Support Us

ލަވައެއް ބުނެދޭ ވާހަކައެއް: ކާމިޔާބުވުމާއި ނުވުން އޮންނަނީ އަހަރުމެންގެ މުށުތެރޭގައެވެ!

 

ތިރީގައި އެ ވަނީ ލަވައެއްގެ މާނަކޮށްލުމެކެވެ. ހަމާރީ ހި މުއްޓީ މެ އާކާޝު ސާރާ، މުޅި އުޑު ވެސް އޮތީ އަހަރުމެންގެ މުށު ތެރޭގައެވެ، މި ލަވައިގެ މާނަކޮށްލުމެކެވެ.

އާދެ، ލަވައިގައި ބުނަނީ މުޅި އުޑަކީވެސް، ދުނިޔެއަކީ ވެސް އަހަރުމެންގެ މުށު ތެރޭގައިވާ އެއްޗެއް ކަމެވެ. އާދެ، ކަންކަން ހާސިލުކުރުމާއި ނުކުރުން އޮންނަނީ ތިމާގެ އަމިއްލަ ބާރުގެ ދަށުގައި ކަމެވެ. ތިމާގެ އަޒުމާއި ހިއްވަރު، ކެރުމާއި ގަދަ މަސައްކަތުގެ މައްޗަށް ކަމެވެ. މި ގޮތުގައި މަސައްކަތް ކޮށްފި ނަމަ، ތިމާ އެދޭ ތަރި، ތިމާގެ މުށުގެ ތެރެއިން ފާޅުވެ، ވިދާލާނެއެވެ. އާދެ، ތިމާ އެދޭ ކަންތައް ހާސިލުވާނެއެވެ.

މިކަން ބަޔާން ކޮށްދިނުމަށް ފަހު، ލަވައިގައި ބުނެދެނީ ނަސީބޭ ކިޔާ އެއްޗެއް ނޯންނަކަމެވެ. އަތުގައި އެޅިފައިވާ ރޮނގުތަކުގައި، އަތް ބަލާ މީހުން ބުނާ ފަދައިން، ހަޔާތުގެ ވާހަކަ ލިޔެވިފައެއް ނޯވެއެވެ. ނަސީބަކީ ތިމާގެ އަމިއްލަ މަސައްކަތާ ގުޅިފައި އޮންނަ ކަމެކެވެ. އެެހެންވެ، ކޮންމެ މީހަކަށް ވެސް އޮތީ ތިމާ ވާސިލުވާން ބޭނުންވާ އަމާޒުފަތްގަނޑާ ހަމައަށް ވާސިލުވުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމެވެ. އެކަން ކޮށްދޭން އެހެން މީހަކު ނާންނާނެއެވެ. ތިމާ ބިނާކޮށް ތިމާ ކުރިއަރުވައިދޭނީ ހަމަ ތިމާއެވެ. ތިމާގެ އަމިއްލަ މަސައްކަތެވެ. ހަޔާތަށް އެޅޭ އަނދިރިކަންވެސް ފިލުވާލެވޭނީ ހަމަ ގަދައަޅައި އަމިއްލައަށް މަސައްކަތް ކޮށްގެން، އަމިއްލަ މަސައްކަތުންނެވެ. އަދި، މިގޮތުގައި ކަންތައް ކޮށް، ކާމިޔާބު ހޯދައި، މަސައްކަތްކޮށްފި ނަމަ ކާމިޔާބު ހޯދޭނޭ ކަން މީސްތަކުންނަށް އަންގައި ދިނުން މުހިއްމެވެ. ކެރިގެން، މަސައްކަތް ކޮށް އެމީހުން ވެސް ކާމިޔާބީ ހޯދުމަށް ހިއްވަރު ދިނުމަށްޓަކައެވެ.

އަދިވެސް ލަވައިގައި ބުނެއެވެ. ތިމާ ބޭނުންވާ ކަމެއް ހާސިލުކުރުމުގެ މަގު އަމިއްލައަށް ކޮށައި އެކަނި ހިންގަން ޖެހުނަސް، ފަސްޖެހިގެން ނުވާނެއެވެ. ތިމާގެ މަންޒިލު މަގުސޫދު ހަނދާންކޮށް އެ ދިމާއަށް ދެވެންދެން، ހުއްޓާނުލައި އެ މަސައްކަތުގައި ދެމިހުންނަން ޖެހެއެވެ. އަދި، ތިމާ ނިމިދާންޖެހޭނީ ކާމިޔާބީ ހޯދުމުގެ މަގުގައި ގަދައަޅާ މަސައްކަތްކޮށް ކާމިޔާބު ހޯދައިގެންނެވެ! އަދި، މަސައްކަތްކުރަން ޖެހޭނީ މިފަދައިންކަން އެންމެންނަށް ތިމާގެ އަމަލުން ދައްކާލަދޭން ޖެހެއެވެ.