Support Us

"ތަގޭ މީހާޔަށް ވުރެ މަގޭ މީހާ މޮޅު!"

މިފަހަރުވެސް އަޅުގަނޑު ދަންނަވަން އޮތް ވާހަކަ ތިޔަބޭފުޅުން އަރިހަށް ހުށައަޅަން މިޖެހެނީ ފުލޯކު ވާހަކައެއްގެ ތޮށިގަނޑެއްގެ ތެރޭގައެވެ. އެ ތޮށިގަނޑުގެ އެތެރޭގައި އޮތީ ޙަޤީޤަތެއްތޯ ރޯމަރު ދޮގެއްތޯ ނިންމަވާނީ ތިޔަ ބޭފުޅުންނެވެ.

ނެތަމަފުށީ ލަފާ ފަރާތު އަތިރިމަތީ ހޮޅުއަށީގައި އިށީނދެގެން އެ ތިބީ ދެވަންފުރައިގެ ދެ ފިރިހެނުންނެވެ. އެކެއްގެ ބޮލުގައި ގިނައީ ނުރަތޯ، ކަޅު އިސްތަށިތޯ ނިންމަން ކުޑަކޮށް ދައްޗެވެ. އަނެކަކުގެ ބޮލުގައި ހުރީ ކޮން އެއްޗެއްތޯ އަހާކަށް ނުޖެހެއެވެ. އެއްޗެއް ނެތީމާ ވާނީ އެހެން ނޫންތޯއެވެ! އެކަކު އަތުގައި އޮތީ ދެންމެ ރޯކޮށްލި ރަށުބިޑިއެކެވެ. އަނެއް މީހާ ބޯން އިން ސިނގިރޭޓު ހުލިވާކަށް މާކަ ގިނަ އިރެއް ނެތެވެ. ދެ މީހުން އެކަކު އަނެކަކާ ދައްކަމުން ދިޔަ ވާހަކަޔާއި، ފާޅުކުރަމުން ގެންދިޔަ ޚިޔާލުތަކަށް ބަލައިލާއިރު، އިސްތަށްޓާއި ދުންފަތަކީ އެހައި މުހިންމު އެއްޗިއްސަކަށް ނުވެޔޯލައެވެ.

”ބަލަ ކަލޭ ނުދެކެންތަ؟ އަހަރުމެންގެ މީހާ މިރަށަށް އައީ އޭނާގެ އަމިއްލަ ލައިންޗުގަޔޯލަ! އެއީ ފަރަންސޭސި ވިލާތުގައި ހުންނަ އޮޑި ބަންނަ ކުންފުނިތަކުގެ ތެރެއިން އެންމެ މޮޅު ކުންފުނިން އިހަށްދުވަހު ބަނދެގެން ގެނައި އެއްޗެކޯ! އެނގޭތަ، އެ ލައިންޗު ކިތަންމެ ގަދައިގައި ދުއްވައިފައި އަޔަސް، ފަރަށް، ގަލަށް، ކިޔާނެ މީހަކު ނުޖެހެޔޯލަ ދިރުނބާކޮޅުގައި ބަހައްޓާކަށް! ލައިންޗު އަމިއްލަޔަށް މަގު ހޯދައިގެން ބުނި ތާކަށް ދަނީ އޭތި އަމިއްލަޔަށޯ!“ ދުރުގޭ އަހަންމަދު ފަޚުރިވެރި ވެލައިފައި ބުނެލިއެވެ.

”މަށަކު ނާހަން ތިޔަވާހަކައެއް! އެކަމަކު އެހެންވެސް ވެދާނެތާ؟ އެކަމަކު، މަގޭ މީހާޔަކަށް ލައިންޗެއް ބޭނުމެއް ނުވާނެޔޯ! ކާކު ހެއްޔޯ މިހާ ގަދައިގައި ތެޅެމުން ފޮޅެމުން ހަލުވަމުން ލައިންޗެއްގައި އަންނާނީ، އޭތި އަމިއްލަޔަށް ދުވިޔަސް، ނުދުވިޔަސް؟ މަގޭ މީހާ އައީ އޭނާގެ މުޅިން އަމިއްލަ، ކަނޑަށް ޖައްސާ މަތިންދާބޯޓުގަޔޯ! އަހަންމަދަށް އެނގޭތަ، އެ ބޯޓު ދުއްވަން ތިބެނީވެސް ޖަރުމަނު އަންހެން ކުދިންނޯލަ!“ މަގަތުގޭ މޫސަ މޮޅުވެލައިފައި ބުނެލިއެވެ.

ދެ މީހުންކުރެ ކޮންމެ މީހަކުމެ އެމީހެއްގެ ”އަހަރުންމެންގެ މީހާ“ ދުއްވަން ގެންގުޅޭ އުޅަނދުގެ މޮޅުކަމުގެ ވާހަކަ،  އިވިފައި ހުރި ގޮތަށް ދައްކަމުން ގެންދިޔައިރު، އެ މީހުންގެ ރަށު މީހަކު މާލެ އަންނަން ވެއްޖިއްޔާ އަރަން ޖެހެނީ މީގެ ފަނަރަ ވަރަކަށް އަހަރު ކުރީން ބަނދެފައި އޮތް، ”ތެލަމާ“ ނަމަކަށް ކިޔާ ބައު ބޯޓު ގަނޑަކަށެވެ. ރަށުގައި ގެންގުޅޭ ދެތިން މަސްދޯނި ފިޔަވައި ދެން އޮންނަ ހަމައެކަނި  ކަނޑުމަތީ އުޅަނދަކީ އެއީ އެވެ.

”މޫސަޔަށް އެނގޭތަ، އަހަރުމެންގެ މީހާގެ ލައިންޗުގައި ހުރެޔޯލަ އެންމެ މިހާރުގެ ހަސްފަތާލެއްވެސް! އެ ލައިންޗުގައި ހިތުގެ ކުދި އޮޕަރޭސަންވެސް ކޮށްލެވެޔޯ އިނގިރޭސިވިލާތު ފެންވަރަށް. ދަތުގެ ޑޮކުޓަރަކުވެސް އަބަދުވެސް ހުރެޔޯ ޑިޔުޓީގައި. އެކަމަކު އެއީ އަހަރުމެންގެ މީހާގެ ހިތުގެ މައްސަލަ ޖެހޭތިއްޔެއް ނޫނޯ، ނޫނީ ދަތް ފަނިކައިފައި ހުންނާތީކީވެސް ނޫނޯ! އެއީ ފަހަރުގައިވެސް އެކަހަލަ ކަމެއް ވެދާނެ ކަމަށޯ.“ އަހަންމަދަށް އިވިފައި އޮތް ގޮތަށް އޭނާ ބޮޑުކަނޑައިލިއެވެ.

”އައްޗި، ތިޔައީ ހައްޕުނޑެއްނު؟ އަހަރުމެންގެ މީހާގެ މަތިންދާބޯޓު ދާ ކޮންމެ ތާކަށް ދާނެޔޯ އޭނާގެ އަމިއްލަ ސަފާރީ އޮޑި. އެ އޮޑީގައި ހުންނާނެޔޯ ތިޔަ ބުނާ ކަންކަމުގެ އިތުރުން، މީހުން ވިއްސެންވެސް. ދަރީން ނަކަތްގެލެއްވެންވެސް!“ މޫސަ ކުޑަކޮށް ހީނވެސް ލައިފައި އަދި އެޔަށްވުރެ ބޮޑުވެލިއެވެ.

މޫސަޔާއި އަހަންމަދު ހަސްފަތާލުގެ ވާހަކަ ދައްކަން ތިބި އިރު، އެމީހުންގެ ނެތަމަފުށީގައި ހުންނަނީ އިހުގެ ހެލްތު ސެންޓަރެކެވެ. އެ ސެންޓަރުގައި ހުންނަ އިންސާނީ ސެންޓަރަކީވެސް ކަމަށް ތަމްރީނުވީތާ ސާޅީހަކަށް އަހަރު ވެފައި ހުރި މީހެކެވެ. ނެތަމަފުށީގައި މީހަކު ވިހަންވިޔަސް އެކަމުގައި އުޅެން ގެންނަން ޖެހެނީ ޖެހިގެން އޮތް ރަށުގައި އިންނަ ފޫޅުމައެކެވެ. ވިހޭގެ ތެރޭ ކިރިޔާވެސް މައްސަލަޔެއް ޖެހިއްޖިއްޔާ އެޖެހުނީ އެއްކަލަ ”ތެލަމާ“ޔަށް އަރައިގެން މާލެދާށެވެ.

”އަހަންމަދާ ކަލެޔަށް އެނގޭތަ، އަހަރުމެންގެ މީހާގެ ދެ ރިސޯޓު މިހައިރު އޮތީ ފުލުވެފަޔޯލަ! ހިންދީ ފިލްމިސްޓާރުންނޯ ގިނައީ. އެ އިން ކޮންމެ މީހަކު ދައްކަޔޯލަ ރެޔަކަށް ކޮޓަރިޔަކަށް ދެ ހާސް ޑޮލަރު! ލާރި ފަށެއް އަޅެ ވަންނާނެ، ދޯ؟ އަހަރުމެންގެ މީހާ ބުނި މިފަހަރު ރޫމްބޮއިިންގެ މުސާރަ ތިން ހާސް ރުފިޔާއިން ހަތަރު ހާހަށް ބޮޑު ކުރާނަމޯ. އަދި މި ގޮތަށް ދަންޏާ އަންނަ އަހަރު ސާވިސް ޗާޖުވެސް ދޭން ފަށާނަމޯ. އަޅެ ރަނގަޅެއް ނޫންތަ؟ އޭނާ އެ ބުނާ ގޮތުން ކިހާ ހެޔޮ! އަދި ބުނި، މިގޮތަށް ފުލުކޮށް އޮންނަންޏާ، މި އަންނަ އަހަރު މިރަށުގައި ބޮޑު ހަސްފަތާލެއް އަޅައިދޭނަމޯ، އަދި އޭނާ ގެންގުޅޭ ކަހަލަ ކަނޑަށް ޖައްސާ ދެ ބޯޓު ރަށު ފާލަން ކޮޅުގައި އަބަދުވެސް ބާއްވައިދޭނަމޯ.“ މޫސަ ވަރަށް އެހެން ކަހަލަ ރާގެއްގައި ބުނެލިއެވެ.

”އޭނާ ތިޔަ ކަހަލަ ހުވަފެން ދެއްކި މި ދައުރުގެ ކުރީ ދައުރު އޭނާ ހޮވެން ވެގެން މިރަށަށް ވޯޓު ހޯދަން އައިސް އުޅުނު އިރުވެސް. އެކަމަކު ހޮވުނީމާ، އޭނާ ކުރަން ބުނި އެއް ކަމެއްވެސް ނުވިއެއްނު؟“ އަހަންމަދު ބުނެލިއެވެ.

”އެހެންތާ ވާނީ! ކަލޭމެންގެ މީހާގެ މީހުން އޭނާޔަށް ހުރަސް އަޅައި، ދަތި ކުރި ވާހަކަ ވިއްޔަ އޭނާ ބުނަމުން ގެންދިޔައީ!“ މޫސަ ޒާތަކަށް ބަލައިލައިފައި ބުނެލިއެވެ. ”ހުރަސް ނުއެޅީނަމަ ވެފަޔޯ ހުރީހީ!“

”އަހަރުމެންގެ މީހާ ހޮވަން ޖެހުނީ އެހެން ވެގެން ނޫންތަ؟ ކަލޭމެންގެ މީހާޔަށް ކަންކަން ނުވީމަޔޭ ރަށު މީހުން ގޮވީމައި ނޫންތަ؟“ އަހަންމަދު ބުނެލިއެވެ.”ބަލަ ކަލޭމެންގެ މީހާ މިހާރުވެސް އެހެރީ ފެންނަން. އޭނާވެސް މުސާރަ ބޮޑުކުރަން ބޮޑުކުރަން ކިޔަނީ. ބޮޑު ވާތަނެއް ނުފެނޭ. ސާވިސް ޗާޖުވެސް ދޭންދޭން ކިޔަނީ. އަދި ދިންތަނެއް ނާދޭ. މަތިންދާބޯޓުވެސް އަބަދުވެސް އަންނަ މަގުމަތީގައި. އަންނަތަނެއް ނުފެނޭ. ވަކި ކޮން ކަމެއް ވީ؟“

”ކަލޭމެންގެ މީހާޔޯ؟ ހަސްފަތާލު ބޯޓެއް މުޅި އަތޮޅަށް ޚިދުމަތް ދޭ ގޮތަށް ބާއްވަން ބުނި. ފުޓުސަލް ދަނޑެކޭ، ބަށި ކޯޓެކޭ، ކޮލެޖެކޭވެސް ކިއެއްނު؟ އެއީވެސް އަދި ހަމަ ހުވަފެނެއްނު؟“ މޫސަ ބުނެލިއެވެ.

”އެކަމަކު ބުނަންތަ، ވިޔަސް، ނުވިޔަސް، އެ މީހުން ހޮވައިގެން ނޫނީ ކަމެއް ވާކަށް ނެތެއްނު؟“ އަހަންމަދު ބުނެލިއެވެ. ”އަހަރުމެން އެ މީހުންގެ އަވައިގައި ޖެހިއްޖެ ކަމަށް ދައްކައިގެން، ދެ މީހުން ދެފަޅިޔަށް އަރައިގެން މަސައްކަތް މި ކުރަނީ އަހަރުމެންގެ މި ނިކަމެތި ރަށްގަނޑަށާއި ރަށުގެ ދެރަވަރު މީހުންގެ އަނގަޔާ އަތާ ދިމާވާން އޮތީ އެ މީހުންނަށް ތާރީފާ ޚުޝާމަދު ކުރުން ނޫން ގޮތެއް ނެތީމާނު؟“

”ތިޔައީވެސް ތެދެއް! އެހެންޏާ، އަހަރުމެން ދެބެއިންގެ ދެ ދަރި ދެބެއިން މިގޮތަށް ދެކޮޅަށް އަރައިރުންވާ ކަމަށް ހެދޭނެ ކަމެއް ނެތެއްނު؟“ މޫސަ ކަރު އެލުވައިލައިފައި ބުނެލިއެވެ. ”އަހަރުމެން ދެބެއިން ކުޑަކަތީބު ކަން ކުރިއިރު…“ މޫސާ ބުނަން ފެށިއެވެ.

”އެމަށް ދާނެ ގިރިޔެއް ނެތް، އެ މީހުންގެ ނޫނީ. އެކަމާ ހެދި މަސްވެރިކަން ކުރެވޭކަށް ނެތް. ދަރަށް، ކާށްޓަށް ދާނެ ފަޅުރަށެއް ނެތް. އެ މީހުން ރަށްތައް ނަގައިފި. ފިނޮޅުގަނޑެއް އޮތިއްޔާ އެ ވެސް…“ އަހަންމަދު ބުނެލިއެވެ.

”މި ފަހަރު ވާނެ ކޮންމެވެސް އެއްޗެއް ހޯދަން. ކަލޭ އަރާ ކަލޭމެން މީހާ ކޮޅަށް. އަހަރެން އަރާނަން އަހަރުމެން މީހާ ކޮޅަށް. ރަށު މީހުން އެއްބަޔަކު އަނެއް ބަޔަކާ ތަޅައި ނުފޮޅާ ވަރު ބަލައިގެން ކޮންމެވެސް އެކަކު އަތުން ނަމަވެސް ވާނެ އެންމެނަށް ފައިދާހުރި އެއްޗެއް ލިބޭތޯ ބަލަން. އަބަދަކު މި ނިކަމެތިކަމުގައި ތިބޭކަށް ނުވާނެ،“ މޫސަ ބުނެލިއެވެ.

ދެބެއިން ހޮޅުއަށިން ފައިބައިގެން އެ މީހަކު އެމީހެއްގެ ގެޔަށް އެ ދިޔައީ "ތަގޭ މީހާޔަށް ވުރެ މަގޭ މީހާ މޮޅު" މަޝްރޫޢުގެ އިފްތިތާޙީ ޖަލްސާ ނިންމައިލާފައެވެ.