Support Us

ހަގީގީ އުފަލަކީ..؟

އުފަލަކީ ކޮބައިކަމާ މެދު ތަފާތު ގޮތްގޮތަށް ބަޔާންކޮށް ބުނެދެވިފައިވެއެވެ. އެއް ބަޔަކު، އުފާވެރިކަން ގުޅުވައިލަނީ މާއްދީ ކަންކަމާއެވެ. ފައިސާއާއި މުދަލާއެވެ. އަނެއް ބަޔަކު، އެކަން ގުޅުވާލަނީ ރޫހާނިއްޔަތާއެވެ. ފުދުމާއެވެ. ތިމާގެ އަމިއްލަ މަސައްކަތުން ލިބޭ އެއްޗަކާ މެދު ރުހި ފުދިފައިވުމާއެވެ. އަނެއް ބަޔަކު އެކަން ގުޅުވާލަނީ ކާމިޔާބުވުމާއެވެ. ތިމާ ކަނޑައަޅާ ހަޔާތުގެ ލަނޑުދަނޑިތަކާ ހަމައަށް ވާސިލުވެ، ތިމާ ގަސްދުކުރާ ކަންކަން ހާސިލުކޮށް، ލިބިގަތުމާއެވެ.

ޝައްކެއްނެތް ގޮތުގައި ފައިސާއާއި މުދަލަކީ ހަޔާތުގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ޒަރޫރަތްތެރި އެއްޗެކެވެ. އެއާ ނުލައި ނޫޅެވޭނޭ އެއްޗެކޭ ވެސް ބުނެވިދާނެއެވެ. ކާމިޔާބުތައް ހޯދުމާއި އަމާޒުފަތްގަނޑާ ހަމައަށް ވާސިލުވުމަށް ވެސް ފައިސާ މުހިއްމު ވެއެވެ. ހަމަ އެހެންމެ، މީހާގެ ރޫހާނިއްޔަތު ކުރިއެރުވުމުގެ މަސައްކަތަށް ވެސް ކޮންމެ ވެސް ވަރަކަށް ފައިސާ ބޭނުންވެއެވެ. ކީރިތި ގުރުއާނުގައި، ކީރިތި ރަސޫލާގެ ދައުވަތައިގެން ކުރިއަށް ވަޑައިގަތުމަށްޓަކައި އެކަލޭގެފާނަށް ފައިސާގެ ފުދުންތެރިކަން ހަމަޖެހިފައި އޮތްކަން ފާހަގަކުރެވިފައި ވެއެވެ. ووجدك عائلا فأغنى (ތިމަން ރަސްކަލާނގެ ކަލޭގެފާނު ފަގީރު ހާލުކޮޅުގައި ވަނިކޮށް ފުދުންތެރިކަން ދެއްވީމުއެވެ،) މި އާޔަތުގައެވެ. މީގެ އިތުރުން، އަރަބި ބުއްދިވެރި ބަހެއްގައި އޮންނަ ގޮތުގައި، ފަގީރުކަމަކީ ކާފިރުކަމަށް މަގުފަހިކޮށްދީފާނޭ ވެސް ކަމެކެވެ. كاد الفقر أن يكون كفرا، (ފަގީރުކަން ކާފިރުވުމާ ގާތްކުރެއެވެ.) މާނައަކީ ފަގީރުކަމަކީ އެކަމުގެ ސަބަބުން މީހާ ނުބައި މަގަށް ވެސް ލަންބުވާލާފާނޭ ކަމެކެވެ. މިކަމުގެ ހެކިތައް ފެނެއެވެ. ފަގީރުކަމުގެ ސަބަބުން މީހުން ހަށިވިއްކައެވެ. ފަގީރު ކަމަކީ ބައެއް ފަހަރު މީހާގެ ދީންވެސް ދޫކޮށްލުން މެދުވެރިކުރުވާ ކަމެކެވެ. އާދެ، ރޫހާނިއްޔަތާއި ފުދުންތެރިކަމާ ގުޅުމެއް އޮންނަކަން މިކަންކަމުން ފާހަގަވެގެން ދެއެވެ.

ފައިސާވެރިކަމާއި އުފާވެރިކަމާ ކޮންމެ ވެސް ވަރެއްގެ ގުޅުމެއް އޮތޭ ބުނެވުނަސް ފެންނަ ބައެއް މަންޒަރުތައް ބުނެދެނީ ފައިސާވެރިކަމަކީ ވެސް އުފާވެރިކަން ހޯދައިދޭ އެއްޗަކަށް ނުވެ ހިނގައިދާނޭކަމެވެ. ދެ މިސާލެއް ލިޔެލާނަމެވެ. އެއް މިސާލަކީ އެމެރިކާގެ އަދީބެއް ކަމަށްވާ އާރނެސްޓް ހެމިންގްވޭއެވެ. އަދަބިއްޔާތުގެ ރޮނގުން 1954ގައި ނޯބެލްގެ އިނާމު ހާސިލުކުރިއެވެ. އޭގެ އެއް އަހަރު ކުރިން އަދަބިއްޔާތުގެ ރޮނގުން ދެވޭ އަގުހުރި އިނާމެއް ކަމުގައިވާ ޕުލިޓްޒަރގެ އިނާމު ވެސް ހާސިލުކުރިއެވެ. އާދެ، އޭނާއަކީ މިލިޔަނަރެކެވެ. ޝުހުރަތާއި ފައިސާއާއި މުދާ އޮތް މީހެކެވެ. ނަމަވެސް، އޭނާގެ ހަޔާތް ނިމިގެން ދިޔައީ 1961ގައި އަމިއްލަ ގަޔަށް ބަޑިޖަހައި އަމިއްލައަށް މަރުވެގެންނެވެ. މިއިން ދަލާލަތު ކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟ ފައިސާއާއި މުދަލާއި ކާމިޔާބީއާއި އެކަމާ ގުޅިފައި އޮންނަ ޝުހުރަތަކީ ހެމިންގްވޭއަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދިން ކަންކަމަށް ނުވުމެވެ.

ބިލް ގޭޓްސް އާއި އޭނާގެ ކުރީގެ އަންހެނުން

ދެވަނަ މިސާލަކީ ދާދި މިދާކަށް ދުވަހު އާންމުވެގެން ދިޔަ ޚަބަރެކެވެ. މުޅި ދުނިޔޭގެ އެންމެ ބޮޑެތި ހަތަރު ފަސް މުއްސަނދިންގެ ތެރޭގައި ހިމެނޭ ބިލް ގޭޓްސްގެ ކައިވެނި ރޫޅުނު ވާހަކައެވެ. ހަމަ އެހެންމެ، އޭގެ ކުރިން، ހަމަ އެފަދަ މުއްސަނދި ޖެފް ބޭޒޯސްގެ ކައިވެނި ވެސް ރޫޅުނު ވާހަކަ އަޑު އިވުނެވެ. ކައިވެންޏެއް ރޫޅެން ތަފާތު އެތައް ސަބަބުތަކެއް މެދުވެރިވެދާނެއެވެ. އެހެން ވިޔަސް، މި މިސާލުން އެނގެނީ ފައިސާއިން ކައިވެންޏަށް ހަމަޖެހުން ނުގެނެވުނު ކަމެވެ. އަދި، އެކަމުގެ ސަބަބުން އުފެދޭ ހިތްދަތިކަމާއި ހިތާމަވެރިކަން، ފައިސާ މެދުވެރިކޮށް ފޫނުބެއްދުނު ކަމެވެ.

މިފަދައިން މަންޒަރުތައް ފެންނަމުންދާތީ، އުފާވެރިކަމާ ބެހޭ ގޮތުން ފަލްސަފާވެރިންނާއި ހަކީމުން، އަދި، އެންމެ އާދައިގެ މީހުން ވެސް، އެމީހުންގެ ހަޔާތުގެ ތަޖުރިބާގެ އަލީގައި އެކިއެކި ބުނުންތައް ބުނެފައިވެއެވެ. އެފަދަ ބައެއް ބުނުންތައް ތިރީގައި ނަކަލުކޮށްލަމެވެ. ކިޔުންތެރިން ކިޔާލައި އުފާވެރިކަމަކީ ކޮބައިތޯ އަމިއްލައަށް ކަނޑައަޅާލުމަށްޓަކައި މަގު ފަހިކޮށްލަދެވޭތޯއެވެ.

ނަވާރަ ވަނަ ގަރުނުގައި އުޅުނު އުލޫހިއްޔަތުގެ އިލްމުވެރިއެއް ކަމަށްވާ އެމެރިކާގެ މޭރީ އެޑީ ބުނެފައި ވެއެވެ. އުފާވެރިކަން ގުޅެނީ ރޫހާނިއްޔަތާއެވެ. އެހާލަތު އުފަންވަނީ ތެދުވެރިކަމާއި ލޯބީގެ ތެރެއިންނެވެ. އެހާލަތު ނިޔާކުރަނީ މަވެތި ނުވުމަށެވެ. އެހެންވީމާ އުފާވެރިކަމުގެ ހާލަތަކީ އެކަނިވެރިކަމެއްގެ ތެރޭގައި އުފެދޭނޭ ހާލަތެއް ނޫނެވެ. ނަމަވެސް، އެ ހާލަތު ވުޖޫދުގައި އޮތުމަށް މުޅި އިންސާނިއްޔަތަށް ބޭނުންވެއެވެ. އެހާލަތުގައި މުޅި އިންސާނިއްޔަތު ބައިވެރިކުރުމަށްޓަކައި އެހާލަތު އުފަންކުރުމަށް އާދެ، އުފާވެރިކަން ލިބިގަތުމަށްޓަކައި، މުޅި އިންސާނިއްޔަތަށް ބޭނުންޖެހެއެވެ. މިވާހަކައިގެ ޚުލާސާއަކީ އުފާވެރިކަން ބިނާވެފައި އޮންނަނީ ތެދުވެރިކަމާއި އެހެން މީހުންނަށް ލޯބިކުރުމުގެ މައްޗަށް ކަމެވެ.

އެވޭލާ ޒަމާނުގެ ރޯމަނުންގެ ސިޔާސީ ވެރިޔަކު ކަމުގައިވާ ލޫސިއަސް ސެނެކާ އުފާވެރިކަމަކީ ކޮބައިކަން ބަޔާންކޮށް ދެމުން ބުނެފައި އޮވެއެވެ. ހަގީގީ އުފާވެރިކަމަކީ ހާޒިރުގެ ވަގުތުތަކާ މެދު ގަޔާވެ އެ ވަގުތުތަކުން ހިތްހަމަޖެހުމާއި އުފާ ލިބިގަތުމެވެ. ކުރިމަގުގެ ދުވަސްތައް އޮންނާނީ ކިހިނެއްކަމާ މެދު ކަންބޮޑުވެ، ކުރިމަގުގެ ހާލަތުގެ މައްޗަށް ބުރަވެ ނުހުރެއެވެ. އާދެ، ސެނެކާ ދެކޭ ގޮތުގައި އުފާވެރިކަމަކީ ކުރިމަގު މިވެނި ގޮތަކަށް އޮވެދާނެކަމާ މެދު ފިކުރު ނުކޮށް ހާޒިރުގެ ވަގުތުތަކާ މެދު ހިތްހަމަޖައްސާލައި އެވަގުތުތަކުން އުފާލިބިގަތުމެވެ.

ދަލައިލާމާ

ބުދު ދީނުގެ އިލްމުވެރި އިމާމެއް ކަމުގައިވާ ދަލައިލާމާ ބުނަނީ އުފާވެރިކަމަކީ ބޭނުންވާ ވަގުތެއްގައި ލިބިގަތުމަށް ތައްޔާރުކުރެވިފައި އޮންނަ އެއްޗެއް ނޫންކަމެވެ. އުފާވެރިކަން މެދުވެރިކުރުވަނީ މީހާގެ އަމަލުތައް ކަމެވެ. އާދެ، ދަލައިލާމާ ދެކޭ ގޮތުގައި އުފާވެރިކަމަކީ، ގަމީހެއް ބޭނުންވީމާ ފިހާރައަކަށް ގޮސް ގަމީހެއް ގަންނަ ފަދައިން، ލިބިގަނެވެން އޮންނަ އެއްޗެއް ނޫންކަމެވެ. އުފާވެރިކަން ގުޅެނީ މީހާގެ އަމަލުތަކާކަމެވެ. މީހާގެ ހަޔާތް ބާއްޖަވެރިކުރުވައި އުފާވެރިކަން ގެނެސްދެނީވެސް އަދި އަބާއްޖަވެރިކުރުވައި ގިލަންވެރިކަން ގެނެސްދެނީވެސް މީހާގެ އަމަލުތަކެވެ. ހެޔޮއަމަލުތައް ކުރުން މަތީ ހުރެއްޖެ ނަމަ، ހަޔާތަކީ އުފާވެރި ހަޔާތަކަށް ވެއެވެ. އަމަލުތައް ނުރަނގަޅު ވެއްޖެ ނަމަ، ހަޔާތް އަބާއްޖަވެރިކުރުވައި ހިތާމައިގެ ތެރެއަށް ގެންދެއެވެ.

ސުވީޑުންގެ މުމައްސިލާއެއް ކަމުގައިވާ އިންގްރިޑް ބާގްމަން ދެކޭ ގޮތުގައި އުފާވެރިކަމަކީ ދުޅަހެޔޮ ސިއްހަތެއް ލިބިފައި އޮތުމާއި ހަނދާން ބަލިވުމެވެ. އާދެ، ސިއްހަތު ސަލާމަތުން އޮވެފައި ހިތާމަތަކާއި ދެރަވާ ކަންތައްތައް މަތިން ހަނދާން ނައްތާލުމެވެ.

އުފާވެރިކަމަކީ ކޮބައިކަން ބުނެދެމުން އިނގިރޭސި ލިޔުންތެރިއެއް ކަމަށްވާ ޖޯސެފް އެޑިސަން ބުނަނީ އެއީ ހިތުގެ ފުދުންތެރިކަން ލިބިފައިވުމެވެ. އަދި މިފަދަ ފުދުންތެރިކަމެއް ލިބިފައިވުމީ ދުނިޔެއިން އިންސާނާއަށް، އެކަމުން އުފާ ހާސިލުކުރެވޭނޭ އެންމެ ބޮޑު ނިއުމަތްކަމެވެ.

އެމެރިކާގެ ލިޔުންތެރިއެއް ކަމަށްވާ ޑޭލް ކާނެގީ ބުނަނީ އުފާވެރިކަމަކީ ސިކުނޑީގެ ހާލަތު މެދުވެރިކުރުވާ ކަމެއް ކަމުގައެވެ. އެކަން ބިނާވެފައި އޮންނަނީ ތިމާގެ ނަފްސުން ބޭރުގެ ކަންކަމާއި ނޫންކަމެވެ. އާދެ، އުފާވެރިކަން ލިބުން އޮންނަނީ، ކާނެގީ ދެކޭ ގޮތުގައި، ފައިސާއާ މުދާ ލިބިގަތުމުގައެއް ނޫނެވެ. ނުވަތަ ކާމިޔާބީތައް ހޯދުމުގައެއް ވެސް ނޫނެވެ. އެކަން ގުޅިފައި އޮންނަނީ އަމިއްލަ ހިތާއެވެ. އެ ހިތުގެ ފުދުމާއި އެކަމާ ގުޅިފައި އޮންނަ ހަމަޖެހުމާއެވެ.

އާދެ، މަތީގައި ބަޔާންކުރެވި އެދިޔައީ އުފާވެރިކަމަކީ ކޮބައިކަން ބުނެދިނުމުގެ ގޮތުން އެކިއެކި މީސްމީހުން ބުނެފައި ހުރި ބައެއް ވާހަކައެވެ. މީގެ ތެރެއަށް އަދި އެއް ވާހަކަ އިތުރުކޮށްލާ ހިތްވެއެވެ. ސޫފިޔާނާ ނަޒަރަކުން ބަލައި އުފާވެރިކަމާ މެދު ބުނެލާ ވާހަކައެކެވެ.

ސޫފިޔާނާ ނަޒަރުން ބަލާއިރު އުފަލަކީ ކޮބައިތޯ ކަނޑައަޅާލުމުގައި ދުނިޔެއަކީ ކޮބައިތޯ ދެނެގަންނަން ޖެހެއެވެ. އަދި އިތުރަށް ސާފުކޮށް ބުނާ ނަމަ ދުނިޔެއާ ދޭތެރޭ ތިމާދެކޭ ގޮތް ކަނޑައަޅާލަން ޖެހެއެވެ. އާދެ، ތިމާގެ ދުނިޔަވީ ނަޒަރަކީ ކޮބައިކަން ހިތަށް ގެންނަން ޖެހެއެވެ. ޝައްކެއްނެތް ގޮތުގައި ދުނިޔަވީ ހަޔާތަކީ ވަގުތީ ހަޔާތެކެވެ. އެ ހަޔާތުގެ ވަގުތުތައް އޮންނަނީ މަރުހަލާތަކަކަށް ބެހިފައެވެ. ތުއްތުއިރެވެ. ކުޑައިރެވެ. ނޯޖަވާނުގެ ދުވަސްވަރެވެ. ޝަބާބުގެ ދުވަސްވަރެވެ. ދުވަސްވެ މުސްކުޅިފުރާވަރަށް އެޅޭ ދުވަސްވަރެވެ. ދެން މުސްކުޅިވެ، ހަޔާތަށް އަލްވަދާއުކިޔަން ޖެހޭ ދުވަސް ވަރެވެ. ސޫފިޔާނާ ނަޒަރަކުން ބަލާލާއިރު ހަޔާތުގެ އުފާވެރިކަން ބިނާވަނީ ތިން ކަމެއްގެ މައްޗަށޭ ބުނެވިދާނެއެވެ. ފުރަތަމަ ކަމަކީ ހަޔާތުގެ ކުރުކަމާއި ހަޔާތުގެ ވަގުތުތަކަށް ނިމުން އަންނާނޭކަން ވީހާ ވެސް އަވަހަކަށް ދެނެގަތުމެވެ. ދެވަނަ ކަމަކީ ހަޔާތުގެ ލަގަން ތިމާގެ އަތްމައްޗަށް އަރާ ވަގުތު އައުމުން، ތިމާގެ ހަޔާތުގެ މަރުހަލާއާ އެއްގޮތްވާ ގޮތުގެ މަތިން އުޅެން ދަސްކުރުމެވެ. ތިމާ ޒުވާން ފުރާވަރަށް އެޅުމުން، ކުޑަ ކުއްޖަކު އުޅޭ ފަދައިން އުޅެންވެއްޖެ ނަމަ، އުފަލެއް ނުލިބޭނެއެވެ. ހަމަ އެހެންމެ، ތިމާ މުސްކުޅިވެ، ދުވަސް ވުމުން، އެނގިގެން ވިޔަސް، ނުވަތަ ނޭނގި ވިޔަސް، ޒުވާނުންގެ ހަޔާތަށް އެނބުރި ރުޖޫއަވާން އުޅެން ފަށައިފި ނަމަ، އުފާވެރިކަމެއް ނުލިބޭނެއެވެ. އެހެންވެ، މާޒީ ރުޖޫއަ ކުރަން މަސައްކަތް ނުކޮށް، އަދި، މާޒީއާ މެދު ހިތާމަ ވެސް ނުކޮށް، ތިމާގެ ނަފްސު ދެނެގަނެ، ތިމާ އެވަގުތު ހުރި އުމުރުގެ މަރުހަލާ ބަލައިގަނެ، އެ މަރުހަލާ ނިޔާކުރާ ގޮތެއްގެ މަތިން އުޅެން ހިތްހަމަޖައްސަން ދަސްކުރުމެވެ. ތިންވަނަ ކަމަކީ ދުނިޔަވީ ހަޔާތަކަށް ފަހު އުޚުރަވީ ހަޔާތެއް އޮންނަކަން ހަނދާން ކުރުމެވެ. މިކަން ތިމާގެ ހޯޝްގައި (ކޮންޝަންސް، ނަފްސުގެ ހޭވެރިކަމުގައި) ހަރުކޮށްލެވިއްޖެ ނަމަ، ހިތާމައަކީ ވަގުތީ ކަމެއް ކަމުގައި ބެލެވި، އެކަމަކީ ހިތި އަސަރުން ހަޔާތް ފުރާލާ ކަމަކަށް ނުވެއެވެ. އާދެ، މި ތިން ކަންތަކުން، ދުނިޔަވީ ހަޔާތަކީ އުފާވެރި ހަޔާތަކަށް ސޫފިޔާނާ ދުނިޔެ ވެގެން ދެއެވެ. ދުނިޔެއީ ވަގުތީ ކަމެއްކަން ދެނެގަނެ، އުޚުރަވީ ހަޔާތެއް އޮތް ކަން ގަބޫލުކޮށް، ތިމާގެ އުމުރުގެ މަރުހަލާއާ އެއްގޮތް ވާގޮތުގެ މަތިން އުޅެން ދަސްކޮށް އުޚުރަވީ ހަޔާތާ ދިމާއަށް ދަތުރުކުރަން މަސައްކަތްކުރުމުން ހަޔާތް އުފާވެރިވެ، ބާއްޖަވެރިވެގެން ދެއެވެ.

ދެން، އުފާވެރިކަމަކީ ކޮބައިތޯ އިނބަގެ، ކިޔުންތެރިޔާގެ ޚިޔާލަކީ ކޮބައި ހެއްޔެވެ؟