Support Us

2019ގެ ބޯނަސް ނުލިބިގެން އެމް.އޭ.ސީ.އެލް މުވައްޒަފުންގެ ކެތްތެރިކަން ކޮޅުންލައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ މުވައްޒަފުންނަށް 2019ގެ ބޯނަސް ނުލިބިގެން ކެތްތެރިކަން ކޮޅުންލައިފައި ތިއްބާ މުވައްޒަފުންގެ ވައިބަރ ގްރޫޕުތެރޭގައި މިދިޔަ ހަފުތާގައި ދައުރުވަމުންދިޔަ ޕޯސްޓަކުން މުވައްޒަފުންނަށް ހިނިތުންވުން ލިބިގެންދިޔައެވެ.

ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްގެ ނަމުގައި ފޮނުވާފައިވާ އެ މެސެޖުގައި އޮތެވެ. "2019 ވަނަ އަހަރުގެ ކުންފުނީގެ ބޯނަސްގެ ގޮތުގައި ދޭން މި ކުންފުނީގެ ބޯރޑުން ނިންމާފައިވާ -/9470ރުފިޔާ، 2019 ވަނަ އަހަރުގެ ބޯނަސް ހައްގުވާ ހުރިހާ މުވައްޒަފެއްގެ އެކައުންޓަށް 26 އޭޕްރީލް 2021 ވަނަ ދުވަހު ޖަމާކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ." މިހެންނެވެ.

ނަމަވެސް މުވައްޒަފުންނަށް ލިބުނު އެ ހިނިތުންވުން މާ ގިނައިރަކު ދެމިއޮންނަ ގޮތެއްނުވިއެވެ. އެމް.އޭ.ސީ.އެލްގެ ލޯގޯ ބޭނުންކޮށްގެން ހަދައިފައިވާ އެ މެސެޖްވީ މުޅީން ފޭކް މެސެޖަކަށެވެ. އެކަން ކަށަވަރުކޮށްދީ، އެމް.އޭ.ސީ.އެލްގެ ހިއުމަން ރިސޯސަސް ޑިޕަރޓްމަންޓުގެ ފަރާތުން ވަނީ ބަޔާނެއް ނެރެފައެވެ.

"މި ކުންފުނީގެ ލޯގޯ ބޭނުންކޮށްގެން، ހިއުމަން ރިސޯސަސް ޑިޕަރޓްމަންޓްގެ ނަމުގައި އުފައްދާފައިވާ، ދޮގު މައުލޫމާތު ހިމެނޭ ޕޯސްޓެއް، މުވައްޒަފުންގެ މެދުގައި ދައުރުވާކަމުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް ވަނީ ލިބިފައެވެ. މިއީ ކުންފުނީގެ ޤަވާޢިދުތަކާއި، ވަޒީފާގެ އެއްބަސްވުންތަކުގައި ބަޔާންކުރާ ކުށެކެވެ. އެހެންކަމުން މަސައްކަތުގެ މާޙައުލުގައި މަސްލަހަތު ގެއްލި، ނުތަނަވަސްކަން އުފެދޭ މިފަދަ ޢަމަލުތަކުން ދުރުވުމަށާއި ސުލޫކީ މިންގަނޑުތަކުގައި ހިފެހެއްޓުމަށް އެންމެހައި މުވައްޒަފުންނަށް ނަސޭހަތްތެރިވަމެވެ.


"ކުންފުނީގެ ފަރާތުން ނެރޭ ރަސްމީ ހުރިހާ މަޢުލޫމާތެއްވެސް އިމެއިލް މެދުވެރިކޮށް ފޮނުވާނެކަން މި ފުރުސަތުގައި ހަނދާންކޮށްދެމެވެ. މީގެ އިތުރުން އަޅުގަނޑުމެންގެ ރަސްމީ ވައިބަރ ގްރޫޕް "އެމް.އޭ.ސީ.އެލް އިންޓަރނަލް ކޮމިޔުނިކޭޝަންސް"ގައި ވެސް ޕޯސްޓް ކުރާނެއެވެ. އެހެންކަމުން މަޢުލޫމާތެއްގެ ސައްހަކަން ކަށަވަރު ކުރުމަށް މި ދެ މަސްދަރު ބެއްލެވުމަށް ހަނދާންކޮށްދެމެވެ."

އެމް.އޭ.ސީ.އެލްގައި 3،300 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ބަޖެޓެއްނެތް. އެކަމް އިންޑިއާ ފްލައިޓް ތަކައް ހިލޭ ޕާކިން. ދުވާލެއްގެ މައްޗައް 30 ފްލައިޓް ޖައްސާ ފުރައިގެން ދާއިރުވެސް ބޯނަސް ނުދެވޭ. އަދިވެސް ވަޒީފާ ގެ ކުރިއެރުން ތަޅު އެޅުވިފައި. ދެން ކޯއްޗެއް ދޭން އޮންނާނީ. އެއްޗެއް ކާލެވެންޔާ މަވެސް ކާލެވޭތޯ ބަލަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް