Support Us

ބޮޑު ހަނގުރާމައަކަށް ފަލަސްޠީނު ބަދަލުވެދާނެ: އދގެ ވިލަރެސްވެރިއާ

ހަނގުރާމަ ހުއްޓުމަށް އދ ން ހުށައެޅި ހުށައެޅުމަކާ އިސްރާއީލުން ދެކޮޅު ހަދައިފިއެވެ. ޚަބަރާ ބެހޭ ފަލަސްޠީނުގެ މަޞްދަރެއް ބުނާގޮތުގައި ޙަމާސުން ގޮވައިލަނީ އެންމެ ފުރަތަމަ އިސްރާއީލުގެ ޢުދްވާނު ހުއްޓުވުމަށެވެ.

އިސްރާއީލުގެ ޙަމަލާތައް ނުހުއްޓާނަމަ ޙަމާސް މައިތިރި ނުވާނެ ކަމަށް އެ ޖަމާޢަތުން ބުންޏެވެ. ފަލަސްޠީނުގެ ނުތަނަވަސް ޖައްވު ކުރީގެ ހަމަހިމޭން ޙާލަތަށް ގެންދެވޭތޯ މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ފަރާތްތަކަށް ޙަމާސުން ވަނީ މި ކަން އަންގައިފައެވެ. ކާކުކަން ހާމަ ނުކުރުމަށް ޝަރްޠުކޮށް އަނާޟޫލް ނޫސް އޭޖެންސީއަށް އޭނާ ވިދާޅުވި ގޮތުގައި މެދުއިރުމަތީގެ ޞުލްޙައާ ބެހޭ އދ ގެ ވިލަރެސްވެރިއާ ޓޯރ ވިންސްލޭންޑް ހާމަ ކުރެއްވި ގޮތުގައި އޭނާ ތައްލު އަބީބަށާއި ޙަމާސަށް ހަނގުރާމަ ހުއްޓައިލުމަށް ހުށައެޅުއްވުމުން އިސްރާއީލުން ވަނީ މި ހުށައެޅުމާ ދެކޮޅު ހަދާ ނޫނެކޭ ބުނެފައެވެ. މި ނޫސް އޭޖެންސީ ބުނިގޮތުގައި ޙަމާސުން މި ހުށައެޅުމާ ބެހޭގޮތުން އެއްޗެއް ނުބުނެއެވެ. އެއީ އިސްރާއީލުން މި ހުށައެޅުމާ ދެކޮޅު ހެދުމުންނެވެ. މި ނޫސް އޭޖެންސީ ހާމަކުރި ގޮތުގައި ވިންސްލެންޑް ވަގުތުން ހަނގުރާމަ ހުއްޓުމަށް ދެ ފަރާތަށް ހުށައެޅުއްވިއެވެ. އޭނާ އިންޒާރު ކުރެއްވި ގޮތުގައި "އެހެން ނޫނީ ޝާމިލު ހަނގުރާމައަކަށް ޙާލަތު ބަދަލުވެދާނެއެވެ."

މިހާރު ހިނގަމުންދާ ހަނގުރާމަވެރި ޢަމަލުތައް ފެށުނީ އިސްރާއީލުގެ ފުލުހުންނާއި ޔަހޫދީ ވަޒަންވެރިން މި ރަމަޟާން މަސް ފެށުމާއެކު ޤުދުސް ސަހަރުގައި ޚާއްޞަކޮށް ބާބުލް ޢަމޫދު ސަރަޙައްދާއި އައްޝައިޚު ޖައްރާޙު އަވަށުގައްޔާއި އަލްމަސްޖިދުލްއަޤްޞާއާއި އެ ޙަރަންފުޅުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ހިންގި ލާއިންސާނީ ޖަރީމާތަކުގެ ސަބަބުންނެވެ. އިސްރާއީލުން ހޯމަދުވަހު ޣައްޒާއަށް ޙަމަލާދޭން ފެށުމުން ޙަމާސާއި ފަލަސްޠީނުގެ ފިދާއީ ޖަމާޢަތްތަކުން މި ޙަމަލާތަކަށް ރައްދުދޭން ފެށިއެވެ. އިސްރާއީލުން ރޭ ދިން ޙަމަލާތަކުގައި ޣައްޒާގައި މީހުން އުޅޭ އެތައް ޢިމާރާތްތަކެއް ވައްޓާލައި ބިމާ ހަމަކުރިއެވެ. މި ޙަމަލާތަކަށް ރައްދު ދިނުމަށް ޓަކައި ޙަމަސާއި ޖިހާދުން އިސްރާއީލުގެ ވެރިރަށް ތައްލު އަބީބަށާއި ޣައްޒާ ކައިރީގައި އޮންނަ ލިއްދު ސަހަރަށް މިސައިލް ޙަމަލާތަކެއް ދިނެވެ.

"މިއީ އަދި ފެށުމެއް މި ކަމާ ވިދިގެން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ޙަމަސަށާއި ޖިހާދު ޖަމާޢަތަށް ވަރަށް ވަރުގަދަ އިންޒާރެއް ދެއްވިއެވެ. ޙަމަސާއި ޖިހާދުގެ ޙަމަލާތަކަށް ވަރަށް ބޮޑު އަގެއް ދައްކަން ޖައްސުވާނެ ކަމަށް" އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ ދިފާޢީ ވަޒީރު ގެންޓްސްއާއި ޗީފް އޮފް ސްޓާފް އަފީފު ކޯޚާއީއާއެކު ބޭއްވެވި ނޫސް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވިއެވެ. "އިއްޔެއިން ފެށިގެން އަހަރެމެން މި އުޅެނީ ހަނގުރާމައެއްގައި.. ޙަމާސާއި ޖިހާދުގެ އެތައް ސަތޭކަ އަމާޒުފަތްގަނޑުތަކަކަށް އިސްރާއީލު ސިފައިން ވާނީ ޙަމަލާދީފައި."

އޭނާ އިތުރަށް ވިދާޅުވިއެވެ. "ބޮޑެތި އެތައް އިސްވާރުންނެއް މަރާލައިފިން.. އެމީހުން ބޭނުން ކުރާ އެތައް ޢިމާރާތްތަކެއް ވައްޓާލައިފިން.. އަހުރެމެން ޙަމަލާތައް ކުރިއަށް ގެންދާނަން."

އިސްރާއީލުގެ ދިފާޢި ވަޒީރު ވިދާޅުވިއެވެ. "މިއީ އަދި ފެށުމެއް…. ޣައްޒާގައި ޙަމަލަދޭން ޖެހޭ އެތައް ލަނޑުދަނޑިތަކެއް އެބަހުރި… މަށަށް ޣައްޒާ މައިދާން ވަރަށް ރަނގަޅަށް އެނގޭ… އެތާނގައި އުޅޭ ފިދާއީންނަށް ވަރަށް ގެއްލުން ދެވިއްޖެ.. އިސްރާއީލަށް މިސައިލް ޙަމަލާތައް ދިނުމުން އެމީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ."

އިސްރާއީލުގެ ޗީފް އޮފް ސްޓާފް އަފީފު ކީޚާވީ ވިދާޅުވިއެވެ. "އަހުރެމެން ޣައްޒާގައި 500 އަމާޒަކަށް ޙަމަލާދީފިން. އޭގެތެރޭގައި ހަތިޔާރު އުފައްދާތަންތަން ވެސް ހިމެނޭ.. އަހުރެމެން އެތައް ބައިވަރު ޙަރަކާތްތެރީންތަކެއް މަރައިލީމު… އޭގެތެރޭގައި ވެރިން ވެސް ހިމެނޭ.. އެތައް އިމާރާތްތަކެއް ފުޑުފުޑުކޮށްލައިފިން. ޣައްޒާގެ ބިނާރުތައް ހަލާކުކޮށްލައިފީމު.."

ޙަމާސުގެ މިސައިލް ޙަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި 26 މީހަކު ވަނީ ޒަޚަމުވެފައެވެ. ބަދީޢޫތު އަޙްރަނޫތު ދުވަހު ނޫސް ބުނާގޮތުގައި ބައެއް މީހުންގެ ޙާލަތު ވަރަށް ނާޒުކެވެ.

އަނެއްކޮޅުން ބަލާއިރު އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ 35 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި 12 ކުޑަކުދީންނާއި ތިން އަންހެނުން ހިމެނެއެވެ. ޒަޚަމުވި މީހުންގެ ޢަދަދު ވަނީ 850ށް އިތުރުވެފައެވެ.

އދގެ ޢާއްމު ޖަމްޢިއްޔާގެ ބައްދަލުވުމެއް ބޭއްވޭތޯ މަސައްކަތް ފަށައިފި

ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ޢުދްވާނު ސަލާމަތީ މަޖީހުގެ ތެރެއިން ނުހުއްޓުވޭނެތީ އެ މަސްއަލަ އދގެ ޢާއްމު ޖަމްޢިއްޔާއަށް ވެއްދުމުގެ މަސައްކަތް ތުރްކީން މިއަދު ފަށައިފިއެވެ. ތުރްކީގެ ޚާރިޖީ ވަޒީރު މައުލޫދު އޮޣުލޫ ވިދާޅުވާ ގޮތުގައި ތުރްކީން މިހާރު މަސައްކަތް މި ކުރަނީ އިސްރާއީލުން ފަލަސްޠީނަށް ދެމުންދާ ޙަމަލާތައް ކުށްވެރިކުރާ ޤަރާރެއް އދ ން ފާސްކުރެވޭތޯއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އިސްލާމީ އުއްމަތުން ބޭނުން ވަނީ ހަމަ އެކަނި އިސްރާއީލު ކުށްވެރިކުރާކަށް ނޫނެވެ. އިސްރާއީލާ ދެކޮޅަށް ކޮންމެވެސް ފިޔަވަޅެއް އެޅެން ޖެހޭނެއެވެ.

އަނެއްކޮޅުން ބަލާއިރު އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ޕާކިސްތާނުން މިއަދު ކުށްވެރިކޮށްފައެވެ. ޕާކިސްތާނުން ނެރުނު ބަޔާނުގައި އައިސްފައި ވެއެވެ. ބަރަކާތްތެރި ރަމަޟާން މަހުގައި އިސްރާއީލުން ހިންގަމުންދާ މި ޢަމަލުތަކަކީ ވަރަށްް "ހަޑި މުޑުދާރު" ޢަމަލުތަކެއް ކަމަށް ޕާކިސްތާނުން ސިފަކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *