Support Us

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު (ޝަވިއްޓޭ)

އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ޝަވިއްޓޭ ތިން ވަނަ ދައުރަކަށް ވާދަނުކުރެއްވީ ކީއްވެ؟

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އާ ދައުރުގެ ހިންގާ ކޮމިޓީ އަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު، ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި މިހާރުގެ ރައީސް މުހައްމަދު ޝަވީދު (ޝަވިއްޓޭ)ގެ ނަމެއް ނެތެވެ. ނިމިގެންދާ ދެ ދައުރުގައި ވެސް ޝަވިއްޓޭ އެ ގޮނޑީގައި އިންނެވީ އެފް.އޭ.އެމްގެ ސްލޮޓެއްގައެވެ. އެކަމަކު އެފް.އޭ.އެމްގެ ނައިބު ރައީސް އަދި ކުރީގެ ފޯވާޑް އަލީ އުމަރު ވަނީ އެފް.އޭ.އެމްގެ ސްލޮޓެއްގައި އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ކުރިމަތިލައްވައިފައެވެ. އެހެންވެ، މި ފަހަރު ޝަވިއްޓޭ އެކަހެރިވެވަޑައިގަތީ ކީއްވެގެންތޯ އެއީ އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ވިދާޅުވީ ފާއިތުވި ދެ ދައުރުގައި ވެސް އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމުގައި އޭނާ އިންނެވީ މެމްބަރު އެސޯސިއޭޝަންތަކުގެ ވަރަށް ބޮޑު ތާއީދެއް ލިބިވަޑައިގަނެގެން ކަމަށެވެ.

"އެންމެ ފަހު އިންތިޚާބުގައި އަޅުގަނޑު ބުނެފައި އޮންނާނެ މިއީ ފަހު ފަހަރޭ، ދެން މި މަގާމަށް ކުރިމައްޗެއްނުލާނަމޭ. އެހެންވެ އެ ބަހުގެ އިތުރާބު ހިފަހައްޓަންވެގެން މި ފަހަރު ދޫކޮށްލީ،" ޝަވިއްޓޭ، 43، "އަދިވެސް" އަށް ވިދާޅުވިއެވެ. "އެންމެ ފަހުގެ އިންތިހާބުގައި އެހެން އެއްވެސް މީހަކު ކުރިމަތިނުލާ އަޅުގަނޑަށް އެކަނި ދޫކޮށްލީ. އެހެންވެ އަޅުގަނޑު ބުނި ބަހުގައި އަޅުގަނޑު ހިފަހައްޓަން ބޭނުންވީ."

ޝަވިއްޓޭ ވިދާޅުވީ 2021 އިން 2025 އަށް ހިނގާ އޮލިމްޕިކް ކޮމިޓީގެ ހަތަރު އަހަރުގެ ދައުރަށް އޭނާ ކުރިމަތިނުލައްވާން ހުންނެވި ނަމަވެސް، ވަރަށް ގިނަ އެސޯސިއޭޝަންތަކުން އޭނާއަށް ތާއީދު ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް "ބުނެވުނު ބަސް އަނބުރާ ގެންނަން ބޭނުންނުވީ" ކަމަށެވެ.

"ޕީކުގައި ހުއްޓާ ޖެހޭނީ ކަންކަން ހުއްޓާލަން ދެއްތޯ؟" ޝަވިއްޓޭ ވިދާޅުވިއެވެ.

އަލީ އުމަރުގެ އިތުރުން، އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ދެން ވާދަކުރައްވަނީ ސްވިމިން އެސޯސިއޭޝަންގެ ރައީސް ޗަމްޕާ މުހައްމަދު އަބްދުއްސަތާރާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދެވެ.

އެފް.އޭ.އެމްގެ ސްލޮޓެއްގައި އަލީ އުމަރު ކުރިމަތިލެއްވިއިރު، އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް، އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ކުރިމަތި ނުލެއްވީ ކިއްވެގެންތޯ އެއީ ވެސް އުފެދޭ ސުވާލެކެވެ.

އަލީ އުމަރު (މ) އާއި ބައްސާމު (ވ)

ބައްސާމުގެ ޖަވާބު ވަރަށް ކުރުވެފައި ސާދާއެވެ.

"އަހަންނަކީ ފުޓުބޯޅައިގެ މީހެއް،" ބައްސާމް "އަދިވެސް" އަށް މިއަދު ވިދާޅުވިއެވެ.

އޮލިމްޕިކް ކޮމިޓީގެ ދެ ނައިބު ރައީސުންގެ މަގާމަށް ވެސް އަލީ އުމަރާއި މޫސާ ނާޝިދު ވަނީ ކުރިމަތިލައްވައިފައެވެ. ދެން ކުރިމަތިލެއްވީ ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު އިސްމާއިލާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ މުހައްމަދު ފައިސަލްއެވެ.

ނިމިގެންދާ ދައުރުގައި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވީ ސީވީޑް އަހުމަދު ލަތީފެވެ.

އޮލިމްޕިކް ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ހޮވާ، އޮލިމްޕިކް ކުޅިވަރުތަކުގެ އެސޯސިއޭޝަންތަކުގެ ހަ ގޮނޑިއަށް 10 އެސޯސިއޭޝަނަކުން ވަނީ ކުރިމަތިލައިފައެވެ. އެއީ ހޭންޑްބޯލް މޯލްޑިވްސް އާއި ބާސްކެޓް އެސޯސިއޭޝަނާއި ސްވިމިން އެސޯސިއޭޝަނާއި ޓީޓީ އެސޯސިއޭޝަނާއި އެތުލެޓިކްސް އެސޯސިއޭޝަނާއި ވޮލީބޯލް އެސޯސިއޭޝަނާއި ސަރފިން އެސޯސިއޭޝަނާއި ޓެނިސް އެސޯސިއޭޝަނާއި ފުޓްބޯލް އެސޯސިއޭޝަނާއި ބެޑްމިންޓަން އެސޯސިއޭޝަނެވެ.

އޮލިމްޕިކް ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ހޮވާ އޮލިމްޕިކް ކުޅިވަރުތަކުގައި ނުހިމެނޭ އެސޯސިއޭޝަންތަކުގެ ދެ ގޮނޑިއަށް ހަތަރު އެސޯސިއޭޝަނަކުން ވަނީ ކުރިމަތިލައިފައެވެ. އެއީ ބޮޑީބިލްޑިން އެސޯސިއޭޝަނާއި ޗެސް އެސޯސިއޭޝަނާއި ކްރިކެޓް ބޯޑާއި ޕޫލް ބިލިއަރޑް އެސޯސިއޭޝަނެވެ.

އޮލިމްޕިކް ކޮމިޓީގެ އަސާސީ ގަވައިދު ބުނާ، އަންހެން ދެ މެމްބަރުންގެ ދެ ގޮނޑީގެ ތެރެއިން ކުރިމަތިލާފައި ވަނީ އެންމެ ގޮނޑިއަކަށެވެ. އެއީ  އޮލިމްޕިކްގައި ނުހިމެނޭ ކުޅިވަރެއްގެ ގޮތުން ނެޓްބޯލް އެސޯސިއޭޝަނެވެ. އޮލިމްޕިކްގައި ހިމެނޭ އެސޯސިއޭޝަނަކުން އަންހެން މެމްބަރު ކަމަށް ކުރިމަތިލައިފައެއް ނުވެއެވެ. އެހެންކަމުން އެ ގޮނޑިއަށް ކުރިމަތިލުމަށް އަލުން ހުޅުވާލާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަރުޒޫގު (މަރޭ) އާއި ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު އިސްމާއިލް (ވ)

ދެހާސް ސަތާރައިގައި ފާސްކޮށްފައިވާ އޮލިމްޕިކް ކޮމިޓީގެ ހިންގާ ގަވައިދު ބުނާ ގޮތުން، އެ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އާއި ޓްރެޝަރަރ އައްޔަންކުރާނީ އާ ހިންގާ ކޮމިޓީންނެވެ. އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު މަރުޒޫގު (މަރޭ) އެވެ.

އޮލިމްޕިކް ކޮމިޓީގެ އާ ދައުރަށް ކުރިމަތިލީ ކެންޑިޑޭޓުންގެ، ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުމަށް ބާއްވާ އޮންލައިން ޖަލްސާ އަންނަ މަހުގެ ތިނެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މަރޭ މިއަދު ވިދާޅުވީ އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ އިންތިޚާބު އަންނަ ޖޫން 10 ގައި ބާއްވަން ތާވަލްކޮށްފައިވާ ކަމަށެވެ. އަދި ހިންގާ ގަވައިދު ބުނާ ގޮތުން ހިންގާ ކޮމިޓީގެ އިންތިޚާބުގައި ނަގަންޖެހެނީ ސިއްރު ވޯޓެއް ކަމަށް ވިޔަސް، ކޮވިޑްގެ މި ހާލަތުގައި އެންމެން އެކުވެގެން ޖަލްސާއެއް ބާއްވަން އެޗް.ޕީ.އޭ އިން ހުއްދަ ނުލިބޭ ކަމަށެވެ. އެހެންވެ އޮންލައިން ވޯޓަކަށް ދެވޭނީ އާދަޔާޚިލާފު ކޮންގްރެސް އެއް ބާއްވައިގެން، އަސާސީ ގަވައިދު ބަދަލުކޮށްގެން ކަމަށް މަރޭ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *