Support Us

ކޮލަމް މާޒީ: "ކުދިކުދި" އެހެންނަމަވެސް ބޮޑެތި ކަންތައްތަކެއް

އަޅުގަނޑުމެން ނަމާދުކޮށް، ރޯދަ ހިފައި، ޒަކާތްދީ، ޙައްޖުކޮށް، މާތް ﷲ އެންގެވި ގޮތަށް އުޅެ، ނަހީކުރެއްވި ކަންތައްތަކުން ދުރުވެވޭތޯ މަސައްކަތް ކުރަނީ މުސްލިމުންނަށް ވީތީ އެވެ. މުސްލިމުންނަކީ މާތް ﷲގެ ޙަޟުރަތުގައި ހަމައެކަނި ދީން ކަމުގައިވާ އިސްލާމް ދީނުގެ އަހުލުވެރީންނެވެ.

މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ދެމި ތިބެނީ، އަޅުގަނޑުމެން އީމާންވާ ކަންތައްތަކެއްގެ ސަބަބުންނެވެ. ﷲ ނޫނީ އެ ފަރާތަކަށް އަޅުކަންކުރުން ޙައްޤު ކަލަކު (ނުވަތަ އިލާހަކު) ނުވާކަމަށާއި ކައުއިތުރު ރަސޫލާ މުޙައްމަދު ﷺ އަކީ މާތް ﷲ މުޅި އިންސާނިއްޔަތަށް ރަޙުމަތެއް ކަމުގައި ފޮނުއްވި ރަސޫލާ ކަމަށް އިޤުރާރުވެ، އެ ކަމަށް ހެކިވާތީ އެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަމާއި ކަށަކުޅަދުންވަންތަކަން ހިތުގެ އަޑީން ޤަބޫލުކުރާތީ އެވެ. މަލާއިކަތުންނަކީ ﷲ ނޫރުން ހައްދަވައި އެކި މަސްއޫލިއްޔަތުތައް ޙަވާލުކުރައްވައިފައިވާ، އަދި އެއްވެސް ގޮތަކަށް ﷲގެ އަމުރުފުޅަކަށް އުރެދިވަޑައިނުގަންނަވާ "ބޭކަލުން"ކަމަށް އީމާންވާތީ އެވެ. މީސްތަކުންނަށް ދީނަށް ގޮވައިލައްވައި އިންސާނުންނަށް ތެދުމަގު ދެއްކެވުމަށް ޓަކައި ރަސޫލުންނާއި ނަބީން ފޮނުއްވި ކަމަށް އީމާންވާތީ އެވެ. އެކިއެކި ރަސޫލުންނަށް އެކި ފޮތް ބާވައިލައްވައިފައިވާކަން ޔަޤީންކުރާތީ އެވެ. މި ދުނިޔެއަކީ ވަގުތީ ގޮވައްޗެއް ކަމާއި މަރުވާނޭ ކަމާއި، މަރުވުމަށް ފަހު، ދުވަހަކު ފަނާވުމެއް ނެތް ގޮވައްޗަކަށް (ސުވަރުގެއަށް ނޫނީ ނަރަކަ އަށް) ކޮންމެ އިންސާނަކު ވެސް ދާންޖެހޭނެކަން ހިތުގެ އަޑިން ޤަބޫލުކުރާތީ އެވެ. އަދި ތިމާގެ އިޚުތިޔާރުން ބޭރުގައި ހިނގާ ކޮންމެ (ހެޔޮ ނުވަތަ ނުބައި) ކަމަކީ ﷲގެ މިންވަރުފުޅުން ހިނގާ ކަމެއްކަމަށް ޤަބޫލުކޮށް ކެތްތެރިވެ ޝުކުރުވެރިވާތީ އެވެ. އަދި ތިމާ ކުރާ ކޮންމެ ފާފައަކީ ތިމާ އަމިއްލައަށް ލިބިގަންނަ ޢަމަލެއް ކަމާއި ކޮންމެ ހެޔޮ ރަނގަޅުކަމަކީ ﷲގެ ރަޙުމަތުން ދެއްވާ ދެއްވުމެއް ކަމަށް ޤަބޫލުކުރާތީ އެވެ.

މި ގޮތުގެ މަތީން އަޅުގަނޑުމެން ދިރި އުޅެމުން ގެންދާއިރު، ﷲގެ ރުހިވޮޑިނުގަތުން ލިބިދާނެ އެއްވެސް ކަމެއް ކުރުމަކީ ހަމަ އެކަކު ވެސް އެދޭނެކަމެއް ކަމަކަށް ޤަބޫލެއް ނުކުރެވެ އެވެ. ބައެއް މީހުންގެ ފަރާތުން އެފަދަކަންކަން ހިނގަނީ، ނޭނގުމެއްގެ ތެރެއިންކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން ކަމަކާ ނުލައި އަޅުގަނޑުމެންގެ އިސްލާމްކަމަށް ބުރޫއަރާ ކަމެއް ވިޔަ ނުދިނުމަށް އެބަ ސަމާލުވާންޖެހެއެވެ.

ބައެއް ކަންކަމަކީ "ކުދިކުދި" ކަންތަކެވެ. ނަމަވެސް އެކަންކަމުގެ ނަތީޖާ ކުޑައެއް ނޫނެވެ. ދެތިން މިސާލެއް ދަންނަވައިލިޔަދެއްވާށެވެ! ﷲ ފަރުޟުކުރެއްވި ނަމާދު އަދާކުރުމަށް ފަހު މިސްކިތުން ފައިބައިގެން ދާއިރު ތިމާގެ ފައިވާނަށް އަރައިގެން އެހެން މީހުންގެ އަގުބޮޑެތި ބޫޓާއި ފައިވާންތަކުގެ މަތީގައި ހިނގައިލައިފައި ދެވޭތަން އެބަ އާދެއެވެ. ޚިޔާލެއްވެސް ނެތި އެވެ. ނަމަވެސް ވިސްނައިލާން ޖެހޭ ކަމަކީ ތިމާގެ އަގުބޮޑު ބޫޓެއްގެ މައްޗަށް އެހެން މީހަކު އޭނާގެ ފައިވާނާއެކު އަރައި ބޫޓަށް ގެއްލުން ލިބެން ތިމާ ރުހޭނެތޯ އެވެ؟ އެހެންވީ އިރު ތިމާގެ ނަފުސަށް ނޭދޭކަމެއް އެހެން މީހަކަށް ކުރުމަކީ ކޮންކަހަލަކަމެއްތޯ ވިސްނައިލާން އެބަޖެހެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ "ސަރވިސް ސެންޓަރު"ގައި ހުންނަ ފައިސާ ނަގާ މެޝިންތަކުގެ ދެ ފަރާތާއި ކައިރީގައި ކުނިއަޅާ ވަށި ބަހައްޓައިފައި ހުރެއެވެ. ހަމަ ހުރިތާ ހުރެފައި ކަރުދާސްކޮޅު ވައްޓައިލެވޭހާ ކައިރީގައެވެ. ނަމަވެސް ފައިސާ ނަގާ މެޝިނުން އަންނަ ކަރުދާސްކޮޅު ފައިބުޑަށް ވައްތައިލުމަކީ "ކަމެއް" ކަމަކަށް ނުވިސްނެއެވެ. އެއް ދުވަހަކު އަޅުގަނޑު ފަތިސް ނަމާދުން ފައިބައިގެން އައި އިރު، އެތާ ތަޅުމުގައި އޮތް ކުނި ކަރުދާސް ގިނަކަމުން އެ ތަނަށް ވަދެ ހުރިހާ ކަރުދާސްތައް އެއްކޮށް ވަށިގަނޑުތަކަށް އަޅައަޅައި އިނދައި ވަން މީހަކު އަނެއްކާ ވެސް ކަރުދާސްކޮޅު ވައްޓައިލީ ތަޅުންމައްޗަށެވެ. އަޅުގަނޑަކީ އެތާ ކުނިކަހާން އިންނަ މީހާ ކަމަށް ހީކުރީ ތޯއްޗެކެވެ. ނަމަވެސް މިއީ އަޅުގަނޑުމެން އެންމެން ވެސް ވިސްނާންޖެހޭ ކުދިކުދި ކަންކަމެވެ. މިއީ ސަރުކާރަކަށް ކޮށްދޭ ކަމެއް ނޫނެވެ. ކޮންމެ ސަރުކާރެއް އޮތަސް އަޅުގަނޑުމެންގެ މާހައުލު ސާފުތާހިރުކޮށް ބާއްވާން ހަމަ ކޮންމެ ފަރުދަކު ވެސް މަސައްކަތްކުރާންޖެހެއެވެ.

އެހެން މިސާލަކަށް ބަލައިލަމާތޯ އެވެ؟ އަޅުގަނޑުމެން ސައިކަލުގައި ތަނަކަށް ގޮސް ސައިކަލު ބަހައްޓާއިރު އެހެން މީހަކަށް ވެދާނެ އުނދަގުލަކަށް ވިސްނައެއް ނުލެވެއެވެ. ހަނި ގޯޅިއެއް ވިޔަސް އެ ގޯޅިން ކާރަކަށް ދެވޭނެތޯ ނުދެވޭނެތޯ ބަލައެއްނުލެވެއެވެ. އެންމެންނެއް ނޫނެވެ. ބައެއް މީހުންނެވެ. ކޮންމެ މީހަކަށް ވެސް ބެލެނީ އެ މީހަކު ވަންނާން ބޭނުންވާ ތަނެއްގެ ކުރިމަތީގައި ސައިކަލު ބަހައްޓައިލާށެވެ. ކުޑަ ތަންކޮޅެއް ދުރުގައި ނުވަތަ މަގުގެ އަނެއް ފަރާތުގައި ސައިކަލު ބަހައްޓާނެ ޖާގަ އޮތަސްވެހެވެ.

މީސް މީހުން ބޮޑު އަގުގައި ގަނެފައި ހުންނަ ސައިކަލުތައް އެއީ ސޯފާތަކެއް ކަމަށް ދެކޭ ބަޔަކު ވެސް އެބަ އުޅެއެވެ. މީހެއްގެ ސައިކަލުމަތީގައި ހަމަޖެހިލައިގެން އިންދައި އެ ސައިކަލުގެ ވެރިޔާ އައުމުން ފަރުވާ ކުޑަ ގޮތަކަށް ސައިކަލުން ފައިބައިގެން ގިނަ މީހުން ދަނީ އެންމެ ކުޑަމިނުން މާފަށް ވެސް އެދުމެއް ނެތިއެވެ. އެކަމަކު ތިމާގެ ފުށުން އެހެން މީހެއްގެ ސައިކަލުގެ ހަރަށާއި މަޑިއަށް ލިބިދާނެ ގެއްލުމަކީ އަޅުގަނޑުމެންނަށް ޚިޔާލު ވެސް ކުރެވޭ ކަމަށް ނުވެއެވެ. ނަމަވެސް މި ކަންކަމާމެދު ސަމާލުވާން އެބަޖެހެއެވެ. ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންގެ ރޯދަ ފުރިހަމަވުމުގައި މި ކަންކަމުގެ ޙިއްސާ ވަރަށް ބޮޑުކަން ހަނދާންކޮށްލާން އެބަޖެހެއެވެ.

أنس بن مالك رضي الله عنه ގެ އަރިހުން ވާރިދުވެފައިވާ ޙަދީޘެއްގައި ވެއެވެ. "لا يُؤمن أحدكم حتى يُحب لأخيه ما يُحِب لنفسه" (ތިމާގެ އަމިއްލަ ނަފުސަށް ލޯބިކުރާކަންތައް ތިމާގެ އަޚާއަށް އެދިއްޖައުމަށް ދާންދެން ތިޔަބައި މީހުން އީމާންވާކަމުގައެއް ނުވެއެވެ.)  (رواه البخاري ومسلم)

އަދި ތިމާ ކަމަކާ ހިތްހަމަ ނުޖެހޭ އިރަށް ނުވަތަ ތިމާ ހިތްހަމަނުޖެހޭ މީހަކާ ދިމާވުމުން، އެ މީހަކާ ދިމާއަށް މަލާމާތްކޮށް ހިތުހުރިހާ ހުތުރު ލަޤަބުތަކުން (ބައެއް ފަހަރު ނަމަވެސް) ގޮވޭ ­­­­­ތަން އެބަ އާދެއެވެ. އަދި މިފަދަ ލަޤަބުތަކުންނާއި ނުބައި ނަންނަމުން ގޮވެނީ އެއްވެސް ހައްޤެއް، ހަގީގަތެއް ވެސް އޮވެގެނެއް ނޫނެވެ. ހިތަށް އެރީމާ ހިތަށް އެރި ލަގަބަކުން ގޮވެނީއެވެ. އަޅުގަނޑުގެ ފަހަތުގައި ހުކުރު ނަމާދުކޮށްގެން ފައިބައިއައި ދެ މީހަކު އަޅުގަނޑަށް ގެޔަށް އާދެވެންދެން، އަޅުގަނޑުގެ ދެ ފަރާތުގައި ތިބެ، ހިތަށް އެރިހާ ހަޑިހުތުރ އެއްޗެއް ގޮވަމުން އައި ދުވަހު އަޅުގަނޑު ހިތަށް އެރީ އެ މީހުން ހުކުރަށް އެރީ ކީއްކުރަންބާވައެވެ!

މިހެން މިކަންކަން އޮތް އިރު އިސްލާމް ދީނުގައި މާތް ﷲ އަންގަވައިފައިވާ ބަސްފުޅުތަކަށް ވިސްނައިލަމާތޯ އެވެ؟ މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ. يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَومٌ مِّن قَوْمٍ عَسَى أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاء مِّن نِّسَاء عَسَى أَن يَكُنَّ خَيْرًا مِّنْهُنَّ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ بِئْسَ الاِسْمُ الْفُسُوقُ بَعْدَ الْإِيمَانِ وَمَن لَّمْ يَتُبْ فَأُوْلَئِكَ هُمُ الظَّالِمُونَ" (“مؤمنން ވާކަންކަށަވަރީ، أخންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ  ދެ أخން ދެމެދު ތިޔަބައިމީހުން صلحކުރާށެވެ! އަދި ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمةލެއްވުމަށްޓަކައެވެ. އޭ إيمانވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقبތަކުން ނުގޮވާށެވެ! إيمانވުމަށްފަހު فاسقވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.” (سورة الحجرات 10-11)

މިހިރީ ހާދަހާ މަތިވެރި ބަސްފުޅުތަކެކެވެ. ﷲގެ އަމުރުފުޅުތަކެވެ. އަދި (ވިސްނައިފި ނަމަ) އެއީ ޢިޤާބުގެ ބަސްފުޅުތަކެއް ވެސް މެއެވެ. އެހެނީ "އަނިޔާވެރީން" ކަމުގައި ﷲ ކަނޑައަޅުއްވައިފައިވާ ބަޔެއްގެ ޙާލަކީ ކޮބައިކަން އަޅުގަނޑުމެންނަށް ވިސްނެއެވެ.

އެހެން ނަޒަރަކުން ވިސްނާއިރު، ތިމާގެ އަތްފައިންނާއި ދުލުން (ބަހުން) އެހެން މީހުންނަށް އުނދަގޫކުރުމަކީ ކޮންފަދަ ނުބައިކަމެއްތޯއެވެ؟ ތިމާގެ ފުށުން އެހެން މީހުންނަށް އުނދަގޫކުރާ މީހުންނަކީ ފުރިހަމަ މުސްލިމުން ނޫންކަން އަންނަނިވި ޙަދީޘުން ސާބިތުވެއެވެ. عبد الله بن عمرو (رضي الله عنهما) އަރިހުން ވާރިދުވެފައިވާ ޙަދީޘެއްގައި ވެއެވެ. "المُسلم مَن سَلِم المُسلِمون مِن لِسانِهِ ويده" ((ފުރިހަމަ) މުސްލިމަކީ އެ މީހެއްގެ ދުލާއި އަތު(ގެ ނުބައިކަމު)ން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާ އެވެ.") (صحيح البخاري)

އަނެއް ކޮޅުން ބަލާ އިރު ﷲ އަށް ކިޔަމަންވާ ހެޔޮލަފާ ޞާލިޙު އަޅުންގެ ޢައިބުތައް ހޯދައި ހާމަކުރުމާއި އެކި މީސް މީހުންނަށް ފުރައްސާރަ އާއި މަލާމާތްކުރުމަކީ މުނާފިޤުންގެ ސިފަތަކެއްކަން ސުންނަތުން ސާބިތުވެއެވެ. ވީއިރު ނޭނގި ތިބެ ނަމަވެސް އިސްލާމްކަމާ ދުރު، މި ބާވަތުގެ ކަންކަން ނުކުރުމަށް ސަމާލުކަން ދޭން އެބަޖެހެއެވެ. ޚައްޞަކޮށް ރޯދަމަހުގައެވެ.

އަޅުގަނޑުމެން ދުނިޔޭގައި އުޅުމުގެ މަޤުޞަދަކީ ކާމިޔާބު ދިރިއުޅުމަކަށް ފަހު، ބާއްޖަވެރި އުޚުރަވީ ޙަޔާތެއް ހޯދުންކަން ހަނދާންކުރާން އެބަޖެހެއެވެ. އެހެންވީމާ، ކަމަކަށް ނުވާ ކަހަލަ ކުދިކުދި ކަންތައްތައް (ނޭނގި ނަމަވެސް) ކޮށްގެން އަޅުގަނޑުމެންގެ މުސްލިމުވަންތަކަމަށް ބުރޫއަރައި އަޅުގަނޑުމެންނަށް ﷲގެ ރުހިވޮޑިނުގަތުން ލިބޭ ފަދަ ކަންތައްތަކުން ދުރުހެލިވާން އެބަ ސަމާލުވާން ޖެހެއެވެ. ﷲގެ ރުހިވޮޑިގަތުން އެންމެ ބޮޑަށް ލިބޭ، އެއް ކަމަކީ ރިވެތި އަޚުލާޤާ ސުލޫކުކަމުގައި އެބަ ޤަބޫލުކުރާން އެބަޖެހެއެވެ. މުއުމިނާގެ އީމާންކަން ފުރިހަމަވަނީ ރީތި އަޚުލާޤުންކަން ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން ސާބިތުވެއެވެ. އާދެ! އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވަނީ اكمل المؤمنين ايمانا احسنهم خلقا މިފަދައިންނެވެ. އަދި ފުރިހަމަ އަޚުލާޤަކީ ސުވަރުގޭގެ އަހުލުވެރީންގެ ސިފައެއް ކަމަށް مرفوع ޙަދީޘެއްގައި ވާރިދުވެފައިވެއެވެ. "إِنَّ مَكَارِمَ الأَخْلاقِ مِنْ أَعْمَالِ أَهْلِ الْجَنَّةِ". (ހަމަކަށަވަރުން ފުރިހަމަ އަޚުލާޤާކީ ސުވަރުގޭގެ އަހުލުވެރީންގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެލެވެ.)

ކަންކަން ހުރީ މިހެންކަމަށް ވާއިރު، އަޅުގަނޑުމެން، ކަން ފަސޭހަކޮށްލައިގެން ނުވަތަ ފަރުވާކުޑަކޮށްލައިގެން ކޮށްލެވޭ 'ކުދިކުދި' ކަންކަމަކީ އެ ކަމުގެ ސަބަބުން ނޭދެވޭ ނަތީޖާއެއް ނުކުންނާނޭ ފަދަ ބޮޑެތި ކަންތައްތައް ކަމަށް ޤަބޫލުކުރާން އެބަ ޖެހެއެވެ. އަދި މި ފަދަ ކަންކަމުން ސަލާމަތްވެ ތިބުމާއެކު، އަޅުގަނޑުމެންގެ މުސްލިމުވަންތަކަމަށް ނޭދެވޭ އަސަރެއް ފޯރައިދާނެ ހަމަ އެއްވެސް ކަމެއް ނުކުރާން ހަމަ ކޮންމެ މުސްލިމަކު ވެސް އެބަ ސަމާލުވާންޖެހެއެވެ. އެކަމަށް ބާރު އަޅައި އެ ގޮތަށް މަސައްކަތްކުރާން އެބަޖެހެއެވެ. ޚާއްޞަކޮށް އަޅުގަނޑުމެން ރޯދައަށް ތިބޭ މި ބަރަކާތްތެރި މައްސަރުގައި އަޅުގަނޑުމެން ހިފާ ރޯދައަކީ ފުރިހަމަ ރޯދައަކަށް ހެދޭތޯ ގަދައަޅައި މަސައްކަތްކުރާން އެބަޖެހެއެވެ. އެހެންނޫނީ އަޅުގަނޑުމެން ނުކައިނުބޮއި ރޯދައަށް ތިބުމުގެ މާނައަކީ ކޮބައިތޯއެވެ! އަޅުގަނޑުމެންގެ މި (ވަގުތީ) ދިރިއުޅުމުގެ އަމާޒަކީ ކޮބައިތޯއެވެ! (والله أعلم).

އަޅުގަނޑުމެންނަކީ ހެޔޮބަސް އަހައި، ހެޔޮ ބަސް ޤަބޫލުކޮށް ފުރިހަމަ މުސްލިމުންގެ ގޮތުގައި ދިރިއުޅޭ ބަޔެއްކަމުގައި ވުމުގެ ތައުފީޤު ދެއްވާށިއެވެ! މި މައްސަރުގައި އަޅުގަނޑުމެން ހިފާ ރޯދައާއި ކުރާ ރޭއަޅުކަކީ ﷲގެ ޙަޟުރަތުގައި މަޤްބޫލު ޢަމަލުތަކެއް ކަމުގައި ލައްވާށިއެވެ!