Support Us

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފި

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/12) އަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ މި މަހުގެ 14 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.

މި ގެންނެވި އިޞްލާޙުގައި މީހުން ޓްރެފިކުކުރުން ކަމުގައި ބެލެވޭ ކަންކަން ވަނީ މި ޤާނޫނުގެ 12 ވަނަ މާއްދާގައި ތަފްޞީލުކޮށް ބަޔާންކޮށްދީފައެވެ. ހަމަ އެއާއެކު މި ޤާނޫނުގެ 14 ވަނަ މާއްދާގައި ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭނެ ކަންކަންވެސް ވަނީ ތަފްޞީލުކޮށް ބަޔާންކޮށްދީފައެވެ. އެގޮތުން ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭ ބައެއް ޢަމަލުތަކުގެ ތެރޭގައި ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގުމުގެ މަޤްޞަދުގައި ކުޑަކުއްޖަކު ބޭރު ޤައުމަކުން ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރަށް ފޮނުވުން ނުވަތަ ބަދަލުކުރުން ހިމެނެއެވެ. އަދި ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގުމުގެ މަޤްޞަދުގައި ކުޑަކުއްޖަކު ދިވެހިރާއްޖޭގެ އެއްތަނުން އަނެއްތަނަށް ބަދަލުކުރުމާއި، ކުއްޖަކާ ހަވާލުވުން ނުވަތަ އޭނާގެ ބެލުމުގެ ދަށުގައި ބެހެއްޓުމާއި ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ރެކްރޫޓްކުރުންވެސް ހިމެނެނީ ކުޑަކުދިން ޓްރެފިކްކުރުމުގެ ތެރޭގައެވެ.

މީގެ އިތުރުން މި ގެންނެވި އިޞްލާޙުގައި މީހުން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ކުޑަކުދިން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ޓްރެފިކްކުރަން އަމުރުކުރުމަކީ ކުށެއްކަމުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ޓްރެފިކްކުރާ ފަރާތެއްގެ ކާކުކަން އަންގައިދޭ ލިޔުމެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ބަދަލުކުރުމަކީވެސް ކުށެއްކަމުގައި މި ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު، މި ޤާނޫނަށް ގެންނެވި އިޞްލާޙުގައި ބަޔާންކުރާގޮތުން މި ޤާނޫނުގައި ބަޔާންކުރާ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ ޢަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މިކަން ކުރުމަށް ޢަމަލުކުރާނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން އެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް