Support Us

މާތް ނަބިއްޔާއާ އެކު ގަދަހިފުމެއް ހިއްޕެވި މީހާ!

އެއީ މައްކާގައި އުޅުނު ވަރަށް މަޝްހޫރު މީހެކެވެ. ނަމަކީ ރަކާނަތު ބުން އަބުދުލް ޔަޒީދެވެ. އިސްކޮޅުން ދިގު ޖާނުން ވަރުގަދަ މީހެކެވެ. އޭނާ އަކީ މީހުންނާ އެކު ގަދަހިފުމަށް ހިފާ ބަނޑުމުސާރައަށް ބައްދައި ކުރިހޯދުމުގައި ވަރަށް މަޝްހޫރު މީހެކެވެ. އެގޮތުން އޭނާ އެކު ގަދަހިފުމަކަށް ހިފައިގަންނަ ކޮންމެ މީހަކު ބަލިކޮށްލައެވެ. އެއްވެސް މީހަކު އޭނާއާ ހިފައިގަނެ ގަދަވެފައެއް ނުވެއެވެ.

އެއް ދުވަހަކު މި ރަކާނަތު މައްކާގެ އަވަށަކުން މާތް ނަބިއްޔާ މުޙައްމަދު ﷺ އާ ބައްދަލުވިއެވެ. އެހިނދު މާތް ނަބިއްޔާ މުޙައްމަދު ﷺ ރަކާނަތުއާ ދިމާލަށް ހަދީޘް ކުރެއްވިއެވެ. "އޭ ރަކާނަތުއެވެ. ކަލޭ މާތްﷲގެ ކިބަފުޅަށް ބިރުވެތިވެ ތަޤުވާވެރި ވާކަށް ނުވޭހެއްޔެވެ؟ އަދި ތިމަންކަލޭގެފާނު މިގޮވައިލައްވާ ގޮވައިލެއްވުމަށް އިޖާބަދޭކަށް ނުވޭހެއްޔެވެ؟"

ރަކާނަތު ދެންނެވިއެވެ. "ނޫނެކެވެ. ކަލޭގެފާނު ތިޔަ ގޮވައިލައްވާ ގޮވައިލެއްވުމަކީ ހައްޤު ތެދުކަން އަހުރެންނަށް އެނގޭ ނަމަ އަހުރެން ކަލޭގެފާނަށް ތަބަޢުވާނަމެވެ."

ދެންފަހެ މާތް ނަބިއްޔާ މުޙައްމަދު ﷺ ހަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނު 'ގަދަހިފުމަކަށް' ކަލެޔާ ހިފައިގަނެ ގަދަވެއްޖެ ނަމަ ތިމަންކަލޭގެފާނު ދައްކަވާ ވާހަކަ ކަލޭ ޤަބޫލްކުރާނަން ހެއްޔެވެ؟"

ރަކާނަތު ދެންނެވިއެވެ. "އާދޭހެވެ."

އެހިނދު މާތް ނަބިއްޔާ މުޙައްމަދު ﷺ މިކަލޭގެޔާ އެކު ގަދަހިފުމަކަށް ހިއްޕަވައިގެންފިއެވެ. އަދި އޭނާ ބަލިކޮށްލައްވައި ބިންމައްޗަށް ވައްޓަވާލެއްވިއެވެ.

މިކަމާ މި ރަކާނަތު އަޖައިބުވެ އަންތަރީސްވިއެވެ. އެހެންޏާ އޭނާއަކީ ދުވަހަކުވެސް އެގޮތަށް ބަލިވި މީހެއް ނޫނެވެ. ގަދަފަދަ ފަހުލަވާނުންނަށްވެސް އޭނާއާ ހިފައިގަނެ ގަދަވެގަތުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. އަދި އޭނާއަކީ މާތް ނަބިއްޔާ މުޙައްމަދު ﷺ ވުރެ އެތައް ގުނައެއް ހަށިގަނޑުން ބިޔަ ވަރުގަދަ މީހެކެވެ. އެހެންކަމުން އޭނާ ދެންނެވިއެވެ. "އަދި އެއްފަހަރު ގަދަ ހިފުމަކަށް ހިފަން ހިންގަވާށެވެ."

ފަހެ މާތް ނަބިއްޔާ މުޙައްމަދު ﷺ އޭނާގެ ދައުވަތު ޤަބޫލުފުޅުކުރައްވައި ދެވަނަ ފަހަރަށް ހިއްޕަވައިގެންވެސް އޭނާ ބަލިކޮށްލެއްވިއެވެ. އަދި ރަކާނަތުގެ މޫނުމަތިން ފެނުނު ޚައިރާންކަން ދެކެވަޑައިގެން ހަދީޘް ކުރެއްވިއެވެ. "ކަލޭ އެދޭނަމަ އަދި ކަލޭ ތިމަން ކަލޭގެފާނަށް ކިޔަމަންވެ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ތަޤުވާވެރިވާނެ ނަމަ މިއަށްވުރެ އަޖައިބުކަން ބޮޑު އެހެންކަމެއް އެބައޮތެވެ." ރަކާނަތު ދެންނެވިއެވެ. "އެއީ ކޮންކަމެއްތޯއެވެ؟" މާތް ނަބިއްޔާ މުޙައްމަދު ﷺ ހަދީޘްކުރެއްވިއެވެ. "ކަލެއަށް ފެންނަން އެހެރަ ގަހަށް ތިމަންކަލޭގެފާނު ގޮވައިލައްވާނަމެވެ. އޭރުން އެގަސް ތިމަންކަލޭގެފާނުގެ އަރިހަށް އަންނާނެއެވެ. އޭރުން ކަލޭ ތިމަންކަލޭގެފާނުގެ މިގޮވައިލެއްވުމަށް އިޖާބަދޭނަން ހެއްޔެވެ؟" ރަކާނަތު ދެންނެވިއެވެ. "އާދޭހެވެ. ގޮވައިލައްވާށެވެ."

ދެންފަހެ މާތް ނަބިއްޔާ މުޙައްމަދު ﷺ އެގަހަށް ގޮވައިލެއްވުމުން އެގަސް އައިސް އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ހުއްޓުނެވެ. އެއަށްފަހު މާތް ނަބިއްޔާ މުޙައްމަދު ﷺ އެ ގަހަށް ހަދީޘްކުރެއްވިއެވެ. "ކަލޭ ހުރިތަނަށް ރުޖޫޢަވާށެވެ." މިހެން ހަދީޘްކުރެއްވުމުން އެގަސް ކުރިން ހުރިތަނަށް ރުޖޫޢަވެއްޖެވެ. ނަމަވެސް ރަކާނަތު އިސްލާމެއް ނުވިއެވެ. އޭނާ އަވަސްއަވަހަށް ޤައުމުގެ މީހުންގެ ގާތަށް ދިޔައެވެ. އަދި އޭނާއަށް ދިމާވި ކަންތައްތަކުގެ ވާހަކަ ކިޔައިދިނުމަށްފަހު ބުންޏެވެ. "މާތްﷲ ގަންދީ ބުނަމެވެ. މުޙައްމަދުގެފާނަށްވުރެ ސިހުރުވެރިކަން ބޮޑު މީހަކު ތިމަން ނުދެކެމެވެ."

ނަމަވެސް ފަހުން ރަކާނަތު އިސްލާމްވިއެވެ. އޭނާ އަވަހާރަވީ މުއާވިޔަތު ބުން އަބީސުފިޔާނުގެ ޚަލީފާކަމުގެ ދުވަސްވަރުއެވެ. މިއީވެސް މާތްﷲ އެކަލާނގެ މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ދެއްވި މުޢުޖިޒާތްތަކުގެ ތެރެއިން މުއުޖިޒާތެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *