Support Us

ކޮލަމް: އޮލަނބު

ދިވެއްސަކަށް ވީތީ ފަޚުރުވެރިވޭތަ؟

ހިންދުމާކަނޑު ތެރޭގައި އަތުރާލެވިފައިވާ ކުދި މުތީތަކެއް ފަދަ ރީތި މި ދިވެހިރާއްޖެއަކީ އަބަދުވެސް މިނިވަންކަމަށް ލޯބިކުރާ ބަޔަކު ދިރިއުޅެމުން އަންނަ މިނިވަން ޤައުމެކެވެ. އިސްލާމްދީނަށް ލޯބިކުރާ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރު ވަތަނެކެވެ. މީ އަމިއްލަ ވަންތަކަމަށް ލޯބިކުރާ، ފުދުންތެރި، އަހުވަންތަކަމުގެ ލާމަސީލު ނަމޫނާއެއް ދައްކަމުން އައި ފަހުރުވެރި ދިވެހީންގެ ބިމެވެ. ނަމަވެސް މިއަދު އަހަރުމެންގެ ކާބަފައިން ވީފަދައިން ދިވެހީންނަށް ވީތީ ފަހުރުވެރިވެވެން އަހަރުމެންނަށް އެބައޮތްތޯއެވެ؟ އަހަރުމެންގެ ހާލަތު މިއަދު ހުރީ ކިހިނެއްތޯ ބަލައިލުން ކީއްތޯއެވެ؟

ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެ ދިރިއުޅެން ފެށީއްސުރެ އަބަދުވެސް ބޭރުގެ ތަފާތު އެކި ބާރުތަކުން މި ދިވެހިރާއްޖޭގެ މިނިވަންކަން ނިގުޅައިގަތުމަށް އެތައް މަސައްކަތެއް ކުރަމުންދެއެވެ. އެކިފަހަރު އެކި ގޮތްގޮތަށް އެކިއެކި ފަރާތްތަކުން ދިވެހީންގެ މައްޗަށް އަތްގަދަކުރަން މަސައްކަތް ކޮށްފައިވާކަން ދިވެހި ތާރީހުން ފެންނަން އެބައޮތެވެ. މިއިން ކޮންމެ ފަހަރަކުވެސް ދިވެހީންނާ ތޮޅެން ދުޝްމަނުން އައިސްފައިވަނީ ދިވެހީންގެ ތެރޭގައި ތިބި އަމިއްލަ އެދުމުން ފޯވެފައިވާ ޚާއިނުންތަކެއްގެ އެހީތެރިކަމާ އެކީގައެވެ. އެހެންނަމަވެސް މިއިން ކޮންމެ ފަހަރަކުވެސް ދިވެހީންގެ ތެރެއިން ހިތްވަރު ގަދަ ބަތަލުން ނުކުމެ ވަނީ ޖާނާއި މާލުން ޤުރުބާންވެ ދުޝްމަނުންގެ ވަކިތަކުން މި ޤައުމު ސަލާމަތްކޮށްދީފައެވެ.

ބަދަލުވެގެން އައި ޒަމާނާ އެކު މިއަދު މިވަނީ ދިވެހީންގެ ވިސްނުންވެސް ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިއަދު ބައެއް މީހުންނަށް، މި ފަސްގަނޑުގެ ދިފާއުގައި މޭ އައްޑަނައަކަށް ދިއްކޮށްލި ޤައުމީ ބަތަލުންގެވެސް އެއްވެސް އަގެއް އޮތްކަަމަކަށް ނުވެއެވެ. ނޮވެމްބަރު 3، 1988ގައި ދިވެހިރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ދިވެހި ސިފައިން ތިބީ ފިލާ ކަމަށް ބުނެ ހުރިހާ ތައުރީފެއް އަވަށްޓެރި އިންޑިއާ ސިފައިންނަށް އޮއްސާލަނީ ލަދުގެ ކަންފުޅެއްވެސް ނެތިއެވެ. މި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ދިވެހީންނަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ މިފަސްގަނޑުގައި އަޑު އުފުލަން ފަށައިފިއެވެ. މިއަދު ދުނިޔޭގެ އެތަންމިތަނުން މިލިޓަރީ އެކިއެކި ތަމްރީނުތައް ހަދައި މަތީ ފާސްތައް ހާސިލުކޮށްފައި ތިބި ތައުލީމީ ދިވެހި ދަރިން އެއްފަރާތްކޮށް ބޭރުގެ ސިފައިންނަށް ބަރޯސާވާ ބަޔަކަށް ދިވެހިން ވެއްޖެއެވެ. ދުނިޔޭގެ އެންމެ ބިޔަ މަތިންދާބޯޓުފަހަރު ދުއްވާ ދިވެހި ޕައިލަޓުން ތިބިއިރު، ކުޑަކުޑަ ހެލިކޮޕްޓަރެއް އުދުއްސާލަން ދަންނަ ދިވެއްސަކު ނެތްކަމަށް، އަދި އެތައް އަހަރެއްވީއިރު ތަމްރީނުވެސްނުވި ކަމަށް ބައެއް ދިވެހީން ޤަބޫލުކުރަން ފަށައިފިއެވެ. ބޭރުގެ ބާރަކުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ދިވެހިރާއްޖެ ހިފިދާނެ ކަމަށް ބުނެ ދިވެހީންގެ އިއްޒަތާއި އަބުރަށް ހުތުރުކޮށްފިއެވެ.

ހަމައެކަނި މިވަރުން ފުއްދާލީއެއް ނޫނެވެ. އެ ދީނަކަށްޓަކައި އަހަރުމެންގެ ކާބަފައިންގެ އިރުއްސުރެ ޤުރުބާންވި އިސްލާމްދީނާ ދެކޮޅުވެރި ފަރާތްތަކަށް ހިމާޔަތް ލިބިދޭގޮތަށް ޤާނޫނުތައްވެސް ފާސްކުރަން ފޫގަޅަނީއެވެ. އަހަރުމެންގެ އަމިއްލަ ނަފްސުތަކަށްވުރެ ބޮޑަށް އެބޭކަލަކަށް ލޯބިކުރާ މާތް ނަބިއްޔާ އަށް ފާޅުކަން ބޮޑު ގޮތެއްގައި ފުރައްސާރަކޮށް ހަޖޫޖެހުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމުގައި ދިވެހީންގެ ބަޔަކު ޤަބޫލުކުރަން ފަށައިފިއެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި ރާބުއިމާއި ޒިނޭކުރުމަކީ އިންސާނީ ހައްޤެއް ކަމަށް ވަކާލާތު ކުރާ ބަޔަކު ދިވެހި ފަސްގަނޑުގައި އުފެދިއްޖެއެވެ. މުންކަރާތްތައް މަނާކޮށް ހައްޤު ބަސްބުނުމަކީ ނަފްރަތު އުފެއްދުން ކަމުގައި ބޮޑުން ބުނަން ފަށައިފިއެވެ. ދިވެހިންގެ ސަގާފަތާއި އިސްލާމީ ރިވެތި އާދަތަކަކީ ބޯދާ އެއްޗެއް ކަމުގައި ދެކި ހުޅަނގުގެ ގޮތްތަކަށް ތަބާވުން އެއީ ގަދަރުވެރިންގެ ސިފަޔަކަށް ވެއްޖެއެވެ.

މި ހުރިހާ ކަމެއް ހިންގުމުގެ މޭސްތިރިންގެ ގޮތުގައި ތިބީ ހަސަން ތާޖުއްދީނުގެ ދެބެއިން ފަދަ ހީލަތްތެރި ބައެކެވެ. ނުވަ ވަނަ ހަސަން ރަސްގެފާނު ފަދައިން އިސްލާމްދީނާ ދެކޮޅުވެރިވާ ބައެކެވެ. ތަފާތަކީ މި ޒަމާނީ ގައްދާރުން މި ދެންނެވި ޚާއިނުންނަށްވުރެ މާ ކުޅަދާނަކަމެވެ. މިބައިމީހުން ދިވެހިންގެ މިނިވަންކަމާއި މަތިވެރިވެގެންވާ އިސްލާމްދީނާ ދެކޮޅުވެރިވަނީ ގިނަ އަދަދެއްގެ ދިވެހީންގެ ތާއީދާވެސް އެކުގައި ކަމެވެ. މުޅި މުސްލިމު އުންމަތުގެ ދުޝްމަނުން ކަމުގައިވާ ސަލީބީންނާއި ޔަހޫދީންނާއި ގާތް ގުޅުންތައް ބާއްވާ އެމީހުންގެ މަދަދު ހޯދަނީ ހަމަ އަހަރުމެންގެ ލޯތައް ކުރިމަތީގައި ކަމެވެ. އެހެނަސް މިބައިމީހުން ހަނދާނުގައި ނުހުންނަ ކަމަކީ އަބަދުވެސް ހައްޤަށް ނަސްރު ދެއްވާނެކަމެވެ. މާތް ރަސްކަލާނގެ، އެކަލާނގެ ދީން ހިމާޔަތް ކުރައްވާނެކަމެވެ.

ފަހަރުގައި އަހަރުމެން އެ ބަތަލަކަށްޓަކައި ފަހުރުވެރިވާ ތިލަދުންމަތީ އުތުރުބުރީ އަލްހަތީބް ހުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްތާނުލް ގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރިސަވާދީއްތަ މަހާރަދުން، އޭރު ދުނިޔޭގެ ގަދަ ބާރެއް ކަމަށްވާ "ކަނޑު މަތީގެ ބާޒު"ގެ ނަމުން މަޝްހޫރު ޕޯޗުގީޒުންގެ އަތްދަށުން މި ޤައުމު ސަލާމަތްކޮށްދިނުމަށް ކުރެއްވެވި މަތިވެރި ޖިހާދުގެ ވާހަކަތައް މިބައިމީހުންނަށް މާ ރަނގަޅަށް ނޭނގެނީ ކަމަށް ވެސް ވެދާނެއެވެ. ނުވަތަ 18 ވަނަ ޤަރުނުގައި އިންޑިއާގެ މަލާބާރުން ނުވަތަ ހޮޅީންގެ އަތްދަށުން މި ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި މާލެ އަތޮޅު ހުރާ އަލްވަޒީރު ޙުސައިން ދަހަރާ ތަކުރުފާނުންގެ ފުތް އަލްވާޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނުންގެ ދަރިކަލުން އަލްޣާޒީ ޙަސަން ރަންނަބަނޑޭރި މަނިކުފާނުން ކުރެއްވެވި ޖިހާދުގެ ވާހަކަ އެނގިފައި ނުވަނީ ކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް ބުނެލާން އޮތީ ހަމަ އެންމެ ވާހަކައެކެވެ. އަދިވެސް މި ފަސްގަނޑުގައި ދިވެހި ލޭ ހިނގާ، ދިވެހިންނަށް ވީތީ ފަހުރުވެރިވާ ދިވެހީން އުޅޭކަން ހަނދާން ނައްތާނުލައްޗެވެ. އިސްލާމްދީނާ ތޮޅެ، ދިވެހިންގެ މިނިވަންކަމާ ކުޅޭއިރު އަބަދު "ފުދުނު ގެރި" ހެދިގެން ދިވެހިން ތިބޭނެ ކަމަށް ހީކުރުމަކީ ކުށްހީއެކެވެ. އިސްލާމްދީނާ ދެކޮޅުވެރި ވާހަކަ ދައްކާ ހަދާނަމަ ދިވެހިންގެ ލޭ ކެކޭނެއެވެ. ހައްޤުގެ ދުލަށް މޮހޮރުޖަހާ ހައްޔަރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދިވެސް އަލިރަސްގެފާނުން ފަދަ، ދީނަށާއި ޤައުމަށް ވަފާތެރި އެތައް ދިވެހި ދަރިޔަކު މި ފަސްގަނޑުގައި އެބަތިއްބެވެ. ހަޤީޤަތަކީ ތިޔަ މަޤާމާއި ބާރުގައި އަބަދު ދެމި ނުތިބެވޭނެކަމެވެ. ވަގުތުޖެހުމުން މަޤާމު ދޫކޮށްފައި ދާން ޖެހޭނެއެވެ. އެ ދުވަހުން ތިމާމެން ދެކެ އެހެން މީހުން ލޯބިވާނެ ފަދައިން މަސައްކަތްކުރާ ބަޔަކަށް މިއަދު ތިމާމެން ވާށެވެ. ތިމާމެންނާ ދިމާލަށް ނަފްރަތުގެ ކަޅިން ބެލުން ހުއްޓާލާނީ އޭރުންނެވެ. ދަންނާށެވެ! ރާމާމަކުނު ލަޝްކަރެއްގެ ވެރިޔަކަށް ހުރުމަށްވުރެ، ސިންގާ ލަޝްކަރެއްގެ ފަރުދަކަށް ހުރުންވެސް މާ ރަނގަޅުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
44

3 Responses

  1. "އިސްލާމްދީނާ ތޮޅެ، ދިވެހިންގެ މިނިވަންކަމާ ކުޅޭއިރު އަބަދު "ފުދުނު ގެރި" ހެދިގެން ދިވެހިން ތިބޭނެ ކަމަށް ހީކުރުމަކީ ކުށްހީއެކެވެ" މި ގައުމަށް ބޭނުންވަނީ އޮލަނބު ކަހަލަ ޒުވާނުން

  2. ތެދު ލިއުމެއް. ނަމަވެސް ވަތަނިއްއްޔަތު މިހާރުވަނީ އަލުން ދިރުމެއް ނާންނަ ވަރަށް ޒަހަމްކޮށްފަ.
    އެއްކޮޅުން ގްލޯބަލް ވިސްނުމުގެ މީހުން ބޭނުންވާ ތަހުޒީބަކީ ޔޫއެންގެ މުއާހަދަތަކާއި އެއްކޮތައް އެއްޖިންސްގެ ކައިވެނި ވެސް ކުރެވޭ ގައުމަކަށްވުން.
    އަނެއްބަޔަކު ބޭނުންވަނީ ރައްޔަތުންގެ ފައިސާއިން ވައްކަންކުރަން.
    ގައުމުގެ ވެރިން ގައުމަށް ގައްދާރު ވެއްޖެ.
    މިފަދަ ގައުމުތަކާއި ބޭރު ގައުމުތަކުން ބެހޭނެ.
    އިންޑިއާއިން މިގައުމާއި މާބޮޑަށް އަދި ފާޅުގަ ނުބެހި އޮތަުން އެއީ ހަމަ ނަސީބެއް. އެކަމަށް އިންޑިއާއަށް ޝުކުރުވެރިވާންޖެހޭ. ކައިރީގަ އެމެރިކާ އޮތްނަމަ މިހެނެއް ނުބާއްވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *