Support Us

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ބޯހިޔާވަހިކަން ބޭނުންވެފައިވާ ގިނަ ފަރާތްތަކަކަށް މި ދައުރުގައި އެކަން ހާސިލްވާނެ: ރައީސުލްޖުމްހޫރިއްޔާ

މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް މި ދައުރު ނިމޭއިރު، ރާއްޖޭގެ ބޯހިޔާވަހިކަން ބޭނުންވެފައިވާ ގިނަ ފަރާތްތަކަކަށް އެކަން ހާޞިލް ވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތާ ގުޅޭގޮތުން ރޭ ސޯޝަލް މީޑިއާގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށް ހިންގާ "ގެދޮރުވެރިޔާ ލޯން ސްކީމް" އިފްތިތާހްކޮށްދެއްވައިފައެވެ. އަދި ހަމަ އެއާއެކު އެމަނިކުފާނު ވަނީ މާލެ ރަށްވެހިންނަށް ޚާއްޞަކޮށް މި ސަރުކާރުން ފައްޓަވާދެއްވުމަށް ހަމަޖެހިފައިވާ ގެދޮރުވެރިކުރުމުގެ މަޝްރޫޢާ ގުޅޭ މުހިންމު މަޢުލޫމާތުވެސް ރައްޔިތުންނާ ޙިއްޞާކުރައްވާފައެވެ.

ގެދޮރުވެރިޔާ ލޯން ސްކީމްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ރޭ ފައްޓަވައިދެއްވި ލޯން ސްކީމަކީ ކުޑަ އިންޓްރެސްޓެއްގައި ދިގު މުއްދަތުން ދައްކައި ޚަލާސްކުރާ ގޮތަށް ތައާރަފުކުރާ ލޯން ސްކީމެކެވެ. މި ލޯން ސްކީމްގައި ބައިވެރިވުމަށްޓަކައި މޯގޭޖްގެ ގޮތުގައި ހަމައެކަނި ދައްކަން ޖެހޭނީ އެމީހާއަށް ލިބިފައި އޮތް ގޯތި ނޫނީ އެމީހާއަށް ލިބިފައި އޮތް ގޯތީގައި ހަދަން ފަށާފައިވާ އިމާރާތް އެކަންޏެވެ. އަދި މި ލޯން ސްކީމްގެ ދަށުން ހަދަން ފަށާފައިވާ ގެ ނިންމައިލުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ގިނަވެގެން ހަތް ލައްކަ ރުފިޔާ ކޮންމެ ފަރާތަކަށް ދޫކުރާ ގޮތަށް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ. އަދި މި ލޯނަށް ފައިސާ އަނބުރާ ދައްކާއިރު އެންމެ ގިނަވެގެން މަހަކު ދައްކަން ޖެހެނީ 5،000 ރުފިޔާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން މާލޭގެ ރައްޔިތުންނަށް ޚާއްޞަކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މިހާރު ސޮއި ކުރެވި މަސައްކަތް ފެށުމަށްޓަކައި 7،000 ފެލެޓްގެ މަސައްކަތް ވަނީ ތައްޔާރުވެފައި ކަމަށެވެ. އަދި އޭގެ އިތުރުން 4،000 ޔުނިޓެއް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހި، އެކަމަށް ބޭނުންވާ ކޮންސްޓްރަކްޝަން ކުންފުނިތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމުގައިވެސް އެމަނިކުފާނުގެ ވަނީ މިއަދުގެ މެސެޖުގައި ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރޭ ފައްޓަވައިދެއްވި ލޯން ސްކީމްގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ލުއި ގޮތެއްގައި އެކަން ކޮށް ނިންމައިލުމުގެ ފުރުޞަތު ފަހިވެގެން ދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް