Support Us

ވަޅަށް ވައްޓާލި ދަރިފުޅުގެ ވާހަކަ!

އެއީ މާތް ނަބިއްޔާގެ ލޮބުވެތި ސަޙާބީބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އެހެނިހެން ބޭކަލުންނެކޭ އެއްފަދައިން ހިނިތުންވެ އެކަކު އަނެކަކަށް ސަމާސަކޮށްލައްވައި ހައްދަވާ ބޭކަަލެކެވެ. ފެންނަ ފެނުމުގައި ހީވަނީ ދިރިއުޅުން ވަރަށް އުފާވެރި އުޖާލަަ ބޭކަލެއްހެނެވެ. ނަމަވެސް ބައެއް ފަހަރު އެއްވެސް ކަމަކުން ކަމަކާ ނުލައި ކުއްލިޔަކަށް ކީރިތިކުރައްވަން ފައްޓަވާފާނެއެވެ. އެގޮތުން ބައެއް ފަހަރު ވަރަށް ގަދަޔަށް ކީރިތިކުރައްވަމުން ގޮސް ހޭފުޅުނެތޭ ފަހަރުވެސް އާދެއެވެ.

މިކަމާ ދެން ތިއްބެވި ސަޙާބީ ބޭކަލުން ވަރަށް ކަންބޮޑުވެވަޑައިގަތެވެ. އެހެންކަމުން އެބޭކަލުން މާތް ނަބިއްޔާގެ އަރިހަށް ވަޑައިގެން މި ވާހަކަ ދެންނެވިއެވެ. އަދި އެ ސަހާބީއަށް ދިމާވެގެން އުޅުއްވާ ކަންތައްތައް އޮޅުންފިލުއްވައި އެކަލޭގެފާނަށް ތަޞައްލީއެއް ލިބޭތޯ ބައްލަވައި ދެއްވުމަށް މާތް ނަބިއްޔާގެ އަރިހުން އެދިވަޑައިގަތެވެ.

އެހިނދު މާތް ނަބިއްޔާ މިސަޙާބީ ބަލައި މީހަކު ފޮނުއްވައިގެން ގެންނެވިއެވެ. އަދި މިސަޙާބީ މާތްނަބިއްޔާގެ އަރިހަށް ވަޑައިގަތުމުން އެކަލޭގެފާނު ގޮވައިގެން އެއްފަރާތަކަށް ޖެހިވަޑައިގެންފައި މާތް ނަބިއްޔާ ހަދީޘްފުޅުކުރެއްވިއެވެ. "އޭ މަގޭ އަޚާއެވެ. ކަލޭގެފާނަށް ކުރިމަތިވެގެން ތިޔައުޅުއްވަނީ ކޮންފަދަކަ މެއްތޯއެވެ؟ ތިމަންކަލޭގެފާނުގެ އެހީތެރިކަމެއް ތިކަމުގައި ބޭނުވެލައްވާތޯއެވެ؟"

އެހިނދު މި ސަޙަަބީ ދެންނެވިއެވެ. "ޔާ ރަސޫލުﷲ އެވެ. އަޅުގަނޑު މިވާހަކަ އެއްވެސް އިތުރު މީހެއްގެ ގާތުގައި ނުދައްކަމެވެ. ނަމަވެސް ކަލޭގެފާނު ސުވާލުކުރެއްވުމުން މިވާހަކަ ދަންނަވަން ޖެހުނީއެވެ."

“އޭﷲ ގެ ނަބިއްޔާއެވެ. އަޅުގަނޑު އިސްލާމް ދީން ޤަބޫލުކުރުމުގެ ކުރިން އަޅުގަނޑަށް ލޯބިލޯބި އަންހެން ކުއްޖަކު ލިބުނެވެ. އަދި އެކުއްޖާ އުފަންވުމުން އެތުއްތު ކުއްޖާ ދިރިހުއްޓާ ވަޅުލުމަށް އަޅުގަނޑު ގަސްތުކުރީމެވެ. އެއީ އަޅުގަނޑުމެންގެ އާދަކާދައިގެ މަތިންނެވެ. އެހެނީ އޭނާ ބޮޑުވެގެން ކުރާ ކަމަކުން މުޅި އާއިލާ ބަދުނާމުވެ ލަދުގަންނަން ޖެހިދާނެތީއެވެ. އާއިލާގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެވިދާނެތީއެވެ. ނަމަވެސް އަޅުގަނޑު އެކަން ކުރަން ގަސްތުކުރާ ކޮންމެ ފަހަރަކު އެކަމަށް ފަސްޖެހެވެއެވެ. ހިތުގައި އުފެދިފައިވާ ދަރިކުލުނެއްގެ ސަބަބުންނެވެ. އެފަދަ ކޮންމެ ވަގުތަކު އޭނާއަށްޓަކައި ހިތުގައި ލޯބި އުތުރިއަރައެވެ.

އެ ޚިޔާލުގައި ހުރެ ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މިގޮތުން އެކުއްޖާ ބާލިޣުވާ އުމުރަށް ދިޔައެވެ. އަދި އަޅުގަނޑުގެ ހިތުގައި އޭނާއާއި މެދު އޮތް ބިރުވެރިކަން އިހުނަށްވުރެ ބޮޑުވިއެވެ. އޭނާގެ ފަރާތުން ކުރިމަތިވެދާނެ ލަދަކާ މެދު އިންތިހާއަށް ވިސްނެންފެށިއެވެ. ފިކުރުބޮޑުވާން ފެށިއެވެ. އަދި ކާބަފައިންގެ އާދަކަދައާ މެދު އަނެއްކާވެސް ވިސްނެންފެށުނެވެ. އަދި އެކަމަށް ނިމުމެއް ގެނައުމަށް ދުވަހަކަށްވުރެ ދުވަހެއް އަޅުގަނޑުގެ ނަފްސު ބާރުއަޅަމުން ދިޔައެވެ. އެކަމަށް އޮތް ހުރަހަކީ އޭނާ ދެކެ ވާ ލޯތްބެވެ.

އެހެންނަމަވެސް ދުވަސްތައް ފާއިތުވަމުން ގޮސް އެއް ދުވަހަކު އަޅުގަނޑުގެ ހިތަށް ކެތްނުވާ ވަރުވިއެވެ. އެހެންކަމުން އެދަރިކަނބަލުން މަރާލުމަށް އަޅުގަނޑު ނިންމީމެވެ. އަދި މިކަން ކުރާނެ ގޮތަކާ މެދު ވަރަށް ފުންކޮށް ވިސްނުމަށް ފަހު އަނބިކަނބަލުން ގާތުގައި ގޮސް ބުނީމެވެ. "ދަރިކަނބަލުން ފެންވަރުވައި ޒީނަތްތެރިކުރާށެވެ. އަދި ރީތި ހެދުމެއް ލައްވައި މޫނުގައި ފުށްޖަހުވައި ބޮލުގައި ރީތިކޮށް ފުނާއަޅުވާލަދޭށެވެ. އަދި ބުނާށެވެ. ބައްޕަ މިއަދު ދަރިފުޅު ގޮވައިގެން ޕާޓީ އަކަށް ދަނީއެވެ. އެއީ ދަރިފުޅުގެ އެކުވެރި އެހެންކުދިންނާ އެކު ސަކަރާތްޖަހާލައި މަޖާކޮށްލައި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ."

ނަމަވެސް މިބަސްތައް އިވުމާއެކު އަހަރެންގެ އަނބިކަނބަލުންނަށް އަހަރެންގެ ކޮންމެވެސް ނުބައި ނިޔަތެއް އޮތްކަން އެނގިއްޖެވެ. އެހެންކަމުން ދަރިކަނބަލުން ފެންވަރުވައި ޒީނަތްތެރިކޮށް ބޮލުގައި ފުނާއަޅަމުން ދިޔައިރުވެސް އަނބިކަނބަލުން ދިޔައީ ހުއްޓާނުލައި ރޮމުންނެވެ. އަދި މިމަންޒަރު ފެނުމުން ދަރިފުޅު އަހާލިއެވެ. "މަންމަ ތިޔަ ރޮނީ ކޮންކަމަކާ ހެއްޔެވެ؟" އެހިނދު އަނބިކަނބަލުން އަޅުގަނޑު ދެކެ ގަންނާކުރައްވާ ބިރެއްގެ ސަބަބުން ވެގެންއުޅޭ ކަންތައް ސިއްރުކުރިއެވެ. އަދި އެއްވެސް ކަމެއް ނުވާކަމުގައި ދަރިފުޅު ގާތުގައި ބުންޏެވެ. ޖަވާބުގައި ދަރިފުޅު ބުންޏެވެ. އަޅުގަނޑު ގޮވައިގެން ބައްޕަ މިއަދު ޕާޓީއަކަށް ދާތީ ވަރަށް އުފާވެއެވެ. އަދި ބައްޕަ ދެކެ ވަރަށް ލޯބިވެއެވެ. އެގޮތުން ދަރިފުޅު ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. އޭނާގެ މޫނުމަތިން އުފާވެރިކަން ފާޅުވޭވޭ ހުއްޓެވެ.

އެއަށްފަހު ހަވީރުވުމުން އަޅުގަނޑު އެކުއްޖާ ގޮވައިގެން ނިކުތީމެވެ. އެހިނދު އަޅުގަނޑުގެ އަނބިކަނބަލުން އަޅުގަނޑުގެ އަތުގައި ހިފައިފައި ސިއްރުސިއްރުން ބުންޏެވެ. "ތިޔައީ އަމާނާތެކެވެ. އަމާނާތަށް ޚިޔާނާތްތެރި ނުވާށެވެ. އިތުބާރު ގެއްލުވައި ނުލާށެވެ." އެ ޖުމްލައިގެ އަޑު ދަރިކަނބަލުންނަށްވެސް އިވުނެވެ. އަދި އެޖުމްލައާ އެކު އަޅުގަނޑުގެ ހިތް ބާރަށް ތެޅިގަތެވެ. ނަމަވެސް އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައި އަޅުގަނޑު ދަރިފުޅު ގޮވައިގެން ނިކުތީމެވެ. އަދި އެ މައުސޫމް ކުއްޖާ އަޅުގަނޑާ އެކު ހިނިތުންވެ ހުރެ އާދެއެވެ. މޫނުމަތިން އިންތިހާއަށް އުފާވެރިކަން ފާޅުވާން ހުއްޓެވެ.

އަޅުގަނޑު ދަރިފުޅު ގޮވައިގެން ވަރަށް ފުން އަނދިރި ވަޅުގަނޑެއްގެ ކައިރިޔަށް ދިޔައީމެވެ. އަޑީގައި ތޫނު ހިލައާއި ގަލުން ފުރިފައިވާ ބިރުވެރި ވަޅުގަނޑެކެވެ. އޭރުވެސް އަޅުގަނޑުގެ ހިތަށް އަރަމުން ދެއެވެ. މިކުރެވެނީ ކީތް ހެއްޔެވެ؟ އަޅުގަނޑުގެ އަމިއްލަ ދަރިފުޅު އަމިއްލަ ދެއަތުން ވަޅަށް ވައްޓާލަންވީހެއްޔެވެ؟ ކޮންމެއަކަސް އަޅުގަނޑަށް ހުރެވުނީ ދެ ޚިޔާލެއްގައެވެ. ނަމަވެސް އަޅުގަނޑުމެންގެ ކާބަފައިންގެ އާދަކަދަތައް އަޅުގަނޑުގެ ހިތަށް އިންތިހާ ދަރަޖައަށް އުނދަގޫ ކުރަމުން ދިޔައެވެ. އަނެއްކޮޅުން ދަރިކުލުނު އަޅުގަނޑުގެ ހިތަށް ދަތިކުރަމުން ދިޔައެވެ.

ކޮންމެއަކަސް ދެ ޚިޔާލެއްގައި ހުރެ އަޅުގަނޑު އެވަޅާ ވަރަށް ކައިރިޔަށް ޖެހިލީމެވެ. އަދި ދަރިފުޅު އެވަޅު ކައިރިޔަށް ގެނެސް ކޮއްޕައި ވަޅުގަނޑުތެރެއަށް ވައްޓައިލީމެވެ. އެހިނދު ދަރިފުޅު ބިރުން ދެލޯބޮޑުކޮށްފައި އަޅުގަނޑާ ދިމާލަށް ބަލަމުން ދިޔައެވެ. އަދި ވަޅުގަނޑުގެ އެންމެ އަޑިޔަށް ވެއްޓެމުންގޮސް ދަރިފުޅުގެ އެމައުސޫމް އަޑު ހިނދެންދެންވެސް ގޮވަމުން ދިޔައެވެ. "ބައްޕާއެވެ. އަމާނާތަށް ޚިޔާނާތްތެރިނުވާށެވެ. ބައްޕާއެވެ. އަމާނާތަށް ޚިޔާނާތްތެރިނުވާށެވެ. ބައްޕާއެވެ. އިތުބާރު ގެއްލުވާނުލާށެވެ." އެއަށްފަހު އިރުކޮޅަކުން ދަރިފުޅުގެ އަޑުމަޑުވިއެވެ.

ސަހާބީގެ ވާހަކަ މިހިސާބަށް ދިޔުމުން މާތްނަބިއްޔާ ކީރިތި ރަސޫލާ ﷺ އެ ސަހާބީއާ ދިމާލަށް ބައްލަވާލެއްވިއެވެ. އޭރު މާތް ނަބިއްޔާ ކީރިތިކުރައްވަމުން، ކީރިތިކުރައްވަމުން ގޮސް އެކަލޭގެފާނުގެ މުޅި ތުނބުޅިފުޅު ވަނީ ކަރުނައިން ފޯވެފައެވެ. އަދި ހަދީޘްފުޅު ކުރެއްވިއެވެ. "އެއްވެސް މީހަކު އިސްލާމްވުމުގެ ކުރިން އޭނާ ގަތުލުކޮށްފައިވާ މީހެއްގެ ބަދަލުގައި ޤިޞާސް ހިފުމުގެ ހުއްދަ ތިމަންކަލޭގެފާނަށް، ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ނަމަ އެކަން ފަށާނީ ކަލޭގެފާނާ ހިސާބުންނެވެ."

 

ނޯޓް:- މިވާހަކައިންވެސް އަޅުގަނޑުމެންނަށް އެނގިގެންދަނީ ހަޤީގީ ހިތްހަމަޖެހުން ލިބެނީ އިސްލާމްދީނުގެ ސަބަބުން ކަމެވެ. އިސްލާމްދީނަކީ އަންހެނުންނަށްވެސް އެއްވެސް ތަފާތުކުރުމެއް ނެތި ދިރިހުރުމުގެ ހައްޤާއި އެހެނިހެން ހައްޤުތައްވެސް ހޯދައިދިން ދީންކަމެވެ. އަދި މީހަކު ތަޢުބާވެ އިސްލާމްވުމުގެ ކުރިން ކޮށްފައިވާ އެންމެހައި ފާފަތައް ﷲ ސުބުޙާނަހޫ ވަތަޢާލާ އަފޫކުރައްވާނެކަމެވެ.

މަސްދަރު:- މަޢުލޫމާތު ނަގާފައިވަނީ ބިލާލް އައްސަދުގެ ދަރުހަކުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *