Support Us

ރަމަޟާނީ ދަސްވެނިޔާ

ސަރާސަރު މި ކައުނަށް ބަލާއިރު ފެންނަނީ ﷲގެ ކުޅަދުންވަންތަކަމާއި ޚަލްޤު ކުރެއްވުމުގެ ފުރިހަމަކަމާއި ބަރާބަރު ކަމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَتَرَى الْجِبَالَ تَحْسَبُهَا جَامِدَةً وَهِيَ تَمُرُّ مَرَّ السَّحَابِ صُنْعَ اللَّهِ الَّذِي أَتْقَنَ كُلَّ شَيْءٍ إِنَّهُ خَبِيرٌ بِمَا تَفْعَلُونَ[1]– އަދި ފަރުބަދަތައް ތިބާ ދެކެމުއެވެ. އެ ތަކެތި ވިލާތައް ހިނގައިދާގޮތަށް ހިނގައިދާ حال، ތިބާ ހީކުރަނީ، އެ ތަކެތި ހަރުލައި ހުރިކަމަށެވެ. (އެއީ) اللَّه ގެ ހެއްދެވުމެވެ. އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.)) ކުރާ ކޮންމެ ކަމެއް ފުރިހަމަކޮށް ކުރުމަށް ކީރިތި ރަސޫލާ ﷺ ވަނީ މުސްލިމުންނަށް ގޮވައިލައްވައިފައެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ((إنَّ اللهَ تعالى يحبُّ إذا عمِل أحدُكم عملًا أن يُتقِنَه[2]– ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަމެއް ކުރާއިރު އެކަމެއް ފުރިހަމަކޮށް ކުރުމަށް ﷲ ތަޢާލާ ހަމަކަށަވަރުން ލޯބިވެވޮޑިގެންވެއެވެ.))

އިސްލާމްދީނުގެ ނަޒަރުގައި ކަމެއް "އިތުޤާނުކޮށް- އެބަހީ ފުރިހަމަކޮށް" ކުރުމަކީ ޒަމާނީ އެންމެ ރަނގަޅު ވަސީލަތްތައް ބޭނުންކޮށްގެން އެކަމެއް ކުރަން އޮންނަ އެންމެ ރަނގަޅު ގޮތަށް އެކަމެއް ކުރުމެވެ. އެހެންކަމުން މުސްލިމު މީހާ ކަމެއް ކުރުމުގެ ކުރިން އެކަމެއް ކުރާނެ ގޮތް ދަސްކުރަން ޖެހޭނެއެވެ. މި ކަމުގައި ޢިބާދާތުތަކާއި އެހެނިހެން ކަންތައްތައް ތަފާތެއްނެތެވެ. މިސާލަކަށް ނަމާދު ކުރާ މީހާއަށް ރަނގަޅަށް ވުޟޫ ކުރަން އެނގެންޖެހޭނެއެވެ. އޭނާ ނަމާދު ކުރަން ހުރީ ޤިބްލައަށް ކަން ކަށަވަރުވާން ޖެހޭނެއެވެ. ނަމާދުގެ ވާޖިބުތަކާއި ނަމާދު ޞައްޙަވުމުގެ ޝަރްޠުތަކާއި ސުންނަތްތައް އެނގެންޖެހޭނެއެވެ. މިހެންވެ ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((صَلُّوا كما رأيتُموني أُصلِّي[3]– ތިމަންކަލޭގެފާނު ނަމާދު ކުރައްވަނިކޮށް ތިޔަބައިމީހުންނަށް ފެނުނު ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ!))

އެއް ދުވަހަކު ކީރިތި ރަސޫލާ ﷺ އަށް މީހަކު ނަމާދު ކުރިތަން ފެނިވަޑައިގެން ވިދާޅުވިއެވެ. ތިބާ އަދި ނަމާދެއް ނުކުރެއެވެ. ތިބާ ނަމާދު އަލުން ކުރާށެވެ! އޭނާ ތިން ފަހަރު ނުބައިކޮށް ނަމާދު ކުރުމުން ކީރިތި ރަސޫލާ ﷺ އޭނާއަށް ނަމާދު ކުރާނެގޮތް ދަސްކޮށް ދެއްވިއެވެ. އެހެނިހެން އަޅުކަންތަކުގައި ވެސް އޮތީ ހަމަ މި ގޮތެވެ. ރަނގަޅަށް ނުކުރެވިއްޖެނަމަ ސަވާބެއް ނެތެވެ. ޙައްޖާ ބެހޭގޮތުން ޙަދީސް ކުރެއްވިއެވެ. ((الحجُّ المبرورُ ليسَ له جزاءٌ إلا الجنةَ [4]– މަބްރޫރު ޙައްޖަށް ސުވަރުގެނޫން އެހެން ޖަޒާއެއް ނެތެވެ.)) މަބްރޫރު ޙައްޖަކަށް ވާނީ ޙަލާލު މުދަލުން ޙައްޖުވެގެންނެވެ. އޭގެ ކުރިން އެހެން މީހުންގެ ޙައްޤުތައް އަދާކޮށްގެންނެވެ. ކުށްފާފަތަކުން ތައުބާވެ ޙައްޖުގެ ހުރިހާ މަނާސިކުތަކެއް ރަނގަޅަށް އަދާކޮށްގެންނެވެ. ޚާއްޞަ ސިފައަކީ ހުރިހާ ކަމެއް ފުރިހަމަކޮށް ރަނގަޅަށް ކުރުމެވެ.

ބަސް ރަނގަޅު ކުރުމަކީ ވެސް ރަނގަޅަށް ކުރަން ޖެހިފައިވާ ކަމެކެވެ. އެއީ އީމާންކަމުގެ މޭވާއެކެވެ. މީސްތަކުންނާ މުޚާޠަބު ކުރުމުގައި ރިވެތި ބަސް ބޭނުންކުރުމަކީ މުސްލިމުންގެ ޝިޢާރެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَقُل لِّعِبَادِى يَقُولُوا۟ ٱلَّتِى هِىَ أَحْسَنُ[5] – އެންމެ ރިވެތި ހެޔޮބަސްތަކުން ވާހަކަދައްކައި އުޅުމަށް، ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ!)) ސަލާން ގޮވައިލުމުގައި ވެސް އޮތީ ފުރިހަމަކޮށް ކުރުމެވެ. މީހަކު ގޮވައިލާ ސަލާމަށް ރައްދު ދޭއިރު އެއަށްވުރެ ފުރިހަމަކޮށް ރައްދު ދިނުމަށް އޮތީ އަންގަވައިފައެވެ. މަތް ﷲ ވަޙީ ކުރެއްވިއެވެ. ((وَإِذَا حُيِّيتُمْ بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا إِنَّ اللَّهَ كَانَ عَلَى كُلِّ شَيْءٍ حَسِيباً[6]– ތިޔަބައިމީހުންނަށް سلام އަކުން سلام ކޮށްފިނަމަ، އެއަށްވުރެ ރިވެތި سلام އަކުން ތިޔަބައިމީހުން سلام ކުރާށެވެ! ނުވަތަ އެ سلام ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ حساب ބައްލަވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.)

އިސްލާމީ މަފްހޫމުގައި ކުރާ ކަމެއް ފުރިހަމަކޮށް ކުރުމަކީ ހަމައެކަނި ސުލޫކީ އަމާޒެއްނޫނެވެ. އަދި ކިއެއްތޯއެވެ! އެއީ ޙަޟާރީ ޡާހިރާއެކެވެ. އެކަމުގެ ސަބަބުން ތަރައްޤީއަށް މަގުފަހިވެ ޙަޟާރަތްތައް ޤާއިމުވެ، ކައުނު އާރާސްތުވެ، ޙަޔާތް މުއްސަނދިވެގެން ދާނެތީއެވެ. ބުނެވޭގޮތުގައި ޢިމާރާތްކުރުމުގެ މަސައްކަތްކުރާ މަޝްހޫރު މަރްކަޒެއްގައި މަސައްކަތްކުރި ވަރަށް މޮޅު މޭސްތިރިއަކު އުޅުނެވެ. އޭނާއަކީ ވަރަށް ރަނގަޅަށް ވަރަށް ފުރިހަމަކޮށް މަސައްކަތް ކުރާ އިންޖިނޭރެކެވެ. އޭނާ ޢުމުރުން ދުވަސްވެ މުސްކުޅިވުމުން ރިޓަޔަރކޮށް ޢުމުރުގެ ބާކީ ދުވަސްތަކުގައި ޢާއިލާއާއެކު ގޭގައި މަޑުކޮށްލުމަށް ޢަޒްމު ކަނޑައަޅައި ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ސިޓީ ލިއެވެ. އެ މުއައްސަސާގެ ވެރިޔާ އޭނާ ވަޒީފާގައި ބެހެއްޓޭތޯ ވަރަށް މަސައްކަތްކުރިއެވެ. މުސާރަ ބޮޑުކޮށް އެލަވަންސް ވެސް އިތުރުކޮށްދޭނެ ކަމަށް ބުނެ އޭނާ ވަޒީފާގައި ދެމެހެއްޓޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އޭނާގެ ޚިޔާލު ބަދަލު ނުކުރުމުން ތަނުގެ ވެރިޔާ ބުންޏެވެ. ވަކިވުމުގެ ކުރިން މަށަށް އެއް ކަމެއް އެބަކޮށްދެން ޖެހެއެވެ. އެއީ އޭނާ ކޮށްދޭ އެންމެފަހު މަސައްކަތްކަމުގައި ހެދުމަށް ވެސް ބުންޏެވެ. ވެރިމީހާ އެކަމަށް ވަރަށް ބޮޑަށް އެދުމުން އޭނާ އެކަން ކޮށްދިނުމަށް ޤަބޫލުވެ އެ މަސައްކަތް ފެށިއެވެ. މި ކުޑަ މަސައްކަތް ވާނީ އޭނާގެ ދިގު ހަޔާތުގައި ބިނާކުރި ޢިމާރަތްތަކުގެ ރެކޯޑްގައި ވަރަށް ކުޑަ ޢަމަލަކަށެވެ. އެހެންކަމުން އޭނާ މި މަސައްކަތް ވަރަށް އަވަހަށް ކޮށް ނިންމައިލުމަށް ގަސްތުކުރިއެވެ. މަސައްކަތުގައި ފަރުވާ ނުބަހައްޓާ ފެންވަރު ދެރަ މާއްދާތައް މިކަމުގައި ބޭނުން ކުރިއެވެ. މި އަމަލުގެ ސަބަބުން އޭނާގެ ރީތި މާޒީ ހުތުރުވެގެން ހިނގައިދާނެކަމާމެދު އޭނާއެއް ނުވިސްނައެވެ. އަވަސްއަވަހަށް ކަމަކަށް ކަމެއްކުރާ ގޮތަށް މި ގެ ޢިމާރަތްކުރުމަށްފަހު ތަޅުދަނޑި ހިފައިގެންގޮސް ވެރިމީހާއާ ތަޅުދަނޑި ޙަވާލު ކުރިއެވެ. އެ ވަގުތު ވެރިމީހާ ހިނިތުންވެފައި ތަޅުދަނޑީގައި ހިފައިފައި ބުންޏެވެ. މިއީ ކަލޭގެ އިޚްލާޞްތެރިކަމަށާއި ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ކަލެއަށް މަ ދޭ ހަދިޔާއެކެވެ. އެހިނދު މި މޭސްތިރިޔާ ވަރަށް ދެރަވިއެވެ. އޭނާގެ މި މަސައްކަތުގައި ފަރުވާ ކުޑަކޮށްލެވިފައިވާތީއެވެ. މި ގެ އޭނާއަށް ދޭނެކަން އެނގުނުނަމަ އޭނާ އެ ގެ ވަރަށް މޮޅަށް ބިނާކުރީސްކަން ކަށަވަރެވެ.

މިއީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ވިސްނަންޖެހޭނެ ކަމެކެވެ. މަރު އައިސް ބައްދަލު ކުރާނީ ކޮންއިރަކު ކަމެއް ނޭނގޭނެއެވެ. ވީމާ ކުރާ ކޮންމެ ކަމެއް ވެސް ރަނގަޅަށް ކުރެވޭތޯ ބަލަންވާނެއެވެ. ﷲ ތިބާގެ ޢަމަލުތައް ބައްލަވައި ވޮޑިގެންވާނެތެވެ. އާޚިރަތް އޮންނާނީ މިއަދު ތިބާ ބިނާކުރި ގޮތަކަށެވެ. ވީމާ ތިބާގެ ޢިމާރަތް ރީތި ކުރަން، އެ ތަނުގެ ފޭރާން ހެޔޮކުރަން މަސައްކަތް ކުރާށެވެ!

 

[1]  – (النمل : 88

[2]  – أخرجه البزار كما في «مجمع الزوائد» للهيثمي (٢/٦٢)، وأبو يعلى (٤٣٨٧)، والعقيلي في «الضعفاء الكبير» (٤/١٩٦)، وابن عدي في «الكامل في الضعفاء» (٦/٣٦١)

[3]  – أخرجه البخاري (٦٣١) واللفظ له، ومسلم (٦٧٤)

[4]  – أخرجه أحمد (١٤٥٢٢ ) ،والطبراني في «المعجم الأوسط» (٨٤٠٥ )

[5]  – الإسراء : 53

[6]  –  النساء : 86

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *