Support Us

ހަނދު ދެފަޅިކުރެއްވުން- ކޮންފަދަ ބޮޑު މުއުޖިޒާތެއް؟

ކީރިތި ރަސޫލާ ﷺ މައްކާގެ މުޝްރިކުންނަށް ދީނަށް ގޮވައިލައްވަން ފެއްޓެވުމުން އެބައިމީހުން އެކަލޭގެފާނު ދޮގުކުރިއެވެ. އަދި އެކަލޭގެފާނަކީ ރަސޫލަކު ކަމުގައިވާނަމަ އެބައިމީހުންނަށް މުޢުޖިޒާތެއް ދެއްކެވުމަށް އެދުނެވެ.

އެގޮތުން ސާދަ ވިލޭރެއަކު މުޝްރިކުން އެއްވެތިބެ ދެންނެވިއެވެ. އެހެރަ ފެންނަ ހަނދު ކަލޭގެފާނު ދެފަޅި ހަމައަށް އިރުއްވާށެވެ. އޭރުން ކަލޭގެފާނަށް ތިމަންމެން އީމާންވެދާހުށީމެވެ. ދެންފަހެ މާތްނަބިއްޔާ ކީރިތި ރަސޫލާ ﷺ ހަނދަށް އިޝާރާތެއް ކުރެއްވިއެވެ. އެ ހިނދު މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅުން ހަނދު ހަމަޔަށް ދެފަޅިވެއްޖެއެވެ. އަދި އެއްފަޅި އަބޫޤުބައިސް ފަރުބަދަޔާ ދިމާއަށް، އަނެއްފަޅި ޤައެޤަޢާންމު ފަރުބަދައާ ދިމާއަށް ހިނގައްޖެއެވެ.

މިކަމާ މިބައިމީހުން ބިރުން ހަޅޭލައިގެން ދުއްވައިގަތެވެ. އަދި ދެންނެވިއެވެ. އަވަހަށް އިހު ހުރި ގޮތަށް ހައްދަވައިދެއްވާށެވެ. ދެންފަހެ މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅުން އިހު ހުރި ފަދައިން ހަނދު ރުޖޫޢަވެއްޖެއެވެ.

ނަމަވެސް ދުވާލުގެ އިރު ފަދައިން މިބައިމީހުންގެ ލޯމައްޗަށް މިމަތިވެރި މުއުޖިޒާތް ފެނުމުންވެސް މިބައިމީހުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމަށް ފާޅުގައި ދެކޮޅުހެދިއެވެ. މިބައިމީހުންގެ ހަސަބާއި ނަސަބަށްޓަކައި ދުނިޔެއަށް ހެއްލި ދިޔައީ މިފަދަ މަތިވެރި މުއުޖިޒާތްތައް ލޮލުން ދެކެ އަތުން ހިފައިފައެވެ.

ހަނދު ދެފަޅިކުރެއްވުމުންވެސް އީމާންވީ ބަޔަކު މީހުންނެވެ. އެމީހުން ކުރެ ގަދަފަދަ މީހުން ބުނެފައިވަނީ ތިޔައީވެސް ސިހުރެކެވެ. އަނެއް ބަޔަކު ބުންޏެވެ. ސިހުރެއް ވިއްޔަކާ މިތާނގައި ތިބި މީހުންގެ ލޮލަށް ނޫނީ އެކަމެއް ނުފެންނާނެއެވެ. ދެން މި މުޝްރިކުން ދުރު ރަށްރަށުން އައި މީހުންކުރެން އެހުމުން އެމީހުންނަށްވެސް މިކަން ފެނުނުކަން ސާބިތުވިއެވެ. ނަމަވެސް އީމާންވީ ބަޔަކު މީހުންނެވެ. އަބޫޖަހުލު ފަދަ މީހުން ބުންޏެވެ. "ތިޔައީ ދެމިގެންވާ ސިހުރެކެވެ. ކިތަންމެ ދުރަކަށްވެސް ފެނިދާނެއެވެ."

ހަނދު ދެފަޅިވި ހާދިސާ ބަޔާންކުރައްވައި މާތްﷲ ކީރިތި ޤުރުޢާނުގެ ޤަމަރު ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ.

ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ (54:1) وَإِن يَرَوْا ءَايَةً يُعْرِضُوا وَيَقُولُوا سِحْرٌ مُّسْتَمِرٌّ (54:2) "ޤިޔާމަތްވުމުގެ ވަގުތު ކައިރިވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ. އަދި އެއުރެންނަށް ހެތްކެއް ފެންނަނީނަމަ، އެއުރެން ފުރަގަސްދެއެވެ. އަދި ބުނެއެވެ. މިއީ ދެމިހުންނަނިވި ޖާދޫއެކެވެ."

ކޮންމެއަކަސް މިއަދުގެ ކުރިއަރާފައިވާ ސައިންސުގެ އަލީގައި މިއަޖާއިބުން ފުރިގެންވާ މުއުޖިޒާތުގެ ތެދުކަން ވަނީ ކަށަވަރުވެފައެވެ. ނާސާގެ ސައިންސުވެރިން ޖައްވުގެ ތަހުލީލު ކުރުމަށްޓަކައި ފޮނުވި އެޕޯލޯ 10 ނަމަކަށް ކިޔާ އުޅަނދުން ނަގާފައިވާ ފޮޓޯތަކުން ހާމަވާ ގޮތުގައި ހަނދުގައި 300 ކިލޯމީޓަރަށްވުރެވެސް ދިގު ރެނދެއް ފެންނަން އެބަހުއްޓެވެ. މިއީ ހަނދު މީގެ ކުރިން ދެފަޅިވެފައިވާ ކަމުގެ ނިޝާނެކެވެ.

މިފަދަ ކޮންމެ ކަމަކުން އަޅުގަނޑުމެންނަށް ހާމަވެގެން ދަނީ ﷲ އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެކަމެވެ. އަދި މުއުޖިޒާތެއްގެ ގޮތުގައި ބާވައިލެއްވި ކީރިތި ޤުރުޢާނުގެ މަތިވެރިކަމެވެ. އެއީ ހައްޤު ބަސްފުޅުކަމެވެ.

ނޯޓް: ހަނދު ދެފަޅިވި ވާހަކައަކީ ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާހުއްދީން ލިޔުއްވި ކީރިތި ރަސޫލާގެ ސިޔަރަތުގައި ގެނެސްދެއްވާފައިވާ ވާހަކައެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *