Support Us

ތަސްވީރެއް ކިޔައިދޭ ވާހަކަ

ފޮޓޯއިން އެ ފެންނަނީ ސިނަމާލޭ ބުރިޖެވެ. އެތައް ބަޔަކު އޭގެ މަތިން ދަތުރުކުރާ ފާލަމެކެވެ. އެތައް ބަޔަކަށް ފަސޭހައަކަށް ވެފައި އޮތް ފާލަމެކެވެ. މާލެއާއި ހުޅުމާލެއާއި ގުޅުވާލަދީފައި އޮތީމައެވެ. އަދި، ހުޅުލެއާ މާލެއާ ވެސް ގުޅުވާލަދީފައި އޮތީމައެވެ.

ތަސްވީރުން އެ ފެންނަނީ މި މުހިއްމު ބުރިޖުގައި ދަބަރު ޖަހައި ދަބަރު ފޮޅެމުންދާ ތަނެވެ. ބުރިޖަށް އަޅާލައި ބަލަހައްޓަން ޖެހިފައިވާ ކަމެވެ. ބުރިޖު އެޅި ފަރާތުން މިކަން ކުރުމަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް ދާއިމީ ސިފައެއްގައެއް ނޫނެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އެއަށް ފަހު، ބުރިޖު ބަލެހެއްޓުމުގެ ކަންތައްތައް ކުރަން ޖެހޭނީ ރާއްޖޭގެ ކަމާ ބެހޭ އިދާރާއިންނެވެ. ބުރިޖު ބެލެހެއްޓުމުގެ މަަސައްކަތަކީ މުހިއްމު ކަމަކާ ދޭތެރޭ އެއްވެސް މީހަކު ދެކޮޅު ހަދާފާނޭހެނެއް ހިޔެއް ނުވެއެވެ. ސަބަބަކީ ބުރިޖާ އަޅާނުލައި ބުރިޖު ބެލެހެއްޓުމުގެ މަސައްކަތް ނުކޮށް، ބުރިޖާ މެދު އިހުމާލު ވެވިއްޖެ ނަމަ، ބުރިޖު ހަލާކުވެ، އެކަމަށް ކުރެވުނު ބޮޑު ޚަރަދެއް ބޭކާރުވެގެންދާނޭތީއެވެ. ދެން، ބުރިޖުގެ ފަސޭހަ ހޯދާ މީހުންނަށް އެ ޚިދުމަތް ނުލިބޭނެތީއެވެ. އެހެންވެ، މިކަން ހިމެނެނީ ޖަމާއީ ފައިދާއާ ގުޅިފައި އޮތް ވަރަށް ވެސް މުހިއްމު ކަމަަކަށެވެ.

ބުރިޖުގައި ދަބަރު ޖަހާތަން ފެނުމުން މީހަކު ކިޔައިދިން ވާހަކައެއް ލިޔެލަން ޖެހެއެވެ. އެއީ މިފަދަ ބޮޑު މަސައްކަތެއް މިސުރުގައި ކުރެވުނު ކަމާއި އެ މަސައްކަތާ ވިދިގެން މިސުރުގެ ރަސްމީ ފަރާތްތަކުން ކުރި ކަމެއްގެ ވާހަކައެކެވެ. މިސުރުގެ ވެރިރަށް ގާހިރާގައި ގާއިމު ކުރެވުނު 'އަންފާގު މިތުރޯ- އާދެ، ކޮނެގެން ބިމު އަޑީގައި އަޅާލެވުނު ރެއުލު ދަނގަޑުތަކާއި އޭގެ ގަތާލެވުނު ރެއުލުވޭ ދަގަނޑުގެ ވިޔުގައެވެ. ފަހުން، ނީލަ ކޯރުގެ އަޑިންވެސް އިތުރު ދަނގަޑު އަޅައި މި ވިޔުގަ ބޮޑުކުރިއެވެ. މިއި ބޭރުގެ އެހީގައި ހިންގާލެވުނު ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ ފުރަތަމަ ބައި ނިމުނީ 1987ގައެވެ. މި މަޝްރޫގެ އެހެން ބައިތައް ނިމި، މިހާރު ދުވާލެއްގެ މައްޗަށް ހަތަރު މިލިޔަން މީހުން މި ވިޔުގަ ބޭނުންކޮށްގެން ދަރުތުކުރެއެވެ.

މިސުރުގެ މެތުރޯ އަންފާގުގެ ވާހަކަ ގެނައީ މި މަޝްރޫއު ފެށުނު ތަނާހެން، މިސުރުގެ ކަމާ ބެހޭ އިދާރާތަކުން އެޅި މުހިއްމު ފިޔަވަޅެއްގެ ވާހަކަ ލިޔެލާށެވެ. އަދި، އެ ވާހަކައާ ރައްޖޭގެ ސިނަ-މާލެއާ ގުޅުވާލެވިދާނެތީއެވެ. ކޮންމެ އަކަސް، މިސުރުގެ ގާހިރާގައި އަންފާގު މިތުރޯގެ މަޝްރޫއުގެ މަސައްކަތް ފެށުނު ތަނާހެން، މިސުރުގެ ކަމާ ބެހޭ ފަރާތްތަކުން، އެތަނުގެ ޔުނިވަރސިޓީައި މެތުރޯ އަންފާގު ބަލަހައްޓައި މަރާމާތު ދޭނޭ ބަޔަކު ތައްޔާރު ކުރުމުގެ މަސައްކަތް ފެށިއެވެ. އަދި، އެ މަޝްރޫއު ނިމުނު އިރު، އެފަދަ ހުނަރު ލިބިގެންވީ ބަޔަކު ތިބީ ތައްޔާރުކުރެވިފައެވެ.

ސިނަމާލޭ ބުރިޖުގައި ދަބަރު ޖަހަމުން މަންޒަރު ދައްކުވައިދެނީ ބުރިޖު ބަލަހައްޓައި މަރާމާތު ކުރާނޭ ބަޔަކު އުފެދިފައި ނެތް ވާހަކައެވެ. އަދި، އެހެންވެޔާ އެކުގައި ބުރިޖާ އަޅާނުލެވިވާ ވާހަކައެވެ. ކޮންމެ އަކަސް އެ ތަސްވީރު ބުނަނީ މިއީ ކުރަންވެއްޖެ ކަމެކެވެ. ބުރިޖު މަރާމާތުކޮށް ބަލަހައްޓާނޭ މީހުން އުފައްދަންވެއްޖެ ކަމެވެ. އަދި، މިކަމުގެ ޒިންމާ އަމިއްލައަށް ނަގައި ބުރިޖު ހަލާކުވިޔަ ނުދީ ބެލެހެއްޓުމުގެ މަސައްކަތް އަމިއްލައަށް ކުރަން ފަށަންވެއްޖެ ކަމެވެ. އެހެން ނޫން ނަމަ، ބުރިޖު ދަބަރަށްވެ، ހަލާކުވެ ހިނގައިދާނެއެވެ. އެހެންވުމުން، އެކަންވީ މިވެނިހެން ވެގެންނޭ ނުވަތަ އެހެނިހެން ވެގެންނޭ ބުނެގެން ފަރަކު ނުޖެއްސޭނެއެވެ. ސަބަބަކީ އެވާހަކަތައް އޭރުން ވާނީ ބޭކާރު ވާހަކައަކަށެވެ. ބުރިޖު އޮންނާނީ ހަލާކުވެފައެވެ. ރައްޔިތުންގެ ޖީބުން ޚަރަދުކުރި އެތައް ފައިސާއެއް އޮންނާނީ ބޭކާރުވެފައެވެ. ދާދި ފަހުން ނޫހަކުން މައުލޫމާތު ދީފައިވާ ގޮތުގައި ސަރުކާރުގެ އިސް ބޭކަލަކު ބޭރުގައި ދެމަހެއް ހާ ދުވަސް ހޭދަކޮށްލެއްވުމަށް ތިން މިލިޔަން ރުފިޔާ ޚަރަދުވިއެވެ. އަދި، އޭނާގެ ކެމްޕޭނަކަށް މަދުވެގެން ހަތަރު މިލިޔަން ރުފިޔާ ޚަރަދުވިއެވެ. މިހުރިހާ ފައިސާއެއް އޭނާ ނެންގެވީ ރައްޔިތުންގެ ޖީބަށް އަތްލައްވާފައެވެ. މިޚަރަދުގެ ކުޑަ ބައެއް ހިމަނައިލައިގެން ވެސް ބުރިޖު މަރާމާތު ކުރުމުގެ މީހުން ތައްޔާރު ކުރެވިދާނެއެވެ. ހަމަ ޔަގީނުން ވެސް، މި ނަންގަތް އިސް ބޭކަލަކު ރައްޔިތުންގެ ޖީބަށް އަތްލައްވައިގެން އެ ނެންގެވި ހަތް މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން އާންމު ރައްޔިތުންނަށް ލިބިދާނޭ ހިއްސީ ފައިދާއަކަށް ވުރެ، ބުރިޖު ބަލަހައްޓައި ރައްކާކޮށްގެން އާންމުންނަށް ލިބޭނޭ ފައިދާ އެތައް ގުނައެއް ބޮޑުވާނެއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

One Response

  1. ތީއެހެންތަނެއް ގާ ހަދާފައޮތް ބުރިޖެއް …….
    މާލެއާ ހުޅުލެޔާ ދޭތެރޭގާ އަޅާފައޮތް ބުރިޖަކީ ……..
    ބުރިޖު ހަލީފާޔަށް ވުރެ އަގުބޮޑުކޮށް ހަދާފައޮށް ބުރިޖެއް…..
    ލަދުން ބޯހަލާކު…ދެން ބުނާނެ އެއީ އެހެންތަނެކޭ ….
    ނުޖަހާނެ ދަބަރެއް އޭ ގުރޭޑުގެ އެސްއެސް ……

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *