Support Us

"އެމީހުންގެ ދުޝްމަނުންނަކީ އަހަރުމެންގެ ދުޝްމަނުންނަށް ވާކަށް ނުޖެހެއެވެ."

"އެމީހުންގެ ދުޝްމަނުންނަކީ އަހަރުމެންގެ ދުޝްމަނުންނަށްވާކަށް ނުޖެހެއެވެ."

މަތީގައި އެވަނީ މިނިވަން ކަމަށް ލޯބިކުރި، މިނިވަން ލީޑަރެއް ވިދާޅުވި ބަސްކޮޅެއްގެ ޖުމްލަ މާނައެވެ. ދޮން މީހުންގެ ނަސްލީ އިމްތިޔާޒުގެ ވެރިކަމުގެ ނިޒާމުން ދެކުނު އެފްރިކާގެ ކަޅު މީހުން މިނިވަންކޮށް، ދެކުނު އެފްރިކާގައި ހަމަހަމަކަމާއި އަދުލު އިންސާފުގެ މައްޗަށް ބިނާވާ ނިޒާމެއް އުފެއްދުމުގެ އޮށް އިންދަވައި ދެއްވި ރައީސް ނެލްސަން މަންޑޭލާގެ ބަސްކޮޅެކެވެ.

މި ބަސްކޮޅު އޭނާ ވިދާޅުވީ 1990 ވަނަ އަހަރު އެމެރިކާގެ ނިޔުޔޯކަށް ކުރެއްވި ދަތުރެއްގައި އޭނާ ދެއްވި ބަސްދީ ގަތުމެއްގައި ނޫސްވެރިޔަކު ކުރި ސުއާލަކަށް ޖަވާބު ދެއްވަމުންނެވެ. ނޫސްވެރިޔާގެ ސުއާލަކީ މަންޑޭލާ ވަކި ބަޔަކާ ގާތް ގުޅުމެއް ގެންގުޅުއްވާތީ އެކަމާ ފާޑުކިޔުމުގެ ގޮތުން ކުރި ސުއާލެކެވެ. ޕީ.އެލް.އޯގެ ރައީސް ޔާސިރު އަރަފާތާއި ލީބިޔާގެ ވެރިޔާ ގައްޒާފީއާއި ކިޔުބާގެ ރައީސް ކާސްޓްރޯ ފަދަ ބޭބޭކަލުންނާ މަންޑޭލާ ގުޅުން ބާއްވަވާތީ އެކަމަށް ފާޑުކިޔައި ކުރި ސުއާލެކެވެ. މިނަންގަތް ތިން ވެރިންނަކީ ވެސް އެމެރިކާގެ ނުރުހުން އޮތް ވެރިންނެވެ. އެމެރިކާގެ ދުޝްމަނުންނެވެ.

އެ ސުއާލަށް ޖަވާބުދެއްވަމުން މަންޑޭލާ ފާހަގަކުރެއްވީ ބައެއް ސިޔާސީ މުހައްލިލުންނަށް އޮޅިފައި އޮންނަ ކަމެއްގެ ވާހަކައެވެ. ބާރު ގަދަ ގައުމުތަކުގެ ބައެއް މީހުންނަށް ހީވަނީ އެމީހުންގެ ދުޝްމަނުންނަކީ އެހެން ހުރިހާ އެންމެންގެ ދުޝްމަނުންނަށް ވާންޖެހޭނޭ ކަމެވެ. ނަމަވެސް، މަންޑޭލާ ފާހަގަކުރެއްވީ އެއީ ހަމަޖެހޭ ކަމެއް ނޫން ކަމެވެ. އޭނާއަކީ އަދި އޭނާގެ ގައުމަކީ ވެސް މިނިވަން ގައުމެއް ކަމާއި އޭނާއާއި އޭނާގެ ގައުމުގެ ސިޔާސަތުތައް ކަނޑައަޅާލުމުގައި އުސޫލުތަކެއް އޮންނަކަމާއި އޭނާ ކަންކަން ކުރައްވަނީ އެ އުސޫލުތަކުގެ މަތިން ކަމެވެ. އާދެ، އެއީ މިނިވަން ގައުމެއްގެ މިނިވަން ލީޑަރަކު މިނިވަން ސިޔާސަތުތަކާއި މިނިވަން ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ވިދާޅުވި ވަރަށް ވެސް ހަރުދަނާ މުހުތަރަމު ވާހަކަ ކޮޅެކެވެ.

މި ވާހަކަ ކޮޅު ހިތަށް އައީ ދާދި ފަހުން ރާއްޖޭގެ މިނިސްޓަރަކު ބުނި ކަމަށް އޮތް ވާހަކައެއް ފެނިގެންނެވެ. މިތާނގައި މިނިސްޓަރަކު "ބުންޏޭ" ލިޔަން ޖެހުނީ އޭނާ ބުނި ވާހަކައަށް އެކަށީގެން ވަނީ އެފަދައިން ލިޔުން ކަމަށްވާތީއެވެ. ފަހުން އެކަން އިތުރަށް ސާފުވާނެއެވެ. އާދެ، އޭނާ ބުނިކަމަށް ބައެއް ނޫސްތަކުގައި ލިޔެފައި އޮތީ "އިންޑިޔާއިން އެހީ ވަނީ އެ ބޭފުޅުންގެ ދުޝްމަނުން މިތާ ބާރުގަދަވިޔަ ނުދޭން" މިފަދައިންނެވެ. މި ބުނުމުގެ މައްޗަށް ނަޒަރެއް ހިންގާލައި މަންޑޭލާ ވިދާޅުވި ވިދާޅުވުމާ އަޅާ ކިޔާލަމާ ހެއްޔެވެ؟

"އިންޑިޔާއިން އެހީ ވަނީ އެ ބޭފުޅުންގެ ދުޝްމަނުން މިތާ ބާރުގަދަވިޔަ ނުދޭން،" އެހެން ހެއްޔެވެ؟ އެންމެ ފުރަތަމަ، މި ޖުމްލައިގައިވާ ދެތިން ލަފްޒެއްގެ މައްޗަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟ ފުރަތަމަ 'އެބޭފުޅުންގެ އެހީގެ" ވާހަކައެވެ. އެހީއެކޭ މިބުނަނީ ކޮން ކަމަކަށް ހެއްޔެވެ؟ އެހީއޭ މިބުނަނީ އެހެން ފަރާތްތަކޭ އެއް ގޮތަށް ދޭ ލޯނުތަކުގެ ވާހަކައެވެ. އެ ލޯނުތަކަކީ ފަހަރެއްގައި ވެސް ހިލޭދޭ އެހީއެއް ނޫނެވެ. ބޭނުން ހިނދެއްގައި ކެންސަލްކޮށް ހިފެހެއްޓޭ ގޮތަށް އޮތް ކަމެކެވެ. އެބޭފުޅުންނޭ ބުނެ އިޝާރަތްކުރާ އިންޑިޔާގެ ސަރުކާރުގެ އިސްވެރިން ވަކި ކަހަލަ ޝަރުތުތަކެއް ކަނޑައަޅައި، އެއާ ކުޑަކޮށްވެސް، ހަރުފެއްގެ މިންވަރު ވެސް، ޚިލާފު ވިޔަސް ކެންސަލްކޮށް ހިފެހެއްޓޭ ގޮތަށް އޮތް ލޯނުތަކެކެވެ. މިސާލަކަށް އުތުރު ތިލަފަޅުގެ އެއްބަސްވުން ބަލާލާށެވެ. އޭގައި ހުރި ޝަރުތުތަކެވެ. އެކިއެކި މަސައްކަތްތައް ކުރުވަން ޖެހެނީ އިންޑިޔާގެ ކުންފުނިތައް ލައްވައި ލޯނު ދޭން އިންޑިޔާގެ ސަރުކާރު އެދޭ ގޮތަކަށެވެ. ރާއްޖެއިން ބޭނުންވާ މަޝްރޫއު ރާއްޖެއިން ބޭނުންވާ ގޮތަކަށް ހިންގުމުގެ މިނިވަންކަމެއް ނެތެވެ. އެހެންވީމާ، މިފަދަ ލޯނުތަކަށް އެހީއޭ ކިޔަން ހެޔޮނުވާނެއެވެ. އެއަށް ކިޔަންޖެހޭނީ އޭގެ ނަމުންނެވެ. ޝަރުތުތައް ކަނޑައަޅާފައިދޭ ލޯނެވެ. އަދި އެއަށް ވުރެ ވެސް އެކަށީގެންވާ ނަމަކީ އެ ލޯނުތަކަކީ ރާއްޖޭގެ ކަރަށް މަހާލެވޭ މަޅިއެއް ކަމެވެ. އެ މަޅި ދޫކޮށް ބޭއްވުމާއި ބާރުކޮށްލުމުގެ އިޚުތިޔާރު އިންޑިޔާގެ އަތުގައި އޮތް މަޅިއެކެވެ. ކުރީގައި ވެސް އޮތް މިފަދަ ކަރު މަޅިއެއް ބާރުކޮށްލި ހަނދާން އެކަކުވެސް އެބަ ހުރި ހެއްޔެވެ؟ އިންޑިޔާގެ "ހެޔޮ އެދޭ ސަރުކާރު" ނުރުހުން ވުމުން، 2012 ހިސާބު ވަގުތުން އެތައް ސަތޭކަ މިލިޔަން ޑޮލަރު އެއްފަހަރާ ދައްކަން މަޖުބޫރުކުރި ހަނދާން އެކަކު ވެސް އެބަ ހުރިހެއްޔެވެ؟ އެހަނދާން ހިތުން ފިލަން ޖެހޭހާ ދުވަހެއް ނުވޭނޫން ހެއްޔެވެ؟ ކޮންމެ އަކަސް އެދުވަހު އިންޑިޔާގެ ބޭނުކަމަށް އޮތީ ކޮން ކަމެއް ހެއްޔެވެ؟ ބޭނުމަކީ ރާއްޖެ ފިއްތާލުމެވެ! ދަންޖެއްސުމެވެ. ނަމަވެސް، އެމީހުން ވެސް ހައިރާންވީ ރާއްޖެއިން ނުފިތި، ދަންނުޖެހި، އެ ދަރަނި އަދާކުރީމައެވެ.

އަދި ވެސް، މިނިސްޓަރުގެ ޖުމްލައިގައި އެ ބުނާ 'އެހީ' އާދެ، އޭގެ ހަގީގީ ނަމުން ބުނާ ނަމަ، އަގު ބޮޑު ލޯނު، ހޯދައިގެން ނުވަތަ ނަގައިގެން ކުރާ މަސައްކަތުގެ ފައިދާ ހުރީ ކާކަށް ހެއްޔެވެ؟ މި ސުއާލުގެ ޖަވާބު ލިބުމުން ވެސް، އެއީ އެހީއެއްތޯ ނުވަތަ ނޫންތޯ ކިޔުންތެރިންގެ އަމިއްލަ ސިކުނޑި ބޭނުންކޮށްގެން ކަނޑައަޅާލެވޭނެއެވެ. ރާއްޖޭގައި އިންޑިޔާގެ ސަރުކާރު މެދުވެރިވެގެން އިންޑިޔާގެ ބޭންކުތަކުން ހޯދާ ލޯނުން ކުރަނީ މައިގަނޑު ގޮތެއްގައި ކޮން ކަމެއް ހެއްޔެވެ؟ ރާއްޖޭގެ އުތުރާއި ދެކުނަށް، އަދި މެދު ރާއްޖެ ތެރެއަށް ބަލައިލާށެވެ. އެކި ނަންނަމުގައި އޮޅުވާލައިގެން އަޅާ އިންޑިޔާގެ އަސްކަރީ މަރުކަޒުތަކެވެ. އޮޅުވާލައިގެންނޭ މިބުނީ މިކަން ކުރީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށްވާތީއެވެ. މި މައްސަލައާ ބެހޭ ލިޔުންތައް ބަލާލުމުން އެކަން ސާފުވާނެއެވެ. ޚުދު މި މިނިސްޓަރުގެ އިހުގެ ބަހެއްގައި، 2020ވަނަ އަހަރު ބުނި ބަހެއްގައި، އޮންނަނީ "އިންޑިޔާ މީހުން ބޭނުންނަމަ ދިވެހިން މަރާފައި ނަމަވެސް، ރާއްޖެ ހިފާނެ" ވާހަކައެވެ. އޭރު އެހެން ބުނީ ކީއްވެ ހެއްޔެވެ؟ އިންޑިޔާގެ އަސްކަރީން ރާއްޖޭގައި ތިބުމަކީ ހަމަޖެހިފައި އޮތް ކަމެއް ނޫނޭ ބުނުމުގެ ގޮތުންނެވެ. އިންޑިޔާގެ މަސްލަހަތަށްޓަކައި މަސައްކަތްކުރާ ރާއްޖޭގައި ތިބި އިންޑިޔާގެ ހުރިހާ ދިވެހި އޭޖެންޓުން ވެސް މިހެން ބުނެފައި ވެއެވެ. ދިފާއީ މިނިސްޓަރާއި މަޖުލީހުގެ ރައީސާއި އަދި ފޮރިން މިނިސްޓަރު ވެސް މެއެވެ. ގޫގުލްކޮށްލައި ހޯދާލުމުން ނޫސްތަކުންނާއި ވީޑިޔޯ ފީތާތަކުން އެކަން ފެންނާނެއެވެ. އެމީހުންނަކީ އިންޑިޔާގެ އޭޖެންޓުންކަން ސާފުވާނެއެވެ. އެމީހުންނަކީ ރާއްޖޭގެ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން އިންޑިޔާގެ ޚިދުމަތުގައި ތިބި ޣައްދާރުވެރި ބައެއްކަން ސާފުވާނެއެވެ. އަދި، ސީ.އެން.އެންގެ ރިޕޯޓެއްގައްޔާއި ބައެއް އެހެން ރިޕޯޓުތަކުން ވެސް މިކަން ދޭހަވާން އެބަ އޮތެވެ. އިންޑިޔާގެ ސިފައިން ރާއްޖޭގައި ނުތިބޭނޭ ވާހަކަ ދައްކާފައި އެ ވާހަކައިގެ ރާގު މިހާރު އޮތީ ބަދަލުވެފައިތާއެވެ. މިހާރު އޮތީ އެމީހުންނަކީ ތިބި އަދި ތިބޭނޭ ބައެއް ކަމުގެ ގޮތުގައި ހަމަޖެހިފައެވެ. މަޖުލީހުގެ ރައީސް ބުނަނީ ރާއްޖޭގެ ތަރައްގީ އޮތީ އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުމާ ގުޅިފައި ކަމުގައެވެ. މިފަދަ ވާހަކައެއް ނިކުންނާނީ އިންޑިޔާގެ އޭޖެންޓެއްގެ ދުލުން ނޫނީ ކޮން ދުލަކުން ހެއްޔެވެ؟ މިހެން ރައްޔިތުންނަށް އޮޅުވާލައިގެން ވާހަކަދައްކައި، އިންޑިޔާގެ އެދުމުގެ މަތިން، ރައްޔިތުންނަށް ހިތި ބޭހެއް ބޯންދޭ ފަދައިން، މަޑުމަޑުން، އެތިއެތިކޮޅުން، އެކުރަނީ ކޮންކަމެއްކަން އެނގިހުރެ، ކަންތައް ކުރާނީ އިންޑިޔާގެ އޭޖެންޓުން ނޫން ކޮން ބައެއް ހެއްޔެވެ؟ މިކަމުގައި މައްސަލައަކީ އެމީހުން އިންޑިޔާގެ އޭޖެންޓުންނަށް ވީމައެއް ނޫނެވެ. ރައްޔިތުންގެ ބަޔަކުވެސް، އެނގިގެން ނޫނީ ނޭނގި ނަމަވެސް، ގައުމަށް ޣައްދާރުވާ ޚިޔާނަތްތެރިންނަށް ތާއީދުކޮށް އެމީހުންނަކީ ބަތަލުން ކަމަށް ހަދާތީއެވެ. (ލިންކް)

ކޮންމެއަކަސް، އިންޑިޔާއިން އެދޭ ލޯނުން ހިންގާ މަޝްރޫއުތަކުގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ އުތުރާއި ދެކުނާއި މެދު ރާއްޖެއާއި އަދި މާލޭ ކައިރީގައި ވެސް އިންޑިޔާގެ އަސްކަރީ މަރުކަޒުތައް އެޅުމެވެ. އިނގިރޭސިން ވެސް އެމީހުންގެ ބޭނުމަކަށް އަސްކަރީ މަރުކަޒެއް ދެކުނުގައި، ސ. ގަމުގައްޔާއި ސ. ހިތަދޫގައި އެޅިއެވެ. ނަމަވެސް، އެކަން ކުރީ އިނގިރޭސީންގެ އަމިއްލަ ފައިސާގައެވެ. ރާއްޖެއަށް ލޯނު ދީގެން އޮޅުވާލައިގެން އެކަން ކުރާކަށް ނޫޅެއެވެ. އަދި، އެ ތަންތަނަށް ރާއްޖެއަށް ކުލި ވެސް ދެއްކިއެވެ. ރާއްޖެއަށް މުޅިން ހިލޭ ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނެވެ. ކޮންމެ ދިވެއްސަކަށް ވެސް ހިލޭ ބޭސްކުރުމާއި ހިލޭ ބޭސް ލިބުން ގަމުގައި ހަމަޖެހިފައި އޮތެވެ. މާލޭގައި ޒަމާނީ ހޮސްޕިޓަލެއް އަޅައިދިނެވެ. މީގެ އިތުރުން، އެތައް ބަޔަކަށް ވަޒީފާ ލިބުނެވެ. އިނގިރޭސިން އައްޑޫގައި ތިބި އިރު، އެ ވަޒީފާތަކުގައި އުޅުނު މީހުންނަށް އެއްވެސް ދަތިކަމެއް ނެތި، ހަމަޖެހިގެން ދިރިއުޅެވުނެވެ. އަދި، އެ ކަމުގެ ސަބަބުން ރާއްޖޭގެ ބޮޑެތިބޮޑެތި ވިޔަފާރިވެރިންނަށްވީ ބަޔަކު ވެސް އުފެދުނެވެ. އަދި، އިނގިރޭސީންގެ ބޭނުން ފުދުމުން– ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުގެ ފަރާތުން ކުރިމަތިވެދާނޭ ނުރައްކާ ނެތިދިޔުމުން– އިނގިރޭސިން ރާއްޖެއިން ފައިބައިގެން ދިޔައީއެވެ. ނަމަވެސް އިންޑިޔާގެ އަސްކަރީ މަރުކަޒުތައް އަޅަން މި ޖެހެނީ ރާއްޖޭގެ ރައްޔިތުންގެ ފައިސާއިންނެވެ. ރާއްޖޭގެ ތައުލީމަށާއި ރާއްޖޭގެ އާންމު ރައްޔިތުންނަށްޓަކައި ގެދޮރު އެޅުމަށާއި ސިއްހީ ޚިދުމަތްތަކަށް ޚަރަދުކުރަން ޖެހޭ ފައިސާއިންނެވެ. އެ މަރުކަޒުތައް އެޅުމުން ރާއްޖެއަށް ކުރާ އިގުތިސާދީ ފައިދާއަކީ ކޮބައި ހެއްޔެވެ؟ އެ މަރުކަޒުތައް އަޅަމުންދާއިރު އެންމެ ކުޑަވެގެން މަސައްކަތްކުރުމުގެ ފުރުސަތު ވެސް ދިވެހިންނަކަށް ނެތެވެ! ދެން، އެ މަރުކަޒުތައް އެޅުމަށް ފަހު، އެތަންތަން އޮންނަނީ އިންޑިޔާގެ ފުރިހަމަ ބާރުގެ ދަށުގައެވެ. ނަމަވެސް، އެތަންތަން ހިންގުމަށްޓަކައި ކުރަން ޖެހޭ ޚަރަދުތައް ރާއްޖެއިން ކުރަން ޖެހެއެވެ. އުތުރު ތިލަފަޅުގެ އެއްބަސްވުން ކިޔާލުމުން މިކަން ސާފުވާނެއެވެ. އާދެ، އިންޑިޔާއިން ދޭ ލޯނުގައި އަޅަން މިޖެހެނީ އެމީހުންގެ ޚިދުމަތުގައި، އެމީހުންގެ އަމުރުވެރިކަން އޮންނަ ތަންތަނެވެ! މިފަދަ ލޯނުތަކަށް އެހީއޭ ކިއިދާނެ ހެއްޔެވެ؟ ކަސްބީއެއް ކައިރިއަށް ދާ މީހަކަށް، އެކަސްބީ ބޭނުންކުރާތީ ކަސްބީ މީހާ އޭނާ ބޭނުންކުރާ މީހާއަށް ފައިސާދިނުން ކަހަލަ ކަމެވެ. މިނިސްޓަރު މިވަނީ ރާއްޖެ ކަސްބީއަކަށް ހަދައި، ޕިމްޕެއްގެ ރޯލުއަދާ ކުރުމުގައެވެ! އަދި، އެ ޕިންޕު ގެންގުޅޭ ކަސްބީ ބޭނުން ކުރަން ފައިސާވެސް ޕިމްޕު ހޯދައި މިދެނޭ ޕިމްޕު އަތުންނެވެ! މިފަދަ ސިޔާސީ ޕިމްޕުންގެ ކުރިމަތީގައި އެމީހުންގެ އަމިއްލަ ވަޒަނުގެ އަގަކީ މިއެވެ. ކަސްބީއެއްގެ ގަދަރެވެ. މިފަދަ ސިޔާސީ ޕިންޕުންނަށް ރީތި ބަހުން ވާހަކަދެއްކުމަކީ އެހެން މީހުންގެ ގަދަރު ވެއްޓޭނޭ ކަމެކެވެ!

ދެން އޮތީ 'އެބޭފުޅުންގެ ދުޝްމަނުންގެ ވާހަކައެވެ.' އެބުނާ ބޭފުޅުންނާއި އެބޭފުޅުންގެ އެބުނާ ދުޝްމަނުންނަކީ ކޮބާ ހެއްޔެވެ؟ އެބުނާ ބޭފުޅުންނަކީ އިންޑިޔާގެ ކަނާތުފިޔައިގެ ހަރުކަށި ދީނީ ގައުމިއްޔަތުގެ 'ބޭފުޅުންނެވެ.' އެބޭފުޅުންގެ ދެ ދުޝްމަނެއް ވެއެވެ. އެއް ދުޝްމަނަކީ ޗައިނާއެވެ. އަނެއް ދުޝްމަނަކީ މުސްލިމުންނެވެ. ޗައިނާއާއި އިންޑިޔާ 1962ގައި ހަނގުރާމަ ކުރިއެވެ. އެ ހަނގުރާމައިގައި އިންޑިޔާއަށް ކާމިޔާބު ލިބޭ ގޮތެއް ނުވެއެވެ. އެއީ ރާއްޖޭގެ މައްސަލައެއް ހެއްޔެވެ؟ ޗައިނާއަތުން ކާމިޔާބު ނުލިބުނީ ކީއްވެތޯ ބަލައި، އެކަންކަން އިސްލާހުކޮށް ޗައިނާއާ އަލުން ހަނގުރާމަ ކުރަން ބޭނުން ނަމަ އެކަން ކުރީމާ ނިމުނީ ނޫން ހެއްޔެވެ؟ އެކަމާ ރާއްޖެ ބައްސަން ޖެހޭ ހެއްޔެވެ؟

ދެން އޮތީ އިންޑިޔާގެ މިވަގުތު އޮތް ސަރުކާރުގެ އަނެއް ދުޝްމަނުން ކަމުގައިވާ މުސްލިމުންގެ ވާހަކައެވެ. އިންޑިޔާގެ ސަރުކާރުގެ މިނިސްޓަރަކު ދެކޭ ގޮތުގައި މުސްލިމުންގެ ދުވަސް ދުއްވާލަން ޖެހެއެވެ. އޭނާ ދެކޭ ގޮތުގައި މުސްލިމުންނަކީ ހިންދީ ހަރުކަށި ފިކުރުގެ މީހުންނަށް ވުރެ ދަށު ދަރަޖައިގެ ބައެކެވެ. އެހެންވީމާ މުސްލިމުންނަށް ހިންދީންނަށް ލިބެންޖެހޭ އިންސާނީ ހައްގުތައްވެސް ލިބިފައި އޮތުމަކީ ރަނގަޅު ކަމެއް ނޫނެވެ. މިވާހަކަ ގަބޫލުކުރަން ދަތި ނަމަ، އެ މިނިސްޓަރުގެ އަނގައިން މިވާހަކަ ނިކުންނަ ވީޑިޔޯ ބަލާލާށެވެ! ތިރީގައި މި ވަނީއެވެ.

ދެން، ދިވެހި މިނިސްޓަރު އެ ބުނަނީ އިންޑިޔާގެ ދުޝްމިނުން ކަމުގައިވާ ޗައިނާއާއި މުސްލިމުންގެ ބާރު ރާއްޖޭގައި ގަދަވާ ވާހަކަ ހެއްޔެވެ؟ ރަސްމީ ގޮތެއްގައި ދިވެހިންނަކީ 100 އިންސައްތަ މުސްލިމުންނެވެ. ދީން ގަބޫލު ނުކުރާ މީހުން އުޅޭނެ ކަމުގެ ހަގީގަތަށް ބަލައިފައިވެސް އެންމެ މަދުވެގެން 95 އިންސައްތައަށްވުރެ ގިނަ ދިވެހިންނަކީ މުސްލިމުންނޭ ބުނެވިދާނެއެވެ. ރާއްޖޭގައި ރާއްޖޭގެ މުސްލިމުންގެ ބާރުގަދަވެދާނެތީ އިންޑިޔާއިން ކަންބޮޑުވާތީ ދިވެހި މިނިސްޓަރު އެކަމާ ކަންބޮޑުވެ އިންޑިޔާއަށް އެހީވެދޭން ބޭނުން ވަނީ ހެއްޔެވެ؟ ދިވެހި މިނިސްޓަރަށް މުސާރަ ދެނީ ވެސް އިންޑިޔާއިން ހެއްޔެވެ؟ ދިވެހި މިނިސްޓަރު ތަމްސީލުކުރަނީ އިންޑިޔާގެ މަސްލަހަތު ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ، ދިވެހި މިނިސްޓަރަކީ ވެސް އަނެއްކާ އިންޑިޔާގެ އިތުރު އޭޖެންޓެއް ހެއްޔެވެ؟ މިފަދަ ބަޔަކާ ރާއްޖޭގެ ވެރިކަން ހަވާލުކުރާނީ ކޮންފަދަ ޒިންމާދާރު ކުޑަ ރައްޔިތެއް ހެއްޔެވެ؟ ގަހުގައި ތިމާ އިންނަ ގޮފިގަނޑު ތިމާ އަތުން ކަނޑާލެވޭ އިރު އެކަމުގެ އިހުސާސެއް ވެސް ނުވާނީ ހާދަހާވާ ހޭލުންތެރިކަން ކުޑަ ރައްޔިތެކެވެ! އަހަރުމެންގެ ތެރެއަށް މިފާޅުވި ލައުނަތެއް ކަހަލަ ޕާޓީތަކުގެ ޑިމޮކުރަސީއާ ފޭއަށް ޖެހި، ގަބަލިއްޔަތުގެ ފިކުރުން އެއްފަރާތްވެ، ގައުމާ މެދު ވިސްނާލާކަށް ހަމަ ނުވޭ ހެއްޔެވެ؟

މިނިސްޓަރު ބުނެފައި އޮތް ޖުމްލައިގައި އޮތް އަދި އެހެން އިބާރާތެކެވެ. އާދެ، "އިންޑިޔާއިން އެހީ ވަނީ އެ ބޭފުޅުންގެ ދުޝްމަނުން މިތާ ބާރުގަދަވިޔަ ނުދޭން،" މި ޖުމްލައިގައި އޮތް 'ބާރުގަދަ' ކުރުމުގެ އިބާރާތެވެ. ޗައިނާއިން އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ބާރުގަދަ ކުރަނީ ކިހިނެއް ހެއްޔެވެ؟ އިންޑިޔާގެ ކަނޑުގައި އަސްކަރީ މަރުކަޒުތަކެއް އަޅަނީ ހެއްޔެވެ؟ ނޫނީ އިންޑިޔާގެ ސަރަހައްދުގައި ހިމެނޭ ގައުމުތަކުގައި ޗައިނާގެ އަސްކަރީ މަރުކަޒުތަކެއް ހަދަނީ ހެއްޔެވެ؟ މިކަން ކުރާ ތަނެއް ނުފެނެއެވެ. ނަމަވެސް، އެއްވެސް ޝައްކެއް ނެތް ގޮތުގައި، ޗައިނާއިން އެމީހުންގެ ވިޔަފާރީގެ ނުފޫޒު ފެތުރުމުގެ މަސައްކަތްތައް ކުރެއެވެ. ރާއްޖޭގައި އަޅާ އަސްކަރީ މަރުކަޒުތަކުން މިކަން ހުއްޓުވިދާނެ ހެއްޔެވެ؟ ޗައިނާއާ ވިޔަފާރީގެ ގޮތުން ވާދަކުރަން އިންޑިޔާއިން ބޭނުން ކަމަށް ވަންޏާ އެކަން ކުރީމަ ނިމުނީ ނޫން ހެއްޔެވެ؟ އިންޑިޔާގެ ފައިސާ ބޭނުންކޮށްގެން އިގުތިސާދީ ހަރަކާތްތައް ހިންގައި ޗައިނާއާ ވާދަކޮށް، އިގުތިސާދީ ގޮތުން ޗައިނާ ބަލިކުރީމާ ނިމުނީ ނޫން ހެއްޔެވެ؟ ރާއްޖޭގައި އެތަން މިތާނގައި އަސްކަރީ މަރުކަޒުތައް އެޅުމުން، އެކަމުން ޗައިނާގެ އިގުތިސާދަށް އަންނާނީ ކިހާ ވަރެއްގެ ހީނަރު ކަމެއް ހެއްޔެވެ؟ ޗައިނާގެ ވިޔަފާރީގެ ބާޒާރުގައި ރާއްޖެ ކަހަލަ ތަނެއް ހިމެނޭ ނިސްބަތަކީ ކޮބާ ހެއްޔެވެ؟ ރާއްޖޭގެ މިއަދުގެ ސަރުކާރުގައި ތިބި އިންޑިޔާގެ އޭޖެންޓުން މެދުވެރިކޮށް، ރާއްޖެއާއި ޗައިނާއާ އޮތް ނަމަ އޮތް ގުޅުމެއް ކަނޑުވާލެވިދާނެއެވެ. ނަމަވެސް، އެކަމުން ޗައިނާއަށް ގެއްލުން ލިބުމަށް ވުރެ، ގެއްލުން ބޮޑުވާނީ ރާއްޖެއަށެވެ. އެންމެ ކުޑަ ގޮތެއްގައި މިކަން ހިތަށް ގެނައުމަށްޓަކައި ޗައިނާގެ މުއްސަނދިކަމާއި ދިވެހިރާއްޖެއަށް އޮތުމުގެ އެކަށޭނަކަން އޮތް ޗައިނާގެ ޓުއަރިސްޓު ބާޒާރަށް ނަޒަރު ހިންގާލާށެވެ. ޗައިނާގެ ޓުއަރިސްޓުން ރާއްޖެ އައުން މަނާކުރެވިދާނެއެވެ. އަދި، ޚުދު ޗައިނާއިން ވެސް އެކަން މަނާކޮށްފާނެއެވެ. ނަމަވެސް އެކަމުގެ ގެއްލުންވާނީ ޗައިނާއަށް ހެއްޔެވެ؟ ނޫނީ ރާއްޖޭގެ އާންމު ރައްޔިތުންނަށް ހެއްޔެވެ؟ އަމިއްލައަށް ވިސްނާލާށެވެ! ރާއްޖޭގައި އިންޑިޔާގެ އަސްކަރީ މަރުކަޒުތައް ހަދައިގެން ޗައިނާގެ ވިޔަފާރި ކުރުން ހުއްޓުވާލައި، ޗައިނާގެ އިގުތިސާދު ބަލިކަށިކޮށް، ޗައިނާއަށް ދެވޭނީ ކިހާވަރެއްގެ ގެއްލުމެއް ހެއްޔެވެ؟

ދެން އޮތް ސުއާލަކީ ރާއްޖޭގައި އިންޑިޔާގެ އަސްކަރީ މަރުކަޒުތައް އެޅުމުގެ ހަގީގީ ބޭނުމަކީ ކޮބާ ހެއްޔެވެ؟ މި ސުއާލުގެ ޖަވާބު ހޯދަން، އިންޑިޔާގެ އުތުރާއި އުތުރު ދެކުނުގައި އޮތް އިންޑިޔާގެ އަވަށްޓެރި ގައުމުތަކާ މެދު އިންޑިޔާއިން ކަންތައް ކުރި ގޮތުގެ މައްޗަށް ބަލާލާށެވެ. ޚާއްސަ ގޮތެއްގައި ސިއްކިމްއާއި ބޫޓާނެވެ. ސިއްކިމް އަކީ އެއް އިރެއްގައި ހިމާލިޔާގެ މިނިވަން މަމްލަކާއެކެވެ. ޚުދް އިންޑިޔާގެ އެންމެ ފުރަތަމަ ބޮޑުވަޒީރު ނެހެރޫ މިކަން ފާހަގަކޮށްފައި ވެއެވެ. އިންޑިޔާގެ މިނިވަންކަން ހޯދުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އިނގިރޭސީންނާ މަޝްވަރާކުރަމުން ދިޔައިރުއެވެ. ނަމަވެސް، ރާއްޖޭގެ ސަރުކާރުގެ އިސް ސަފުގައި އަދު ތިބި އިންޑިޔާގެ މަސްލަހަތު ދިފާއުކުރަން ތިބި ކަހަލަ އިންޑިޔާގެ އޭޖެންޓުންތަކެއް ސިއްކިމްގައި އުފެދި، އެ އޭޖެންޓުންގެ އެހީގައި އިންޑިޔާގެ އަސްކަރީން ސިއްކިމުގައި ބާރުވެރިވެ، އާޚިރު ނަތީޖާއަކަށްވީ ސިއްކިމުގެ މިނިވަންކަން ގެއްލި އިންޑިޔާގެ ބަޔަކަށް ސިއްކިމު ވުމެވެ. ބޫޓާނުވެސް މި އަދު އޮތީ އެކަހަލަ ގޮތަކަށެވެ. ބޫޓާނުގެ އަމިއްލަ މިނިވަންކަމެއް އޮތެކޭ ނުބުނެވޭނެއެވެ. ބޫޓާނުގެ އަސްކަރީ ދާއިރާގައްޔާއި ޚާރިޖީ ދާއިރާގައްޔާއި ވިޔަފާރީގެ ދާއިރާގައި އޮތީ އިންޑިޔާގެ ވަކިތައް ހިއްޕާލައި ސަލާމަތްނުވެވޭ ދަރަޖައަށް ގޮސްފައެވެ. ނޭޕާލު މަސައްކަތްކުރަމުން ގެންދަނީ އިންޑިޔާގެ ނުފޫޒުން މިނިވަން ވެވޭތޯއެވެ.

އިންޑިޔާގެ އަވަށްޓެރި މި ނަންގަތް ގައުމުތަކަށް ބަލާލުމުން އިންޑިޔާއިން ރާއްޖެއާ މެދު ކަންތައް ކުރަން ބޭނުންވާ ގޮތް އެނގެއެވެ. އެއްގޮތަކީ ސިއްކިމް ފަދައިން އިންޑިޔާގެ ތަނަކަށް ރާއްޖެ ހަދާލުމެވެ. ނޫން ނަމަ، ރާއްޖެއިން ބައެއް، އުތުރުން ވިޔަސް ނޫނީ ދެކުނުން ވިޔަސް، އަތުލުމެވެ. މަލިކުވެސް ދިޔަ ފަދައިން އެކަމަކީ ނުވާނޭ ކަމެކޭ ބުނެވޭކަށް ނެތެވެ. މިސާލަކަށް އިންޑިޔާގެ އަސްކަރީން ރާއްޖޭގައި ގާއިމުވެ، އިންޑިޔާގެ ބޭނުމަށް އެމީހުން ބޭނުންވާ ބައެއް ރާއްޖެ ގެނެސް، ދެން ފަހުން، ދިވެހިން ކަންބޮޑުވެގެން އުޅުމުން ތަން ހިފުމުގެ ބާރު އޭރު އިންޑިޔާ އަތުގައި އޮންނާނެއެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރިޔާ އަދި ސީރިޔާގެ ގޯލާން ހައިޓްސް ވެސް އެއީ މިފަދައިން ކަންތައް ވެދާނޭ ކަމުގެ ދިރި ހުރި މިސާލުތަކެވެ. ރާއްޖެ އެއްކޮށް އިންޑިޔާގެ ބައެއްގެ ގޮތުގައި އަދި ހަދާ ނުލެވުނަސް، ނޫނީ ރާއްޖެއިން ބައެއް އަދި އަތުލައި ނުގަނެވުނަސް، ރާއްޖޭގެ އެތަން މިތަނުގައި ދާއިމީ ސިފައެއްގައި ރާއްޖޭން ޚަރަދުކޮށްގެން އިންޑިޔާގެ އަސްކަރީން ތިބެވޭ ގޮތް ހެދުމުން، މި ލަނޑުދަނޑިއާ ހަމައަށް ވާސިލުވުމަށްޓަކައި ފިޔަވަޅުތައް އެޅެމުން ކުރިއަށް ދާނެއެވެ. ވޯޓު ގަނެގެން ނަމަވެސް، ނުވަތަ ވޯޓުގެ މަކަރު ހަދައިގެން ނަމަވެސް، އިންޑިޔާގެ އެންމެ ބޮޑު ބޭނުމަކަށް ވާނީ އިންޑިޔާގެ އޭޖެންޓުންގެ ސަރުކާރެއް ރާއްޖޭގައި އަބަދުމެ އޮތުމެވެ. ލުބްނާނުގައި އެމެރިކާއިން ވެސް ވޯޓު ގަނެ، އެމެރިކާ ބޭނުންވާ ސަރުކާރެއް 1957ގައި ގެނައުމުގެ މަސައްކަތް ކުރި ފަދައިންނެވެ. އިންޑިޔާގެ އެންމެ ފަހުގެ ލަނޑުދަނޑި ހާސިލުވަންދެންނެވެ!

އާދެ، ދެން، މަންޑޭލާ ވިދާޅުވި ވާހަކައާއި އަޅުގަނޑުމެންގެ މިނިސްޓަރު، އިންޑިޔާގެ އޭޖެންޓު މިނިސްޓަރުގެ ވާހަކައާ އަޅާ ކިޔާލަމާ ހެއްޔެވެ؟ މަންޑޭލާ ވިދާޅުވީ އޭނާއަކީ މިނިވަނެއްކަމާއި އޭނާގެ ގައުމަކީ ވެސް މިނިވަން ގައުމެއް ކަމެވެ! އެހެންވެ، އެމެރިކާގެ ދުޝްމަނުންނަކީ ދެކުނު އެފްރިކާގެ ދުޝްމަނުންނަށް ވާކަށް ނުޖެހޭ ކަމެވެ. މިވާހަކަ މަންޑޭލާ ވިދާޅުވީ އެމެރިކާގެ ނިޔުޔޯކުގައި އެތައް ބައެއްގެ ކުރިމަތީގައެވެ! އެމެރިކާ ބޭނުމިއްޔާ ސައުތު އެފްރިކާ ހިފާފާނެޔޭ ވިދާޅުވެ، އެމެރިކާގެ ދުޝްމަނުން ދެކުނު އެފްރިކާގެ ދުޝްމަނުންނަށް ވާންޖެހޭނެއެކޭ އޭނާ ވިދާޅެއް ނުވެއެވެ! އޭނާއަކީ މިނިވަނެއްކަން އަންގައިދޭ ވަރަށް ވެސް ބޮޑު ހެއްކެކެވެ! އާދެ، އޭނާ ވާހަކަ އެ ދެއްކެވީ މިނިވަނުން ވާހަކަ ދައްކާ ފަދައިންނެވެ!

ދެން އަޅުގަނޑުމެންގެ މިނިސްޓަރުގެ ވާހަކައަށް ބަލާލާށެވެ! "އިންޑިޔާއިން އެހީ ވަނީ އެ ބޭފުޅުންގެ ދުޝްމަނުން މިތާ ބާރުގަދަ ވިޔަ ނުދޭން،" މިވާހަކައަށެވެ! މިއީ މިނިވަނެއްގެ ވާހަކައެއްހެން ހީވޭ ހެއްޔެވެ؟ ނޫނެކެވެ. އަޅުނގަޑުމެންގެ އޭޖެންޓު މިނިސްޓަރު ބުނަނީ ޗައިނާއާއި މުސްލިމުންނަކީ އިންޑިޔާގެ ދުޝްމަނުންނަށްވާތީ އަޅުގަނޑުމެން ވެސް ވާންޖެހޭނީ ޗައިނާގެ ދުޝްމަނުންނަށެވެ. އަދި، މުސްލިމުންގެ ވެސް ދުޝްމަނުންނަށެވެ!؟ މިއީ ވަރަށް ވެސް ބޮޑު ފިނޑިއެއްގެ ވާހަކައެކެވެ. ބުނަން ބޭނުންވި ވާހަކަ ކެރިގެން ސާފުކޮށް ބުނަންވެސް ނުކެރުނެވެ. ނުވަތަ ބުނާކަށް ނޭނގުނެވެ. ހުރިހާ ކަމެއް ފޫޅު ކަނޑާފާ އޮތީ އެބޭފުޅުންނަށެވެ! ތިމަންމެން އެކަމުގެ މަގު ފަހިކޮށްދެމުން ދާއިރު، އަދި، މިކަމަކީ މާކުރިއްސުރެން، އާދެ، ދެހާހުގެ ފުރަތަމަ ދިހައިގެ ކުރީކޮޅުއްސުރެން ފެށިގެން ރޭވިގެން، ތިމަންމެން އިންޑިޔާގެ އޭޖެންޓުންނަށް ވެގެން، ތިމާމެންގެ ގައުމުގެ މިނިވަންކަމާ މެދު ކުޑަކޮށްވެސް ވިސްނާނުލައި، އެއްވެސް އަޅާލުމެއް ނެތި ކީރިތި ގުރުއާނުގައި ވެސް އިޝާރަތްކޮށްފައިވާ ފަދައިން، މުސްލިމުންނާ މިވަގުތު އެންމެ ބޮޑަށް އަދާވާތްތެރިވާ ބަޔަކަށް ތިމާމެންގެ މުސްލިމު ގައުމު ކުޑަކުޑަ އަގަކަށް ވިއްކާލާ މަދު ބައެއް ތަމްސީލުކުރާ މީހެއްގެ ހުންނާނީ ކޮން ހިއްވަރެއް ހެއްޔެވެ؟ ކޮން ކެރުމެއް ހެއްޔެވެ؟ ޚިޔާނަތްތެރިންނާއި ޣައްދާރުންނަކީ އެއް އިރެއްގައި ވެސް ހިއްވަރެއް، އަޚުލާގީ މާތް ސިފަތަކެއް ލިބިފައިވާ ބައެއް ނޫނެވެ. އެމީހުންނަކީ އަބަދުވެސް، އެމީހުންގެ އަމިއްލަ ނަފްސުގެ އެދުންތަކަށް އަޅުވެތިވެފައިވާ ދައްޔޫސީ ޕިމްޕީ އަޅުންނެވެ. އެހެންވެ، އެފަދަ މީހެއްގެ އަނގައިން ނިކުމެފައި އެ އެއޮތީ އެފަދަ އަޅުވެތި ދައްޔޫސީ ޕިމްޕީ އޭޖެންޓުންގެ އަނގައިން ނިކުންނާނޭ ފަދަ އަޅުވެތި މުޑުދާރު ބަހެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
61

9 Responses

  1. ދެން ޗައިނާ ދޭ ލޯނުތަކޯ. އެއްފަރާތަށް ގޮސް ހުސްވިޔަސް ތީ ދެން ބޮޑުވަރެއް. ނޫސްވެރިކަމަކީ އެއްފަރާތަކަށް ގޮސް ހުސްވުން ތޯ؟؟

    1. ޗައިނާގެ ލޯނުވެސް އެއީ ލޯނު. މި ލިޔުމުގައި ބަލާލެވިފައި އެ އޮތީ މީހަކު ބުނި ބުނުމެއްގެ މައްޗަށް. ދެން، އިންޑިޔާއިން އަސްކަރީ މަރުކަޒުތައް ގާއިމު ކުރާ ވާހަކަ. ޗައިނާއަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސްކަރީ މަރުކަޒުތަކެއް ރާއްޖޭގެ ޚަރަދުގައި ގާއިމު ކުރަން އުޅޭބާ؟ ކަނު ވިޔަސް ތިވަރަށް ކަނުވާކަށް ނުވާނެ.

    2. އަޅުގަނޑަކީ އެމް.ޑީ.ޕީ އަށް ސަޕޯރޓް ކުރާ އެ ޕާރޓީގެ މެމްބަރަކީމެވެ. އަދި ސެކިއުލަރ ފިކުރުގެ މީހަކީމެވެ. އެކަމަކު އަޅުގަނޑު ދަންނަވާނީ މަތީގައިވާ އާރޓިކަލް އަކީ އަސްލު ހަގީގީ މަންޒަރު ވަރަށް ފުރިހަމައަށް، ވަރަށް ތަފްސީލުކޮށް ހާމަކޮށް ލިޔުއްފާފައިވާ އާޓިކަލްއެކެވެ. ޑރ..ޢަފޫރުގެ ބައެއް ދީނީ ލިއުއްވުންތަކާއި އަޅުގަނޑު ގެ ޚިޔާލު ތަފާތުވިއަސް ގިނަ އާޓިކަލްތައް ވަރަށް ފުރިހަމައެވެ. އެގޮތުން ގެނެސް ދެއްވާ ޚިޔާލީ ކުރު ވާހަކަތަށް ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ. މިނޫން އެހެން ގިނަ އާޜޓިކަލްތައްވެސް ވަރަށް ފުރިހަމައެވެ.

      އިންޑިއާ އާއި ޗައިނާ ގެ އެންމެ ބޮޑު ތަފާތެއްކަމުގައި އަޅުގަނޑަށް ފެންނަނީ ޗައިނާއިން ދިވެހިރާއްޖޭގެ ދާޚިލީ ކަންތަކާއިބެހި ދިވެހިރާއްޖޭގައި ހަންފަތުރާކަށް ނޫޅެއެވެ. އޭގެ ބަދަލުގައި އިންޑިއާ އޮތީ ރާއްޖެ އިސްތިއުމާރުކޮށް މިނިވަންކަން ނަގާލަން ކެތްމަދުވެފައެވެ. އަދި މި ސަރުކާރު ވެރިކަމަށް އައިފަހުން ޗައިނާ އާއި ގުޅުން ހީނަރުވެފައިވިއަސް ޗައިނާ އިން ބަދަލުހިފުމުގެ ގޮތުން ރާއްޖެއަށް ޖެއްސުންކޮށް ރާއްޖެއިން ނަގާފައިވާ ލޯންތައް އަނބުރާ ދެއްކުމުގައި ރާއްޖެއަށް ދަތިވާގޮތައް ކަންތައް ކޮށްފައެއްނުވެއެވެ. އެކަމަކު އިންޑިއާ އިން ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ އަށްވުރެ ޗައިނާ އިސްކުރުމުން އެކަމުގެ ބަދަލު ދިވެހިންގެ ކިބައިން ވަރަށް ނާތަހުޒީބުކޮށް ހިފިއެވެ.

      މި އާރޓިކަލް އަށް ކޮމެންޓް ކުރައްވާފައިވާ ބޭފުޅުން ގެ ކޮމެންޓްތައްވެސް ވަރަށް ރަނގަޅެވެ. "ތޫރަ" ނަމުގައި ކޮމެންޓް ކުރެއްވި ބޭފުޅާއަށް އެހެން ބޭފުޅުން ދެއްވި ރައްދު ވަރަށް ފާހަގަ ކޮށްލެވެ އެވެ…. ކައިރި މުސްތަގުބަލެއްގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުމާއި ބެހޭ އާރޓިކަލްއެއް ކޮންމެވެސް ނޫހެއްގައި އަޅުގަނޑު ލިޔަން އުންމީދުކުރަމެވެ.

    3. ރާއްޖޭގައި އުޅޭ އިންޑިޔާގެ އޭޖެންޓުންނާ އިދިކޮޅު says:

      އިންޑިޔާއަށް ރާއްޖެ ވިއްކާލަން އުޅޭ އިންޑިޔާގެ އޭޖެންޓު، ކަލޭމެންގެ ކުޑައިލާހު ދައްކާ މޮޔަ ވާހަކަ މިލިޔުމުން ފެންނާނެ. މި ލިޔުމަކީ ސީ.އެން.އެން.ގެ ލިޔުމެއް. މޮޔަ އޭޖަންޓު އެބުނަނީ ޗައިނާއިން ނަގާ އެއް ހާހަކީ ލޯނަކީ ލޯނެކޭ ނަމަވެސް އިންޑިޔާއިން ދިހަ ހާސް ނެގިޔަސް އެއީ ލޯނެއް ނޫނޭ. މިއީ މޮޔަ ވާހަކައެއްކަން، ތާކުން ތާކު ނުޖެހޭ ވާހަކައެއްކަން، އެ ފާހަގަ ކުރަނީ އެހެން މީހުން. ބޭރު މީހުން. ކޮން ބުއްދިއެއް ބޭނުން ކޮންގެން ބާވައޭ މިއީ ހަމަ ކަމުގައި ކަލޭމެން ތި ދެކެނީ. ކިހާ ވަރަަކަށް ކަލޭމެންނަށް ދެފަރާތަށް އެއްވަރަށް ބެލިފައި އޮތީމަހޭ ކަލޭމެންގެ ކުޑަ އިލާހު، އިންޑިޔާގެ އެޖޭންޓުންގެ ލީޑަރު، ދައްކާ މިވާހަކަ ހަމަ ކަމުގައި ބެލެވެނީ. ނިކަން އެއް ފަހަރު ވެސް އަމިއްލަ ގައުމުގެ މަސްލަހަތު އިސްކޮށްގެން، މާތްރަސްކަލާނގެ ކަލޭމެންނަށް ދެއްވި އަމިއްލަ ސިކުނޑި އަމިއްލައަށް ބޭނުން ކޮށްގެން، ކަންކަމާ މެދު ވިސްނާލަބަލަ. މިއީ ޕާޓީއަކާ ނުވަތަ ވަކި ސިޔާސީ ފިކުރަކާ ގުޅޭ މައްސަލައެއް ކަމަށް ނުދެކި، އަމިއްލައަށް އަމިއްލަ ސިކުނޑިއާއި އަމިއްލަ ބުއްދި ބޭނުންކޮށްގެން، ސީ.އެން.އެން.ގެ މި ލިޔުން ކިޔާލައި އަމިއްލައަށް ވިސްނާލައި ފިކުރުކޮށްލަ ބަލަ. ލޯނު މައްސަލަ ވިސްނޭތޯ. އަދި، އިންޑިޔާއިން ރާއްޖެއަށް އަސްކަރީ ގޮތުން އަތްގަދަ ކުރަން އުޅޭ ވާހަކައާ ބެހޭ، ބޭރުގެ އެހެން ލިޔުންތައް ވެސް ހޯދަން އުޅެފި ނަމަ ފެންނާނެ.
      https://edition.cnn.com/2020/11/24/asia/maldives-india-china-bridges-intl-hnk/index.html?fbclid=IwAR1eyMSy0L1MN2TR319acX90tIva-ogKRXVkkfiOJgD96D2Y8HGvbi27bNk

  2. ވަރަށް ފުުރިހަމަ ގިނަ މައުލޫމާތުތަކެއް އެނގިގެންދިއަ ލިއުމެއް. މިލިއުމުން އެޖެންޓުން ވަރަށްސާފުކޮށް ފެނި އެނގިގެން ހިނގައްޖެ. ހަގީގަތުގައިވެސް އެފަދަ އެޖެންޓުންނަކީ މިގައުމަށް ގައްދާރުވަމުންދާ ޚާއިނުން. މިކަމަށް ތާރީޚުން ހެކިލިބޭ…

  3. މިތާނގައި "ތޫރަ" ނަމުގައި ލިޔެފައިވާ އިންޑިޔާގެ އެޖޭންޓަކީ ހާދަހާވާ ބޮޑު ގަމާރެކޭ ހިތަށް އަރައެވެ. އޭނަ އަކަށް އަދިވެސް ގެޓެއް ނުވެއެވެ. އޭނަގެ ގޭގައި ކުއްޔަށް އަންނަ މީހާ ގޭގެ ކަންތަކުގައި އޭނައަށް އަމުރު ކުރާއިރުވެސް އޯކޭ ހެއްޔެވެ؟ ޢޭ މިހިރަ ބީތާއާ އެވެ!! ކުރީގެ ސަރުކާރު ދިޔަފަހުން 3 އަހަރު މިއޮށްވަނީއެވެ، މިތާކު ޗައިނާގެ އޭޖެންޓެއް، ނޫނީ ސިފައިންނެއް ނެތެވެ. އެންމެ ކުޑަމިނުން އެމީހުން ލޯނު ދިން ބްރިޖް (އޭގެ މަތީގައި ކަލޭ ދުވާލަކު އެތައް ފަހަރަކު ހަބޭހަށް ދުއްވާ ބްރިޖް) ބަލަހައްޓާކަށްވެސް ޗައިނާގެ ސިފައިންގެ މީހަކު ނެތެވެ! ފެނޭ ހެއްޔެވެ؟ ދެލޯ ރަނގަޅު ހެއްޔެވެ؟ ދެން ތިޔަ ބުނާ ލޯނު ތަކުން ކުރީ ސަރުކާރުން ހަދައި ނިމިފައިވާ ތަންތަން ލޯ ރަނގަޅިއްޔާ ފެންނާން އެހެރީއެވެ! ހިޔާ ފްލެޓްތައް، އެއާޕޯޓް ވީއައޕީ ޓާރމިނަލް، ރަންވޭ، ބްރިޖް މިތަންތަނުން ލާރި އުފައްދައި އެލާރިން ލޯނުތައް ދެއްކޭނެއެވެ! ޢެކަމަކު އެކަން ކުރަން އެނގޭ ބަޔަކަށެވެ! ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނަގައިގެން އަގު ބޮޑު ފޯނެއް ގަނެފިއްޔާ ނޫނީ ބިޓް ގޮވައިގެން ރެސްޓޯރަންޓަށް އަރާ ކައި ހުސްކޮށްފިއްޔާ އެލާރިން ލާރި ނުއުފެއްދޭނެއެވެ. އޭގެ ބަދަލުގައި އެފައިސާ ކަލޭ އަތުން ބޭންކުން ހޯދާނެއެވެ. އެއީ ކަލޭ ދަރަނިވެރިވިޔަސް ބޭންކުން ކުރާނެ ކަމެކެވެ. ޢެހެންވީމަ ކުރީ ސަރުކާރުން ނެގި ލޯނުތަކުން ކުރި ކަންތަކުން މިހާރުވެސް ފައިސާ ދައްކަން ޢެނގޭ ބަޔަކަށް އެ ފައިސާ ދެއްކޭނެއެވެ. އޭގެ ބަދަލުގައި އަހަރުމެންގެ ގައުމިއްޔަތު ނޫނީ އަމިއްލަވަންތަކަން ކޮމްޕްރޮމައިސް ކުރާކަށް ނުޖެހޭނެއެވެ. ޢެކަމަކު ކަލޭ ކަހަލަ ގައްދާރުން ތިބިއްޔާ ބަލާނީ ގައުމަށް ކޮންމެ ގޮތެއްވިޔަސް ނުވަތަ ގެދޮރަށް ކޮންމެ ގޮތެއްވިޔަސް ފައިސާކޮޅު ކާލާށެވެ. މުސްތަގުބަލް ބިނާ ކުރާކަށް ނޫނެވެ.

  4. ތަނެއްގަ ހުރި ޖާހިލެއް ގައުމެއްގެ އިގްތިސާދީ ވަޒީރަކަށް ވީމަ އަމަޔާ ދިމާއަށް ވެސް ހަޔާތް ގޮވާނެ. ބައިތިއްބާ! އިންސާފު އަރާ ހަމަކުރާނެ!

  5. އެ ފިނޑި، މަމޮޅޮ މިނިސްޓަރަށް މިހާރު ރަނގަޅަށް ހުންނާނީ ރާކަނިމަސް ކެވިފައެވެ. މިއާޓިކަލް ކޮޕީ ހައްދާފަ ނަމަވެސް އެފިނޑި މިނިސްޓަރޭ ކިޔާ މީހާ އަށް ފޮނުވާނަމެވެ.

  6. މިކަން މިދާ ގޮތުން މިނޫން ބަޔަކަށް ރިޔާސީ އިންތިޚާބުގައި ވޯޓް ލާން އެބަޖެހޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *