ނޯޓް: މި ލިޔުމަކީ އަލްމަރްހޫމު އަބްދުއްރަހީމު އަބްދުލްމަޖީދު ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު 'ނޫރު' މަޖައްލާއަށް ލިޔުއްވި ލިޔުމެކެވެ. އަލްމަރްހޫމު އަބްދުއްރަހީމު އަބްދުލްމަޖީދަކީ ވަރަށް ގިނަ ލިޔުއްވުންތައް ލިޔުއްވައި ރާއްޖޭގައި ނިކުތް އެކިއެކި ނޫސް މަޖައްލާތަކުގައި ލިޔުއްވި ލިޔުންތެރިއެކެވެ. ބައެއް ބޭރުބަސް ބަހުން– އަރަބި، އުރުދޫ، އިނގިރޭސި– މަޒްމޫނާއި ފޮތް ތަރުޖަމާ ކުރެއްވިއެވެ. މަރްހޫމު މި ދުނިޔެ ދޫކުރައްވައި ދެމިއޮތުގެ އާލަމަށް ދަތުރުކުރެއްވީ 16 އޮކްޓޫބަރު 2009 ގައެވެ. މާތްﷲ މަރްހޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށިއެވެ. އާމީން!

****
'ނޫރު’ގެ އެއްވަނަ އަދަދުގައި އަހުމަދު ޝަފީގު ލިޔުއްވާފައިވާ 'ފުރަތަމަ ދިވެހި ޖުމްހޫރިއްޔާގެ ފެށުމާއި ނިމުން' ބަލާލުމުން، އަޅުގަނޑުގެ ހިތުގައި އައުވެގެންދިޔައީ މީގެ 40 އަހަރު ކުރީގެ ހަނދާތަކެކެވެ. އެ މަޟްމޫނުގައި 'ފުރަތަމަ ޖުމްހޫރިއްޔާގެ ފެށުމާއި ނިމުން' ހިނގައިދިޔަގޮތް ކިތަންމެ ކުރުކޮށް ނަމަވެސް ވަރަށްފުރިހަމަ ގޮތަކަށް ބަޔާން ކުރެވިފައިވާކަމަށް އަޅުގަނޑު ދެކެމެވެ. ތާރީޚީ ހާދިސާއެއްގެ ގޮތުން ކަން ހިނގައިދިޔަގޮތުގެ ފުރިހަމަ ތަހުލީލެއް ކުރެވިފައިނެތަސް ހިނގައިދިޔަ ކަންތައްތައް ބަޔާން ކުރެވިފައިވެއެވެ.

އަޅުގަނޑު މިއަދު ގަސްދުކުރަނީ އެވާހަކަތައް އެހެން އިބާރާތްތަކަކުން އަލުންލިޔެ ހެޔޮނުބައި އަމަލުތަކެއް ހިންގި ފަރާތްތަކެއް ކަނޑައަޅައި އައްޔަނުކޮށްލުމެއްނޫނެވެ. އަޅުގަނޑުގެ ބޭނުމަކީ ފުރަތަމަ ޖުމްހޫރިއްޔާގެ ފެށުމާއި ނިމުން ހިނގައިދިޔަގޮތުގެ މައްޗަށް ހިޔާލު ކުރުމަށްވުރެ ބޮޑަށް ސުމުއްވުލް އަމީރު މުހައްމަދު އަމީނުގެ ވެރިކަމުގެ ދައުރުގެ ނިމުމުގެ މައްޗަށް ވިސްނުމުގެ ނަޒަރެއް ހިންގާލުމުވެ. އަޅުގަނޑުގެ ނަޒަރުގައި އެދައުރުގެ ނިމުން އަޅުގަނޑުމެންނަށް ދައްކައިދިނީ ރަށްވެހިކަމުގެ މަގުގައި ގައުމުތައް ކަޑައްތުކުރާ ދައުރުތަކުގެ ތެރެއިން 'ބަތަލުންގެ ދައުރު' އަޅުގަނޑުމެނަށް ކަޑައްތުކުރެވިފައިވާ ކަމަށެވެ. މިދައުރުގައި ކުރެވޭ ރަނގަޅު ނުބައި ހުރިހާ ކަމަކީ ގައުމުގެ ބަތަލަކަށް ހާއްސަ ކުރެވިފައި އޮންނަ ކަމެކެވެ. މިހަގީގަތް، ސުމުއްވުލް އަމީރު މުހައްމަދު އަމީނުގެ ވެރިކަމުގެ އިންގިލާބުގައި އަޅުގަނޑުމެންނަށް ހާމަވެގެންދިޔައެވެ. އަދި އަޅުގަނޑަށް ވިސްނޭ ގޮތުގައި އޭގަފަހުން ރަށްވެހިވުމުގެ މަގުގައި ދިވެހިން ހޭދަކުރި ތިރީސް ނުވަތަ ސާޅީސް އަހަރުގެ ދިގު މުއްދަތުގައި އަޅުގަނޑުމެން ދަންނަ ގައުމީ ހިދުމަތަކަށްވެފައި އޮތީ 'ލީޑަރ ތަސްބީހަ' ކިޔުމާއި 'މަހާނަމައްޗަށް މަޑިޔަށް ޖެހުމެވެ'. މިއީ ސުމުއްވުލް އަމީރު މުހައްމަދު އަމީނުގެ ވެރިކަމުގެ ދައުރު އިންގިލާބުވެގެން ދިޔައިރު ނުވަތަ ފުރަތަމަ ދިވެހި ޖުމްހޫރިއްޔާ ނިމިގެން ދިޔައިރު އަޅުގަނޑުމެންނަށް ކުރެވުނު ތަޖުރިބާއެވެ. މިވާހަކަތައް އަޅުގަނޑުމެންގެ ޅެންވެރިއެއްގެ ފަށުވި އިބާރާތްތަކުން ބަޔާންކުރައްވަނީ މިދަންނަވާ ގޮތަށެވެ.
ހުންނަ މަތިވެރި ބަސްތަކުން އަމުނާލެވޭ މާފަތިތަކޭ ހުންނައިރު މަތިވެރި މަގާމެއްގައި ކަރަށް އުކެމުންދަނީ
އޮއްސެމުންދާއިރު ނަސީބުގެ ވިދަވިދާހުރި ތަރިތަކެއް އޮއްސެމުން ނެތެމުން ހަނދާނުން ކުރި ރަގަޅުކަންތައްދަނީ
ސިޔާސީ މުނާފިގުކަމުގެ ބަލި
އަޅުގަނޑުމެންގެ އަމިއްލަ ދިވެހި ދުނިޔޭގެ ސިޔާސީ މަސްރަހުން ވޭތުވެގެންދިޔަ ވެރިކަމުގެ ދައުރުގެ ތެރޭގައި ފެނި ތަޖުރިބާ ވެގެންދިޔަ ސިޔާސީ ނިފާގުކަން، ގައުމުގެ ހަޔާތަށް ގެނެސްދޭ ގެއްލުންތަކާމެދު އެއްޗެއް ދެންނެވުމުގެ ކުރިން ދުނިޔޭގެ އެހެން ގައުމެއްގެ މިސާލެއްވެސް ދަންނަވާލުމަކީ، މައުޟޫއުން ބޭރުކަމެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އަޅުގަނޑު ބޭނުން މުހިއްމު ނުކުތާއެއް ފާހަގަ ކޮށްލުމަށްޓަކާ މުގައްދިމާއެއްގެ ގޮތުންނެވެ. 'ދަންބެރަށްވުރެ ތަގުޑި ދިގުވެގެން ދިޔަނަމަވެސް' އައްސަވާ ބޭފުޅުންގެ އަރިހުން މައާފަށް އެދެމުންނެވެ.
އިންޑިޔާގައި 700 އަހަރުވަންދެން ދެމިއޮތް މުސްލިމުންގެ ވެރިކަން ނިމިގެންދިޔައީ އިންޑިޔާގެ މައްޗަށް އިނގިރޭސީން ވެރިވެގަތުމުންނެވެ. އޭގެ ފަހުން އިންޑިޔާގައި މުސްލިމުންގެ އަމިއްލަ ވެރިކަމެއް ގާއިމުކުރެވޭގޮތްނުވެ އިނގިރޭސި އިސްތިއުމާރުގެ ދަށުގައި ސަތޭކައެތައް އަހަރެއް ވަންދެން ދެމިއޮތެވެ. މިހާދިސާއާ ގުޅިގެން އިންޑިޔާގެ މުސްލިމަކު ލިޔުއްވި ލިއުއްވުމެއްގައިވެއެވެ.
"ހިސާބަކަށް އަޅުގަނޑުމެންގެ އަމިއްލަ ފަރުވާކުޑަކަމުގެ ސަބަބުން އަދި ވަކިވަރަކަށް އަޅުގަނޑުމެންނަށް ލިބިފައިވާ މުސްކުޅި ތައުލީމެއްގެ ސަބަބުން ސިޔާސީ ކަންތައްތަކާއި ސިޔާސީ އިލްމުގެ މައްޗަށް އެއްވެސް ސަމާލުކަމެއް ނުދެވެއެވެ. ކަމުގެ ނަތީޖާއަކަށްވީ މުޣުލް ރަސްކަމުގެ އިރުއޮއްސިގެން ދިޔުމާއެކު އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ހަޔާތުގައި އެއްވެސްކަހަލަ ދިރުމެއް އުފައްދައިލެވޭނޭ ކަހަލަ ގޮތެއްނުވުމެވެ. އިނގިރޭސީން އައިސް އަޅުގަނޑުމެންގެ ރަށުގެ މައްޗަށް ވެރިވެގަތް ހިނދު 'ފޫނުބެދޭ ފިތުނަގަނޑެއް' (’ޣަދަރު’ގެ ނަމުން މަޝްހޫރުވެފައިވާ އިނގިރޭސީންނާ ދެކޮޅަށް އިންޑިޔާގެ މުސްލިމުން ހިންގި ބަޣާވައް) އުފެއްދުންފިޔަވައި ކުރާނޭ އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގުނެވެ. ދަނޑިވަޅު ބަލާފައި ޚުޝާމަދު ކުރުމާއި ބިރުވެރިކަމުގެ ވަގުތުގައި ގެއަށްވަދެ ދޮރު ބަންދުކޮށްލައިގެން ތިބުން، އެއީ ހަމަގައިމުވެސް އަޅުގަނޑުމެންނަށް އެނގޭ ކަންކަމެވެ. ތިމާގެ އަމިއްލަ އަބުރާއި އިއްޒަތް ސަލާމަތްކުރުމަށްޓަކައި ހަނގުރާމަކުރާ މީހުންތައް މުސްކުޅި ޒަމާންތަކުގައި ވަރަށް ގިނައިން ފެނެއެވެ. ނަމަވެސް ސިޔާސީ ކަންތައްތަކުގައި ނުވަތަ ސަރުކާރު ހިންގުމުގައި އަޅުގަނޑުމެންގެ ގައުމު ބައިވެރިވުމަށް މަސައްކަތްކޮށްފައިވާކަން ދޭހަވާ ހާދިސާއެއް އަޅުގަނޑުމެންގެ ތާރީހަކުން ފެންނާކަށް ނެތެވެ. އަދި ގައުމީ ހައިސިއްޔަތަކުން ތިމާގެމެންގެ އަބުރާއި އިއްޒަތް ސަލާމަތް ކުރުމުގެ މަސައްކަތް ކުރެވިފައިވާކަންވެސް ސާބިތެއް ނުވެއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ އާއިލާއާއި ގާތްތިމާގެ މީހުންގެ މަސްލަހަތާއި ފައިދާ ހޯދުން ފިޔަވައި ވިސްނާފިކުރުކުރާ އެހެން އެއްވެސް ކަމެއް ނޯވެއެވެ. ފަހަރެއްގައިވެސް ގައުމަށްޓަކާ ނުވަތަ ވަޒަނަށްޓަކާ މަސައްކަތް ކުރުމުގެ އަޒުމެއް ނުކުރެވެއެވެ. އަޅުގަނޑުމެން ދިރިއުޅޭ އުޅުމުގައި ކުރިމަތިވާ މުސީބަތްތަކުން ސަލާމަތްވުމަށް ދުއާކޮށްކޮށް ސިހިސިހި ތިބޭ ދިރިއުޅުމަކީ ކޮންކަހަލަ ދިރިއުޅުމެއްތޯއެވެ؟ ޝިކާރަކުރާ މީހަކު ޝިކާރައަށް ނުފެނި ސިއްރުސިއްރުން އުޅޭ ފަދައިން ބިރުން ސިހިސިހި ތިބޭ އަޅުގަނޑުމެން ދިރިއުޅޭ އަމިއްލަ ރަށަކީ ކީއްކުރަން އުޅޭ ތަންތަނެއްތޯއެވެ؟ ޔޫރަޕްގެ މީހުން ސިޔާސީ ހަޔާތޭ ކިޔާ އެއްޗަކީ އަޅުގަނޑުމެންގެ ތެރޭގައި ވައްތަރެއްގެ ޖުވާއެކެވެ. އެޖުވާ ކުޅުމުގެ ބިރުކުޑަކަން ލިބިފައިވަނީ ވަކި ބަޔަކަށެވެ. މިނިކާވަގެއްގެ އަނގައިގެ ތެރެއަށް އެއްވެސް މީހަކު އަތެއްނުލާނެއެވެ. ހުސް ފިލައެއްގެ މަތީގައި އެއްވެސް މީހަކު ކަނޑުދަތުރު ކުރާކަށް ނޫޅޭނޭއެވެ. ގައުމަށް ހިދުމަތްކުރެވޭނީ ރަސްގެފާނުގެ އަރިހުގައި އުޅެގެންނެވެ. ރަސްގެފާނުގެ އަރިހަށް ދެވޭތޯ މަސައްކަތް ކުރާމީހުން ރަސްގެފާނުގެ ދަރުބާރުގޭ މީހުންގެ ތެރެއަށް ވަދެ ހައްޔަރުވެ އަޅުވެތިވެފައި ތިބެތެވެ. ރަސްގެފާނުގެ އަރިހަށް ދެވުނަސް ރަސްގެފާނު ރުއްސާފައި ބެހެއްޓުމަކީވެސް މާފަސޭހަ ކަމަކަށް ނުވެއެވެ. އެއްވެސް ކަމެއްގައި ކުޑަވެސް އިއުތިރާޒެއް ކުރެވިއްޖެނަމަ އަބުރާއި އިއްޒަތް އަދި ފުރާނަވެސް ދިޔައީއެވެ. ކަން މިހެން ހުންނައިރު ވިސްނޭ ބުއްދިވެރީން ސިޔާސީ ހަޔާތާއި ދުރަށް ދުވެފިލާކަން އެއީ އަޖާއިބުވާންވީ ކަމެއްތޯއެވެ…؟"
އިސްވެދިޔަ ވާހަކަކޮޅުން ދަލީލު ލިބިގަންނަން މަސައްކަތް ކުރެވެނީ ގައުމެއްގެ މީހުން އެބައިމީހުންގެ ސިޔާސީ ކަންތަކާމެދު ހިޔާލެއް ފިކުރެއް ނުކޮށް ވެރީންނަށް ތިއްބަވާ އިއްޒަތްތެރީންގެ އިސްތަށިފުޅުގައި ހުރިހާކަމެއް އަޅުވައި ހުޝާމަދާ ތައުރީފުކޮށްކޮށް ތިބުމުގެ ސަބަބުން ގައުމީ ހަޔާތަށް އަންނަ ނިކަމެތިކަމާއި ދެރަކަމެވެ. ދިވެހިރާއްޖޭގައި ސުމުއްވުލް އަމީރު މުހައްމަދު އަމީނުގެ ވެރިކަމުގައި އަދި އޭގެފަހުން ނިމިގެންދިޔަ ވެރިކަމުގައިވެސް އަޅުގަނޑުމެންނަށް މިކަން ތަޖުރިބާ ކުރެވިފައިވެއެވެ. އެންމެފާހަގެކޮށްލެވޭ ގޮތެއްގައި ސިޔާސީ ނިފާގުކަމުގެ ބަލީގެ ގޮތުގައެވެ.

އަމީންދީދީގެ ދައުރުގައި
ސުމުއްވުލް އަމީރު މުހައްމަދު އަމީނުގެ އަތްޕުޅުގައި ވެރިކަމުގެ ބާރާއި ކޮންޓުރޯލު އޮތްއިރު އޭނާއަކީ ދިވެހިރާއްޖެ ދުވަހަކުވެސް ނުދެކޭ ފަދަ މަތިވެރި ޒައީމެކެވެ. ހިންގުންތެރި ވެރިޔެކެވެ. ސިޔާސީ ހިކުމަތްތަކުން ފުރިފައިވާ މުހިއްބުލްވަތެނެކެވެ. އޭނާގެ ގައުމީ ހިދުމަތްތައް ގައުމީ ހަޔާތުގެ ހުރިހާ ރޮނގަކުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނެވެ. އޭނާގެ ވަރުގަދަ ޝަޚުސިއްޔަތާއި ޒައާމަތް، އޭނާގެ ކޮންމެ އަމަލަކުން ސާބިތުކުރެވެމުން ދިޔައެވެ. މިވާހަކަތައް އެއިރު ދައްކަމުން އައިގޮތް އެއިރުގެ ލިޔުންތަކުން މިހާރުވެސް އަޅުގަނޑުމެންނަށް ފެންނާން އެބަހުއްޓެވެ. މިސާލެއްގެ ގޮތުން ބައެއް ވާހަކަތައް އައްސަވާލައްވާށެވެ.
"ޝައްކެއް ވަސްވާހަކަށް ތަންދޭންވީ މަގާމެއް ނޫނެވެ. ދިވެހި ތަހުޒީބާއި ތަމައްދުނުގެ ފަނޑުނުވާނޭ ފެހިނޫރެވެ. ރަށްވެހިކަމުގެ އުޖާލާ ދަލީލެވެ. ބަހުސެއްކުރުމުގެ ބޭނުމެއްއޮތް މައްސަލައެއް ނޫނެވެ. ދިވެހި އަދަބީ ގުލްޝަނުގެ އެންމެފޮނި ފިނިފެންމަލެވެ. ދިވެހި ތައުލީމީ ހަޔާތުގެ ހަގީގީ ސިއްރުމެއެވެ. ދިވެހި ޖިންސުއްލަތީފުންގެ އަބަދީ ޝުކުރުގެ ހައްގު ވެރިޔާވެސްމެއެވެ. އާދޭހެވެ. ވަތަނީ އަމަލާއި ހިއްމަތުން ވަތަނުގެ ދަރީންނަށް ސާބިތުކޮށްދެއްވި މުހިއްބުލްވަތަނެވެ. މުހިއްބުލް އިލްމެވެ. ދެވަނައެއްނެތް ގައުމުގައި ވިދަވިދާ ހުރި ގައުމުގެ އަމީނެވެ. އަލްއަމީރު މުހައްމަދު އަމީނެވެ…
އަޅުގަނޑުގެ ކީރިތި ބަތަލަކީ ދިވެހިރާއްޖެ ދުވަހަކުވެސް އުފެއްދެވި އެންމެ ވަރުގަދަ ސިޔާސީ މުހައްނިކެވެ. ދީނަށް ހުރުމަތްތެރިކޮށް ހިތްތަވާ ދީންފެތުރުއްވެވޭތޯ މަސައްކަތް ކުރައްވާ ތެދުވެރިއެކެވެ. އަދުލާއި އިންސާފަށް ކަންތައް ނިންމަވާ ދީލަތި ވެރިއެކެވެ. ރައްޔަތުންގެ ހައްގުގައި ފުރާނަފުޅުން ގުރުބާންވެވަޑައިގަންނަވާ އަމީރެކެވެ. މިޒަމާނުގެ ތައުލީމާއި ތަހުޒީބުގެ އެންމެފަރިމަލެވެ. ދުނިޔޭގެ ތާރީހުގައިވެސް ލާމަސީލު އަދީބެކެވެ. ވަރުގަދަ ޝަހުސިއްޔަތެއްގެ ވެރިޔެކެވެ. ހިންގުންތެރި އަމަލީ ޒައީމެކެވެ…"
(ވަދީފާ 'ދިވެހި ޖުމްހޫރިއްޔާ … މަރްހަބާ"، 1 ޖެނުއަރީ 1953)
އިސްވެދިޔަ ލިޔުންކޮޅުންވެސް އެދުވަސްވަރު ސުމުއްވުލް އަމީރު މުހައްމަދު އަމިނަށް މުޚާތަބުކުރެވޭ އިބާރާތްތަކާއި ނަންތައްވެސް ހިސާބަކަށް ފެނިގެންދެއެވެ. އާދޭހެވެ! އެއީ:
- ތަހުޒީބާއި ތަމައްދުނުގެ ފަނޑުނުވާނޭ ފެހިނޫރެވެ.
- ރަށްވެހިކަމުގެ އުޖާލާ ދަލީލެވެ.
- އަދަބީ ގުލްޝަންގެ އެންމެ ފޮނިފިނިފެންމަލެވެ.
- ޖންސުއްލަތިފުންގެ އަބަދީ ޝުކުރުގެ ހައްގުވެރިޔާއެވެ.
- މުހިއްބުލްވަތަނެވެ.
- މުހިއްބުލްއިލްމެވެ.
- ކީރިތިބަތަލެވެ.
- ދިވެހިރާއްޖެ އުފެއްދި އެންމެވަރުގަދަ ސިޔާސީ މުހައްނިކެވެ.
- އަދުލު އިންސާފުވެރި ދީލަތި ވެރިއެކެވެ.
- ރައްޔަތުންގެ ހައްގުގައި ފުރާނަފުޅުން ގުރުބާންވެވަޑައިގަންނަވާ އަމީރެކެވެ.
- ޒަމާނީ ތައުލީމާއި ތަހުޒީބުގެ ފަރިމަލެވެ.
- ހިންގުންތެރި އަމަލީ ޒައީމެކެވެ.
އާދޭހެވެ! އަދިވެސް ތައުރީފުކުރުމަށް ބޭނުންކުރެވޭ ކޮންމެ ލަފުޒަކާ އިބާރާތެއްމެހެން އެދުވަސްވަރު ސުމުއްވުލް އަމީރު މުހައްމަދު އަމީނަށް މުޚާތަބުކުރެވެމުންދިޔައެވެ. އެކިއެކި މުނާސަބަތުތަކުގައި އެކިއެކި ޖަލްސާތަކުގައި ދެކެވޭ ވާހަކަތަކާއި ލިޔެވޭ ލިޔުންތަކުގައެވެ. އިސްވެ ދިޔަތާގައި ނަކަލުކުރެވިފައިވަނީ އެދުވަސްވަރުގެ ރަސްމީ މަގާމެއްނެތް އާދައިގެ މީހެއްގެ ލިޔުމެއްކަމަށްވިޔަސް އެވާހަކަތައްވަނީ ކުރިޔަށް ތިއްބެވި މަތީދަރަޖައިގެ އިއްޒަތްތެރީންގެ ވާހަކަތަކާއި ލިޔުންތަކުން ނެގި ކޮޕީކުރެވިފައެވެ. ދެންއަދި އިތުރު މިސާލުތައްވެސް އައްސަވާލައްވާށެވެ.
"ދިވެހި ތާރީހު ދުށް އެންމެ އުފާވެރި މުނާސަބަތެއް ކަމުގައިވާނޭ ޖުމްހޫރީ ދަރުބާރުގެ އުފާވެރިކަން ރަގަޅަށް ނުވެސް ނިމެއެވެ. ކާނިވަލްގެ ތެރެއިން ވިދަވިދާހުރި ރޯޝަނީ ކުލަކުލައިގެ އަލިތައް ފެނިފެނިހުރި ކަހަލައެވެ. ތަރުހީބުގެ ތަސްފީގުގެ އަޑުތަކުން ހިތްތައް ތެޅިތެޅި ހުރުމުން ފިލާނުދެއެވެ. އާދޭހެވެ. އެފަދަ ވަގުތެއްގައި އަޅުގަނޑުމެންގެ އުއްމަތަށް ލިބިގެންދިޔައީ ވަރަށްވެސް ހާއްސަ ހިތާމައަކާއި ވޭނެކެވެ. އަޅުގަނޑުމެންގެ ލޯތައް އޮހޮރާން ފެށީ ހަމްދަރްދީގެ ކަރުނަތަކެވެ. ސަބަބާއި ސިއްރު ކޮންމެ ދިވެހިދަރިއެއްގެ ހިތުގައި ބިންވަޅުނެގިފައިވާނޭކަން ކަށަވަރެވެ.
އާދޭހެވެ. ސިއްރާއި ސަބަބަކީ މިއުއްމަތުގެ ރޫހެއް ކަމުގައިވާ ލޮބުވެތި ޒައީމު ސާހިބުލް ފަޚާމާ މުހައްމަދު އަމީން އާލާސްކަންފުޅުގެ އެނދުދާންކޮޅެއްގައި އޮށޯވެވަޑައިގަންނަވާން ޖެހުނުކަމެވެ. ސާހިބުލްފަޚާމާގެ ސިއްހީ ހާލުކޮޅު މީގެ ކުރީގައި ދުވަހަކުވެސް ނުދާފަދަ ދަށުދަރަޖައަކަށް، މިފަހަރު ދިޔަކަށްޓަކައި އަޅުގަނޑު ހިތުން ހައިރާންވާންވީ އެއްވެސް ސަބަބެއްނެތެވެ. މިހެނީ އާއްމުކޮށް މިވޭތުވެދިޔަ ހައެއްކައަހަރު ތެރޭގައި ހާއްސަކޮށް ފާއިތުވެދިޔަ ހަތަރު ފަސް މަސް ދުވަހެއްގެތެރޭގައި އެމަނިކުފާނު ދިވެހި އުއްމަތުގެ ހާލައިގެން މަޝްޣޫލުވެވަޑައިގަތީ އިންސާނަކަށް، އިންސާނީ ހަށިގަނޑަކަށް، ތަހައްމުލު ކުރެވޭނޭ އެންމެ މަތިވެރި ދަރަޖައަކަށެވެ.
އާދޭހެވެ. ޝައްކެއް ވަސްވާހެއްނެތެވެ. އަޅުގަނޑުމެންގެ މިއަދުގެ ރާއްޖެތެރޭގެ ރަށްތަކުން ފޮޅެމުންދަނީ ފުރާނައަށް ފޮނިކަން ލިބޭފަދަ އަޒްހާރެވެ. ދިވެހި ރާއްޖޭގައި އަލިވަމުން ފެތުރެމުންދަނީ މިރާއްޖޭގައި އާއްމުކުރެއްވުމަށް ގައުމުގެވެރީން އިލްތިމާސް ކުރައްވާ މަދަނީ އަންވާރެވެ. ރާއްޖޭގެ ދަރީންނަށް މިފަދަ ހޭލެވުމެއް ގެނެސްދިނުމުގައި މެދުވެރިވީ ޖައްވުގެ އެތައް މިތަނުން އޭގެ އަލިކަން ދައްކަމުންދާ ނޫރެއްގެ އަސްރާރެވެ.
އާދޭހެވެ. ޝައްކެއްވަސްވާހެއް ނެތެވެ. ކެލައާއި އައްޑުއާދެމެދުގެ ރަށްތަކުގެ މައްޗަށް ފިކުރު ހިންގައިލައިފި މީހެއްގެ އަބަދުގެ ޒިކުރަކަށް މިއަދުވެފައިވާނީ ގައުމުގެ ޒައީމަށް އަދާކުރެވޭ ލޮބުވެތި ޝުކުރެވެ."
(ޝިހާބު– 'ދިވެހި ޖުމްހޫރިއްޔާ… މަރްހަބާ!' ގައިވާ 'ރާއްޖެތެރެއަށް އައި ބަދަލު'.)
އިސްވެދިޔަ ލިޔުންތަކުން ސުމުއްވުލް އަމީރު މުހައްމަދު އަމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު، ކިޔެމުން ދިޔަ ލީޑަރު ތަސްބީހަ އާއި ވެވެމުންދިޔަ ހަމްދު ސަނާ ތައުރީފު ގޮސްފައިވަނީ ކޮންފަދަ މިންވަރަކަށްކަން ލަފާ ކޮށްލެވޭނެއެވެ. މިބާވަތުގެ އަދަދު ނުކުރެވޭހައި ގިނަ ލިޔުންތައް އަޅުގަނޑުމެންނަށް ބަލާލެވިދާނެއެވެ. ނަމަވެސް މިވަރުން ފުއްދައިލުމާއެކު ސުމުއްވުލް އަމީރު މުހައްމަދު އަމީނުގެ އަތްޕުޅުން ވެރިކަމުގެ ބާރާއި ކޮންޓުރޯލު ނެތި ދިޔަހިނދު އެވާހަކަތަކަށް އައިބަދަލު، ހަމަ އެއިރުގެ އަދި ބައެއްފަހަރަށް، ކުރިން ތައުރީފާއި ސަނާ ކިޔައި އުޅުނު މީސްމީހުންގެ ގަލަމުން ލިޔެފައިވާތީ އަޅުގަނޑުމެންނަށް ފެންނާން އެބަހުއްޓެވެ.

އަމީންދީދީ މަގާމުން ވަކިވި ހިނދު
ސުމުއްވުލް އަމީރު މުހައްމަދު އަމީނު ވެރިކަމުން ވަކިކުރެވުނީ ވެރިކަމަށް އިސްކުރެވުނު ކަހަލަ ސިފައެއްގައި ގާނޫނީ މަޖްލިސްތަކުގެ ވާހަކަ ދެއްކުންތަކަކާއި ނިންމުންތަކެއް އޮވެގެންނެއްނޫނެވެ. އެކަން ކުރީ 11 ޒުލްހައްޖާ 1372 ހ. ދުވަހު މެންދުރު ހުކުރު ނަމާދުގެ ފަހުން މާލޭ ގުޅަކުޅޭ ފަސްގނަޑަށް އެއްވި ރައްޔިތުންގެ ބައެކެވެ. އެމީހުން ހަޅޭލަވަމުން ގެންދިޔައީ ތަފާތު އެތަކެއް ވާހަކަތަކެއް ގޮވަމުންނެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ވާހަކައަކީ
- ދިވެހި އުއްމަތުގެ އިތުބާރު ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީނުގެ މައްޗަށް މުޅީން ނެތި ހިގައްޖެއެވެ. މާތްވެގެންވާ އިސްލާންދީނުގެ ހަމަތަކާއި އަދުލު އިންސާފާއި ގައުމުގެ މިންވަރާއި އޭނާ ހިލާފުވެވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
- ދިވެހި ރައްޔިތުން އެރައީސްގެ ވެރިކަމެއް ބޭނުމެއްނޫނެވެ.
- ދިވެހި ގައުމު ޖުމްހޫރިއްޔާއެއް ނޭދެއެވެ.
- ރައްޔިތުން އެދެނީ އެކިރޮނގުރޮނގުން އެކިސިފަސިފައިގައި މުހައްމަދު އަމީނުގެ ވެރިކަމުގައި ގައުމަށް ލިބުނު އަނިޔާއާއި ދުއްތުރާތަކުން ރާއްޖެ ސަލާމަތް ކޮށްދެއްވުމަށް އެއްގަމުގޭ ސުމުއްވުލް އަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި ވެލާނާގޭ އަލްފާޟިލް އިބްރާހިމް މުހައްމަދު ދީދީއާއި ދައުލަތުގެ ވެރިކަން ސަމާލު ކުރެއްވުމަށެވެ.
މިގޮވެއްޔެއް މެދުނުކެނޑި ތަކުރާރުކޮށް ގޮވެމުންދިޔައެވެ. ބައެއްފަހަރު ތަފާތު އެތައް އިބާރާތްތައް ބޭނުން ކުރަމުންނެވެ. އެއިރު ސުމުއްވުލް އަމީރު މުހައްމަދު އަމީނު ހުންނެވީ ސިލޯނުގައެވެ. މުހައްމަދު އަމީނު މާލެ ވަޑައިގަތީ 21 ޒުލްހައްޖާ 1372 ގައެވެ. އާރ. އޭ. އެފް. ގެ މަތީންދާބޯޓެއްގައެވެ. ބޯޓުން ފައިބައިވަޑައިގަތްގޮތަށް މުހައްމަދު އަމީނު ގެންދެވުނީ ދޫނިދޫއަށެވެ. ދޫނިދޫގައި ހުންނަވަނިކޮށް ފުރަމާލޭ ރައްޔިތުން ތިބިގޮތް މުހައްމަދު އަމީނަށް ސާފުކޮށްދެއްވައި "މުހައްމަދު އަމީނަށް ހުރިހުރިހައި ވެރިކަމަކުން ވަކިކުރެވި، ދޫނިދޫގައި ބަންދުވީއެވެ" އެންގުމުން އަމީންދީދީގެ ވެރިކަމުގެ ދައުރު ނިމިގެންދިޔައީއެވެ.
އިދިކޮޅު ލިޔުމުގެ ނަމޫނާ ބައެއް އިދިކޮޅުލިޔުންތަކަށް ބަލައިލަމާތޯއެވެ.
"ޣީރަތްތެރިކަން ހިތުގައި އުފެދިފައިވާ ތެދުވެރި އިސްލާމެއްގެގޮތުން މިދިޔަ ދޮޅަހަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ދީނީ ހާލަތަށް ވިސްނާލައިފި ކޮންމެމީހެއްގެ ދެލޯ އޮހޮރާނީ ކޮންއެއްޗެއްތޯއެވެ؟ ލޮލުގެ ކޮޔާއެކު ހިތާމައިގެ ލޭކަރުނައެއް ނޫންބާވައެވެ. އާދޭހެވެ! ލަދުވެރިކަމެއް ހިތުގައި އަށަގަނެފައިވާ ކޮންމެ ދިވެއްސަކު ރާއްޖޭގެ އަޚުލާގީ ހާލަތަށް ފިކުރު ކޮށްލައިފިނަމަ އެމީހަކަށް ލިބޭނީ ބަޔާންކުރުން އެކަށީގެންނުވާފަދަ ހިތާމަތަކެއް ނޫންބާވައެވެ. ގައުމީ ކަރާމަތަށް ލޯތްބެއް ހުރި ކޮންމެ މުވާތިނަކު ރާއްޖޭގެ ޝަރަފެއް ކަމުގައި ޒަމާނުއްސުރެ ބެލެވެމުންއައި އާދަކާދަތަކަށްޖެހުނު ދަތުރު ހީވާހިނދު އަންތަރީހަށް އަރައިހައި ނުވޭބާވައެވެ.
މިދެންނެވި ދުވަހުގެ ކުރީގައި ރާއްޖެ އޮތީ ކޮންހާލަތެއްގައިތޯއެވެ. ދައުލަތުގެ ހަޒާނާއަށާއި މީހުންގެ މިލްކުތަކަށާއި އަދި ޖިންސުއްލަތީފުންގެ ބަޔަކަށް އަލްއަމީރު މުހައްމަދު އަމީނު ހައްދަވަމުން ވަޑައިގަތީ އޭނާ ހިތްޕުޅަށް އެރިހައިގޮތެކެވެ. ހަޒާނާ އޮތީ ހުސްވެފައެވެ. ދައުލަތްއޮތީ ބޭރަށް ދަރަނިވެރިވެފައެވެ. ގައުމީ ހަޔާތުގެ ގުލްޝަންއޮތީ ވީރާނާވެފައެވެ. އެންމެހައި ރައްޔިތުން ތިބީ ނޭފަތު ކުރީގައި ފެންޖެހިފައެވެ.
މިދިޔަ ހައްޖުމަހުގެ ކުރީގައާއި އޭގެފަހާ އަޅުއްވާ ބައްލަވާށެވެ. އޭގެ ކުރީގެ ހާލަކީ ކުރީގަ ދެންނެވި ފަދައިން ޖިންސުއްލަތީފުންގެ ވަރަށް އަގުހުރި ބައެއްކުދީން މުޅިން މަޖުބޫރުގައި އެކުދިންގެ އިއްފަތްތެރިކަމުންދިޔައީ އެކުދިން މަހްރޫމުވަމުންނެވެ. އެކުދިންގެ ނިސްވާނިއްޔަތުގެ އަގު ދިޔައީ ދަށްވަމުންނެވެ. އާދެ! ހަމަ އެންމެ މީހެއްގެ ޝަހުވާނީ އެދުމާ ހެދިއެވެ. ދައުލަތަށް ލިބޭ އާމްދަނީއާއި ހަޒާނާގެ ފައިސާ ހުސްވެގެން ދިޔައީވެސް ހަމަ އެގޮތުގައެވެ. މަދަނިއްޔަތުގެ ނަމުގައި ކުރަމުންދިޔަ މަސައްކަތްތަކަކީ މީސްތަކުންގެ ގެދޮރު ހަލާކުކޮށް މީހުންގެ އަމިއްލަ ރުއްގަސް ވަރަށްވެސް އަނިޔާވެރިގޮތުގައި ކަނޑަމުން ގެންދިޔުމެވެ. ތައުލީމުގެ ނަމުގައި ކުރެވެމުން ދިޔަމަސައްކަތުންވެސް އެދުވަސްވަރު ކުދީންގެ އަހުލާގަށްވެސް ލިބުނު ގެއްލުންތަކަށް ނިސްބަތްކޮށް ބަލާއިރު މާބޮޑުފައިދާއެއް ހާސިލެއްނުވިއެވެ. މީސްތަކުންގެ މިނިވަންކަންއޮތީ މުޅީންނެތިފައެވެ. ކާބޯތަކެތި މަދުވަމުންގޮސް މީސްތަކުންތިބީ ފަތްކެއުމުގެ މައްޗަށް ނުކުޅެދިފައެވެ. ޖުމްހޫރިއްޔަތުގެ ނަމުގައި ހިންގީ ޚުދު މުހުތާރު އަދި މުސްތަބިއްދު ވެރިކަމެކެވެ. ރާއްޖޭގެ ކަރާމަތަށާއި އިސްލާމްދީނަށް ލިބެމުންދިޔައީ ބަޔާންކުރަން އެކަށީގެންނުވާފަދަ ބޭހުރުމަތްތެރިކަމެވެ. މިހުރިހާ ކަމެއްވީ އަލްއަމީރު މުހައްމަދު އަމީނުގެ ސަބަބުންނެވެ. މިހެން މިދެންނެވިގޮތީ މިދެންނެވި ދުވަސްވަރުގައި ރާއްޖޭގެ އެންމެމަތީ ދަރަޖައިގެ ވެރިޔަކީ މުހައްމަދު އަމީން އެވެ…"
(އަހްމަދު ކާމިލް، ހަގީގީ މިނިވަންދުވަހުގެ ހާއްސަ ނަމްބަރު)
"އެދައުރުގެ ފަހުކޮޅުގައި ވަރަށްގިނަ ކަނތައްތަކެއް ރާއްޖެއާ އެކަށީގެންނުވާ ގޮތުގެ މަތީން ހަމައާއި އިންސާފުން މުޅީންނެއްޓިގެން ހިނގަމުން ދިޔަކަން ކަށަވަރެވެ. ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން މުޅިރާއްޖެހެން ބަނޑަށް ޖެހުނެވެ. އާއްމު ރައްޔިތުންގެ ހާލު ވަރަށް ނިކަމެތި ދަށު ދަރަޖައަކަށް ގޮސްފައިވަނިކޮށް ހާއްސުންގެ ބަޔަކު 'އުދުހުނެވެ'. ދައުލަތުގެ ހަޒާނާއިން ގައުމުގައި ކުރިޔަށް ތިބި ވަރަށްގިނަ ބައެއްގެ އަމިއްލަ ފޮށިތައް ފުރެމުންދިޔައެވެ. ދައުލަތުގައި ބެހެއްޓެމުންދާ ރައްޔިތުންގެ އަމާނާތްތަކަށް ހިޔާނާތްތެރިވަމުން ދިޔައީ މަތިވެރި ދަރަޖައަކަށެވެ…"
(އަލީ އަހްމަދު، 'އިންގިލާބަކީ އިބުރަތެކެވެ’، ހަގީގީ މިނިވަންދުވަހުގެ ހާއްސަ ނަމްބަރު)
"އަލްއަމީރު މުހައްމަދު އަމީނާމެދު ސިޔާސީ ނަޒަރަކުން ކުރުކޮށް ދަންނަވަނީނަމަ އޭނާއަށް ރާއްޖޭގެ މިންވަރު ނުވިސްނެވުނު ކަމުގެ ދެރައާއި މަލާމާތް ހައްގުނޫނެކޭ ނުބުނެވޭނެއެވެ. ޖިންސުއްލަތީފުންގެ ތަހުރީރުގައި އިސްލާމީ ޝަރީއަތުގެ އުސޫލުތަކަށް ކުޑަވެސް ރިއާޔަތެއް ނުކުރެއްވުމުގެ ފުރައްސާރަ ރައްދުނުވެއެއް ނުހުންނާނެއެވެ. ދައުލަތުގެ ކޮންމެއެއްޗަކީ، ރައްޔިތުންގެ ހުގޫގުތަކަކީ، އޭނާގެ އަމިއްލަފުޅު އެއްޗެއްކަމުގައި މަސްހުނިކުރެއްވުނުކަމުގެ ދެރަކަން ނުދެވިއެއް ނުމެދާނޭމެއެވެ…
…ނަމަވެސް ސިޔާސީ ރޮނގުންނާއި އިގުތިސާދީގޮތުން އޭނާއަށް އެކަށީގެންނުވާ މަގާމުތަކެއް ލިބިވަޑައިގަތުމުގެ ނަތީޖާއެއްގެގޮތުން އޭނާގެ ހަޔާތްޕުޅުގެ ނިމުން ތަމްސީލުވެގެންދިޔައީ ދިވެހި ޒައީމެއްގެ ހަޔާތް ނުނިމޭފަދަ ހިތާމަވެރި ގޮތެއްގައެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސަކުކަމުގައި އޭނާ ވަވަޑައިގަތުމުގެ މާކުރިއްސުރެ ފެށިގެން އޭނާގެ ހަޔާތްޕުޅަށް ސިޔާސީ އިންހިލާލު އަންނާންފަށައިފިއެވެ. މުޅިއުއްމަތަކީ މުހައްމަދު އަމީނުކަމުގައި ޔަގީންވެވަޑައިގަތްކަން އޭނާ ވެއްޓިވަޑައިގަތުމުގެ އެއްއަސްލަކަށް ހިމެނިއްޖެއެވެ…"
(ޝިހާބު، ސަރުކާރުގެ ހަބަރު، 1 ޖުމާދިލް އާޚިރާ 1373)
އިސްވެ ދިޔަތާގައި ކޮޕީ ކުރެވުނު އެކި ލިޔުންތަކުގައި ބަޔާންކުރެވިފައިވާ ވާހަކަތަކުން ސުމުއްވުލް އަމީރު މުހައްމަދު އަމީނުގެ ވެރިކަމުގެ ދައުރުގައި ކިޔެވެމުންދިޔަ ލީޑަރު ތަސްބީހައާއި އެމަނުކުފާނުގެ ވެރިކަންވެއްޓުމުން މަހާނަ މައްޗަށް މަޑިއަށް ޖެހެވުނުގޮތް ހިސާބަކަށްނަމަވެސް ހިތްޕުޅަށް ގެންނެވޭނޭކަމަށް ހީކުރަމެވެ. އަދި ހަމަ މިއާއެކު ވަރަށް ހާއްސަކަންތައްތަކެއް ފާހަގަކޮށްލެވޭނެއެވެ. އެކަންކަމަކީ މައްސަލަތައް ކުރިމަތިވެގެން އައިއިރު އަޅުގަނޑުމެންގެ ތެރޭގައިއޮތް ގާނޫނީ ހުރިހާ ބާރުތަކަކީ މާނައެއްނެތް، ބޭނުމެއްނެތް، ބޭކާރު އެއްޗެއްކަމަށްވެފާއޮތްކަމެވެ. އާދެ، މިވާހަކައިގެ ތަފްސީލެއް ދަންނަވައިލެވޭތޯވެސް ބަލައިލާނަމެވެ.
ގާނޫނުތަކުގެ ބޭނުމެއް، މާނައެއް ނެތް
ދިވެހިރާއްޖެއަށް އައި ހަގީގީ މިނިވަން ދުވަހަކަށް ބެލެވުނީ 11 ޒުލްހައްޖާ 1372ހ. ދުވަހެވެ. އެދުވަހަކީ، އެއިރު އޮތް ސަރުކާރާ ދެކޮޅަށް އާއްމު މީސްތަކުންގެ ބައަކު ނުކުމެ ބަޣާވަތްކޮށް، އެއިރު ހުންނެވި ރައީސުލް ޖުމްހޫރިއްޔާއަށް އެމީހުން ހިތަށްއައިހާ އެއްޗެއް ކިޔަންވީއްލި ހުއްދަވެފައިވާކަމަށް ބެލެވުނު ދުވަހެވެ. އެއިރުވެސް ރައްޔަތުންގެ ހައްގުތައް ލިބިދީފައި އޮވެއެވެ. އަދި ރައްޔަތުންގެ މަޖްލިހުގެ މެމްބަރުންތަކެއްވެސް ތިއްބެވިއެވެ. ރައްޔަތުންގެ ހައްގުތަކަށް ރައްކައުތެރިވުމަށް އެބޭފުޅުން ތިއްބަވަނީ ހުވައިވެސް ކުރައްވައިގެންނެވެ. މިކަންމިހެން އޮތުމާއެކުވެސް 11 ޒުލްހައްޖާ 1372ހ. ދުވަހު އެހުރިހާކަމެއްވެސް އުވިގެންދިޔަކަމަށްވީ ގުޅަކުޅޭ ފަސްގަނޑަށް ނުކުތްމީހުންގެ ބަހަށެވެ. އެމީހުން ނުކުމެ، ނުކުންނާޖެހުނު ސަބަބުތައް މިފަދައިން ބަޔާންކޮށްދިނެވެ.
"އަޅުގަނޑުމެން މިނުކުތީ ގޭގައި ނުތިބެވިގެންނެވެ. ސަބަބަކީ ކާނެ އެއްޗެއްނެތި ފަތްކާންޖެހިފައިވާކަމެވެ. ވޮށުއަލިކުރެވޭނޭގޮތެއްނެތި އަނދިރީގައި ތިބެން ޖެހިގެންނެވެ. ކާންބޯން މަސައްކަތެއް ކުރާނޭފުރުސަތެއްނެތި ރަށްވެހިކަމުގެ ނަމުގައި ކެނޑިނޭޅި ރެއާއި ދުވާލު މަސައްކަތް ކުރަން ޖެހިފައިވާކަމެވެ. އޮރިޔާންހާލު ބޮޑުވެގެން ގެއިންބޭރަށް ނުނިކުމެވޭ ދަރަޖައަށް އޮރިޔާންވަމުންދާކަމެވެ. އަޅުގަނޑުމެންގެ މާތްއިސްލާންދީނުގެ އެކިއެކި ކަންތައްތަކަށް ހުރުމަތް ކުޑަވަމުންދާކަމާއި އީސާއީދީނުގެ އެކިއެކި ކަންތައްތައް ހިފެމުން އަންނަކަމެވެ. އަދި އެކިބާވަތުގެ އަދަބުތައް ބޮޑުވަމުން ގިނަވަމުން އަންނަކަމެވެ."
އަދި ހަމަ މިހިޔާލުތަކާއި ވާހަކަތައް ހުށަހެޅުމާއެކު މުހައްމަދު އަމީނުގެ ވެރިކަމާ ނުރުހޭކަމަށާ އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތްކަމަށް ވޯޓުދީ ފާސްކުރިއެވެ. އާދޭހެވެ. ގާނޫނީގޮތުން، ވެރިޔަކު ވެރިކަމުން ދުރުކުރެވޭގޮތާއި ރައްޔަތުންގެ ދަތިތަކާއި ހަގީގީ މައްސަލަތައް ހުށަހަޅައި ހެދޭނޭ ގޮތްތައްވެސް ގާނޫނުގައި އޮވެއެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއްގެ ބޭނުމެއް ނުހިފި، ހުރިހާކަމެއް ނިންމާލެވުނީ ގުޅަކުޅޭ ފަސްގަނޑަށް އެއްވިބޭކަލުންގެ ބަހަށެވެ. ނަމަވެސް އެބޭކަލުން ކުރެއްވި ހުރިހާކަމަކީވެސް ރައްޔިތުންގެ އަމިއްލަ އިހުތިޔާރުގައި އަދި އަމިއްލަ ރޭވުމެއްގައި ހިންގި ކަންތަކަކަށްވުރެ އިންގިލާބުގެ ރޭވުންތެރިން ހިންގި ކަންތަކެއްކަމީ އޮޅުވާނުލެވޭނޭކަހަލަ ހަގީގަތެކެވެ. ވީމާ، އެއިރު ހެދިފައިވާ ގާނޫނަކީ އެއްވެސް ބޭނުމެއް، މާނައެއް، ނެތް ބޭކާރު އެއްޗަކަށްވީއެވެ.
ތުހުމަތުކުރެވުނު ކުށްތައް
ސުމުއްވުލް އަމީރު މުހައްމަދު އަމީނުގެ މައްޗަށް، ދައުރު ނިމިގެންދިޔައިރު، އާއްމު މީސްތަކުންނާއި ހާއްސުންގެތެރެއިން އެކިއެކި މީސްމީހުން ވަރަށްގިނަ ކުށްތަކުގެ ތުހުމަތުތައް ކުރެއެވެ. އެއީ ތަހުގީގުކޮށް ބެލެވި ސާބިތުކުރެވިފައިވާ ކުށްތަކެއް ނޫނަސް، އާއްމުކޮށް، ލިއުންތަކާއި ވާހަކަދެއްކުންތަކުގައި ބޭނުންކުރެވެމުންދިޔައެވެ. ނަކަލުކުރެވިފައިވާ ލިޔުންތަކަށް ބައްލަވާލެއްވިޔަސް ތިރީގައި މިދަންނަވާ ކަންތައްތައް ކުށްތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ.
- ދައުލަތުގެ ކޮންމެއެއްޗަކީ އަމިއްލަ އެއްޗެއް ކަމަށް ބެއްލެވުން ނުވަތަ އަމިއްލަ އެއްޗިއްސާ ދައުލަތުގެ އެއްޗެތި އެއްކުރައްވައިގެން މަސްހުނިކުރައްވައިގެން ގެންގުޅުއްވުން.
- ޖިންސުއްލަތީފުން މިނިވަންކުރެއްވުން ޝަރުއީހަމތަކާއި ހިލާފަށް ގެންދެވުން.
- މުޅި އުއްމަތަކީ އޭނާ ކަމުގައި މުހައްމަދު އަމީނު ދެކެވަޑައިގަތުން.
- ރާއްޖޭގެ މިންވަރު ވިސްނިވަޑައި ނުގަތުން.
- ކާބޯތަކެއްޗާއި ވޮށުތެޔޮ، އުނުއޮރިޔާން ނިވާ ކުރާނޭގޮތް ނެތި ހާލުގައި ޖެއްސުން ނުވަތަ ޖެހުން.
- އާއްމުން ދަތިހާލުގައި އުޅުނުއިރު ހާއްސުންގެ ބަޔަކު 'އުދުހުން'.
- ދައުލަތުގެ ހަޒާނާއިން ގައުމުގައި ކުރިޔަށް ތިބި ވަރަށް ގިން ބަޔެއްގެ އަމިއްލަ ފޮށިތައް ފުރެމުންދިޔުން.
- ރައްޔަތުންގެ އަމާނާތްތަކަށް ހިޔާނާތްތެރިވަމުން ދިޔުން.
މަތީގައި ދެންނެވި ފައިވަނީ ދެބޭކަލެއްގެ ލިޔުއްވުމުން ފާހަގަކޮށްލެވުނު ކަންކަމެވެ. އަދި މީގެ އިތުރުން މިފަދަ އެތައް ކަމެއްގެ ތުހުމަތު ކުރެވިފައިވެއެވެ. ނަމަވެސް މިއިންއެއްވެސް ކަމަކީ ނުވަތަ ކުށަކީ ތަހުގީގުކޮށް ބެލެވި ޝަރީއަތަށް ސާބިތު ކުރެވުނު ކަންކަމެއްނޫނެވެ. މިކުށްތަކަކީ ނުވަތަ މިފަދަ ހުރިހާ ކުށަކީ އިތުރު ތަހުގީގެއްގެބޭނުމެއްނެތި ސާބިތުވަފައިވާ ކަންތައްކަމަށް ހިމެނިގެންދިޔައީއެވެ.
ގައުމުގެ އެންމެމަތީ ވެރިޔާގެ މައްޗަށް މިފަދަ ކުށްތަކާއި ގައުމީ ހިޔާނަތުގެ ތުހުމަތު ކުރެވުނުއިރު މިފަދަ ކަންކަމުގައި މަސްއޫލިއްޔަތު އުފުލަން ޖެހޭ އެއްވެސް ފަރާތަކުން ކުރެވުނުކަމެއް ނެތެވެ. ކަމެއް ކުރެވޭތޯ ގާނޫނީ ސިފައެއްގައި އުޅެފައެއްވެސްނެތެވެ. ވީމާ، އެއިރު ޝަރީއަތާއި ގާނޫނު ހިންގާ ފަރާތްތަކާއި ގާނޫނު ހަދާފަރާތްތަކުގެ އެއްވެސް މަސްއޫލިއްޔަތެއްނެތި ހަމައެކަނި ހުރިހާ ކުށެއް އެފަރާތެއްގައި އަޅުވާލެވުނު ކުށްވެރިޔަކަށް ވެގެންދިޔައީ ސުމުއްވުލް އަމީރު މުހައްމަދު އަމީނެވެ. ސަބަބަކީ ކޮބައިތޯއެވެ. ޖަވާބެއްގެ ގޮތުން އަޅުގަނޑަށް އިވެނީ އޭނާގެ ވަރުގަދަ މުސްތަބިއްދު ވެރިކަމުގައި ސަރުކާރުގެ ހުރިހާ ގާނޫނީ ބާރުތަކެއް ބޭކާރު ކޮށްލެވިފައި އޮތީއެވެ. ރައްޔިތުންގެ މަޖްލިހުގައި އެއްވެސް ޝަކުވާއެއް، ރައްޔަތުންގެ ދަތިތަކުގެ ވާހަކައެއް ހުށަހެޅޭނެ ފުރުސަތެއް ނެތީއެވެ. ވީމާ ޣައިރު ގާނޫނީ ސިފައަކަށް ކަންތައް ވެގެން ދިޔައީއެވެ.
އާދެ، މިހިސާބުން މައްސަލަ ނިމުނީ ކަމަށްވެސް ހީކުރެވިދާނެއެވެ. އެހެންކަމަށް ވެއްޖެނަމަ، ވެރިކަމުގެ ކޮންމެ ދައުރެއްގައިވެސް އަޅުގަނޑުމެންނަށް ކުރެވެންއޮތް ކަމަކަށް ވެގެންދަނީ، އަދި އަޅުގަނޑުމެންނަށް އެނގޭ ގައުމީ ހިދުމަތަކަށްވެސް ވާނީ، "ލީޑަރު ތަސްބީހަ" ކިޔުމާއި "މަހާނަ މައްޗަށް މަޑިއަށް ޖެހުމެވެ". އަދި ގައުމުގެ ސިޔާސީ މަސްރަހުގައި ކުޅެވެމުންދާނީ އެކްޓަރުން ބަދަލުވެފައިވާ އެއް ޑުރާމާ އެކެވެ. މިހަގީގަތް ހޯދާލުމަށް އަޅުގަނޑުމެންގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ދައުރުގެ ފެށުމާއި ނިމުމުގެ މައްޗަށް އެހެން ފުރުސަތެއްގައި ވިސްނާލެވޭތޯ ބަލާލާން ގަސްދުކުރަމެވެ.
