Support Us

ކޮލަމް މާޒީ: މިއަދަކީ ދިވެހިރާއްޖޭގެ ދީމުޤްރާޠީ ހަޔާތުގައި މުހިންމު ދުވަހެއް

ދިވެހިރާއްޖޭގެ ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ކެންޕޭނު ޙަރަކާތްތައް އިއްޔެ ހަވީރު 6:00 ގައި ރާއްޖޭގެ މައި ދެ ޕާޓީން ވަނީ ނިންމައިލައިފައެވެ. ސަރުކާރު ހިންގާ މައިޕާޓީން އެ ޕާޓީގެ ރައީސާއި ސަޕޯޓަރުންނާއެކު ބޭއްވި ވެހިކަލް ބުރަކަށް ފަހުގައެވެ. ސަލާމަތީ ޚިދުމަތްތެރީންގެ ފުރިހަމަ ރައްކާތެރިކަމާއެކުގައެވެ. އިދިކޮޅު ޕީޕީއެމުން އެ ޕާޓީގެ އިދާރާގެ ދޮރުމަތީގައި ބޭއްވި އެއްވުމެއްގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ސަޕޯޓަރުންނާ މުޚާޠަބުކުރައްވައި ބޭއްވި އެއްވުމަކަށް ފަހުގައެވެ. އެ ޕާޓީގެ ރައީސް ޖަލުގައި ހުންނެވުމުން މި ބައްދަލުވުމުގައި އެ މަނިކުފާނަށް ބައިވެރިވެވަޑައެއް ނުގަނެވެއެވެ. ވީމާ ކެމްޕޭނުގެ ވާހަކަ ނުދައްކައި، މުޅި ރާއްޖެ އިންތިޒާރު މި ކުރަނީ މިއަދު ނަގާ ވޯޓުގެ ނަތީޖާ އަންނާނެ ގޮތަކަށެވެ. ތިޔަ ބޭފުޅުން ފަދައިން އަޅުގަނޑުމެން ވެސް މި އިންތިޒާރުކުރަނީ އެ ކަމަށެވެ.

ފުޓުބޯޅަ މެޗެއްގެ ނަތީޖާ ވެސް މެޗު ނިމުމުގެ ކުރީން ނޭނގޭ ފަދައިން، އިންތިޚާބުގެ ނަތީޖާ ވެސް އެނގޭނީ ވޯޓުގެ ނަތީޖާ އިޢުލާނުކުރުމުންނެވެ. ކޮންމެ މީހަކު ވެސް އެ މީހަކަށް ފެންނަ ގޮތަކަށް ނަތީޖާ ލަފާކޮށްފައި ނުވަތަ އުންމީދުކޮށްފައި އޮވެދާނެއެވެ. އެހެންނަމަވެސް ކޮންމެ ގޮތަކަށް ވެސް ނަތީޖާ ނުކުމެދާނެއެވެ. އިންތިޚާބުގައި ވާދަކުރާ ކޮންމެ މީހަކަށް ވެސް އޮންނާނީ ދެ ގޮތުންކުރެ އެއް ގޮތެކެވެ. ކާމިޔާބީއެވެ. ނުވަތަ ނާކާމިޔާބީއެވެ. ލަފާކުރުންތަކާ ޚިލާފަށް ނުވަތަ އެއް ގޮތަށް ވެސް ނަތީޖާ އައުމަކީ އެކަށީގެންވާ ކަމެކެވެ. އެ މީހަކު އުންމީދުކުޅަ ނަތީޖާ އަތުވެއްޖެ ނަމަ، އެ ފަދަ ހުރިހާ ބޭފުޅުންނަށް އިސްވެ ތަހުނިޔާ ދަންނަވަނެވެ. އެހެން ނޫންނަމަ… ނާކާމިޔާބީގައި ކެތްތެރިވެވަޑައިގަތުމަށް ވެސް ނަސޭހަތްއަރުވަމެވެ.

