އަމީނިއްޔާ ސްކޫލަށް ވަރަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ހ. ނީލްވިލާ، ނާއިލާ އިބްރާހީމް ކަލޭފާނު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މި ޚަބަރު އެއްސެވީ، ވަރަށްފުން ހިތާމައާ އެކުގައި ކަމަށާއި، މި ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެން، ޢާއިލާގެ އެންމެހައި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ. ނާއިލާ އިބްރާހީމް ކަލޭފާނަކީ، އަމީނިއްޔާ ސްކޫލްގެ ތަފާތު މަގާމުތަކުގައި، އެ ސްކޫލަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި އަދި އަމީނިއްޔާ ސްކޫލްގެ ދަރިވަރުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނަކީ، އަމީނިއްޔާ ސްކޫލްގެ ދަރިވަރުން ތަރުބިއްޔަތު ކޮށްދެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ނާއިލާ އިބްރާހީމް ކަލޭފާނު އަވަހާރަވުމާ ގުޅިގެން ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު ވެސް ވަނީ ތައުޒިޔާ ވިދާޅުވެ ޓްވީޓެއް ކުރައްވައިފައެވެ.
Deeply saddened by passing of Mdm Naila wife of my dear friend Hon Dr Zahir Hussain Chancellor of @IUM_official Was a distinguished and popular teacher and a co-founder of @SHE_Maldives May Allah bless her soul and give strength to her family, friends and students! @LubnaZahir
— Maumoon Abdul Gayoom (@maumoonagayoom) April 17, 2021
ނާއިލާ އިބްރާހީމް ކަލޭފާނު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވުމަށްފަހު، މިއަދު ހެނދުނުއެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 72 އަހަރެވެ.
އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނު، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، 28 ޑިސެންބަރު 1971 ގައި އަމީނިއްޔާ ސްކޫލްގެ ޓީޗަރެއްގެ ވަޒީފާއިންނެވެ. އޭ ގެފަހުން، އެ ސްކޫލްގެ ހިސްޓްރީ ޓީޗަރު ކަމާއި ސޯޝަލް ސްޓަޑީޒް ޓީޗަރު ކަމާއި ހެޑްޓީޗަރު ކަމާއި ސެކަންޑަރީ ސުޕަވައިޒަރު ކަމާއި ސުޕަވައިޒަރ ކަމުގެ މަގާމު ފުރުއްވިއެވެ. އަމީނިއްޔާ ސްކޫލަށް 26 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވެއެވެ. ނާއިލާ އިބްރާހީމް ކަލޭފާނު ވަނީ ޣިޔާޘުއްދީން ސްކޫލްގެ ސުޕަވައިޒަރު ކަމާއި، ޤައުމީ ކުތުބުޚާނާގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވައިފައެވެ.



advertisment