Support Us

އެންމެ ނަމާދެއްވެސް ނުކުރައްވައި ސުވަރުގެ ހާސިލްކުރެއްވި ޝަހީދު

އަމްރު ބުން ޝާބިތު ރަޟިޔައްﷲ އަންހު އަކީ މަދީނާގެ އަހުލުވެރިއެކެވެ. ލަޤަބުފުޅަކީ އުސައިރިމްއެވެ. އެކަލޭގެފާނަކީ އުހުދު ހަނގުރާމައިގައި ޝަހީދުވި ބޭކަލެކެވެ. ނަމަވެސް އުހުދު ހަގުރާމައާ ޖެހެންދެންވެސް އިސްލާމްދީން ޤަބޫލުނުކޮށް ހުންނެވި ބޭކަލެކެވެ.

އެކަލޭގެފާނުގެ ޤަބީލާގެ ހުރިހާ އެންމެން އިސްލާމްދީން ޤަބޫލުކުރެއްވި އިރުވެސް ހުންނެވީ ކާފިރުކަންމަތީގައެވެ. ގޭގެ އަހުލުވެރިންވެސް އިސާމްދީންނަށް ވަނުމަށް މަނާކުރައްވައިގެނެވެ. މަދީނާގެ އަހުލުވެރިން ބައިބަޔަށް އިސްލާމްދީނަށް ވަންނަމުންދިޔައިރުވެސް އެކަލޭގެފާނު ހިމެނެނީ އިސްލާމްދީނާ ދެކޮޅުވެރި މަދުމީސްތަކުންގެ ތެރޭގައެވެ.

ފަހެ އެކަލޭގެފާނު އެގޮތުގެ މަތީގައި ހުންނަވަނިކޮށް ބަދުރު ހަނގުރާމަ ނިމި އުހުދު ހަނގުރާމަޔާ ލައިގަތެވެ. އޭރު ބަދުރު ހަނގުރާމައިގައި މުޝްރިކުނަށް ލިބުނު ނާކާމިޔާބާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ވަރަށް ބޮޑު ލަޝްކަރެއް ތައްޔާރުކޮށްގެން އެބައިމީހުން މަދީނާއަށް ހަނގުރާމައަށް އަންނަ ޚަބަރު އޮތީ ފެތުރިފައެވެ. އެހެންކަމުން މާތް ނަބިއްޔާގެ މަތިވެރި އިރުޝާދުފުޅުގެ މަތިން މުސްލިމް މުޖާހިދުންތައް ގެންދެވީ އުހުދު ހަނގުރާމައަށް ތައްޔާރުވަމުންނެވެ. އޭރު އަމްރު ބުން ޝާބިތު ހުންނެވީ މަދީނާއިން ބޭރުގައެވެ. ނަމަވެސް އުހުދު ހަނގުރާމައިގެ ދުވަހު އެކަލޭގެފާނު މަދީނާއަށް އަރާވަޑައިގެން މާތްނަބިއްޔާގެ ޚަބަރުތައް އައްސަވައި އޮޅުންފިލުއްވިއެވެ.

އެކަލޭގެފާނަށް ޚަބަރު ލިބިވަޑައިގެންނެވި ގޮތުގައި އޭރު ކީރިތި ރަސޫލާ ﷺ ހުންނެވީ މުސްލިމް މުޖާހިދުންނާ އެކު އުހުދުގެ މައިދާނަށް ނިކުމެވަޑައިގަނެއެވެ. އެހެންކަމުން މުސްލިމުންގެ އަގީދާގެ ވަރުގަދަކަމާއި އިސްލާމްދީނަށްޓަކައި ފިދާވާނަ ތައްޔާރަށް ތިއްބެވި މިންވަރު ހިތްޕުޅަށް އަރާވަޑައިގެން ފިކުރުކުރައްވަން ހުންނަވަނިކޮށް އިސްލާމް ދީނުގެ މަތިވެރި ނޫރު އެކަލޭގެފާނުގެ ހިތްޕުޅުގައި އަލާވެގެން ދިޔައެވެ. ޢަދި އެކަލޭގެފާނުގެ ގޭގެ އަހުލުވެރިންނަށް މުޚާތަބުކޮށް ވިދާޅުވިއެވެ. "އަހުރެން މިދަނީ އިސްލާމްވެގެން އިސްލާމްދީނަށް ނަސްރު ދިނުމަށެވެ. ތިޔަބައިމީހުންވެސް އިސްލާމްވާށެވެ." އަދި ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އިސްލާމަވެގެން އަސްމައްޗަށް ސަވާރުވެވަޑައިގެން އުހުދުގެ މައިދާނަށް ވަޑައިގަތުމަށް ނިކުމެވަޑައިގަތެވެ. ހަނގުރާމަަޔަށް ފުރިހަމަޔަށް ތައްޔާރުވެ ހަތިޔާރު އަޅުއްވައި ކަނޑިކޮޅު ހިއްޕަވައިގެނެވެ.

އެކަލޭގެފާނަށް އުހުދުގެ މައިދާނަށް ވާސިލުވެވުނު އިރު އިސްލާމްދީނުގެ މަތިވެރި މުޖާހިދުންތައް ހަނގުރާމަޔަށް ސަފުތައް ތަރުތީބުކުރައްވަނީއެވެ. އެހެންކަމުން ލަސްނުކުރައްވައި އަސްވާރުންގެ ސަފުތަކާއި ގުޅިވަޑައިގެން ވަރުގަދަޔަށް ހަނގުރާމަކުރައްވައި ޝަހީދުވެވަޑައިގަތެވެ.

ދެންފަހެ ހަނގުރާމައިގެ ހަމަލާތައް ބަދަލުކޮށް ނިމުމުން މުސްލިމުން މައިދާނަށް ނިކުމެވަޑައިގެން ގަތުލުވެފައިވާ ބޭކަލުންގެ ހާލުކޮޅު ބައްލަވަމުން ގެންދަވަނިކޮށް އަމްރު ބުން ޝާބިތުގެ ގާތްތިމާގެ ބޭކަލުންނަށް އެކަލޭގެފާނު ވަރަށް ބޮޑަށް ޒަޚްމްވެފައި ވަނިކޮށް ފެނިވަޑައިގަތެވެ. އޭރު އަދި ފުރާނަފުޅު ހުއްޓެވެ. އެހެންކަމުން އެބޭކަލުންނަށް ލިބިވަޑައިގެންނެވި ޚައިރާންކަމާ އެކު އެކަލޭގެފާނު އަރިހުން އެއްސެވިއެވެ. "ކަލޭގެފާނު ހަނގުރާމަޔަށް ވަޑައިގަތީ ކަލޭގެފާނުގެ ޤައުމުގެ މީހުން ބޭރުބަޔަކާ ހަނގުރާމަކުރާތީވެ ގައުމަށް ނަސްރު ދިނުމަށް ހެއްޔެވެ؟ ނުވަތަ އިސްލާމްދީނަށް ނަސްރު ދިނުމަށް ހެއްޔެވެ؟" އެކަލޭގެފާނު ވިދާޅުވިއެވެ. "އަދި ކިޔެއް ހެއްޔެވެ؟ އަހުރެން މިއައީ މާތްﷲ އާއި އެކަލާނގެ ރަސޫލާ އަށް އީމާންވެގެން އަދި އެކަލާނގެ ދީނަށް ނަސްރު ދިނުމަށެވެ. أشهد أن لا إله إلا الله وأشهد أن محمدا رسول الله އެވެ. މާތް ނަބިއްޔާއަށް އަހުރެންގެ ވެދުން ސަލާމް ދަންނަވައި ދެއްވާށެވެ. މާތްﷲ ގެ ވަޢުދުފުޅުގެ ތެދުކަން އަހުރެންގެ ލޮލަށް މިހާރު އެބަފެނެއެވެ." މިހެން ވިދާޅުވެފައި އަވަހާރަވެއްޖެއެވެ.

އެހިނދު ސަހާބީންތައް މާތް ނަބިއްޔާ ކީރިތި ރަސޫލާ ﷺ އަށް މިކަމުގެ ޚަބަރުކުރެވުމުން ހަދީސްކުރެއްވިއެވެ. "އެކަލޭގެފާނު ވަނީ ޖަންނަތުގެ އަހުލުވެރިންގެ ތެރެއިންނެވެ. އެކަލޭގެފާނަށް ވަނީ މަދު އަމަލުތަކަކާ އެކު ގިނަގުނަ ސަވާބުލިބިގެންނެވެ." މިވާހަކަ ރިވާކުރައްވަމުން އަބޫ ހުރައިރަތުގެފާނު ވިދާޅުވެފައިވެއެވެ. "ތިޔަބައިމީހުން ދެކޭށެވެ. އެއްގޮތަކަށްވެސް ނަމާދުނުކޮށް ސުވަރުގެވަން ބޭކަލަކީ އެއީއެވެ."

ނޯޓް:- މިވާހަކައިން އަޅުގަނޑުމެންނަށް އެތައް ގިނަ ގުނު ޢިބުރަތްތަކެއް ލިއްބައިދެއެވެ. މާތްﷲ ގެ ދީލަތިވަންތަކާއި އޯގާވެރިވަންތަކަމެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ހިދާޔަތް ދެއްވާނެކަމެވެ. ތަޢުބާވުމުން އެމީހެއްގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސަވާނެކަމާއި ﷲގެ މަގުގައި ޖިހާދުކުރުމުގެ މަތިވެރިކަމެވެ. އަދި ތައުހީދުގެ ކަލިމައިގެ މަތިވެރިކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *