Support Us

ތަސްވީރެއް ކިޔައިދޭ ވާހަކަ: ބާވެ، ހަސްނެތި ދުވަސްވީ ހެދުމުގައި ފޮތި އެޅުން

ތިރީގައިވާ ތަސްވީރު ދައްކަނީ ބާވެ، ހަސްނެތި ބާހެދިފައިވާ ގަންޖުފަރާހެކެވެ. އޭގައިވާ ބާތަކުގައި ފޮތިއަޅައިގެން ނުބެއްދޭ ވަރަށް ބާހެދިފައިވާ ގަންޖުފަރާހެކެވެ. ދެން، އެކަން ކުރަން އުޅެފި ނަމަވެސް އެކަން ކުރެވިދާނެ ހެއްޔެވެ؟ ވީދި ހޮޔެ ހެދިފައި އޮތް ތަންތަނުގައި ފޮތިއެޅިދާނެއެވެ. ނަމަވެސް، މިވަރަށް ބާވެ، ހަސްނެތިފައި އޮތީވިއްޔާ އަނެއްކާ ވެސް އެހެން ތަންތަނުން ވީދި ބާ ހެދޭނެއެވެ. އެހެން ވީމާ މިފަދައިން ވީދި ހަސްނެތިފައި އޮންނަ ފޭރާމެއް އިސްލާހުކުރަން ފޮތި އެޅުމަކީ ބުއްދިވެރިކަމަަށް ނުވާނެއެވެ. އަދި އެއީ ވާނޭ ކަމަކަށް ވެސް ނުވާނެއެވެ!

ގާނޫނަކީ މުޖުތަމައުގެ އާންމު މަސްލަހަތު ރައްކާތެރި ކުރުމަށް އޮންނަ ވަސީލަތެކެވެ. އާދެ، އާންމު މަސްލަހަތެވެ. އެންމެންގެ ވެސް މަސްލަހަތެވެ. ވަކި މީހަކަށް ކަމެއް ދިމާވުމުން، ގާނޫނު ހަަދައި އެ މީހާގެ އެކަނި މަސްލަހަތު ދިފާއުކުރަން އުޅެފި ނަމަ، ގާނޫނުގެ ހަގީގީ ބޭނުން ގެއްލިގެން ހިނގައިދާނެއެވެ. އަދި، އެފަދަ ގާނޫނުތައް ހިންގާލުން ވެސް އުނދަގޫވެދާނެއެވެ. އޭރުން ވާނީ ވީދި ހަސްނެތިފައި އޮންނަ ފޭރާމެއްގައި ފޮތި އަޅަން އުޅުން ކަހަލަ ކަމެކެވެ.

އާންމުގެން މަސްލަހަތާ ގުޅިފައި ނެތް ގާނޫނު ހެދުމުން ދެން ދިމާވާ އެހެން ކަމެއް ވެސް އޮވެއެވެ. ވީދިފައި އޮންނަ ފޭރާން ބައްދައިގެން އެ ލުމުން އެހެން ތަންތަނުން ވީދި ފަޅަފަޅައިގެންދާ ގޮތަށެވެ. މިސާލަކަށް ގާނޫނަކުން މަނާ ކުރަން އުޅޭ ލާދީނިއްޔަތޭ ކިޔުން މަނާ ކުރުމުގެ ގާނޫނަށް ވިސްނާލަ ބަލާށެވެ. އެ ފަދަ ގާނޫނެއް ހަދައި ލާދީނިއްޔަތޭ ކިޔުން މަނާ ކުރެވިއްޖެ ކަމަށް ބަލާށެވެ! ދެން، އެ ފަދަ އެހެން އެއްޗެއް ކިޔަން ފަށައިފި ނަމައެވެ. މިސާލަކަށް މިވެނި މީހަކާ ލާއިލާހިއްޔަތުގެ މީހެކޭ، އިލާހަކު ވޮޑިގެންވާ ކަން ގަބޫލު ނުކުރާ މީހެކޭ ގޮވަން ފަށާފާނެއެވެ. ދެން، އެވީ އަނެއްކާ އެކަން މަނާ ކުރާ ގާނޫނެއް ހަދަން ހެއްޔެވެ؟ އެ ގާނޫނު ހަދައިގެން، އެކަން ވެސް މަނާ ކުރެވިދާނެ ކަމުގައި ބަލެދާނެއެވެ. ދެން، މިވެނި މީހަކީ މިވެނި ބޭރު ގައުމެއްގެ އޭޖެންޓެކޭ، ޖާސޫސެކޭ ކިޔައި ގޮވަން ފަށާފާނެއެވެ. ދެން އެވީ އޭޖެންޓޭ ކިޔުން މަނާ ކުރާ ގާނޫނެއް ހަދަން ހެއްޔެވެ؟ އެކަން ވެސް ކުރެވިދާނެއެވެ. ނަމަވެސް، ދެންވެސް އެފަދަ އެހެން ގޮވުންތައް ގޮވަން ފަށާފާނެއެވެ.

މީގެ މާނައަކީ ކޮބާ ހެއްޔެވެ؟ ގާނޫނަކީ ވަކި މީހެއްގެ ނުވަތަ ވަކި ބައެއްގެ މަސްލަހަތު ނޫނީ އަބުރު ރައްކާކުރަން އޮންނަ އެއްޗެއް ނޫނެވެ. ޖަމާއަތުގެ މަސްލަހަތާއި ޖަމާއަތުގެ އަބަރު ރައްކާކުރަން އޮންނަ އެއްޗެކެވެ. މިހާރު ވެސް މިފަދަ ގާނޫނުތައް އެބަހުރި ނޫން ހެއްޔެވެ؟ ލާދީނީއޭ ލާއިލާހިއްޔަތޭ އޭޖަންޓެކޭ ގޮވުމުގެ މީހެއްގެ އަބުރަށް ގެއްލުން ވެއްޖެ ނަމަ، އެކަމާ ދައުވާ ކުރެވޭ ގާނޫނުތައް އެބަ ހުރި ނޫން ހެއްޔެވެ؟ ދެން، ވަކި ބައެއްގެ މަސްލަހަތު ދިފާއުކުރަން ވަކި ގާނޫނުތަކެއް ހަދަން ޖެހޭ ހެއްޔެވެ؟ އެކަން ކުރަން އުޅެފި ނަމަ ވާނީ ވީދި ހަސްނެތި އެތަން މިތަނުން ބާ ހެދިފައިވާ ހެދުމެއްގައި ފޮތި އަޅަން އުޅޭ ކަހަލަ ކަމަކަށެވެ. އެއް ތަނެއްގައި ފޮތި ކޮޅެއް އަޅައި ބައްދާލާ އިރަށް އެހެން ތަނަކުން ވީދި ބާ ހެދި އެތާނގައި ފޮތި އަޅަން ޖެހިފައެވެ. އެކައްޗެއް ކިޔުން ގާނޫނަކުން މަނާކުރާ އިރަށް އަނެއްކާ ވެސް އެފަދަ އެހެން އެއްޗެއް ކިޔައި ގާނޫނަކުން އެކަން މަނާކުރަން ޖެހޭ ގޮތް ވެފައެވެ! އޭގެ ބަދަލުގައި ލާދީނީއޭ، ލާއިލާހިއްޔަތޭ، އޭޖެންޓޭ ނުކިޔޭނޭ ގޮތަށް މީހާގެ އަމަލުތައް ބަދަލުކޮށްލުން ކީއްހެއްޔެވެ؟ އަމަލުތައް ބަދަލުކުރުމުން ވެސް އެފަދައިން މުޚާތަބުކުރާ ނަމަ، އެ އޮތީ އަބުރުގެ ގާނޫނަށް ފެތި، އަބުރުގެ ދައުވާ ކުރަން ބޭނުން ނަމަ، އެކަން ކުރެވޭ ގޮތް ވެފައެވެ!

 

ކަވަރ ފޮޓޯގައި: ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދާއި ނަފުރަތު ބިލް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަރު ހިސާން ހުސެއިން