ވަގަށް ނަގައިފައިވާ ވެސްލިން ބްރޭންޑުގެ އަށް ފުޅި ލޯޝަން ހިމެނޭ ގޮތަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ އެ ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި ބައެއް ތަކެއްޗަކީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:
- އެޕްރީލް 20 ވަނަ ދުވަހު މަޖީދީމަގު، ކުރީގެ ސްޓާސިނަމާ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 484997
- އެޕްރީލް 21 ވަނަ ދުވަހު ނީލަންފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސޮނީ ޓީވީއެއް (32 އިންޗި). އިންސިޑެންޓް ނަންބަރު 485138
- އެޕްރީލް 21 ވަނަ ދުވަހު ނޯތު ހާބަރު ތެރެއިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އަށް ލޯޝަންފުޅި (ވެސްލިން ބްރޭންޑް). އިންސިޑެންޓް ނަންބަރު 485144
- އެޕްރީލް 22 ވަނަ ދުވަހު ރަތްފުސް ގޯޅިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޮފީ ކޭހެއް. (ސީ ލައިޓް ބްރޭންޑް) އިންސިޑެންޓް ނަންބަރު 485224
- އެޕްރީލް 23 ވަނަ ދުވަހު ޖޯޝީ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މޯބައިލް ފޯނެއް (ޗައިނީޒް ބްރޭންޑް). އިންސިޑެންޓް ނަންބަރު 485295
- އެޕްރީލް 23 ވަނަ ދުވަހު ކުދިރަތް ގޯޅިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ކޮންކްރީޓް ވައިބްރޭޓަރ މޯޓަރު. އިންސިޑެންޓް ނަންބަރު 485287
"މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ. ނަމަވެސް މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.



advertisment