Support Us

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ނިޝާމާ ސެލްފީއެއް ނަންނަގަވަނީ 

މުސާރަ ދީފައި ގޭގައި ބައިތިއްބާތާ 8 މަސް ފަހުން ނިޝާމާ އާއި ޝިޔާމާ ވަކިކޮށްފި

ގޭގައި ތިއްބެވި އަށް މަހަށް، ކޮންމެ ބޭފުޅަކަށް 280،000ރ.

ކޮވިޑް19 އާ ގުޅިގެން ހެލްތު މިނިސްޓްރީއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން މައްސަލަތަކާ ގުޅިގެން ސަސްޕެންޑްކޮށްފައި އަށް މަސް ވަންދެން މުސާރަ ދީފައި ގޭގައި ބޭއްތިއްބުމަށްފަހު، މިނިސްޓަރ އޮފް ހެލްތުގެ ދެ ނައިބުން ކަމަށްވާ ގއ. ދާންދޫ ހަނދުވަރީވާދީ، ނިޝާމާ މުޙައްމަދާއި ސ. ފޭދޫ ޕިންކްހައުސް، ޝިޔާމާ މުޙައްމަދު މިއަދު އެ މަޤާމުތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަކިކުރައްވަފިއެވެ.

ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރުގެ ނައިބުގެ ގޮނޑި ފުރުއްވި ނިޝާމާ އަކީ ވެންޓިލޭޓަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލްތައް ދިރާސާކުރި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާއެވެ. އަދި ޝިޔާމާ ގޮނޑި ފުރުއްވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ. އޮފީހަށް ނުނުކުމެ މުސާރަ ލިބޭ ގޮތަށް ނިޝާމާ އާއި ޝިޔާމާ ރައީސް އޮފީހުން ސަސްޕެންޑްކުރީ 2020 އޯގަސްޓް 17 ގައެވެ.

ނިޝާމާ އާއި ޝިޔާމާ މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 35،500 ރުފިޔާ ލިބުނެއެވެ. އެއީ 20،500 ރުފިޔާގެ މުސާރަ އަދި 15،000ގެ އެލަވަންސެކެވެ. އެހެންކަމުން ގޭގައި ތިއްބެވި އަށް މަހަށް، ކޮންމެ ބޭފުޅަކަށް 280،000ރ. ސަރުކާރުން ވަނީ ޖަމާކޮށްދީފައެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި ކޮރަޕްޝަންގެ ތުހުމަތުކުރެވި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށްފަހު 12 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ދެ ފަހަރެއްގެ މަތިން ފޮނުވިއެވެ. އޭގެ ތެރޭގައި ނިޝާމާ އާއި ޝިޔާމާގެ އިތުރުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ހިމެނެއެވެ. ނަމަވެސް މައްސަލަ ސާބިތުކުރެވޭ ވަރަށް އުންސުރު ނެތް ކަމަށް ބުނެ ދެ ފަހަރަށް ވެސް މައްސަލަ އަނބުރާ ފޮނުވާލީއެވެ.

ރާއްޖޭގެ ހުންނަ ޑަބްލިއުއެޗްއޯގެ އޮފީހުގެ ލަފާގެ މަތިން ކަމަށް ބުނެ، ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްގެން މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. އަދި މި 75 ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސްއަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ދީފައެވެ. ނަމަވެސް މިހާތަނަށް ވެސް ހުރިހާ ވެންޓިލޭޓަރެއް ރާއްޖެ އަށް ލިބިފައިނުވާތީ ސަރުކާރުން މިހާރު ވަނީ އެގްރީމަންޓް ބާތިލްކޮށްފައެވެ. އަދިއެ ފައިސާ އަނބުރާ ހޯދުމަށް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަންވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް