Support Us

އެމްޑީޕީއަށް ވެރިކަމުގެ އާރާއި ބާރު ލިބުނީމާ ވެސް ތަރައްގީއަށް ޒައްރެއްހާ މިންވަރު ވެސް ގެނެސްނުދެވުނު: ނައިބް ރައީސް

އެމްޑީޕީއަކީ ވެރިކަމުގެ އާރާއި ބާރު ލިބުމުން ވެސް ރައްޔިތުންނަށްޓަކައި ޒައްރެއްހާ މިންވަރު ވެސް ތަރައްގީ ގެނެސްނުދެވުނު ބައެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މިނަމުގައި ޕީއެންސީން ކުރިއަށް ގެންދާ ކެންޕެއިންގައި ރޭ ނިލަންދޫ ދާއިރާގެ ކެނޑިޑޭޓު ފާތުމަތު ސައުދާ އަދި ދިއްގަރު ދާއިރާގެ ކެނޑިޑޭޓު މުހައްމަދު ނާޒިމްގެ ކެންޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހަކީ ސަރުކާރެއް ހިންގަން ކިހާ މުހިންމު ދައުރެއް އަދާކުރެވޭނެ އަދި ރައްޔިތުންނާ ގުޅުން ހުރި މުހިންމު އެތައް މަސައްކަތްތަކެއް ކުރަންޖެހޭ ތަނެއް ކަން، މަޖިލީހުގައި ހޭދަކުރެއްވި ދެ ދައުރުގެ ތަޖުރިބާގެ މައްޗަށް އަލިއަޅުއްވާލައްވައި ނައިބު ރައީސް ވިދާޅުވި އެވެ. ނަމަވެސް މިހާރު މަޖިލީހުގެ މެޖޯރިޓީގައި އޮތް އެމްޑީޕީއަށް ވޭތުވެދިޔަ ފަސް އަހަރު ސަރުކާރާއި މަޖިލީސްގެ މެޖޯރިޓީ ލިބިގެން ވެސް ރައްޔިތުންނަށް ކުޑަކޮށް ވެސް ތަރައްގީ ގެނެސްނުދެވުުނު ކަމަށް ވިދާޅުވި އެވެ.

"(އެމްޑީޕީއަށް) އެ ލިބުނު އާރަކާއި ބާރެއްގެ ބޭނުން ހިފައިގެން ރައްޔިތުންނަށް ކުޑަކޮށް ވެސް، ޒައްރެއްގެ މިންވަރުގެ ވެސް ތަރައްގީކޮށްދޭނެ ފުރުސަތެއްގެ ބޭނުމެއް ނުހިފުނު. ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެބޭފުޅުން ކުރައްވަމުން އައި މަސައްކަތްޕުޅުތަކަކީ ގަރާރު ހުށަހެޅުން، ކުއްލި މައްސަލަ ހުށަަހެޅުން، އަމިއްލަ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނިޔަތުގައި ބުނެ މިފަދަ ޖެއްސުންތައް ކުރަމުން އައީ،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުގެ ފިކުރު އެމްޑީޕީގެ ފިކުރާ ތަފާތުވާ ސަބަބަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކަށްވަނީ އެ ރައްޔިތުންގެ މަޖިލީސް ބޭނުންކުރައްވައިގެން ރައްޔިތުންނަށް ތަރައްގީ ހޯދުން ކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރު މި ފަސް މަސް ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ތަރައްގީ ގެނެސްދެއްވުމަށްޓަކައި ކެބިނެޓް ބޭނުން ކުރައްވައިގެން އެ ހުރިހާ ކަމަކަށް ތައްޔާރުވެވަޑައިގެންފައިވާ ކަމަށާއި ދެން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ އަންގާރަ ދުވަހު ރައީސް ޑރ. މުއިއްޒު ތަސްދީގުކުރެއްވި އެންޓި ޑިފެކްޝަން ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމުން ތާއީދުކޮށްގެން ވުޖޫދަށް ގެެނައި ގާނޫނެއް ކަމަށާއި އެމްޑީޕީން ވެރިކަމަށް އައިސް އެ ގާނޫން އުވާލީ ކަމަށެވެ.

"އުވާލައިފައި މިއަދު އަޅުގަނޑުމެންނަށް މަޖިލީސް މެޖޯރިޓީ ނުލިބިދާނެ ކަމަށް (އެބޭފުޅުންނަށް) ގަބޫލްކުރެވިގެން އެބޭފުޅުން އަނެއްކާ ފާސްކޮށްފައި ޖެއްސުން ކުރުމުގެ ގޮތުން ފޮނުއްވީ ރައީސް އަރިހަށް (ތަސްދީގުކުރަން)" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުއިއްޒަކީ ވަރަށް ވިސްނުންފުޅު އިސްކުރައްވާ، ވަރަށް ހިކުމަތްތެރި ބޭފުޅެއް ކަމަށާއި މި ސަރުކާރުގެ ތާއީދާ އެކު މަޖިލީސްއަށް ހޮވޭ އެއްވެސް ކެނޑިޑޭޓަކު ރައީސް ޑރ. މުއިއްޒު ދޫކޮށްނުލައްވާނެކަން ޔަގީން ކުރައްވާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ފަދަ އިހުލާސްތެރި ވެރިއަކު މަދުން ނޫނީ ނުލިބޭނެ ކަމަށާއި އެއީ ރައްޔިތުންނާ ގާތްކަން ބާއްވަން ބޭނުންފުޅުވާ، ތެދުވެރި ވެރިއެއްކަން އެ މަނިކުފާނު ރައްޔިތުންނާ ބައްދަލުކުރައްވާ ކޮންމެ ފަހަރަކު ފެނިފައިވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ކެބިނެޓްގެ ވަސްޓްއަޕް ގްރޫޕްގައި ކޮންމެ ރެއަކު ތިނެއް ޖަހަންދެން… ބަރާބަރަށް އިރުޝާދު ދެއްވަމުން ގެންދަވާނެ ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި އަަވަސްކޮށްދިނުމަށް. ހުއްޓުމެއް ނެތި އެ އިރުޝާދުތައް ރެއާއި ދުވާލު އެބޭފުޅާ ރިޔާސީ އިންތިހާބުގައި ވިދާޅުވި ފަދައިން 24 ގަޑިއިރު އެ އިރުޝާދުތައް އަރުވަމުންދޭ. އެހެންކަމުން އެފަދަ ވެރިއަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

މި ރާއްޖޭގައި މިއޮތީ ތިން ބާރު ވަކިވެފައި އޮތް ރިޔާސީ ނިޒާމެއް ކަމަށާއި ނަމަވެސް އެމްޑީޕީއަކީ އެ ނިޒާމަށް ފަރިތަ ބައެއް ނޫން ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.

"އެމްޑީޕީއަކީ ބަރުލަމާނީ ނިޒާމެއްގައި އަޅައިގަނެގެން ނެއްޓިގެން ނޫޅެވޭ ބައެއް. އެހެންވީމަ އެބޭފުޅުންނަށް ފެންނާނީ އެ ނިޒާމުގައި ހުރި ކަންކަމައިގެން ވާހަކަ ދައްކަން. ރިޔާސީ ނިޒާމުގެ ވާހަކަ ދައްކާކަށް އެބޭފުޅުންނަކަށް (އެމްޑީޕީ އަކަށް) ނޭނގޭ. އެއީ އެ ބޭފުޅުންނަށް ކޮންމެ ފަހަރަކު ވެސް މި ދިމާވާ އުނދަގޫތަކަކީ ވެރިކަން ލިބުނީމަ ވެސް،" ނައިބު ރައީސް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *