ނ. ހޮޅުދުއާއި އދ. މާމިގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މާމިގިލީގައި އިއްޔެ ހިންގި އޮޕަރޭޝަނަކީ މާލެއިން އެ ރަށަށް ދިޔަ ފެރީއަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަނުގައި 25 އަހަރާއި 28 އަހަރުގެ ދެ މީހުން އެރަށު ބަނދަރުމަތިން ހުއްޓުވައި، އެ މީހުން ގެންގުޅުނު ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 77 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނުމުން އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުުލުހުން ބުނެއެވެ.
ހޮޅުދޫގައި އިއްޔެ ހިންގި އޮޕަރޭޝަނަކީ މާލެއިން އެ ރަށަށް ދިޔަ ސަޕްލައި ދޯންޏަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަންގައި 31 އަހަރުގެ މީހަކު ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިގެން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ދެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



advertisment