Support Us

ކޮލަމް: އޮލަނބު

އެންމެން ކިޔެވީ އެއްފޮތަކުންނޭ؟

އެންމެން ކިޔެވީ އެއްފޮތަކުންނޭ, ފެންނަ ގޮތުން ދިހަ ބާރަ ފޮތުންނޭ,
ނެތް ނުކުރާކަ ކަމެއް މަދަރީންނޭ، ދެންވެސް ކިޔަނީ އިސްލާމުންނޭ

މީ މަޝްހޫރު ދިވެހި އަދީބު މުލީ އަބްދުالله ސޯދިގު ލިޔުއްވާފައިވާ ވަރަށް މާނަ ފުން އަދި އެހާމެ ފުރިހަމަ ޅެމެއްގެ ބައެކެވެ. މިއަދުގެ ހާލަތު ކިތަންމެހާވެސް ރަނގަޅަކަށް މި ޅެމުގައި އެވަނީ ބަޔާންކޮށްދީފައެވެ. މިއަދު މުޅި މުޖުތަމައުގައި ފިތުނަވެރިކަން އިންތިހާއަށް ބޮޑުވެ އިޖްތިމާއީ ފޭރާން މިވަނީ މުޅީން ވީދި ހަލާކުވެފައެވެ. އަދުލު އިންސާފަކީ ވަކި ބައެއްގެ ރުހުމާ ނުލާ ނުނިންމޭ އެއްޗަކަށްވެ ނިމިއްޖެއެވެ. ދީނާއި ސިޔާސަތަކީ ވަކި ދެއެއްޗެއް ކަމަށް ވަކާލާތުކޮށް ހައްޤު ބަސް ބުނުމަކީ ވަކި ވިސްނުމެއްގެ ބަޔަކަށް އެކަނި ހާއްސަ ކަމަކަށް ހަދައިފިއެވެ. ބަދު އަޚުލާގީ އަމަލުތަކާއި ބޮޑެތި މުންކަރާތްތަކަށް އަރައިގަންނަ މީހުން އިންތިހާއަށް އިތުރުވެ ދީންވެރިކަމާއި ރިވެތި އަހުލާގުން ޒީނަތްތެރިވުމަކީ "ކަޓު" ކަމަކަށް ހަދާ ނިންމާލައިފިއެވެ.

ޅެމުގައި ފާހަގަކޮށްފައި އެވާ ފަދައިން އަހަރުމެންނަކީ އިސްލާމް ކަމުގެ ފޮތުން ކިޔަވައިގެން ތިބި އެއް ދީނަކަށް ތަބާވާ އެއް އުންމަތެއްގެ ބަޔަކީމެވެ. އަހަރުމެންގެ މައްޗަށް ހުއްދަ ކަންކަމާއި ހަރާމް ކަންކަން ވަނީ ޤުރުއާނާއި ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން އަހަރުމެންނަށް ސާބިތުކޮށްދެއްވާފައެވެ. ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ވެގެންވާ ކަންކަމާއި ކުރުން ނަހީކުރައްވާފައިވާ ކަންކަމާއި އެކި ކަންކަމަށް ކަނޑައެޅިފައިވާ ހުކުމްތައް ޤުރުއާނާއި ސުންނަތުގައި އަހަރުމެންނަށް ސާފުކޮށް އަންގަވާފައިވެއެވެ.

ލާދީނީ ބިލާ ދެކޮޅަށް ނ. މާފަރު ރައްޔިތުން އަޑު އުފުލަނީ.  -ފޮޓޯ: ސޮސައިޓީ ފޮރ މާފަރު ޑިވްލޮޕްމަންޓު/ އެފް.ބީ

މިހެން މިކަން އޮތްއިރުވެސް މި ހުރިހާ ކަމަކާ ދެކޮޅުވެރިވެ ދީނީ ހުކުމްތަކާއި ހައްދުތަކާ މެދު ޚިލާފު އުފައްދާ މީހުން މިއަދުގެ މުޖުތަމައުގައި މަދެއް ނޫނެވެ. މިބައިމީހުން އިސްލާމީ ޝަރީއަތާ ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅެވެ. މަރަށް މަރު ހިފުމާއި ވައްކަން ކުރާ މީހުންގެ އަތްކެނޑުން އެއީ އިންސާނީ ހައްޤުތަކާ ޚިލާފު ކަމެއް ކަމަށް މިބައިމީހުން ބުނެތެވެ. ޒިނޭ ކުރާ މީހުން ރަޖަމު ކުރުމާއި ހައްދުޖެހުމަކީ އަނިޔާވެރިވުން ކަމަށް މިބައިމީހުން ޤަބޫލުކުރެތެވެ. އައުރަ ނިވާކުރުމަށާއި އިއްފަތްތެރިކަން ރައްކާތެރިކުރުމަށް ގޮވާލުމަކީ އަމިއްލަ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ މުޑުދާރު ކަމެއް ކަމަށް ބުނެ މިބައިމީހުން ވަކާލާތު ކުރެތެވެ. އިންސާނުން އުޅެންވީ ގޮތް ނިންމާނީ އިންސާނުން ކަމަށް ދެކި ދީނީ ހުކުމްތަކުން މިބައިމީހުން ހަށިފޮޅާލައެވެ. ފެންނަ ފެނުމަށް މިބައިމީހުން ކިޔަވާފައި ހުރީ ހަމައެކަނި އިސްލާމްކަމުގެ ފޮތުންނޭ ބުނެވެން އެބައޮތް ހެއްޔެވެ؟ ހަމައެކަނި އިސްލާމްކަމުގެ ފޮތުން ކިޔަވާފައި ހުރި މީހަކު ހަމަ ޔަޤީނުންވެސް އިސްލާމްދީނުގައި ކަނޑައެޅި ބަޔާންވެފައިވާ ހުކުމްތަކަކާ ދެކޮޅުވެރިއެއް ނުވާނެތާއެވެ.

މިފަދަ މީހުންނަށް އަރަބި ބަހުގައި "ލާދީނީ" ނުވަތަ "އަލްމާނީން"ނޭ ކިޔައެވެ. ލާދީނިއްޔަތު ނުވަތަ އަލްމާނިއްޔަތަކީ ކުރިންވެސް މި ފާހަގަކުރި ފަދައިން ދީނީ ހުކުމްތަކުން ހަށިފޮޅާލުމުގެ ބާތިލު އަޤީދާއެވެ. މިބަހަކީ ދިވެހީންނަށް މިއަދު އާ ބަހަކަށް ނުވާނެއެވެ. ނަމަވެސް މިބަހުގެ މާނަ އެކި މީހުން އެކި ގޮތްގޮތަށް ކޮށް މިއަދު އޮތީ އަސްލު ހަޤީޤީ މާނަ ގިނަ ބަޔަކަށް އޮޅުވާލާފައެވެ. ހަޤީޤަތުގައި ލާދީނީ ފިކުރަކީ ދީނާއި ސިޔާސަތު ވަކިކުރުމެވެ. އެއީ ސެކިއުލަރިޒަމެވެ. އެއީ މުސްލިމު މުޖުތަމައަކަށް ޖެހޭނެ އެންމެ ނުރައްކާތެރި އެއް ވަބާއެވެ. މިކަމުގެ ނުރައްކާތެރިކަން އަހަރުމެންގެ ލޯތަކުގެ ކުރިމަތީގައި އެއޮތީ ފެންނާށެވެ. އެއް ޒަމާނެއްގައި އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އޮތް އަންދަލުސް (މިހާރުގެ ނަމުންނަމަ ސްޕެއިން) މިއަދު އެވަނީ ނަސާރާއިންގެ ވެރިކަން ހިނގާ ތަނަކަށް ބަދަލުވެ މުސްލިމުންގެ ބާރު އެއްކޮށް ކެނޑިފައެވެ. ގަދަފަދަ އުސްމާނީ ޚިލާފަތުން ވެރިކަން ކުރަމުން އައި ތުރުކީ އެވަނީ ސެކިއުލަރ ސްޓޭޓަކަށް ބަދަލުކުރެވިފައެވެ. މީ ހައްތަހާވެސް ލާދީނިއްޔަތު ފެތުރިގެން ދިޔުމުގެ ނުބައި ނަތީޖާއެވެ.

ލާދީނީ ބިލާ ދެކޮޅަށް ނ. މާފަރު ރައްޔިތުން އަޑު އުފުލަނީ.  -ފޮޓޯ: ސޮސައިޓީ ފޮރ މާފަރު ޑިވްލޮޕްމަންޓު/ އެފް.ބީ

ސައްތައިން ސައްތަ އިސްލާމް މި ދިވެހިރާއްޖޭގައިވެސް ލާދީނިއްޔަތުގެ އޮށް އިންދާ މިއަދު މިވަނީ އޭގެން ކުރި ފަޅުވައިފައެވެ. ދިވެހިންގެ ތެރެއިން މަދު ބަޔަކު މިގަހަށް ފެންދީ ބޮޑުކުރުމުގެ މަސައްކަތުގައި އަވަދިނެތި އެބައުޅެއެވެ. ނަތީޖާއެއްގެ ގޮތުން އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެނުންގެ ހެދުން އެޅުން މުޖްތަމައުގައި އާންމުވެއްޖެއެވެ. އެއް ޖިންސުން ގުޅުން ހިންގުން އާންމުވެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ދީނާ ޚިލާފު ވާހަކަތައް ދައްކަން ފަށައިފިއެވެ. ހުރިހާ އެއްޗަކަށްވުރެ ބޮޑަށް އެބޭކަލަކަށް ލޯބިކުރުމުން މެނުއީ އަހަރުމެންގެ އީމާންކަން ފުރިހަމަނުވާ އަހަރުމެންގެ ކައު ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ހަޖޫޖަހަން ފަށައިފިއެވެ. ރައްޔިތުންގެ މައްޗަށް ޤާނޫނު ހަދާ މަޖިލީހުގައި، ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ކިޔަވާ އުނގެނުން ވާޖިބު ވެގެންވާ ޤުރުއާން ކިޔެވުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ. ޒިނޭކުރުމަކީ އާދައިގެ ކަމަކަށްވެ އެކުށަށް އަރައިގަންނަ މީހުން އިންތިހާއަށް އިތުރުވެއްޖެއެވެ. ނަސާރާ ދީން ފެތުރުމަށްޓަކައި އިންޖީލުގެ ބައިތަކަށް ދިވެހި އަޑުއަޅައިގެން ސޯޝަލް މީޑިޔާގައި ޕްރޮމޯޓު ކުރަން ފަށައިފިއެވެ. ނަމަވެސް ފެނިގެން މިދަނީ މިއިން އެއްވެސް ކަމަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބަދަލުގައި މިބައިމީހުންނަށް އިތުރު ހިތްވަރު ލިބޭ ގޮތަށް ޤާނޫނަށް އިސްލާހެއް ހުށަހެޅި ފާސްކުރުމަށް ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީން ފައިވިއްދާފައިވާ މަންޒަރެވެ.

މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުން ކުށަކަށް ހެދުމުގެ ނަމުގައި، ނަފްރަތު އުފެއްދުމާ ދެކޮޅަށް ކަމަށްބުނެ ހުށަހަޅާފައިވާ މި ބިލުގައި އާންމު ތަނެއްގައި ކޮންމެ ފަދަ ނުބައި އަމަލަކަށް އަރައިގަންނަ މީހަކު ކަމުގައި ވިޔަސް އެމީހަކާ ދިމާލަށް ތިޔައީ އިސްލާމްދީނާ ޚިލާފަށް އުޅޭ މީހެކޭ ބުނުން ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތުކުރުން އެއީ ކުށެއް ކަމަށް ކަނޑައަޅާފައިވެއެވެ. އެމީހަކީ އިސްލާމްދީނަށް ކިތަންމެ ފުރައްސާރަކުރާ މީހަކު ކަމުގައިވިޔަސް ނުވަތަ އިސްލާމްދީނާ ކަނޑައެޅިގެން ޚިލާފު ވާހަކަ ދައްކާ މީހަކު ކަމުގައި ވިޔަސްމެއެވެ. މި ބިލުގައި ވަކި ނަސްލަކަށް ނުވަތަ ވަކި ޤައުމަކަށް ނިސްބަތްވީތީ އެމީހުންނާ ދެކޮޅުވެރިވުމަށް ގޮވާލުމަކީވެސް ކުށެއް ކަމަށް ކަނޑައަޅާފައިވެއެވެ. އެހެންކަމުން މި ބިލު ފާސްވެއްޖެނަމަ އިސްރާއީލޭ ކިޔުނު ޓެރަރިސްޓު ޖަމާއަތަކީވެސް ޤައުމެއް ކަމަށް ޤަބޫލުކުރުން ދިވެހިންނަށް ލާޒިމުވާނެއެވެ. އަދި ފަލަސްތީނަށް ދޭ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލާ އިސްރާއީލު ބޯއިކޮޓް ކުރަން ގޮވުންވެސް އެއީ ޤާނޫނީ ކުށަކަށްވާނެއެވެ. އިސްލާމުންނަކީ ދުޝްމަނުންގެ ގޮތުގައި ސިފަކުރާ އިންޑިއާގެ ހައްދުފަހަނައެޅި ހިންދޫންނާ ދެކޮޅަށް އަޑު އުފުލުމަކީވެސް ޤާނޫނުގައި އަދަބު ކަނޑައެޅިފައިވާ ކުށަކަށްވާނެއެވެ.

ލާދީނީ ބިލާ ދެކޮޅަށް ނ. މާފަރު ރައްޔިތުން އަޑު އުފުލަނީ.  -ފޮޓޯ: ސޮސައިޓީ ފޮރ މާފަރު ޑިވްލޮޕްމަންޓު/ އެފް.ބީ

ކުރުކޮށް ދަންނަވަނީނަމަ އަތްދަމާ ބަހައްޓާފައި ކަންފަތްމަތީގައި ވަރުގަދަ އެތިފަހަރެއް ޖެހި ކަމުގައިވިޔަސް "އައްދިއްޔޯތް" ތަދުވެއްޖެޔޭ ބުނުންވެސް މަނާކުރަނީއެވެ. ބަލާބެލުމަށް އެއްގޮތް ކަމެއް ހުރީތީ ފުރެދި ލޮނާއި ހަކުރަކީ އެކައްޗެއް ކަމަށް ނިންމަނީއެވެ. އިސްލާމް ކަމަކީ ދިވެހި އައިޑީކާޑެއް އޮތުމުން ލިބޭ އެއްޗެއް ކަމަށް ނިންމާ އިސްލާމްކަމާ ދެކޮޅުވެރިވާ މީހުންނަކީވެސް މުސްލިމުންގެ ގޮތުގައި ޤާނޫނުގައި ކަނޑައަޅަނީއެވެ. މިހުރިހާ ކަމަކަށްވެސް ލޮލުން ބޮލުން ރުހި އިސްލާމްދީނަށް ފާޅުކަން ބޮޑު ގޮތެއްގައި ފުރައްސާރަކުރާ މީހުންނަކީވެސް އިސްލާމުން ކަމުގައި ބުނެ ހިތްހަމަޖައްސާލަން ދިވެހިންނަށް މަޖުބޫރުކުރުވަނީއެވެ.

ލާދީނީ ބިލާ ދެކޮޅަށް ނ. މާފަރު ރައްޔިތުން އަޑު އުފުލަނީ.  -ފޮޓޯ: ސޮސައިޓީ ފޮރ މާފަރު ޑިވްލޮޕްމަންޓު/ އެފް.ބީ

ކޮންމެ ޤާނޫނެއް ފާސްކުރިކަމުގައި ވިޔަސް އިސްލާމްދީނަށް ކުޑަވެސް ގެއްލުމެއް ނުދެވޭނެއެވެ. އެއްކައުވަންތަ އިލާހުގެ ދީން އެކަލާނގެ ހިމާޔަތް ކުރައްވާނެއެވެ. ދަންވަން ހެއްޔެވެ؟ ތިބާއާ ދިމާލަށް ވަގަށް ގޮވުން ހުއްޓުވަން އެދޭނަމަ ތިބާ ވައްކަންކުރުން ހުއްޓާލާށެވެ! ތިބާއާ ދިމާލަށް ކަސްބީއެކޭ ކިޔަން ހިތްހަމަނުޖެހޭނަމަ ތިބާ ހަށިވިއްކުން ހުއްޓާލާށެވެ! ދޮގުވެރިއެއްގެ ލަގަބުން ތިބާ ސަލާމަތްވާން އެދެނީނަމަ ދޮގުހެދުން ހުއްޓާލާށެވެ! ތިބާއާ ދިމާލާށް ލާދީނީ ކިޔުން ހުއްޓުވަން އެދޭނަމަ ލާދީނީ ވާހަކަ ދެއްކުމާއި ދީނަށް ފުރައްސާރަކުރާ މީހުންނަށް ހިމާޔަތްދިނުން ހުއްޓާލާށެވެ!

ދިވެހީންނެވެ! ހޭލާށެވެ! އެބުނާ ބިލު ފާސްކުރުމަށްފަހު ކޮންމެފަދަ ނުބައި އަމަލުތަަކަކަށް އަރައިގަންނަ ބަޔަކު ކަމުގައިވިޔަސް ނުވަތަ އިސްލާމްދީނާއި ކިތަންމެ ދެކޮޅުވެރި ވާހަކަތަކެއް ދައްކާ ބަޔަކު ކަމުގައިވިޔަސް އެބަޔަކަށް ހަމަ ކިޔަން ޖެހޭނީ އިސްލާމުންނޭއެވެ!

 

ކަވަރ ފޮޓޯ: ލާދީނީ ބިލާ ދެކޮޅަށް ނ. މާފަރު ރައްޔިތުން އަޑު އުފުލަނީ.  -ފޮޓޯ: ސޮސައިޓީ ފޮރ މާފަރު ޑިވްލޮޕްމަންޓު/ އެފް.ބީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
611

2 Responses

  1. ޢެމްޑީޕީ އަށް މަޖްލިސް މެޖޯރެޓީ ދިނީމާ މުސްލިމުންނަކީ ކާފަރުން ކަމުގާ ފާސްކުރާނެ ކަމަށް ގިނަ މީހުން ގޮވި. މިހާރު މިދިމާވަނީ ޢެދުވަސްތައް ފެންނަ ދުވަސް

  2. ރައްޔިތުންނޭ ހޭއަރާ. ﷲގެ ކޯފާ އަންނާނެ އެތަނެއްގައި މުންކަރާތް ނަހީނުކުރެވޭނަމަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *