Support Us

ގެއްލިގެން ހޯދި ފާތުމަތު ތަހާޔާ އަހުމަދު  -ފޮޓޯ: ސޯޝަލް މީޑިއާ

ކުޅުދުއްފުށީގައި 16 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނިކޮށް، ހޭނެތިގެން، ހޮސްޕިޓަލުގައި ފަރުވާދެނިކޮށް ފެނިއްޖެ

1:40: ހދ. ކުޅުދުއްފުށީގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނިކޮށް، އެ ކުއްޖާ ހޭނެތިގެން، ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ފެނިއްޖެއެވެ.

ފުލުހުން ބުނީ އެ ކުއްޖާ ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓް ކުރީ ރޭ 10:30 ހާއިރު ކަމަށާއި 11 ޖަހަން އުޅެނިކޮށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެ ކުއްޖާ ގެންދިޔައީ އަނބުރައިގަނެގެން ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ކުޅުދުއްފުށި، ސަންސެޓް، ފާތުމަތު ތަހާޔާ އަހުމަދު ގެއްލިގެން މީސްމީޑިއާގައި ވެސް ވަނީ އެކަން އިއުލާންކޮށްފައެެވެ.

ތަހާޔާގެ ބޭބެއެއް "އަދިވެސް" އަށް ބުނީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ ގްރޭޑު ނުވައެއްގައި ކިޔަވާ ތަހާޔާ ރޭ ދިޔައީ "ސްމާޓް ވެލެ" ޓިއުޝަން ސެންޓަރަށް ކަމަށާއި، 9.15 ގައި ނިމުމުން، ބަލައިދާނެ ކަމެއް ނެތޭ، ރައްޓެހި ކުއްޖަކާއެކު ގެއަށް ހިނގައިދާނެ ކަމަށް ގޭގައި ބުނި ކަމަށެވެ. އަދި އެ ކުއްޖާ ބަލައި ދިއުމުން، ތަހާޔާ ބަލައި އަންނާނޭ ބުނެ މަޑުކުރުމުން އެ ކުއްޖާ ވެސް ގެއަށް ދިޔައީ ކަމަށެވެ. ނަމަވެސް ތަހާޔާ ގެއަށް ނުގޮސްގެން 10.30 ހާއިރު ފުލުހުންނަށް ވެސް އަންގައި އޭނާ ހޯދަން ނުކުތީ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއް ތެރޭގައި ތަހާޔާ ހޭއަރައިފި ކަމަށާއި، މަގުމަތީގައި ހުއްޓާ މީހަކު އޭނާ ކަރިއަށް އައިސް ހިފެހެއްޓި ކަމަށާއި އިރުކޮޅަކުން އަނބުރައިގަތީ ކަމަށް ތަހާޔާ ބުނާ ކަމަށް ވެސް، ތަހާޔާގެ ދެބެގެންގެދެދަރި ބޭބެއެއް، (ނޫހުގައި ނަން ޖަހަން ބޭނުންނުވާ) "އަދިވެސް" އަށް ކިޔައިދިނެވެ.

"ތަހާ ބުނީ އެ މީހަކު ހިފެހެއްޓިތަނާހެން އޭނާ އަނބުރައިގަތީ ކަމަށް. ދެން ވީނުވީއެއް ނޭނގޭ ކަމަށް،" އޭނާ ބުންޏެވެ. "ތަހާ ހޮސްޕިޓަލަށް ގެންދިޔައީ އެ މީހަކު ކަމަށް ހޮސްޕިޓަލުގެ ވޮޗަރު އެބަ ބުނޭ. އެކަމަކު އެ މީހަކީ ކާކު ކަމެއް އަދިވެސް ނޭނގޭ. ތަހާޔަކަށް ވެސް ނޭނގެޔޯ ކާމުކަމެއް އެއީ. އެ މީހާ ފިލައިފި. ބަލައިބެލުމަކަށް އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް. ޓެސްޓްތައް ހަދަމުން ދަނީ. ޓެސްޓްތައް ހެދީމަ އެނގޭނީ ދޯ؟ ތަހާ އަދިވެސް އޮތީ ހޮސްޕިޓަލްގައި. ހޭ އަރައިފައި އޮތީ. ވާހަކަ ވެސް ދައްކާ. ފުލުހުން ވެސް އެބަ ހަރަކާތްތެރިވޭ."

ތަހާޔާގެ ބޭބެ ބުނީ ރޭ 9.30 ހާއިރު ހޮސްޕިޓަލް މަގުގައި ހުންނަ ފިހާރަތައް ކައިރިން ތަހާޔާ އެކަނި ދަނިކޮށް ފެނުނު ކަމަށް ބައެއް މީހުން ބުނާ ކަމަށާއި އަދި މީހަކާ އެއްކޮށް ތަހާޔާ ފެނުނު ކަމަށް ވެސް ބައެއް މީހުން ބުނާ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3211
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް