ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި، 465 މީހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ، ބަލިފެތުރުމުގެ ނުރައްކާ ބޮޑުވެއްޖެއެވެ. މިއަދު މިއީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވުމުގެ އާ ރެކޯޑެވެ. މި މަހު 28 ވަނަ ދުވަހު ވެސް ވަނީ 464 މީހުން ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި 465 މީހުންގެ ތެރެއިން 193 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 242 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ރިސޯޓުތަކުގައި 25 މީހުން އެބަތިއްބެވެ.
މިއަދުގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 29،835 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 24،775 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 4،978 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 146 މީހަކަށް ފަރުވާދެމުން އަންނައިރު 73 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.
މުޅި ރާއްޖޭގައި މިހާ ހަލުވިކޮށް ކޮވިޑް ފެތރެމުންދިޔަ ނަމަވެސް، ލޯކަލް އިންތިހާބުގެ ކެމްޕެއިނަށް ލުއިތައް ދިން ފަހުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާއެއް ނުކުރެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަތޮޅުތެރޭގެ 67 ރަށެއްގައި ޖުމްލަ 1،575 ޕޮޒިޓިވް ކޭސް މިއަދު އެބަތިއްބެވެ. ޕޮޒިޓިވް އެންމެ ގިނަ މީހުން ތިބީ 201 މީހުން ތިބި ޅ. ނައިފަރުގައެވެ. ދެން 200 މީހުން ތިބި ކ. މާފުށީގައެވެ. ދެން 176 މީހުން ތިބި އއ. މަތިވެރީގައެވެ.



advertisment