އާދޭހެވެ! މިއަދަކީ ބޮޑު ދުވަހެކެވެ. މިއަދު ދިވެހިރައްޔިތުން ނިންމަވާ ނިންމުމެއްގެ ސަބަބުން ދިވެހި ޤައުމަށް ވަރަށް ބޮޑު ބަދަލެއް އަތުވެދާނެ ދުވަހެކެވެ. މިއަދަކީ ޤާނޫނުއަސާސީގައި ރައްޔިތުންނަށް ލިބިފައި އޮންނަ ބާރުގެ ބޭނުން ހިފާން ޖެހޭ ދުވަހެވެ. މިއަދު ނަގާ ވޯޓުގައި ރައްޔިތުން ޖަހާ ފާހަގައަކީ އާދައިގެ ފާހަގައެއް ނޫނެވެ. އެ ފާހަގައަކީ ޤައުމުގެ ކުރިމަގު އޮންނާންވާނެ ގޮތެއް ބައްޓަން ކުރާނެ ފާހަގައެކެވެ. އެކަން ނިންމާނީ ރައްޔިތުންނެވެ. އެކަމަށް އެއްވެސް މީހަކަށް އެއްވެސް ބާރެއް ނޭޅޭނެއެވެ. އަދި މީހަކަށް ވިސްނައިދޭކަށް ވެސް މިހާރަކު ފުރުޞަތެއް ނެތެވެ. އެހެނީ އިއްޔެ ހަވީރު 6:00 ގެ ފަހުން އެ ފުރުޞަތު ވަނީ ބަންދުވެފައެވެ. މިހާރު މި އޮތީ ނަތީޖާއަށް އިންތިޒާރުކުރުމުގެ ވަގުތެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ފެންނަ ފެނުމަށް، ރާއްޖޭގެ ސިޔާސިއްޔަ މައިދާނުގައި އޮތީ ދެ ފިކުރެކެވެ. ކިތަންމެ ޕާޓީތަކެއް ރަޖިސްޓަރީކޮށްފައި "ޙަރަކާތްތެރިވަމުން" ގެންދިޔަ ނަމަވެހެވެ. އެއީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް ޤައުމިއްޔަތު ޙިމާޔަތްކުރުމުގެ "ކޮންޒަރވޭޓިވް" ފިކުރާއި، އާ ޤައުމިއްޔަތަކަށް ހުޅުވައިލެވިފައިވާ "ލިބަރަލް" ފިކުރެވެ. ޕީޕީއެމަކީ ކޮންސަރވޭޓިވް ފިކުރުގެ ޕާޓީއެކެވެ. އެއީ ކަނާތު ފިޔައިގެ ޕާޓީއެކެވެ. އެމްޑީޕީއަކީ ލިބަރަލް ފިކުރަށް ތާއީދުކުރާ ވާތުފިޔައިގެ ޕާޓީއެކެވެ. ދެން ހުރި ޕާޓީތަކަކީ އިސްވެ މި ދެންނެވި ދެ ޕާޓީގެ ވަށައިގެން އެނބުރޭ ޕާޓީތަކެކެވެ. ތާއީދުކުރަނީ ކޮން ފިކުރަކަށް ކަމެއް ނޭނގެއެވެ. ވަކި ދުވަސްވަރެއްގައި ކަނާތު ފިޔައަށް ތާއީދުކޮށްގެން އުޅުމަށް ފަހު، އަނެއް އިންތިޚާބެއްގައި ވާތުފިޔައަށް ތާއީދުކޮށްފާނެއެވެ. އެހެންވީމާ ގަބޫލުކުރާންޖެހޭ ހަގީގަތަކީ ރާއްޖޭގެ ސިޔާސިއްޔަ މައިދާނުގައި އޮތީ ދެ ފިކުރެއް ކަމެވެ. މި ހަގީގަތް ގަބޫލުފުޅު ނުކުރައްވާ ބޭފުޅުން ތިއްބެވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އަޅުގަނޑު މި ދެންނެވީ އަޅުގަނޑުގެ ޚިޔާލެވެ.

އާދޭހެވެ! މިއަދު ނެގޭ ވޯޓުގެ ނަތީޖާއިން ފެންނާނީ ރައްޔިތުންގެ އަޣުލަބިއްޔަތު ތާއީދުކުރާ ފިކުރެކެވެ. ސަރުކާރުގެ މައި ޕާޓީއަށް އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ރާއްޖޭގެ ގިނަ ރައްޔިތުން ތާއީދުކުރަނީ ލިބަރަލް ފިކުރަށް ކަމަށް ބެލެވޭނެއެވެ. ސަރުކާރާ އިދިކޮޅު ފިކުރަށް އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ބެލެވޭނީ ރައްޔިތުންގެ އަޣުލަބިއްޔަތު ތާއީދުކުރަނީ ކޮންޒަރވޭޓިވް ފިކުރަށް ކަމަށެވެ.

ވީމާ، މިއަދުގެ ވޯޓުގެ ނަތީޖާގެ ސަބަބުން ރާއްޖޭގެ ޤައުމިއްޔަތުގެ ފަލްސަފާ ބަދަލުވުމުގެ ފުރުޞަތު އެބަ އޮތެވެ. މި ވާހަކައިގެ ތަފްޞީލަކަށް އަޅުގަނޑު ނުދާނަމެވެ. އެއީ ކެމްޕޭނުކުރުމުގެ ނަން ލިބިދާނެތީއެވެ. ނަމަވެސް އަޅުގަނޑުގެ ހަމައެކަނި ބޭނުމަކީ އެ ބޭފުޅަކު މިނިވަންކަމާއެކު ވޯޓުދެއްވުމުގެ ފުރުޞަތު ދޫކޮށްނުލައްވާން އިލްތިމާސްކޮށްލުމެވެ. ވޯޓުދެއްވާންވީ ކޮން ބަޔަކަށްކަން އެއީ ސިއްރުވެރިކަމާއެކު އެ ބޭފުޅަކު އަމިއްލަފުޅަށް ކަނޑައަޅުއްވާންޖެހޭ ކަމެކެވެ. ތިމާގެ އަމިއްލަ ސިކުނޑީން ވިސްނަވައިގެންނެވެ. އެހެން މީހެއްގެ ނުފޫޒަކަށް ބެއްލެވުމެއް ނެތިއެވެ.

އާދޭހެވެ! ވޯޓު ދިނުމަކީ ކޮންމެ ރައްޔިތަކަށް ލިބިފައިވާ ޙައްޤެކެވެ. މިނިވަންކަމާއެކީގައެވެ. ވަކި ގޮތަކަށް ވޯޓު ދޭކަށް އެކަކަށް ވެސް މަޖުބޫރެއް ނުކުރެވޭނެއެވެ. އެ ފަދަ މަޖުބޫރީއެއް އޮވެއްޖެ ނަމަ، އެ ކަން ވާނީ ޤާނޫނާ ޚިލާފު ޢަމަލަކަށެވެ.

މި ހިސާބުން ހަނދާންކޮށްލާންޖެހޭ ވަރަށް ޚާއްޞަ ނުކުތާއެއް އެބަ އޮތެވެ. ވޯޓު ދިނުމަކީ ކޮންމެ ރައްޔިތަކަށް ލިބިފައިވާ އަސާސީ ޙައްގަކަށް ވާ ފަދައިން އެއީ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް ވެސް މެއެވެ. އަދި އެއީ ވަރަށް ބޮޑު އަމާނާތެއް ވެސް މެއެވެ. މި އަމާނާތް އަދާކުރުމުގައި އެއްވެސް ރައްޔިތަކު ފަސްޖެހިގެންނުވާނެއެވެ. މިއީ ޑިމޮކްރެސީގައި ރައްޔިތުންނަށް ބަސްބުނާން ލިބޭ އެންމެ ބާރުގަދަ ފުރުޞަތެވެ. ދިގު ކިޔޫއެއްގައި ތިބެގެން ވޯޓޮފޮށްޓަށް ވޯޓު ކަރުދާސްކޮޅު ވައްޓައިލުމަށްވުރެ މުހިންމު ޙައްގެއް ރައްޔިތުންނަކަށް ނުލިބޭނެއެވެ. ކޮންމެ ވޯޓަކީ ގުނޭނެ ވޯޓެކެވެ. އެންމެ ވޯޓަކުން ވެސް ނަތީޖާ ބަދަލުވެދާނެއެވެ. އެންމެ ވޯޓެއްގެ ތަފާތުން އިންތިޚާބު ކާމިޔާބުކުރެއްވި ބޭފުޅުން ބައެއް ކައުންސިލްތަކުގައި މިހާރު ވެސް އެބަ ތިއްބެވިކަން އަޅުގަނޑަށް އެނގެއެވެ. ކޮންމެ ވޯޓެއްގެ މުހިންމުކަން އެ ފަދަ ބޭފުޅުންނަށް މާ ރަނގަޅަށް އިޙުސާސްކުރެއްވޭނެކަން ކަށަވަރެވެ. ވީމާ، ރާއްޖޭގެ ކުރިމަގު ބައްޓަންކުރެއްވުމަށް ޓަކައި ތިޔަބޭފުޅުންގެ ޙައްޤު އަދާކުރައްވާށެވެ! އެކަމުގައި ޙިއްޞާވެވަޑައިގަންނަވާށެވެ! ވޯޓުދެއްވާންވީ ކާކަށް ކީއްވެކަން ނިންމަވާނީ ހަމަ ތިޔަ ބޭފުޅުން އަމިއްލަފުޅަށެވެ. އެކަމަކު މިއީ ޤައުމީ ކަމެއްގައި ވެވަޑައިގެންނެވޭ ވަރަށް ބޮޑު ޙިއްސާއެއްކަން ހަނދުމަފުޅުބަހައްޓަވައިގެންނެވެ.