Support Us

ކޮލަމް: ހަވާސް

ޝަހީބުގެ ކޮލަމް: އިންޒާރު! މިއަދު ކޮވިޑެއް ނޫޅޭނެ! ވޯޓު ލައްވާ!

ރަހުމަތްތެރިޔާ އަމީންގެ އެފް.ބީން ރޭ އެ ޕޯސްޓް ފެނިފައި ބޮޑު ހައިރާންކަމެއް ލިބުނެވެ. އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ އަދުގެ ހާލަތު އެ ވީޑިއޯ އިން ކިތަންމެހާވެސް ރަނގަޅަކަށް ދައްކުވައިދޭތީއެވެ؛ ގޭތެރޭގައި އޮވެފައި އެމީހާ ފޫހިވެގެން ބޭރަށް ނުކުތްއިރު، ކުރިމަތީގައި ހުންނަނީ ކޮވިޑެވެ. ލާނެއް ފާޑަކަށް ހީހީއެވެ. އެ މީހާ ސިހިގެން ގޮސް އަވަހަށް ޖީބުން މާސްކް ނަގައި މޫނުމަތީގައި އަޅައެވެ. އެއާއެކު ކޮވިޑް އެ މާސްކު ދަމައިގަނެ، އެއްލައިލައެވެ. ދެން އެ މީހާގެ ޖީބުން ސެނިޓައިޒަރ ސްޕްރޭ ފުޅިއެއް ނަގައި ކޮވިޑްގެ މޫނަށް ސްޕްރޭ ކުރެއެވެ. ކޮވިޑް އެއްވެސް ހާސްކަމެއް ނެތި މޫނު ފުހެލާފައި ނުލަފާ ހިނިގަނޑެއް ޖަހާލައެވެ. އެތަނުން ގުޑާލާކަށް ނޫޅުނެވެ. ދެން އެ މީހާގެ ޖީބުން ވެކްސިން ފުޅިއެއް ނެގުމުން ކޮވިޑް އެ ވެކްސިންފުޅި އަތުލައި ބޯލައެވެ. ނަމަވެސް ދެންވެސް ކޮވިޑް ދުރަކަށް ނުދިޔައެވެ. ހުރިހާ ގޮތެއް ހުސްވި ވަގުތު ކުއްލިއަކަށް މޮޅު އައިޑިއާއެއް އެ މީހާއަށް ލިބުނެވެ. ކައިރީގައި އޮތް ބޯޑެއް ނަގައި ކޮވިޑަށް ދައްކައިލިއެވެ. އެ ބޯޑު ހަމަ ފެނުމާއެކު އެއްކަލަ ގަދަފަދަ ކޮވިޑް، ތުރުތުރު އަޅައިގެންފައި ބިރުން، ދެ އަތްޖޯޑުކޮށް މާފަށް އެދި އަވަހަށް އެތަނުން ނައްޓާލައެވެ. "މަގޭ ކައިރިއަށް ނާންނައްޗޭ" ގޮވަމުންނެވެ. އެ ބޯޑުގައި ލިޔެފައި އޮތީ "އިލެކްޝަން"އެވެ. އިނގިރޭސިންނާއި ހިންދީންނެވެ. "އިލެކްޝަން" އަށް ނޫނީ ކޮވިޑް ގުޑައެއްނުލިއެވެ.

މިއީ އިންޑިއާ މީހުންގެ ވީޑިއޯއެކެވެ. އެކަމަކު މި ވީޑިއޯ ހަގީގަތުގައި އެންމެ މުނާސަބީ އަދުގެ ރާއްޖެއަށެވެ. އަނެއްކާ މި ވީޑިއޯއެއް މުޅި މީސްމީޑިއާގައި ދައުރުވާން ފެށީ ވެސް މި ދެ ދުވަހަކުއެވެ. އެއީ، މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދަނިކޮށް، ކަރަންޓީނުވުމެއް ނެތި، ރަށްރަށަށް ގޮސް ވޯޓު ލެވޭ ގޮތަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ގަވައިދުތައް ބަދަލުކުރެއްވި ދަނޑިވަޅުގައެވެ. ކުރިން، އާދައިގެ ނިކަމެއްޗަކު، ކޮންމެ ކަމަކު ރަށަށް ދާންޖެހުނަސް، މަދުވެގެން 10 ދުވަހު ކަރަންޓީނުގައި އޮންނަން ޖެހެއެވެ. (ނަމަވެސް ސަރުކާރުގެ ވަފުދުތައް ކަރަންޓީނުނުވެ ރަށްރަށަށް ގޮސް ކެމްޕޭނުގައިވެސް އުޅެއެވެ.) އެކަމަކު މިއަދު (10 އެޕްރީލްގައި) ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވޯޓު ލާންވީމާ، ނިކަމެތިން ކަރަންޓީނުވާންޖެހޭ 10 ދުވަސް ވެސް އޮޅާލީއެވެ. ނިކަމެތިންގެ ވޯޓުގެ މުހިންމުކަން ބޮޑުވެގެން ކަމަށް ވެސް ވެދާނެއެވެ.

އެކަކު ގައިން އަނެކަކުގެ ގަޔަށް ކޮވިޑް އަރައިފާނެކަމުގެ ބިރަށް ކުރިން ހަދައިފައިވާ ހަރުކަށި ގަވައިދުގައި ކަރަންޓީނުގެ މުއްދަތުގައި، އެ މީހަކު ގެއިން ނުކުތުމާއި އެ ގެއަށް އެހެން މީހުން ވަދެނުކުމެ އުޅުމަކީ ވެސް މުޅީން މަނާކަމެކެވެ. ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ކުށެކެވެ. ނަމަވެސް، މިއަދު، ވޯޓުލާންވީމާ، އެއްވެސް ކަރަންޓީނެއް ނެތެވެ. ވޯޓު ލާން ދާންވީއެވެ. އަދި ކޮބައިހެއްޔެވެ؟ ކޮވިޑަށް ޕޮޒިޓިވްވެގެން ކަރަންޓީނުގައި ހުންނަ މީހާ ވެސް ވޯޓުލާންވީމާ، ގަލަމެއް ހިފައިގެން ދާންވީއެވެ. މިއަދު ކޮވިޑު ގައިންގަޔަކަށް ނާރާނެކަން ޔަގީންވެއްޖެއެވެ.

މާލެ ސަރަހައްދުގައި ވެހިކަލް ކާފިއުއެއް އިއުލާންކޮށް، ކާފިއު ގަޑީގައި ބޭރަށް ނުކުމެ އުޅުމުން އެތައް ސަތޭކަ ބަޔަކު ވަނީ ޖޫރިމަނާވެސް ކޮށްފައެވެ. އެ ކާފިއު އަކީ ވެސް ހަގީގަތުގައި ބޭނުމެއް ނެތް ކާފިއުއެއްކަން މިހާރު އެބަ ޔަގީންކުރެވެއެވެ. އޭގައި އަދި އެންމެ ހެއްވާ ކަމަކީ އިރުއޮއްސި ހައެއްގެ ފަހުން ވެހިކަލް ދުއްވުން މަނާވެފައި، ރޭގަނޑު 11 ގެ ފަހުން އެއްވެސް މީހަކު ވެސް ބޭރަށް ނުކުމެ އުޅުން މަނާކުރީމައެވެ. އެ ގޮތަށް ހެދީ ކޮވިޑް ބޭރަށް ނުކުންނަނީ ރޭގަނޑު 11ގެ ފަހުން ކަމަށް ވާތީ ކަމަށް ވެސް ވެދާނެއެވެ.

ކޮވިޑަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް ކަމަށް ދައްކައިގެން، އެޗް.ޕީ.އޭ އިން ރައްޔިތުން ބިރުގަންނުވަމުން ދިޔައަސް، ކޮވިޑަކީ ހަގީގަތުގައި އެއްވެސް ބިރުވެރިކަމެއް ނެތް ބައްޔެއްކަން، އިލެކްޝަން އައުމާއެކު މި ވަނީ ޔަގީން ކަށަވަރުވެފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކޭ ބުނެ، ކޮވިޑާ ގުޅިގެން ހަދައިފައިވާ ހަރުކަށި އުސޫލުތަކަށް، ލުއިތައް ދޭން ފެށިއިރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދިޔައީ މައްޗަށް އަރަމުންނެވެ. ރާއްޖެއިން 300 މީހުން ވެސް (މިއީ މިހާތަނަށް ރާއްޖޭގެ ރެކޯޑު) މި މަހު ފުރަތަމަ ދުވަހު ޕޮޒިޓިވްވިއެވެ. އަދި ހުރިހާ އަތޮޅަކަށް ވެސް މިހާރު ވަނީ ކޮވިޑް ފެތުރިފައެވެ. ނަމަވެސް، ބަލިން ސަލާމަތްވުމަށް އަޅަމުން އައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މި ދަނޑިވަޅުގައި އެޗް.ޕީ.އޭއިން ލުއިދެމުން އައިސް، ހޮޓާ/ކެފޭ/ރެސްޓޯރަންޓުތަކާއި މައިޒާންތަކާއި ޕާކުތައްވެސް އާންމުކޮށް ހުޅުވާލައި، ކާފިއު ގަޑިތައްވެސް އުވާލައި، މީހުން ބޭރަށް ނުކުމެ އުޅުމުގެ ގަޑިތައްވެސް ވަނީ ދޫކޮށްލައިފައެވެ. ސްކޫލްތައް ވެސް ވަނީ އަލުން ހުޅުވާލައި ކުދިން ގެންގޮސްގެން ކިޔަވައިދޭން ފަށައިފައެވެ. ފުޓުބޯޅަ ސީޒަންގެ ކުޅުން ވެސް އަލުން ފެށީއެވެ. ޖަމާއަތުގައި ނަމާދުކުރާއިރު ގައިދުރުކޮށް ސަފުހެދުން ވެސް ވަނީ އުވާލައިފައެވެ. ރަނގަޅަށް ދިރާސާކޮށްލުމުން މި އެނގެނީ މި ހުރިހާ ކަމެއް ހުޅުވި، ތަރުތީބުވެގެން މިއައީ ކެމްޕެއިނަށާއި ވޯޓުލާ ދުވަހަށް މަގުފަހިކުރުމަށް ކަމަށެވެ. އަދި މި ލުއިތައް ދިނީ ސިއްހީ އެއްވެސް ދިރާސާއެއް ނުވަތަ އަންދާޒާއެއްގެ މައްޗަށް ބިނާކޮށް ނޫންކަން ވަރަށް ބޮޑަށް ބެލެވެއެވެ.

މާލެތެރެއަށް ނުކުތުމުން، ކޮވިޑް އުޅޭކަން އެނގެނީ ކޮންމެ މީހެއްގެ މޫނުމަތީގައި މާސްކެއް އަޅައިފައި އޮތުމުން އެކަންޏެވެ. އެހެން އެއްވެސް ކަމެއް، ކޮވިޑްގެ ކުރީގެ ދިރިއުޅުމާ ތަފާތެއް ނެތެވެ. އެއްވެސް "ނިއު ނޯމަލް"އެއް ނެތެވެ؛ މާސްކު ފިޔަވައެވެ.

ކޮވިޑްގެ ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު، އެހެން ކަމެއް ވެސް އެބަ ފާހަގަވެއެވެ. ފާއިތުވީ ދެ ހަފުތާއަށް ބަލާއިރު ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ އެވްރެޖް ގޮތެއްގައި 158 ގައެވެ. ނަމަވެސް ސާމްޕަލް ނަގާވަރު މި ވަނީ ދަށްވެފައެވެ. ފެބުރުވަރީ މަހު ދުވާލަކު ފަސް ހާސް، ހަ ހާހުން ސާމްޕަލް ނެގިއިރު، ފާއިތުވި ދެ ހަފުތާގައި ދުވާލަކު ނެގި ސާމްޕަލްގެ އަދަދު ވަނީ ތިން ހާހަށް ތިރިވެފައެވެ. އެހެންކަމުން، ވޯޓަށް ލުއިތައް ދޭއިރު، ޕޮޒިޓިވް ކޭސްތައް ގިނަވެދާނެތީ، ސާމްޕަލް ނަގާ އަދަދު މަދުކޮށްފައިވާ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. ކޮންމެ މީހަކު ވެސް އެންމެ ބޮޑަށް އަޅައިގަންނާނީ ދުވާލަކު ޕޮޒިޓިވްވާ އަދަދަށެވެ. ޕޮޒިޓިވްވާ އަދަދާއި ސާމްޕަލް ނެގި އަދަދާ އަޅާކިޔަނީ ވަރަށް މަދު ބަޔެއް ކަމަށް ވެދާނެއެވެ.

ކަރަންޓީނުވުމެއް ނެތި ވޯޓުލާން ދެވޭގޮތަށް ހަމަޖެއްސިކަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ރަސްމީކޮށް އިއުލާންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

"…ބުނެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި، (ޅ) އާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، ކޮވިޑް-19ގެ ހާލަތުގައި، ކުރިޔަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކަށް، މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީ ފަޅާއި، ހުޅުލެ) އިން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރުމުގައްޔާއި، ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ގެސްޓުހައުސް ހުންނަ ރަށްރަށުންނާއި ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރުމުގައި ކަނޑައެޅިފައިވާ ކަރަންޓީނު ކުރުމުގެ ފިޔަވަޅުތަކަށް މިއަދުން ފެށިގެން 2021 އެޕްރީލް 11 ވަނަ ދުވަހުގެ ނިޔަލަށް، ތިރީގައިވާ ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއެކު، ވޯޓުލުމަށްޓަކައި، އެ މީހަކު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ރަށަށް 10 ދުވަހުގެ މުއްދަތުގެ ކަރަންޓީނާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމައިފީމެވެ." ސަރުކާރުގެ ގެޒެޓްގައި ބުރާސްފަތި ދުވަހު ޝާއިއުކޮށްފައިވާ މައިމޫނާގެ ގަރާރެއްގައިވެއެވެ.

މި ގަރާރާއެކު މިއަދަކީ ކޮވިޑް ނުޖެހޭ ދުވަހެއްގެ ގޮތުގައި ވެގެންދިޔައިރު، ހަގީގަތުގައި މިހާރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް ރާއްޖޭގައި އޮވެގެން ނުވާނެއެވެ. ސިއްހީ ކުއްލި ނުރައްކަލެއް ރާއްޖޭގައި މިވަގުތު ނެތްކަން މި ގަރާރުން ކިތަންމެހާ ވެސް ރަނގަޅަކަށް ޔަގީން ކަށަވަރުވެއެވެ.

ކޮންމެހަކަސް، ކޮވިޑަށްވުރެ އިލެކްޝަންގެ ބާރު ގަދަވެއްޖެކަން އެންމެނަށް ވެސް މި ވަނީ ޔަގީންވެފައެވެ. އެހެންވެ ސުވާލަކީ ވޯޓުގެ ކަންކަން މިރޭ ނިމުމުން، އަނެއްކާ ވެސް ކޮވިޑް ވަރަށް ނުރައްކަލޭ، ކަރަންޓީނޭ، ލޮކްޑައުނޭ، ކާފިއުއޭ، ފަޅޮލޭ މައިމޫނާމެން ކިޔަން ފެށުމުން އެކަން ގަބޫލުކުރާނެ އެއްވެސް މީހަކު ހުންނާނެބާވައެެވެ؟