ހަލުވިކަމާއެކު ކޮވިޑު ފެތުރެމުންދިއުން ހުއްޓުވުމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި، ރޭގަނޑު 12 އިން ފަތިހު 4 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ. އަންނަ އަންގާރަ ދުވަހުގެ ރެއިން ފެށިގެން ގެންނަ މި ބަދަލުގެ ސަބަބުން، ރޯދަ މަހުގެ ފަހު ދިހައިގައި ސައިކަލާއި ކާރުގައި ދަމުނަމާދަށް މިސްކިތްތަކަށް ދިއުން ވަނީ މަނާވެފައެވެ.
ރޯދަ މަހުގެ ފަހުދިހައިގެ ރޭތައް ފެށުމާއެކު މާލޭގައި 14، ހުޅުމާލޭގައި ތިނެއް އަދި ވިލިމާލޭގައި އެއް މިސްކިތުގައި ރޭ ވަނީ ދަމުނަމާދުކުރަން ފަށައިފައެވެ. އާއިލާއާއެކު ސައިކަލްތަކުގައި ވަރަށް ގިނަ ބަޔަކު ހުޅުމާލެ އާއި މާލޭގެ މިސްކިތްތަކަށް ދަމުނަމާދަށް ރޭ ވެސް ދިޔައެވެ.
ދަމުނަމާދު ކުރަނީ ދަންވަރު 2 އިން ފެށިގެން 3:30 އަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ސިއްހީ ލަފާ ދޭ ކޮމިޓީގެ މެމްބަރުންނާއެކު މިއަދު ބޭއްވެވި މަޝްވަރާތަކަށްފަހު، ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު ވިދާޅުވީ މޭ 5 ވާ ބުދަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް، ރޭގަނޑު 12 އިން ފަތިހު 4 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުމަކީ މަނާކަމެއް ކަމަށެވެ. އަދި ވެކްސިން ދެ ޑޯޒް ޖަހައިގެން، ކަރަންޓީނުވުމެއް ނެތި ރަށްރަށަށް ދެވޭގޮތަށް ހަމަޖެއްސި ހަމަޖެއްސުން ކެންސަލްކޮށް، މާލެއިން ރަށްރަށަށް ދާ އެންމެން ވެސް 10 ދުވަހު ކަރަންޓީނުވާ ގޮތަށް ވެސް ވަނީ ބަދަލުކޮށްފައެވެ. އަދި 10 ދުވަހަށް، ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތްތައް ކުރާ ގޮތަށާއި، ސްކޫލްތައް ވެސް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
މީގެ އިތުރުން ކޮވިޑު ފެތުރެމުންދިއުން ހުއްޓުވުމަށްޓަކައި ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކުގެ ތަފްސީލް ހިމެނޭ ގަރާރެއް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ވަނީ ނެރުއްވައިފައެވެ.
"…ބުނެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި، (ޅ) އާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، 2021 މޭ 5 ވަނަ ދުވަހުން ފެށިގެން، 2021 މޭ 15 ވަނަ ދުވަހުގެ ނިޔަލަށް، އަންނަނިވި ފިޔަވަޅުތައް އެޅުމަށް އަހުރެން އަންގަމެވެ.
- މާލެ ޞަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގެ ޕާކުތަކާއި، މައިޒާންތަކާއި، ކުޅިވަރުކުޅޭ ތަންތަނާއި، ދުވާ ޓްރެކުތަކާއި، ސްވިމިންގ ޓްރެކްތައް ބަންދުކުރުން.
- މާލެ ޞަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގައި ކުޅިވަރުކުޅުމާއި، ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުން.
- މާލެ ޞަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަ) ގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުން.
- ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން (މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން)
- ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ޞިނާޢީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުމާއި، އެ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން (ޞިނާޢީ މަސައްކަތްތައް ކުރާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން)
- އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާރކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ފުރިހަމަކޮށް، ޕީ.ސީ.އާރު ޓެސްޓް ހެދުން.
- ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް މެދުކަނޑައިލުން.
މަތީގައި 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުން، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް އިސްތިސްނާވާނެ ކަމަށް ވެސް އެ ގަރާރުގައި ވެއެވެ. އެއީ؛
1. ސިފައިންނާއި ފުލުހުން.
2. ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
3. އެމްބިއުލަންސް.
4. ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް
5. އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދާންޖެހޭ ފަރާތްތައް.
"މަތީގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގެ އިތުރުން، އަހުރެން ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އަހުރެން އަންގާ ގޮތެއްގެ މަތީން ޢަމަލު ކުރެވޭނެއެވެ. އަދި އިސްވެ ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންނެވެ،" މައިމޫނާގެ ގަރާރުގައިވެއެވެ.



advertisment