...

Support Us

ކޮލަމް: ވިނަވި

އިނގިރޭސީންނާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ތާރީޚު  

ދިވެހިރާއްޖެއަކީ އަންޒަމާނުއްސުރެ މިނިވަން މުސްތަޤިއްލު ޤައުމެކެވެ. މިނޫން ގޮތަކަށް މިކަން އޮތް މަދު ދުވަސްކޮޅުތަކަކީ 16 ވަނަ ޤަރުނުގައި ފުރެތިކާލުން ރާއްޖެ ހިފައިގެން ތިބި 15 އަހަރާއި، 18 ވަނަ ޤަރުނުގައި ހޮޅީން ރާއްޖޭގެ މައްޗަށް އަތްގަދަ ކޮށްގެން ތިބި ހަތަރު މަސްދުވަހެވެ.

މިކަން މިހެން އޮއްވާ 17 ވަނަ ޤަރުނާ ހިސާބުން އެތެރެވަރީގައި ވިލާތުގެ ބާރުތަކުގެ ނުފޫޒު ބޮޑުވާން ފެށިއެވެ. ރާއްޖެއަށް މި ނުފޫޒުގެ އަސަރު ކުރާން ފެށީ ޑަޗް މީހުން، ފުރެތިކާލުން އަތުން ސިލޯން އަތުލި ހިސާބުންނެވެ. އެހާ ހިސާބުން ޑަޗްމީހުން ރާއްޖެއަކީ އެމީހުންގެ ސަރަހައްދުގައި ހިމެނޭ ތަނެއް ކަމަށް ކަނޑައެޅިއެވެ. އެހެނަސް އެމީހުން ސީދާ ގޮތެއްގައި ރާއްޖޭގެ ކަންކަމުގެ ތެރެއަށް ވަދެފައެއް ނުވެއެވެ. އިނގިރޭސީން، 1796 ގައި، ޑަޗް މީހުން ބޭރުކޮށް ސިލޯނަށް އައުމާ ހަމައިން ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔައެވެ. ނަމަވެސް ރަސްމީކޮށް ލިޔެކިޔުމުން އޭރަކު އެކަމެއް ހަމައެއް ނުޖެހެއެވެ. އިނގިރޭސީން މި ކުޅެން ފެށި ދައުރާމެދު އެއިރުގެ ދިވެހީން ވެސް މައްސަލައެއް ނުޖައްސައެވެ. އެއީ އެ ދުވަސްވަރު އެކަހެރިކޮށް އޮތުމަކީ ރާއްޖެ ކަހަލަ ކުޑަ ޤައުމަކަށް ކުރެވޭނެ ކަމަކަށް ނުވާތީއެވެ.

އިނގިރޭސީންނާއި ރާއްޖެއާ ދެމެދުގެ ނުރަސްމީ އެއްބަސްވުން ރަސްމީކޮށް ލިޔެކިޔުމަށް ގެނެވުނީ 19 ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ. އެއީ އިނގިރޭސި ރާނީ ކުއީން ވިކްޓޯރިއާގެ ފަރާތްޕުޅުން ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރާއި ރާއްޖޭގެ ރަދުން އައްސުލްޠާން މުޙައްމަދު މުޢީނުއްދީނުއް ޘާނީއާއި ދެމެދުގައި 1887ގެ ޑިސެމްބަރ 16 އާއި 23 ގައި ސޮއިކުރައްވައި ބަދަލުކުރެއްވި ސިޓީފުޅުތަކަކުންނެވެ.

ހިމާޔަތުގެ ދަށުގައި އެ ގޮތަށް އޮތް އިރު ރާއްޖޭގެ ޚާރިޖީ ކަންކަން ބަލަހައްޓަނީ އިނގިރޭސީންނެވެ. އެތެރޭގެ ކަންކަމާ އެ މީހުން ނުބެހެއެވެ. ރާއްޖޭގެ ޤާނޫނާއި އާދަކާދަތަކާ އެއްގޮތަށް އިސްކުރެވޭ ރަސްރަސްކަލުން އެ މީހުން ބަލައިގަނެއެވެ. ރާއްޖެއަށް ދިމާވާ ބޮޑެތި ކަންކަމުގައި އެ މީހުން އެހީތެރިވެއެވެ. މިގޮތުން 1932ގައި އިއުލާންކުރި ރާއްޖޭގެ އެންމެ ފުރަތަމަ ޤާނޫނު އަސާސީ އެކުލެވުމުގައި ލަފާ ދޭނޭ މުޝީރެއް އިނގިރޭސީން ފޮނުވިއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އައްޑުއަތޮޅާއި ތިލަދުންމަތީ ކެލާގައި އިނގިރޭސީންގެ އަސްކަރީ ވަސީލަތްތަކެއް ޤާއިމު ކުރިއެވެ. ހަނގުރާމަތެރޭގައި ރާއްޖެއަށް ސިލޯނުން ކާޑު ފޮނުވުމަށް އެމީހުން މަގުފަހިކޮށްދިނެވެ. އަދި ރާއްޖޭގެ ކާބޯތަކެތީގެ ހާލަތު ދިރާސާކޮށް ރަނގަޅު ކުރުމަށް ލަފައާއި އެހީތެރިކަންދިނެވެ.

އެޕްރީލް 4، 1948ގައި ކުރީގެ އެއްބަސްވުން އާކޮށް އެގްރިމެންޓެއްގެ ގޮތުގައި ސޮއި ކުރެވުނެވެ. އިންގިރޭސީންގެ ފަރާތުން ސޮއިކުރެއްވީ ޑަބްލިއު.ސީ. ހެންކިންސަންއެވެ. ދިވެހި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިބްރާހީމް ޢަލި ދީދީއެވެ. މި އެގްރީމެންޓްގައި އެއްބަސްވެވުނު ކަންކަމަކީ:

  1. ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތަށް ތަޚުތައް އިސްކުރެވޭ ބޭފުޅަކީ ރާއްޖޭގެ ރަދުންކަމަށް އިނގިރޭސި ދައުލަތުން ބަލައިގަންނާނެއެވެ.
  2. އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ދިވެހިރާއްޖެ ދެމިއޮންނާނެއެވެ.
  3. ދިވެހި ރާއްޖެއާއި އިނގިރޭސި ސަރުކާރާ މުއާމަލާތު ކުރާނީ ސިލޯނުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނަރ މެދުވެރިކޮށެވެ.
  4. ރާއްޖެއާއި ބޭރު ދައުލަތްތަކާ ގުޅުންތައް ބާއްވާނީ އިނގިރޭސި ސަރުކާރު މެދުވެރިކޮށް ނުވަތަ އެ ސަރުކާރުގެ ލަފާގެމަތިންނެވެ.
  5. ރާއްޖެއާއި އިނގިރޭސީގެ ދަށުގައިވާ އެހެން ޤައުމުތައް ހިމާޔަތް ކުރަން ބޭނުންވާ ދިފާއީ މަރުކަޒުތައް ދިވެހިރާއްޖޭގައި ހަދައި ދެމެހެއްޓުމުގެ އިޚުތިޔާރު އިނގިރޭސި ސަރުކާރަށް ލިބިގެންވެއެވެ.
  6. އިނގިރޭސި ސަރުކާރުން ރާއްޖޭގެ އެތެރޭގެ ކަންކަމާ ނުބެހޭނެއެވެ.
  7. ކުރިން ރާއްޖެއިން އިނގިރޭސި ސަރުކާރަށް ދެމުން އައި ޖިޒީ ދެން ދައްކާކަށް ނުޖެހޭނެއެވެ.

މި އެގްރީމެންޓްގެ 3 ވަނަ މާއްދާއާއި 5 ވަނަ މާއްދާ ވަކިން ޚާއްސަކޮށް މުހިންމެވެ. ސިލޯނާއި ރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއްނެތްކަން 3 ވަނަ މާއްދާއިން ކަށަވަރުކޮށްދެއެވެ. އަދި ސިލޯނު މިނިވަން ވާއިރު އެ ޤައުމާއެކު މިނިވަންވާ އެ ޤައުމުގެ ބަޔަކަށް ރާއްޖެ ނުވާނެކަން އެ މާއްދާއިން ކަށަވަރު ކޮށްދެއެވެ. އެ މާއްދާއިން ރާއްޖެއަކީ ސިލޯނާ ވަކި މިނިވަން ދައުލަތަކަށް ވުމުގެ ދޮރު ހުޅުވިގެން ދިޔައެވެ.

ފަސް ވަނަ މާއްދާއިން (1953 ގައި އަލުން ފާސޮއިކޮށްފައި ވާ އެއްބަސް ވުމުގައި މިއީ 4 ވަނަ މާއްދާ) ރާއްޖޭގައި އަސްކަރީ ބޭސްތައް ޤާއިމުކޮށް ދެމެހެއްޓުމުގެ ބާރު އިނގިރޭސި ސަރުކާރަށް ލިބެއެވެ. އެ މާއްދާގެ ދަށުން އައްޑު އަތޮޅު ގަމުގައި އެއަރ ބޭސްއެއް ހެދުމަށް 1956ގައި އިނގިރޭސީން ހުށަހެޅިއެވެ. އިނގިރޭސީން ރާއްޖޭގައި ބޭސްއެއް ހަދަން ބޭނުންވީ، ސިލޯނުގައި ހުރި ބޭސްތައް އެ ޤައުމަށް، ޖެހިގެން އަންނަ އަހަރު (1957) ދޭން ޖެހޭތީ އޭގެ ބަދަލުގައެވެ.

އެ ކަމަށް ގަމާއި ހިތަދޫ މާމެންދޫ ސަރަހައްދުން 110 އޭކަރުގެ ބިން 100 އަހަރަށް، އަހަރަކު 20،000 ޕައުންޑްގެ ކުއްޔަކަށް ދިނުމުގެ އިނީޝަލް އެގްރީމެންޓެއްގައި ސޮއި ކުރެވުނެވެ. މި އެގްރީމެންޓްގައި 15 ޑިސެމްބަރ 1956ގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ޢަލި ދީދީއެވެ. އިނގިރޭސި ރާނީގެ ފަރާތްޕުޅުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ޑެޕިއުޓީ ހައިކޮމިޝަނަރ މރ. ކޮސްޓާރއެވެ. މީގެ ދާއިމީ އެގްރީމެންޓްގައި ސޮއިކުރަން ރާއްޖޭގެ ކެބިނެޓުން ހުއްދައެއް ނުދިނެވެ.

1948ގެ އެގްރީމެންޓާއި 1956ގެ ރަމްޒީ އެގްރީމެންޓްގައި ސޮއިކުރެއްވި އިބްރާހީމް ޢަލި ދީދީ

މި އެގްރީމެންޓާ އިދިކޮޅަށް ވަރަށް ބޮޑު ސިޔާސީ ހަމަނުޖެހުންތަކެއް އުފެދުނެވެ. އެކަމާ ގުޅިގެން 10 ޑިސެމްބަރ 1957ގައި އިބްރާހީމް ޢަލި ދީދީ އިސްތިއުފާ ދެއްވަން ޖެހުނެވެ. އަދި 12 ޑިސެމްބަރުގައި އިބްރާހީމް ނާސިރު ބޮޑުވަޒީރުކަމަށް ވަޑައިގަތެވެ. އޭނާ ދެކެވަޑައިގެންނެވި ގޮތުން އަސްކަރީ މަރުކަޒެއް ހުރުމަކީ ޤައުމުގެ މިނިވަންކަމަށް އުނިކަން ލިބޭ ކަމެކެވެ. އެހެން ކަމުން އޭނާ އެގްރީމެންޓް އުވާލައްވައި ދިވެހި މުއައްޒިފުން އިނގިރޭސީންނަށް މަސައްކަތްތައް ކޮށްނުދިނުމަށް އެންގެވިއެވެ. އެހެން ނަމަވެސް އޭރު އިނގިރޭސީން އައްޑޫއަށް ގޮސް މަސައްކަތް ފަށައިފިއެވެ. އެމީހުން އެންމެ ކުރިން ކުރި އެއްކަމަކީ ގަމު މީހުން ފޭދޫއަށް ބަދަލުކޮށް ފޭދޫ މީހުން މަރަދޫއަށް (މަރަދޫ ފޭދޫއަށް) ބަދަލުކުރުމެވެ. އެ މަސައްކަތް 16 ނޮވެމްބަރު 1958 ގައި ފައްޓައި 28 ޑިސެމްބަރަށް ނިމުނެވެ.

އިނގިރޭސީންނަށް މަސައްކަތްކޮށްދިނުން ހުއްޓާލަން އެންގެވުމަށް ނާސިރު، އަޙުމަދު ޒަކީ އައްޑޫއަށް ފޮނުއްވިއެވެ. ރައްޔިތުން، މި އެންގެވުމާ ހިތްނުޖެހިގެން އަޙުމަދު ޒަކީ ހުންނެވި "މާރަނގަ"އަށް 31 ޑިސެމްބަރު 1958 ދުވަހުގެ ރޭގަނޑު ހަމަލާ ދިނެވެ. ޒަކީއަށް އިނގިރޭސީން މަނަވަރެއްގައި ޙިމާޔަތް ދިނެވެ. ޒަކީ އައްޑޫގައި މަންދޫބަކު ބަހައްޓަވާފައި މާލެ ވަޑައިގަތީއެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި 3 ޖަނަވަރީ 1959 ގައި ޔުނައިޓަޑް ސުވާދީބު އިއުލާން ކުރިއެވެ. އަދި 6 ފެބްރުވަރީގައި ފުވައްމުލައް ސުވާދީބުގައި ބައިވެރިވިއެވެ. އަދި 17 ފެބްރުވަރީގައި ހުވަދުއަތޮޅު ބައިވެރިވިއެވެ.

ޖަނަވަރީ 9، 1959ގައި އަނެއްކާ ވެސް މާލެއިން ވަފުދެއް ފޮނުއްވިއެވެ. އެއީ ގަމުން ބަދަލުކުރި މީހުންނަށް ދީފައިވާ ހިޔާވަހިކަމުގެ ފެންވަރު ބެލުމަށެވެ. އެ ވަފުދުގެ ބޭފުޅުންނަށް ގަމު ރައްޔަތުން ހަމަލާ ދިނުމުން އެކަކު ބަހައްޓަވާފައި އެނބުރި މާލެއަށް ވަޑައިގަތީއެވެ.

ޖަނަވަރީ، 14، 1959ގައި ސަރުކާރުން މަތީ ފެންވަރުގެ ވަފުދެއް އިންގިރޭސީންނާއެކު ވާހަކަ ދެއްކުމަށް ކޮޅުނބަށް ފޮނުއްވިއެވެ. އެ މަޝްވަރާތަކަށް ފަހު ޑްރާފްޓެއް ވެސް އެކުލަވާލެވުނެވެ. ނަމަވެސް މަސައްކަތް ނުނިމެނީސް ސުވާދީބު އިއުލާންކުރި ޚަބަރު ކޮޅުނބަށް ލިބުމުން، ވާހަކަތައް ދޫކޮށްލުމަށްފަހު ވަފުދު މާލެއަށް އެނބުރި އައީއެވެ.

މާރިޗް، 30، 1959ގައި ދައްޕަރު މޫސާ މަނިކުގެ ވެރިކަމުގައި ސިފައިން އެލިޒަބަތު ބޯޔާގައި ފުވައްމުލަކަށް ހަމަލާދިނެވެ. މީގެ ބޭނުމަކީ އެ ރަށް އަނބުރައި ސަރުކާރުގެ ދަށަށް ގެނައުމެވެ. ނަމަވެސް ރަށުމީހުން ސިފައިންގެ ޓީމު އެއްގަމަށް އެރިޔަކަނުދިނެވެ. އަދި އެލިޒަބަތު ބޯޔާ އަނބުރައި މާލެއަށް އައީއެވެ.

ތިނަދޫއަށް ދިޔުމަށްޓަކައި މޯލްޑިވް ސްޓާރ 14 ޖުލައި 1960 ގައި މާލެއިން ފުރިއެވެ. އެ ބޯޓުން ދިޔަ ސިފައިންނާއި މީހުން ރަށަށްއަރައި ސަރުކާރު ކޮޅަށް ރަށް އަނބުރާފައި ކުށްވެރިން ގޮވައިގެން މާލެއަށް އައެވެ. ޖޫން 14، 1961 ގައި ތިނަދޫގައި ދެވަނަ ބަޣާވާތެއް ކުރިއެވެ. މި ދެވަނަ ބަޣާވަތާ ގުޅިގެން ނާސިރު ސިލްވަރ ކްރެސްޓްގައި "ސިފައިންނާއި ބައެއް މީހުން" ގޮވައިގެން 30 ޖަނަވަރީ 1962 ގައި ތިނަދޫއަށް ވަޑައިގެންނެވިއެވެ. އެ ރަށު މީހުން ނާސިރުގެ ޕާޓީއަށް ގަލުން ހަމަލާދިނެވެ. އެކަން ކޮންޓްރޯލް ކުރެއްވުމަށްފަހު ކުށްވެރީން ސިލްވަރ ކްރެސްޓްގައި ކަފުޖަހާފައި އޮތް ދޯންޏަކަށް ލައްވާފައި ބާކީ ތިނަދޫ މީހުން ރަށުން ބޭރުކޮށްލެއްވިއެވެ. އަދި އަތޮޅުވެރިކަން ގައްދޫއަށް ބަދަލު ކުރެއްވިއެވެ.

ތިން އަތޮޅުގެ ބަޣާވާތާ ގުޅިގެން ހުއްޓިފައިވާ ދެ ސަރުކާރުގެ ވާހަކަތައް 13 ޖަނަވަރީ 1960 ގައި އަލުން ފެށުނެވެ. ވާހަކަ ތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސި ދައުލަތުގެ ފަރާތުން އިސްކޮށް ހުންނެވީ ހައިކޮމިޝަނަރ މރ. މޯރލީއެވެ. މި ވާހަކަ ތަކުން އެއްބަސްވެވުނު މުހިންމު ކަންކަމަކީ ގަމާއި ހިތަދޫ މާމެންދޫ އިން 110 އޭކަރު ބިން 30 އަހަރަށް ހިލޭދިނުމަށާއި ތަރައްޤީގެ އެހީގެ ގޮތުގައި 850،000 ޕައުންޑް ރާއްޖެއަށް ދިނުމާއި އިނގިރޭސީން މެދުވެރިވެގެން ވާހަކަ ދައްކައިގެން އައްޑޫ މައްސަލަ ހަމަޖައްސައި އެ އަތޮޅު ދިވެހި ސަރުކާރުގެ ދަށަށް ގެނައުމެވެ.

އެގްރީމެންޓްގައި ސޮއި ކުރައްވަން މާލެއަށް ވަޑައިގަތުމަށް އަލްޕޯޓަށް ދައުވަތު އެރުވުނެވެ. އޭނާ ވަޑައިގެން އެގްރީމެންޓްގައި ސޮއިކުރެއްވީ 14 ފެބްރުވަރީ 1960 ގައެވެ. މި އެގްރީމެންޓް މަޝްހޫރު ވެފައިވަނީ "ނާސިރު– އަލްޕޯޓް އެގްރީމެންޓް"ގެ ނަމުންނެވެ.

މި އެއްބަސްވުމުގެ ދަށުން 8 އޮކްޓޯބަރ 1960 ގައި އިނގިރޭސީންގެ ރެޕްރެޒެންޓެޓިވްއެއް ރާއްޖޭގައި ބެހެއްޓިއެވެ. އެއީ ސަރ އާރތިންގޓަން ޑޭވީއެވެ. އޭނާގެ އޮފީހާއި ދިރިއުޅުއްވާ ގެ ހުރީ ދޫނިދޫގައެވެ. ދުވަސްކޮޅެއް ފަހުން، މާލޭ ރައްޔިތުން، ޚާއްސަކޮށް އަންހެނުން ދޫނިދޫ ބޭރުގައި އިހުތިޖާޖުކުރުމާ ގުޅިގެން ޑޭވީ ރާއްޖެ ދޫކޮށް ވަޑައިގަތީއެވެ.

ސުވާދީބުގެ ރައީސް ޢަބްދުﷲ ޢަފީފު

ދެކުނުގެ ބަޣާވާތް ނިމުމާ ގުޅިގެން އިނގިރޭސީން ޢަބްދުﷲ ޢަފީފަށް ސިޔާސީ ހިމާޔަތްދީ ސީޝެލްސްއަށް 23 ސެޕްޓެމްބަރ 1963 ގައި ގެންދިޔައެވެ. އޭގެ މަހެއްހާ ދުވަސް ފަހުން ފުވައްމުލައް، ސަރުކާރުގެ ދަށަށް 1 ނޮވެމްބަރ 1963 ގައި އައެވެ. އެހާ ހިސާބުން ދެކުނުގެ ބަޣާވާތް ނިމުމަކަށް އައީއެވެ.

ޑަންކަން ސޭންޑީސް، ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ކޮމަންވެލްތު ރިލޭޝަންސް

ދިވެހި ސަރުކާރުން ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ކޮމަންވެލްތު ރިލޭޝަންސް ޑަންކަން ސޭންޑިސް އަށް 25 ސެޕްޓެމްބަރ 1963 ގައި ފޮނުއްވި ސިޓީއެއްގައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ބޭނުންވާކަން ހާމަކުރެއްވިއެވެ. މިއާ ގުޅިގެން 1964 ޖަނަވަރީ 13 ގައި މިނިވަން ކަމުގެ ވާހަކަތައް ކޮޅުނބުގައި ފެށުނެވެ. މި ވާހަކަތައް ނިމި މިނިވަން ކަމުގެ އެގްރީމެންޓްގައި ކުރެވުނީ ކޮޅުނބުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނަރުގެ ގެކޮޅުގައެވެ. އެގްރީމެންޓްގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ހައިކޮމިޝަނަރ މައިކަލް ވޯކަރެވެ.

އެގްރީމެންޓްގެ ދެ ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަކީ ފުރިހަމައަށް މިނިވަން މުސްތަޤިއްލު ޤައުމެއް ކަމަށާއި އެހެނިހެން ޤައުމުތަކާއި ބައިނަލް އަޤްވާމީ ޖަމާއަތްތަކާ އެކު ގުޅުން ޤާއިމުކުރުމުގެ އިޚުތިޔާރު ލިބިފައިވާ ޤައުމެއް ކަމަށް އިނގިރޭސި ދައުލަތުން ޤަބޫލުކުރިއެވެ. ތިން ވަނަ މާއްދާގެ ދަށުން ކުރިން އެއްބަސްވެފައިވާ ގޮތަށް ގަމާއި މާމެންދޫއިން 110 އޭކަރުގެ ބިން އިނގިރޭސީން ބޭނުންކުރަން ދޭނޭކަން ދިވެހި ސަރުކާރުން ކަށަވަރުކޮށްދިނެވެ. ހަތަރު ވަނަ މާއްދާގެ ދަށުން، އައްޑޫގައި އިނގިރޭސީން ޤާއިމުކުރާ އަސްކަރީ ވަސީލަތްތައް ބޭނުންކުރާނީ ހަމައެކަނި ކޮމަންވެލްތުގެ ދިފާޢަށްކަން އިނގިރޭސި ސަރުކާރުން ކަށަވަރުކޮށްދިނެވެ.

މި އެގްރީމެންޓްގައި ސޮއިކުރުމާއެކު 26 ޖުލައި 1965ގައި ރާއްޖެ މިނިވަންވީއެވެ. މިނިވަންވުމަށްފަހު ދެ ޤައުމުގެ ގުޅުން އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ބަދަހިވަމުންނެވެ. މިހާރު ވެސް ވިލާތުގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއާ އެންމެ ގުޅުން ބޮޑީ އިނގިރޭސި ވިލާތާކަން ފާހަގަކުރެވެއެވެ. މިގޮތުން ވިސާ ނުނަގައި އެ ޤައުމަށް އެތެރެވެވުމާއި ގިނަ ދިވެހީންތަކެއް އެ ރަށުގައި އުޅުން ފާހަގަކުރެވެއެވެ.

 

ކަވަރ ފޮޓޯގައި: 1965 ގެ މިނިވަންކަމުގެ އެގްރީމެންޓްގައި ސޮއި ކުރެއްވުން. ފޮޓޯގައި ތިއްބެވީ ކޮލި ޢަލި މަނިކު، ކަނޑި އަހުމަދު އިސްމާއީލު މަނިކު، ޢަބްދުއް ސައްތާރު މޫސާ ދީދީ، އިބުރާހީމް ނާސިރު، އިނގިރޭސި އޮފިޝަލެއް މައިކަލް ވޯކަރު، އިނގިރޭސި ދެ އޮފިޝަލުން

 

ރިފަރެންސް

  1. ލައިބްރަރީ އޮފް ކޮންގްރެސް (1994) "މޯލްޑިވްސް: އަ ކަންޓްރީ ސްޓަޑީ،" ހެލެން ޗެޕިން މެޓްޒް، އެޑިޓަރ، ޖީ.ޕީ.އޯ. ފޯރ ދަ ލައިބްރަރީ އޮފް ކޮންގްރެސް، ވޮޝިންގޓަން
  2. ވައްހާބު، މަޖީދު އަބްދުލް (2021) "އެގްރީމެންޓް ބިޓްވީން ދަ ގަވަރްމެންޓް އޮފ ދަ ޔުނައިޓަޑް ކިންގްޑަމް އެންޑް ދަ ސުލްތާން އޮފް މޯލްޑިވްސް،" މޯލްޑިވްސްރޯޔަލްފެމިލީ.ކޮމް.
  3. ނޭޝަންސް އެންސައިކްލޮޕީޑިއާ (2021) "މޯލްޑިވްސް – ހިސްޓްރީ،" ނޭޝަންސްއެންސައިކްލޮޕީޑިއާ.ކޮމް
  4. މުޙައްމަދު، ނަސީމާ (—-) "ރިބެލިއަން އޮފް ދަ ސަދާރން އެޓޯލްސް،" ނެޝަނަލް ސެންޓަރ ފޯރ ލިންގުއިސްޓިކް އެނޑް ހިސްޓޯރިކަލް ރިސާރޗް، އެން.ސީ.އެލް.އެޗް.އާރު.ކޮމް
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.