Support Us

އުވައިސް އަލްޤަރުނީ: މަންމާފުޅަށް ހެޔޮކޮށް ހިއްތެވުމުގެ ނަމޫނާއެއް

އެއީ މާތް ނަބިއްޔާ މުޙައްމަދު ރަސޫލާ ﷺ ގެ ޒަމާނުގައި ޔަމަނުގައި ދިރިއުޅުއްވި ބޭކަލެކެވެ. ނަމަކީ އުވައިސް ބުން އާމިރު އަލް ޤަރުނީއެވެ. އެކަލޭގެފާނަކީ މާތް ނަބިއްޔާގެ ސަހާބީ ބޭކަލެއް ނޫނެވެ. މާތް ނަބިއްޔާއަށް ޚިދުމަތްކުރައްވައި، އެކަލޭގެފާނުގެ މަތިވެރި ސަހާބީއަކަށް ވެވަޑައިގަތުމުގެ ހެޔޮ ނަސީބު ލިބިވަޑައިނުގަތަސް އުވައިސު އަލް ޤަރުނީއަކީ އެބޭކަލުންނަށްފަހު ދެން އައި އެންމެ ހެޔޮ ޖީލުގެ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ދަރަޖަ މަތިވެރި، ތާބިޢީ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ މާތްނަބިއްޔާގެ ސަހާބީ ބޭކަލުންގެ އަތްޕުޅުމަށްޗަށެވެ.

އުވައިސް އަލްޤަރުނީއަކީ ވަރަށް ފަޤީރު ބޭކަލެކެވެ. އެކަލޭގެފާނު ވަރަށް ތުއްޕުޅު އިރު އެކަލޭގެފާނުގެ ބައްޕާފުޅު އަވަހާރަވިއެވެ. އޭރު އެކަލޭގެފާނުގެ މަންމާފުޅު ވަނީ މުސްކުޅި އުމުރުފުޅާ ހަމަޔަށް ފޯރާފައެވެ. އެހެންކަމުން މަންމާފުޅު ބެލެހެއްޓެވުމުގެ ހުރިހާ ޒިންމާއެއް އުފުއްލެވީ އެކަލޭގެފާނެވެ. މީގެ އިތުރުން އެކަލޭގެފާނަށް ބަރޮސްބަލި ޖެހިވަޑައިގަތެވެ. ނަމަވެސް އެކަލޭގެފާނު މާތްﷲގެ ހަޟުރަތަށް އިޚުލާސްތެރިކަމާ އެކު ކުރެއްވި ދުޢާގެ ސަބަބުން ކޮނޑުފުޅުމަތީގައި ރަނގަޅުނުވެ ހުރި ދިރުޙަމެއްގެ މިންވަރު ތަންކޮޅެއް ފިޔަވައި މުޅިން އެއްކޮށް އެބަލިން ރަނގަޅުވިއެވެ. އެހެންކަމުން އެކަލޭގެފާނަށް އެ ތަންކޮޅު ފެނިވަޑައިގަންނަވާ ކޮންމެ ފަހަރަކު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތަށް ޝުކުރުކޮށް ހަމްދުކުރައްވައެވެ. އެއީ އެ ކަލޭގެފާނު އެބަލިން މިންޖުކުރެއްވި ކަމަށްޓަކައެވެ.

ކޮންމެއަކަސް އުވައިސް އަލްޤަރުނީއަކީ އެކަލޭގެފާނުގެ މަންމާފުޅަށް ވަރަށް އޯގާތެރި، ކަމޭހިއްތަވާ ބޭކަލެކެވެ. އެގޮތުން މަންމާފުޅުގެ ޚިދުމަތަށް ބުރޫއަރާފާނެތީ އެކަލޭގެފާނު ހުންނެވީ އެހެނިހެން ކަންތައްތަކާ ދުރުހެލިވެވަޑައިގެންނެވެ. މިގޮތުގައި ދުވަސްކޮޅެއް ވީތަނާ އެކަލޭގެފާނުގެ މަންމާފުޅުގެ ލޯފުޅުގެ ފެނުން ގެއްލުނެވެ. އެހެންކަމުން މަންމާފުޅަށް ޚިދުމަތްކުރެއްވުމުގައި އަދާކުރައްވަން ޖެހިވަޑައިގަތް މަސްޢޫލިއްޔަތު އިތުރަށް ބޮޑުވެގެން ދިޔައެވެ.

ދުވަސްތައް ފާއިތުވެގެން ގޮސް އެއް ދުވަހަކު އުވައިސް އަލްޤަރުނީއާއި އެކަލޭގެފާނުގެ މަންމާފުޅު ވަރަށް އަނދިރި ރެއެއްގައި ގޭގައި އެއްވެސް އަލިކަމެއްނެތި ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. އެހެންކަމުން ގޭތެރޭގައި ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމަށް އުވައިސް އަށް ވީ ވަރަށް ދަތިފުޅު ކަމަކަށެވެ. ސަބަބަކީ ކަނު އަނދިރީގައި އެކަލޭގެފާނަށް ތަނެއްދޮރެއް ފެނިވަޑައިނުގަންނަވާތީއެވެ. ނަމަވެސް އެ އަނދިރި ރޭ ގޭތެރޭގެ ކަންތައްތައް ކުރެއްވުމުގައި އެކަލޭގެފާނުގެ މަންމާފުޅު އެހީތެރިވެވަޑައިގަތެވެ. އެހެނީ އެކަލޭގެފާނުގެ މަންމާފުޅަކީ ލޯފުޅު އަނދިރި ކަނބަލަކަށްވުމުން އެކަމަނާ ވަނީ އެކަމަށް އާދަވެފައެވެ.

އެ ދުވަސްވަތަކީ ކީރިތި ރަސޫލާ ﷺ އިސްލާމީ ދަޢުވަތައިގެން އަރަބިކަރައިގެ އެކިއެކި ކަންކޮޅުތަކަށް އެކަލޭގެފާނުގެ މަންދޫބުން ފޮނުއްވަމުން ގެންދެވި ދުވަސްކޮޅެކެވެ. އެގޮތުން ޔަމަން ކަރަޔަށް އެކަލޭގެފާނުގެ ވަފުދެއް އައި ޚަބަރު އުވައިސް އަލްޤަރުނީންއަށް ލިބިވަޑައިގަތެވެ. އެހެންކަމުން ލަހެއްފަހެއް ނުކުރައްވައި އުވައިސް އަލްޤަރުނީ އެ ދިމާލަށް އަވަސްވެވަޑައިގަތެވެ. އަދި އެވަފުދުގެ ބޭކަލުންނާ ބައްދަލުކުރައްވައި ޤުރުޢާނުގެ އާޔަތްތަކުގެ އަޑު އައްސަވަމުން ގެންދެވިއެވެ. އެގޮތުން އެބޭކަލުން ނޫރު ސޫރަތުގެ 40 ވަނަ އާޔަތް ކިޔަވައިވިދާޅުވުމުން އުވައިސް އަލް ޤަރުނީ އަށް ވަރަށް ފުން އަސަރުތަކެއް ކުރުވިއެވެ. އެއާޔަތުގެ މާތްﷲ ވަހީކުރައްވާފައިވެއެވެ.

﴿40﴾ وَمَن لَّمْ يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِن نُّورٍ މާނަ:- ފަހެ، އެމީހަކަށް اللَّه އަލިކަމެއް ލައްވާފައި ނުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާޔަށް އެއްވެސް އަލިކަމެއް ނުވެއެވެ."

މިއާޔަތުގެ އަޑުއިވިވަޑައިގަތުމާ އެކު އުވައިސް އަލްޤަރުނީން ވަގުތުން ޝަހާދަތުގެ ދެކަލިމަ ކިޔަވައިވިދާޅުވެ އިސްލާމްވެ ވަޑައިގަތެވެ. ނަމަވެސް އެކަލޭގެފާނުގެ މަންމާފުޅާ މެދު އިހުމާލުވެވިދާނެތީ މާތްނަބިއްޔާގެ އަރިހަށް ވަޑައިގަތުމަށް ހުރަހަކަށްވިއެވެ. އެގޮތުން އެތައް ފަހަރަކު ނަބިއްޔާގެ އަރިހަށް ވަޑައިގަތުމަށް ދަތުރު ހައްދަވާފަވެސް މަންމާފުޅު އެކަނިކޮށްލައްވާފައި ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާތީ އެކަން ނުކުރައްވައި ދޫކޮށްލެއްވިއެވެ. އެހެންކަމުން މާތް ނަބިއްޔާގެ މަތިވެރި ސަހާބީ ބޭކަލަކަށް ވެވަޑައިގަތުމުގެ ހެޔޮ ނަސީބު އެކަލޭގެފާނަށް ލިބިވަޑައެއްނުގަތެވެ.

ކަން މިހެން ހުރުމާ އެކުވެސް އުވައިސް އަލްޤަރުނީން ވެވަޑައިގަތީ މާތްﷲގެ ހަޟުރަތުގައި ވަރަށް ދަރަޖަ މަތިވެރި މާތްބޭކަލަކަށެވެ. އެގޮތުން އެއް ދުވަހަކު މާތްނަބިއްޔާ ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ ސަހާބީ ބޭކަލުންނާއެކު މަޖިލިސް ކުރައްވަން އިންނަވާފައި ހަދީޘްފުޅު ކުރެއްވިއެވެ. "ތިޔަބައި މީހުންގެ ތެރެއަށް ޔަމަނުކަރައިން މީހަކު އަންނާނެއެވެ. އެއީ ޔަމަންކަރައިގެ މުރާދު ޤަބީލާގެ ބޭކަލެކެވެ. އެކަލޭގެފާނަކީ ކުރިން ބަރަޞްބަލި ޖެހުނު ބޭކަލެކެވެ. ނަމަވެސް އެކަލޭގެފާނުގެ ހަށިކޮޅުން ވަނީ އެބަލި އެއްކޮށް ފިލައިފައެވެ. ކޮނޑުމަތީގައިވާ ދިރުހަމެއްގެ މިންވަރު ތަންކޮޅެއް ފިޔަވައެވެ. އަދި އެކަލޭގެފާނަކީ އެކަލޭގެފާނުގެ މަންމާފުޅަށް ވަރަށް ކިޔަމަންތެރި، އިންތިހާ ދަރަޖައަށް އެ މަންމައަށް ހެޔޮކޮށް ހިއްތަވާ ބޭކަލެކެވެ. އެކަމުގެ ސަބަބުން އެކަލޭގެފާނުގެ ދަރަޖަ މާތްﷲ ސުބުހާނަހޫ ވަތަޢާގެ ހަޟުރަތުގައި ވަނީ އުފުލިގެންނެވެ. އެގޮތުން އެކަލޭގެފާނު ވަކި ގޮތަކަށް ވަކިކަމެއް ވުމަށް މާތްﷲ ގަންދީ ހުވައެއްކުރައްވައިފި ނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނު  އެހުވާއެއް ކުރެއްވި ފަދަޔަކުން އެކަމެއް ނިންމަވައިދެއްވަތެވެ. ފަހެ ތިޔަބައި މީހުންނަށް އުވައިސް އަލްޤަރުނީން އާއި ބައްދަލުވެއްޖެ ނަމަ ތިޔަބައިމީހުންގެ ފާފަފުއްސަވައި ދެއްވުމަށް އެދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައި ދުޢާކޮށްދެއްވުމަށް އެދި އެކަލޭގެފާނުގެ އަރިހުގައި ދަންނަވާށެވެ."

ކޮންމެއަކަސް މާތްނަބިއްޔާގެ މި އިރުޝާދުފުޅު އުމަރު ބުން އަލް ޚައްތާބުގެ ހިތްޕުޅުގައި ހުރީ ބިންވަޅުނެގިފައެވެ. އެހެންކަމުން އެކަލޭގެފާނު ޚަލީފާއަކަށް ވެވަޑައިގަތުމަށްފަހު ކޮންމެ އަހަރަކުވެސް ޔަމަނުކަރައިން ހައްޖަށް އަންނަ ވަފުދުތަކާއި ބައްދަލުކުރައްވައެވެ. އަދި އެބައި މީހުންގެ ތެރޭގައި އުވައިސް އަލްޤަރުނީން ކިޔާ ބޭކަލަކު ހުންނެވިތޯ ސުވާލުކޮށް ހައްދަވައެވެ.

މިގޮތުގައި 10 އަހަރު މަސައްކަތްކުރެއވުމަށްފަހު ޔަމަނު ކަރައިން ހައްޖަށް ދިޔަ ވަފުދެއްގެ ބަޔަކާއި އުމަރުގެފާނު ބައްދަލުވެވަޑައިގަތެވެ. އަދި އެބޭކަލުންނާ އެކު އުވައިސް އަލްޤަރުނީން ހުންނެވިކަމުގެ ޚަބަރު އުމަރުގެފާނަށް ލިބިވަޑައިގެންނެވިއެވެ. އެހެންކަމުން ލަސްނުކުރައްވައި އުވައިސް އަލްޤަރުނީން އާއި ބައްދަލުކުރެއްވުމަށްޓަކައި ވަޑައިގަތެވެ. އަދި އެވަފުދުގެ ބޭކަލުން އުމަރުގެފާނަށް އުވައިސް އަލް ޤަރުނައިން ދެއްކެވެމުން ސީދާ އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތެވެ. އަދި އެއީ މާތްނަބިއްޔާ އިޝާރާތްކުރެއްވި އުވައިސްތޯ ޔަޤީންކުރެއްވުމަށްޓަކައި އެބޭކަލެއްގެ އަރިހުގައި އެއްސެވިއެވެ.. "ތިޔައީ އުވައިސް ބުން އާމިރް އަލް ޤަރުނީތޯއެވެ؟" އުވައިސް ދެންނެވިއެވެ. "އާދޭހެވެ." އުމަރުގެފާނު އަނެއްކާވެސް އެއްސެވިއެވެ. "ތިޔައީ މުރާދު ޤަބީލާގެ ބޭކަލެއް ހެއްޔެވެ؟" އުވައިސް ދެންނެވިއެވެ. "އާދޭހެވެ." އުމަރުގެފާނު އަނެއްކާވެސް އެއްސެވިއެވެ. "ކަލޭގެފާނަށް ކުރިން ބަރޮސްބަލި ޖެހުނު ހެއްޔެވެ؟ އަދި ކޮނޑުމަތީގައި ދިރުހަމެއްގެ މިންވަރު ތަންކޮޅެއް ފިޔަވައި އެބަލި އެއްކޮށް ފަސޭހަވި ހެއްޔެވެ؟ އުވައިސް ދެންނެވިއެވެ. "އާދޭހެވެ." އުމަރުގެފާނު އަދި އިތުރަށް ޔަޤީންކޮށްލެއްވުމަށްޓަކައި އެއްސެވިއެވެ. "ކަލޭގެފާނު މަންމައަށް ކަލޭގެފާނު ހެޔޮކޮށް ހިއްތަވަމުހެއްޔެވެ؟"

އެހިނދު އުވައިސް އާދޭހޭ ދެންނެވެމުން އެކަލޭގެފާނަކީ މާތްނަބިއްޔާ އިޝާރާތްކުރެއްވި އުވައިސް އަލް ޤަރުނީކަން އުމަރުގެފާނަށް ކަށަވަރުވިއެވެ. އަދި މާތްނަބިއްޔާ އުވައިސްއާ މެދު ހަދީސްފުޅުކުރެއްވި ބަސްފުޅު އުމަރުގެފާނު އެކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. އެޔަށްފަހު އުމަރުގެފާނު އެކަލޭގެފާނުގެ ފާފަފުއްސަވައި ދެއްވުމަށް އެދި މާތްﷲ ގެ ހަޟިރަތުގައި ދުޢާ ކޮށްދެއްވުމަށް އުވައިސްގެ އަރިހުގައި އެދިވަޑައިގަތެވެ. މިވާހަކަ އަޑުއައްސަވާފައި އުވައިސް ކީރިތި ކުރައްވާފައި ވިދާޅުވިއެވެ. "ކަލޭގެފާނަކީ މާތްނަބިއްޔާގެ މަތިވެރި ސަހާބީއެކެވެ. އަދި މުސްލިމުންގެ ލީޑަރެވެ. ތިމަންކަލޭގެފާނުގެ ފާފަފުއްސެވުމަށް އެދި މާތްﷲ ގެ ހަޟުރަތުގައި ދުޢާކޮށްދެއްވުމަށް ކަލޭގެފާނު މާ އައުލާކަން ބޮޑުވެގެން ވެއެވެ. ކަލޭގެފާނަކީ ދުނިޔެމަތީގައި ހުންނަވަނިކޮށް ސުވަރުގޭގެ ހެޔޮ ޚަބަރު ލިބިވަޑައިގެންފައިވާ ބޭކަލެކެވެ."

ނަމަވެސް އުމަރުގެފާނު ތަކުރާރުކޮށް އުވައިސް އަލް ޤަރުނީގެ އަރިހުން ދުޢާއެއް ކޮށްދެއްވުމަށް އެދިވަޑައިގަންނަވަމުން ގެންދަވާތީ އެކަލޭގެފާނު އުމަރުގެފާނުގެ ފާފަފުއްސެވުމަށް އެދިވަޑައިގެން ދުޢާފުޅު ކުރެއްވިއެވެ. އެކަމާ އުމަރުގެފާނު އިންތިހާ ދަރަޖައަށް އުފާފުޅުކުރައްވައި ކޮންމެވެސް ގޮތަކުން އުވައިސް އަށް އެހީތެރިވެވަޑައިގަތުމަށް ބޭނުންފުޅުވިއެވެ. އެގޮތުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު އުވައިސް އިރާގުގެ ކުފާއަށް ވަޑައިގަންނަވާތީ އެކަލޭގެފާނު ތާރަފްކޮށް ހެޔޮކޮށް ހިއްތެވުމަށް އެދިވަޑައިގެން ކޫފާގެ ގަވަރުނަރަށް ސިޓީފުޅެއް ލިޔުއްވުމަށް އުމަރުގެފާނު އެދިވަޑައިގަތެވެ. ނަމަވެސް އުވައިސް އެކަމާ އިންކާރުކުރައްވައި ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުގެ ކަންތައް މީސްތަކުންނަށް ސިއްރުކޮށްދެއްވާށެވެ."

އިބުރަތް:- މިވާހަކައިން އަޅުގަނޑުމެންނަަށް ވަރަށް ބޮޑު އިބުރަތެއް ލިއްބައިދެއެވެ. އެގޮތުން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ކިހާ މުހިންމު ކަމެއްކަން އަންގައިދެއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައި ކިހާ މަތިވެރި ދަރަޖައެއް ލިއްބައިދޭ ކަމެއްކަން ހާމަކޮށްދެއެވެ. ނިކަން ވިސްނާލަބަލާށެވެ. އުވައިސް އަލްޤަރުނީ އަކީ މާތްނަބިއްޔާގެ މަތިވެރި ސަޙާބީއަކަށް ވެވަޑައިގަތުމުގެ ނަސީބު ލިބިވަޑައިގަތް ބޭކަލެއް ނޫނެވެ. އެކަލޭގެފާނު ލޮލުން ދުށުމުގެ އަދި އެކަލޭގެފާނާ އެކު ހަނގުރާމަކޮށް ޖިހާދުކުރުމުގެ ޝަރަފް ލިބިވަޑައިގަތް ބޭކަލެއް ނޫނެވެ. ނަމަވެސް މަންމައަށް ހެޔޮކޮށް ހިތުމުގެ ސަބަބުން އެކަލޭގެފާނުގެ ދަރަޖަ ވަނީ މާތްﷲ ގެ ހަޟުރަތުގައި އެތައް ގުނަޔަކަށް އުފުލިގެންނެވެ. އެގޮތުން މި ދުނިޔެމަތީގައި ސުވަރުގޭގެ ހެޔޮ ޚަބަރު ލިބިވަޑައިގެންފައިވާ މަތިވެރި ސަހާބީންގެ އަރިހުގައި މާތް ނަބިއްޔާ އެދިވަޑައިގަންނަވަނީ އުވައިސް އަލްޤަރުނީ ލައްވައި އެ ބޭކަލުންގެ ފާފަފުއްސެވުމަށް އެދި ދުޢާކުރުމަށް އެދިވަޑައިގަތުމަށެވެ. ކިހާ މަތިވެރިކަމެއްތޯއެވެ؟

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް މައިންބަފައިންނަށް ހެޔޮކޮށް ހިއްތަވާ ހެޔޮލަފާ ބައެއް ކަމުގައި މާތްﷲ ލެއްވެވުމެވެ. އަޅުގަނޑުމެންނަށް އުވައިސް އަލްޤަރުނީއާ ބައްދަލުވެ ހެޔޮދުޢާ ކޮށްދެއްވުމަށް އެދިވަޑައިގަތުމުގެ ފުރުޞަތު ލިބިފައި ނުވިޔަސް މައިންބަފައިންނަށް ހެޔޮކޮށް ހިތައިގެން މާތްﷲ ގެ ހަޟުރަތުގައި މަތިވެރި ދަރަޖަ ލިބުމުގެ ފުރުޞަތު އެބައޮތެވެ. އަދި މައިންބަފައިން ލައްވައި އަޅުގަނޑުމެންގެ މަށްޗަށް ހެޔޮދުޢާ ކޮށްދޭން އެދުމުގެ ފުރުޞަތުވެސް އެބައޮތެވެ. އެހެނީ މައިންބަފައިން ދަރީންގެ މަށްޗަށް ކުރާ ދުޢާ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އިޖާބަކުރައްވަވައެވެ. އަދި ދަރިން މައިންބަފައިންގެ މަށްޗަށް ކުރާދުޢާވެސް މެއެވެ.

 

މަސްދަރު:– މަޢުލޫމާތު ނަގާފައިވަނީ ޝައިޚު އުމަރުސުލައިމާނުގެ ދަރުހަކުންނާއި އިސްލާމް ރިލިޖަން ޑޮޓް ކޮމް ވެބުސައިޓުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *