Support Us

ކޮލަމް: ތައުރު

ކޮބާ ކިޔޫ؟

ބޭންކެއްގައި އެކައުންޓެއް ހުޅުވަން ޖެހިގެން އެތަނަށް ދިޔައީމެވެ. މައުލޫމާތު ފޯރުކޮށްދެއްވުމަށްޓަކައި ކޮށިގަނޑެއްގައި ބޭފުޅަކު އިންނެވީތީ ވަރަށް ހިތްހަމަޖެހުނެވެ. އެ ތަނަށް އަޅުގަނޑު ކައިރިކޮށްލި އިރު ޚިދުމަތް ލިބިގަންނާން ގޮސް ހުރި އެހެން މީހަކުވެސް އެތާނގައި ހުއްޓެވެ. އެހެންވީމާ އޭނާގެ ފަހަތުގައި މަޑުކޮށްލީމެވެ. އެހެން ހުއްޓާ އެތަނަށް އެހެން މީހަކު ކައިރިކޮށްލައިފިއެވެ. ޚިދުމަތް ދެއްވާން އިންނެވި މުއައްޒަފުގެ ސަމާލުކަން މި މީހާއަށް ދެއްވާ އޭނާ ކުރާން އައި ކަމެއް ކޮށްދެއްވުމުން އޭނާ ހިނގައްޖެއެވެ. މުއައްޒަފު އަނެއްކާވެސް ކުރިން ޚިދުމަތް ދެއްވާން އިންނެވި މީހާގެ ކަންތަކައިގެން އުޅުއްވާން ފަށްޓަވައިފިއެވެ. އިރުކޮޅަކުން އެހެން މީހަކު އައިސް ތަންކޮޅެއް ދުރުގައި ހުއްޓިލާފައި އެއްކަލަ މުއައްޒަފާ ވާހަކަ ދައްކާން ފަށައިފިއެވެ. ޚިދުމަތް ހޯދާން އައިސް ހުރި މީހާ އަކަށް މާބޮޑު ސަމާލުކަމެއް އެވަގުތަކު ނެތެވެ. މި ކަހަލަ ގޮތަކަށް ގޮސް އޭނާ ކުރާން އައި ކަމެއް ކުރާން އެހެން ފަންގިފިލާ އަކަށް ހިނގައްޖެއެވެ.

މި ހިސާބުން އަޅުގަނޑާ ޖެހުނީއެވެ. ސިކުނޑީގައި މާބޮޑަށް އެނބުރެމުން ދިޔަ ޚިޔާލަކަށް ވާތީ އެ ތަނުގައި ކިޔޫ ގަވާއިދެއް ނޯވޭތޯ ސުވާލު ކޮށްލެވުނެވެ. މި ސުވާލުވީ އެބޭފުޅާ ނުތަނަވަސް ކުރުވި ސުވާލަކަށެވެ. އަޅުގަނޑުމެން ކިޔޫގައި ތިއްބާ އަޅުގަނޑުމެންނަށް ޚިދްމަތް ދެއްވަމުން ގެންދަވާ ވަގުތުގައި ވަށަވަށައިގެން އައިސް މަޑުކޮށް ވާހަކަ ދައްކާހާ މީހަކަށް ސަމާލުކަން ދެއްވީމާ އެ ގެއްލެނީ ޚިދްމަތް ހޯދަން އައިސް ތިބޭ މީހުންގެ ވަގުތު ތަކެއް ނޫންތޯއޭ ދަންނަވައިލެވުނެވެ. އޭނާ «ސޮރީ» އޭ ވިދާޅުވެފައި އަޅުގަނޑު ހޯދާން ބޭނުންވަނީ ކޮން ޚިދުމަތެއްތޯ އެއްސެވިއެވެ.

އަޅުގަނޑު ބޭނުންވާ މަސައްކަތަށް ދާންޖެހުނީ ދެވަނަ ފަންގިފިލާ އަށެވެ. އެ ހިސާބަށް ދެވުމާއެކު ސަހަރޯއޭ ހިތަށް އެރިއެވެ. ތޮއްޖެހި ބޮނޑިވެގެން ތިބި މީހުންތައް ފެނިފައެވެ. އެތާނގައި ހަމައެއް ލަމައެއް ނެތެވެ. ދޭން ބޭނުންވާ ޚިދުމަތެއް ހަލުވިކަމާއެކު ފުރިހަމަ ކުރާނީ ކިހިނެއް ބާވައޭ ހިތަށް އެރިއެވެ. ކިޔޫގައި މީހުން ތިއްބަސް އެކިއެކި ފަރާތުން އައިސް ކައިރިކޮށްލާ މީހުންނަށް ސަމާލުކަން ދެއްވާތީއެވެ. އެއް ކަސްޓަމަރުގެ މުހުތާދު ނިންމަވާފައި އަނެކަކާ ދިމާއަށް އެނބުރި ލައްވާ ނަމަ ގައިމު އެ ކުރައްވާ މަސައްކަތްތައް މާ ހަލުވިކަމާ އޮމާން ކަމާއެކު ކުރިޔަށްދާނެ ނޫންތޯއެވެ! ޚިދުމަތް ދެއްވާން ތިއްބަވާ ބޭފުޅުންނަށް އެބޭފުޅުންގެ ހަމަބުއްދި ބޭނުން ކުރައްވައިގެން މިފަދަ ކަންކަން ނުވިސްނެނީ ބާއޭ ހިތަށް އަރައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4

2 Responses

  1. ހިތާމަހުރި. . ޚިޔާލީ ވާހަކައެއް ލިޔުއްވާފަ ދޮގު އިލްޒާމެއް އެޅުވިފަ ތިޔައޮތީ ދިވެހި ބޭންކުގެ އިސްލާމިކް ގޮފީގަ ނޫންތޯ! ޣައިރު ޒިންމާދާރުކަމާއި އެކު ނުވަތަ ނަފުރަތާއި ފިތުނަ އުފެދޭފަދަ ޙާލަތަށް ކަންކަން ނުގެންދަވާ! ޚާލިޤުވަންތަ ﷲ ދެކެދެނެވޮޑިންވާނެ.

    1. މި ލިޔުމުގައި ވަކި ބެންކެއްގެ ވާކަ ލިޔެފައި ނެތީސް، އެއީ "ދިވެހި ބޭންކުގެ އިސްލާމިކް ގޮފީގަ ނޫންތޯ" ސުވާލުކުރެއްވުމުން އެއީ ހަގީގަތެއްކަން ވަރަށް ސާފެވެ. ތިޔަ ވިސްނުންފުޅުގައި ތިއްބަވާ ނަމަ ދުވަހަކު ވެސް ކަންކަން އިޞްލާޙެއް ނުވާނެ. ރަނގަޅު ނޫން ކަމަށް ގަބޫލުކުރެވިގެން ނޫނީ އިޞްލާހެއް ނުވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *