުވެސް މެއެވެ. ނެޕޯލިޔަންގެ ލަޝްކަރާއި ރޫސީންނާ ކުރިމަތިލައި ނެޕޯލިޔަންގެ ލަޝްކަރު ފުނޑުފުނޑުވެ ދިޔަ ހާދިސާއެވެ. ޖަރުމަރު ލަޝްކަރު ބަލީވީ ޖަރުމަނު ލަޝްކަރުގެ ކޮމާންޑަރުގެ ހިމާރީ ވިސްނުމުގެ ސަބަބުންނެވެ. ބުނެވޭ ގޮތުގައި މި ހިސާބަށް ކަންތައް އައިއިރު، ޖަރުމަނު ލަޝްކަރުގެ ނިންމުންތަކަށް ހިޓިލަރު އައީ ނުފޫޒު ފޯރުވަމުންނެވެ. އެހެންވެ، މިއީ ވެސް ޖަރުމަނު ބަލިވުމުގެ އަސްކަރީ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އާދެ، ހިމާރީ ލީޑަރެއް ލަޝްކަރުގެ މައްޗަށް ބާރު ހިންގުމުގެ ނަތީޖާއެކެވެ.

މިއާ ޚިލާފަށް އެއް ހާސް ހިމާރުންގެ ލަޝްކަރެއްގެ މައްޗަށް ސިންގާއެއް ކޮމާންޑަރަކަށް ލައިފި ނަމަ، އެ އެއްހާސް ހިމާރު، ސިންގާތަކެއް ފަދައިން ހަނގުރާމަކޮށް ކާމިޔާބުތައް ހޯދައެވެ. މިއާ މުޅިން އެއްގޮތް މިސާލެއް ނޫނަސް ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ކާމިޔާބަކީ ވަރުގަދަ ކޮމާންޑަރެއްގެ ގިޔާދަތުގެ ދަށުން ހަނގުރާމަ ކުރެވި ހޯދުނު މަތިވެރި ކާމިޔާބީއެކެވެ. މަދު އަދަދެއްގެ މީހުން ކޮޅަކާއި މަދު ހަނގުރާމައަށް ބޭނުންވި އުއްދާ، ހަތިޔާރާއި ޖަނަވާރު، އަދުއްވުންގެ އަދަދާއި އުއްދާއާއި އަޅާ ބަލާއިރު މަދުވިޔަސް ވެހެވެ. އަދަދުގެ ގޮތުން މުސްލިމުންގެ ލަޝްކަރު ތިންބައި މަދެވެ. އެހެންވިޔަސް، ވަރުގަދަ ގިޔާދަތެއް އޮތުމުން އެންމެން ވެސްވީ ސިންގާތަކަކަށެވެ. އަދި ވަރުގަދައަށް ހަނގުރާމަކޮށް މައްކާގެ ގުރައިޝުންގެ މައްޗަށް މުސްލިމުން ކާމިޔާބު ހޯދިއެވެ.

ހަމަ މިފަދައިން، ކިތަންމެ މޮޅު، ހެޔޮ ވިސްނޭ ބައެއްގެ މައްޗަށް ހިމާރުވެރި މީހަކު ލީޑަރަކަށްލައި އޭނާއަށް ލީޑަރެކޭ ކިޔައިފި ނަމަ، މުޅި ގައުމު ހަލާކުވެ ދެއެވެ. ޗައިނާގެ ކުވިން ނުވަތަ މަންޗޫ ޑައިނާސްޓީގެ ތިންސަތޭކަ އަހަރުގެ ވެރިކަން ނިމިގެން ދިޔަ ގޮތް މިކަމުގެ މިސާލެއްގެ ގޮތުގައި ފުދެއެވެ. އެންމެ ފަހުގެ އެމްޕަރާ އަކަށް ހުރި ގުއަންޒޫ 1902ގައި ވިހަދީގެން މަރާލުމަށް ފަހު، އޭނާގެ ދެ އަހަރުގެ ޕުޔީ ވެރިކަމަށް އިސްކޮށް ވެރިކަމުގެ ހަގީގީ ބާރު އެހެން ބައެއްގެ އަތްމައްޗަށް ފިރުކައިލައި، އެންމެ ފަހުން 1912ގައި އިންގިލާބަކުން ޕުއީގެ ވެރިކަން ވައްޓާލެވި، ހަމަނުޖެހުން އުފެދި، 1929ގައި އަހުލީ ހަނގުރާމައެއް ފެށި، 1949ގައި ކޮމިޔުނިސްޓުންނަށް ކާމިޔާބު ލިބި، އެ ހަމަ ޖެހުން ނިމިގެން ދިޔައީއެވެ.

މިއާ ޚިލާފަށް، ތަންދޮރު ނުދަންނަ ބައެއްގެ މައްޗަށް ވެސް ދުރުވިސްނޭ ހަރުދަނާ ލީޑަރަކު އިސްކުރެވިއްޖެ ނަމަ، އެންމެންނަކީ ތަންދޮރު ދަންނަ، ރޯފިލާފައި ތިބި ބަޔަކަށް ހަދާލާތަން ވެސް ފެނެއެވެ. މީގެ އެންމެ ފަހުގެ މިސާލު އެފްރިކާގެ ރުވަންޑާއިން އެބަ ފެނެއެވެ. އަނިޔާވެރި އަހުލީ ހަނގުރާމައަކަށް ފަހު، ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ގެނެވުނު ހެޔޮ އިސްލާހުތަކުގެ ސަބަބުން މިހާރު ރުވަންޑާ އެއޮތީ އެއްވަނަ ދުނިޔޭގެ ގައުމަކަށް ވުމުގެ ދޮރުފަތް މަތީގައެވެ. އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން، ރުވަންޑާގެ ހުރިހާ ރައްޔިތުންނަށް އިންޓަނެޓުގެ ހިލޭ ޚިދުމަތް ދިނުމުގެ ފިޔަވަޅުތަކެއް އެޅެމުން މިހާރު އެބަދެއެވެ. އާދެ، ތަނުގެ ކުރިން އެރުން ގުޅެނީ ތައުލީމާ ކަމަށް ވެފައި، އަދި، އަދުގެ ތައުލީމު ގުޅިލާމެހިފައި އޮތީ ޓެކްނޮލޮޖީއާ ކަމަށް ވެސް ވުމުން، އިންޓަނެޓު އެންމެނަށް ހިލޭ ލިބުން މުހިއްމު ކަމަށް ރުވަންޑާގެ ސަރުކާރުން ދެކި، އެކަން ހަގީގަތަކަށް ހަދާލުމަށްޓަކައި ރުވަންޑާގެ ސަރުކާރުން ފިޔަވަޅު އެޅީއެވެ.

ކޮންމެ އަކަސް އަޅުގަނޑުމެންގެ ތެރެއިން ވެސް ޗައިނާގެ ކުވިން ޑައިނާސްޓީގެ އެންމެ ފަހުގެ ދުވަސް ވަރު ފެނިގެން ދިޔަ މަންޒަރެއް ތަމްސީލު ވެގެންދާތަން ފެންނަ ކަހަލައެވެ. ސިކުނޑީގައި އުމުރުން ދެއަހަރުގެ ޕުޔީ ފަދަ ތެތްކަން ހުރި ނާގާބިލު ވެރިޔަކު ބަޔަކު ރާވައިގެން ވެރިކަމަށް އިސްކުރެވި، އެކަން ރޭވި ބަޔަކު އޭނާގެ ނާގާބިލުކަމުގެ ފައިދާ ނަގައި، ބޭރު ގައުމެއްގެ އަޅުވެތި ކަމުގެ ދަށަށް ގެނައުމުގެ ފިޔަވަޅުތައް އަޅައި ތަން ހަލާކުކޮށްލުމުގެ ފުރުސަތު ހޯދި ތަނެވެ. ކިތަންމެ ރަނގަޅު ބައެއްގެ މައްޗަށް ވެސް ނާގާބިލު ހިމާރުވެރި ލީޑަރުން އައުމުގެ ނަތީޖާއެވެ!