Support Us

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތުން އުއްމީދު ކަނޑައިނުލާށެވެ.

އެއީ މީގެ އެތައް ޤަރުނެއް ކުރިން އުޅުއްވި އިސްމާޢީލް ނަމަކަށް ކިޔުނު ބޭކަލެކެވެ. އިމާމް މާލިކުގެ އަރިހުން ކިޔަވައި ވިދާޅުވެފައިވާ އިމާމް މާލިކުގެ ދަރިވަރެކެވެ. ޢިލްމުވެރި ބޭކަލެކެވެ. މިކަލޭގެފާނު ކައިވެނި ކުރެއްވުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވެ އެކަލޭގެފާނަށް ދަރިކަލަކު ލިބިވަޑައިގަތެވެ. މި ދަރިކަލުންގެ ނަމަކީ މުޙައްމަދެވެ. ނަމަވެސް ދަރިކަލުން ލިބިވަޑައިގަތްތާ މާ ގިނަ ދުވަހެއް ނުވެ ވަރަށް ކުއްލި ގޮތަކަށް އިސްމާޢީލް އަވަހާރަވެއްޖެއެވެ.

އެކަލޭގެފާނަކީ ވިޔަފާރިކުރެއްވި މުއްސަނދި ބޭކަލެކެވެ. އެގޮތުން އަވަހާރަވީ އިރުގައި އެކަލޭގެފާނުގެ އަނބިކަނބަލުންނަށާއި އަދި ދަރިކަލުންނަށް ވަރަށް ގިނަ އަދަދެއްގެ މުދައު ދޫކޮށްފައި ހުއްޓެވެ. ކޮންމެއަކަސް މި ދަރިކަލުންގެ މަންމަ މި ދަރިކަލުންގެ ތަރުބިއްޔަތުކޮށް އިސްލާމީ ތަޢުލީމު ދިނުމުގެ ހުރިހާ ޒިންމާއެއް ނެންގެވިއެވެ. ނަމަވެސް އެކަން ކުރުމަށް ވަރަށް ބޮޑު ހުރަހެއް ކުރިމަތިވިއެވެ. ސަބަބަކީ އެދަރިކަލުންގެ ލޮލަށް ފެނިވަޑައެއް ނުގަންނަވާތީއެވެ. އެހެންކަމުން ތަފާތު ގިނަ ޑޮކްޓަރުންނަށް ދެއްކެވިއެވެ. ނަމަވެސް އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބުނެވެ.

މިޒަމާނުގައި ލޮލަށް ނުފެންނަ މީހަކަށް މަތީ ތަޢުލީމު ޙާސިލުކުރުމަކީ އުނދަގޫ ކަމަކަށް ނުވިޔަސް އެޒަމާނުގައި އެއްވެސް ވަސީލަތެއް ނެތް ޒަމާނުގައި އެއީ ވަރަށް އުނދަގޫ ކަމެކެވެ. އެޒަމާނުގައި ޢިލްމުވެރިއަކަށް ވުމަށްޓަކައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރަން ޖެހެއެވެ. އަދި އެއް ޝެއިޚެއްގެ އަރިހުން އަނެއް ޝެއިޚެއްގެ އަރިހަށް ދާންޖެހެއެވެ. މިއީ ލޮލަށް ނުފެންނަ މީހަކަށް ކުރަން ވަރަށް އުނދަގޫވާނެ ކަމެއްކަން ޔަޤީނެވެ. ނަމަވެސް މިދަރިކަލުންގެ މަންމާފުޅު މިދަރިފުޅާ މެދު ދެކެމުން އައި އުއްމީދު ދޫކޮށެއް ނުލައެވެ. އެކަމަނާއަކީ ވަރަށް އަަޅުވެރި، ތަޤުވާވެރި ކަނބަލެކެވެ. އެހެންކަމުން ހިތް ނިޔަތް ޚާލިސް ކުރުމާއެކު މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް މި ދަރިކަލުންގެ ލޮލުގެ ފެނުން ދެއްވާތޯ އަބަދާއި އަބަދު ދުޢާކުރަމުން ދިޔައެވެ. ބުނެވޭ ގޮތުގައި އެކަމަނާ އެ ދަރިކަލުންނަށް ކިރުފޮދު އެރުއްވީވެސް ކޮންމެ ފަހަރަކު ވުޟޫކުރައްވައިގެންނެވެ. ވުޟޫމަތީގައި ހުންނަވައިގެންނެވެ.

ކޮންމެއަކަސް އެއް ރެއެއްގައި އެކަމަނާއަށް ހުވަފެންފުޅުގައި އިބުރާހިމް އަލައިހިއްސަލާމް ފެނިވަޑައިގަތެވެ. އަދި އިބުރާހިމް ޢަލައިހިއްސަލާމް އެކަމަނާއަށް ވިދާޅުވިއެވެ. "ހަމަކަށަވަރުން ކަމަނާގެ ގިނަގުނަ ދުޢާތަކުގެ ސަބަބުން ކަމަނާގެ ދަރިކަލުންގެ ލޮލުގެ ފެނުން ﷲ ތަބާރަކަ ވަތަޢާލާ އަނބުރައި އެދަރިކަލުންނަށް ރައްދުކުރައްވައިފިއެވެ." އެހެންކަމުން އެކަމަނާ އަވަސް އަވަހަށް ހޭފުޅުލައްވައި އެކަމަނާގެ ލޯބިފުޅުވާ ދަރިކަލުންގެ ގާތަށް ވަޑައިގަތެވެ. އެކަމަނާއަށް ދަރިކަލުން ފެނުނުއިރު ހުވަފެނުގައި ފެނުނު ކަންތައްތައް ވަނީ ތެދަކަށްވެފައެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެދަރިކަލުންގެ ލޮލުގެ ފެނުން އިޔާދަކުރައްވާފައެވެ. އެކަލާނގެ މަތިވެރިކަމާއި ކުޅަދުންވަންތަކަމާއެވެ. އެއީ ބޭނުންޖެހިފައިވާ މީހުންގެ ދުޢާތައް އައްސަވާވޮޑިގެން އެދުޢާތައް އިޖާބަކުރައްވާ އިލާހެވެ. މި ދަރިކަލުންގެ ލޮލުގެ ފެނުން އިއާދަވުމުން މިދަރިކަލުން ކިޔެވުމަށްޓަކައި ފޮނުއްވިއެވެ. އަދި ޢިލްމުގެ މައިދާނުގައި ފުންނާބު އުސް ޢިލްމުވެރިއަކަށް ވެލެއްވިއެވެ.

މިއަދު އަޅުގަނޑުމެންގެ ކުރިމަތިން ފެންނަން އޮތް މާތްވެގެންވާ ކީރިތި ޤުރުއާނަށްފަހު އެންމެ ޞައްޙަކަން ބޮޑު އަދި ޤުރުއާނަށްފަހު އެންމެ މެތިވެރި ފޮތަކީ މި މުޙައްދިޘު ޢިލްމުވެރިޔާ ލިޔުއްވާފައިވާ ފޮތެވެ. މާތް ނަބިއްޔާގެ އެންމެ ސައްޚަ ހަދީޘް ޖަމާކުރެވިފައިވަނީ އެފޮތުގައެވެ. އެފޮތް މަޝްހޫރުވެފައިވަނީ ޞަޙީޙް ބުޚާރީގެ ނަމުންނެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ މުޙައްމަދު ބުން އިސްމާއިލް އަލްބުޚާރީއެވެ. އެކަލޭގެފާނު ﷲ ތަބާރަކަ ވަތަޢާލާގެ ރަޙުމަތުން ޢިލްމުގެ މައިދާނުގައި ކަނޑެއް ފަދަ ބޭކަލަކަށްވެލެއްވިއެވެ. އެކަލޭގެފާނަކީ ހަނދާން ގަދަ ބުއްދިވެރި، ބޭކަލެކެވެ. ހަދީޘްފަންނުގެ އެންމެ ފުންނާބު އުސް ބޭކަލެވެ. ދީނުގެ މައްސަލަތައް އޮޅުންފިލުވައި ހަދީސް ޖަމައު ކުރެއްވުމަށް އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅަކީ އަންތަރީސްވާ ވަރުގެ ބުރަ މަސައްކަތްޕުޅެކެވެ. އެގޮތުން އެންމެ ހަދީޘްފުޅެއް ހޯއްދެވުމަށްޓަކައިވެސް އެކަލޭގެފާނު އެއް މަސްދުވަހުގެ ދަތުރުކުރައްވާފައިވެއެވެ.

އިބުރަތް:- މިވާހަކައިން އަޅުގަނޑުމެންނަށް އެތައް ގިނަގުނަ އިބުރަތްތައް ލިއްބައިދެއެވެ. އެގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތަށް ދުއާ ދެންނެވުންމަތީ ދެމިހުރުމުގެ މުހިންމުކަމާއި ބަލިތަކުގެ ޝިފާ ދެއްވަވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަމެވެ. އަދި ތިމާލޯބިވާ މީހުންނަށްޓަކައި ކޮށްދެވޭނެ އެންމެ ހެޔޮ ކަމަކީ ހެޔޮދުޢާކޮށްދިނުންކަމާއި މައިންބަފައިން ދަރީންނަށްޓަކައި ހެޔޮދުޢާކުރުމުގެ މުހިންމުކަމެވެ. މީގެ އިތުރުން މިވާހަކައިން ލިއްބައިދޭ އެންމެ ބޮޑު އިބުރަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަހުމަތުން އުންމީދު ކަނޑައިނުލުމުގެ މުހިންމުކަމެވެ. އެކަލާނގެ ކީރިތި ޤުރުޢާންގެ ޔޫސުފް ސޫރަތުގެ 87 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. "އަދި اللَّه ގެ رحمة ން ތިޔަބައިމީހުން اميد ކަނޑައިނުލާށެވެ! ހަަމަކަށަވަރުން، كافر ވިމީހުން މެނުވީ، اللَّه ގެ رحمة ން اميد ކަނޑައެއް ނުލާނެތެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *