Support Us

ލިޔުމެއްގެ މައްޗަށް އަވަސް ނަޒަރެއް

އަނެއްކާ ވެސް ލިޔުމެކެވެ. އެ ލިޔުމުގެ މައްޗަށް ބަލައިލުމެކެވެ. މި ބުނެވުނީ މުޅިން ރަނގަޅަކަށް ނޫނެވެ. ބަލައިލަނީ މުޅި ލިޔުމުގެ މައްޗަކަށް ނޫނެވެ. ލިޔުމުގައި ފާހަގަކޮށްފައިވާ މައިގަނޑު ނުކުތާއެއްގެ މައްޗަށެވެ.

ލިޔުމުގެ ސުރުޚީގެ މާނާއިގެ ތަރުޖަމާ ލިޔެލާ ނަމަ މިހެން ބުނެވިދާނެއެވެ: "ރާއްޖެއަކީ އިންޑިޔާއިން ގެންގުޅޭ 'އަވައްޓެރިންނަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ސާބިތުކޮށް ދެވިފައިވާ ނަމޫނާއެކެވެ." މި ލޔުމުގައި ބަލާލަން ބޭނުންވަނީ އިންޑިޔާގެ މި ބުނާ ސިޔާސަތު ރާއްޖޭގައި ހިންގައި އެކަން، އިންޑިޔާ ދެކޭ ގޮތުގައި ނަމޫނާއަކަށްވާ ގޮތުގެ މައްޗަށެވެ.

އެންމެ ފުރަތަމައިން ލިޔުމުގެ މަސްދަރު ފާހަގަކޮށްލަމާ ހެއްޔެވެ؟ މިލިޔުމަކީ އިންޑިޔާގެ ފިކުރުކުރުމުގެ މުޖުތަމައެއް ނުވަތަ ފިކުރުކުރުމުގެ ގެއެއް (ތިންކް ޓޭންކް) ކަމުގައިވާ 'އޮބްސާވަރ ރިސާރޗް ފައުންޑޭޝަން' އިން ޝާއިއުކޮށްފައިވާ ލިޔުމެކެވެ. ފިކުރުކުރުމުގެ ގޭގެއަކީ ތަފާތު އެކިއެކި މައްސަލަތަކާ ބެހޭ ގޮތުން ދިރާސާތުތައްކޮށް، ބޭނުންވާ ފަރާތްތަކަށް މަޝްވަރާދޭ ބައެކެވެ. ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުންނެވެ. އަސްކަރީ ގޮތުންނާއި އަމަން އަމާންކަން ބެލެހެއްޓުމާއި ބެހޭ ގޮތުންނެވެ.

މި ލިޔުން ލިޔުނީ ސާތިޔާ މޫރްތީއެވެ. އޮބްސާވަރ ރިސާޗް ފައުންޑޭޝަންގެ މަދަރާސް (ޗެންނާއީ) ގޮފީގެ ވެރިޔާއެވެ. އިންޑިޔާގެ އެކިއެކި ނޫސްތަކުގައި މަސައްކަތްކޮށްފައިވާ ނޫސްވެރިޔެކެވެ. އިންޑިޔާގައި ނެރެވޭ އިނގިރޭސި ބަހުގެ ނޫސްތަކާއި އިންޑިޔާގެ ބައެއް ބަސްތަކުގެ ނޫސްތަކުގައި ވެސް މެއެވެ.

ލިޔުމުގެ މައިގަނޑުގެ ވާހަކައިގެ މައްޗަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟ މިތާ ފާހަގަކޮށްލަން ޖެހެނީ މިއީ ފާޑުކިޔުމުގެ ނަޒަރެއް ނޫންކަމެވެ. އެންމެ ތަންކޮޅެއް ފިޔަވައެވެ. އެތަންކޮޅު ފަހުން ފާހަގަކޮށްލެވޭނެއެވެ. އަދި، ފާހަގަކޮށްލަން ޖެހުނު ސަބަބުވެސް ބަޔާންކޮށްދެވޭނެއެވެ. އެކަން ފިޔަވައި، މި ލިޔުމުގެ ހަމައެކަނި ބޭނުމަކީ ލިޔުމުގައި އޮތް ވަކި އެއްޗެއްގެ މައްޗަށް ބަލައިލައި، އެވާހަކަ ބުނެލުމެވެ.

ކުރިން ވެސް އިޝާރަތްކޮށްލި ހެން، މި ލިޔުމުގައި ބުނެފައިވަނީ ރާއްޖެއާއި އިންޑިޔާއާ ދެމެދު މިހާރު އޮތް ގުޅުމަކީ 'ނަމޫނާ' ގުޅުމެއްކަމެވެ. އިންޑިޔާއިން އެދޭ އަވައްޓެރިޔާއަށް އިސްކަންދޭން ޖެހޭ ސިޔާސަތުގެ ނަމޫނާ ގުޅުމެކެވެ. މިގުޅުން ނަމޫނާ ގުޅުމަކަށް ވަނީ ކިހިނެއްވެގެން ހެއްޔެވެ؟ މި ސުއާލުގެ ޖަވާބު ނޫސްވެރިޔާ މޫރްތީ މިލިޔުމުގައި ބުނެދީފައި ވެއެވެ.

މި ގުޅުން ނަމޫނާ ގުޅުމަކަށް ވަނީ، ލިޔުންތެރިޔާ ދެކޭ ގޮތުގަައި، ގުޅުމުގެ ހުރިހާ ފައިދާއެއް އޮތީ ހަމައެކަނި ރާއްޖެއަށް ކަމެވެ. އެފައިދާގެ ބަދަލެއް އެއްގޮތަކަށް ވެސް އިންޑިޔާއިން ނޭދެއެވެ. އާދެ، މިއީ ނޫސްވެރިޔާ މޫރްތީ ދެކޭ ގޮތެވެ. ލިޔުމުގައި ބުނެފައިވާ ގޮތެވެ. ކުޑަ ތަފްސީލަކަށް ދަމާހެއްޔެވެ؟

މި ގުޅުމުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި 'އެހީތައް' އިންޑިޔާގެ ފަރާތުން ލިބެއެވެ. ފައް ސަތޭކަ މިލިޔަން ޑޮލަރުގެ ބުރިއްޖެއްގެ މަޝްރޫއަށް ބޭނުންވާ ފައިސާއެވެ. ރާއްޖޭގެ އެކިއެކި ޚަރަދުތަކައް އެހީވެދީ ރާއްޖޭގެ ބަޖެޓަށް ބޭނުންވާ ފައިސާ ފޯރުކޮށް ދިނުމުގެ ގޮތުން ދެވޭ 250 މިލިޔަން ޑޮލަރެވެ. އެއަރޕޯޓު ބޮޑުކޮށް ތަރައްގީ ކުރުމަށް ދެވޭ 800 މިލިޔަން ޑޮލަރެވެ. އާދެ، ހިސާބުކޮށްލުމުން، ޖުމްލަ އެއް ބިލިޔަން ފައްސަތޭކަ ފަންސާސް މިލިޔަން ޑޮލަރު ވެއެވެ.

ބިލިޔަނަށް ވުރެ މި އަދަދަކީ 'އެހީއެކެވެ' ރާއްޖެއަށް އިންޑިޔާއިން ދޭއެވެ. މިތަނުގައި މި އެހީގެ މާނަ ހަނދާންކޮށްލަން ޖެހެއެވެ. މިއީ ހިލޭ ދެވޭ ފައިސާތަކެއް ނޫނެވެ. މިއީ ލޯނުގެ އެހީއެވެ. މިފަދައިން ދެވޭ ލޯނު، ލޯނާ މެދު، ލޯނު ލިބޭ ފަރާތުން ކަންތައް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ނޯންނާނެކަން ހަނދާން ކޮށްލަން ޖެހެއެވެ. އެ ލޯނުތައް ޚަރަދުކުރެވޭނީ ސީދާ ލޯނު ދޭ ފަރާތުން އެ ލޯނު ޚަރަދު ކުރުމަށް ކަނޑައަޅާ ގޮތްތަކެއްގެ މަތިންނެވެ. މިސަލާކަށް އެ ލޯނުތަކުން ހިންގާ މަޝްރޫއުތައް އިންޑިޔާގެ ޚަބީރުންނާއި އިންޑިޔާގެ ކުންފުނިތައް ބޭނުންކުރުމެވެ. މީގެ އިތުރުން، ލޯނުތައް އިންޓަރެސްޓާއެކު ދައްކަން ޖެހޭނޭ ވާހަކަ ވެސް ފާހަގަކުރަން ޖެއެވެ.

މޫރްތީ ބުނާ ނަމާނޫ ގުޅުމުގައި އިންޑިޔާއިން ބަދަލުގައި އެއްވެސް އެއްޗެއް ނޭދޭ ކަމުގައި ބުނެ، މިކަމުގެ ފައިދާ އޮތީ ހަމައެކަނި ރާއްޖެއަށްކަން އިޝާރަތްކުރާ ކުރުމަކީ މުޅިން ތެދު ވާހަކައެއް ނޫނެވެ. މިކަމުގައި ބޮޑު ފައިދާ އޮތީ އިންޑިޔާއަށް ކަމަށް ވާތީއެވެ. އެމީހުން އެދޭ ލޯނުގެ އެހީގެ ސަބަބުން، ހަމައެކަނި މާއްދީ ގޮތުން، މަދުވެގެން، އޭގެ ފަންސާސް ޕަސެންޓުގެ ފައިދާ އެމީހުންނަށް ލިބޭނެތީއެވެ. އިންޓަރެސްޓުންނާއި އެމީހުންގެ ތަޖުރިބާކަރުންނާއި ކުންފުނިތަކަށް ލިބޭ ފައިދާގެ މައްޗަށް ބަލާފައެވެ. މިއީ މައްސަލައެއް ނޫނެވެ. ވިޔަފާރިއެއްގައި ދެފަރާތައް ވެސް މަންފާ ކުރަން ވާނެތާއެވެ. މިކަން ފާހަގަކޮށްލީ މޫރްތީ އޭނާގެ ލިޔުމުގައި އިންޑިޔާއަށް މާ ބޮޑު ފައިދާ އެއް ނުލިބޭނޭ ކަމަށް އިޝާރަތްކުރާ ގޮތަށްވާހަކަތައް ގެނެވިފައިވާތީއެވެ.

އިންޑިޔާގެ ފައިދާގެ ވާހަކަ ދައްކާއިރު، މޫރްތީ ފާހަގަކޮށްލާފައިވާ އިތުރު ދެކަމެއް ލިޔެލާނަމެވެ. އެއްކަމަކީ ދެކުނު އޭޝިޔާގެ އިގުތިސާދު އިންޑިޔާގެ އިގުތިސާދުގެ ތެރޭގައި ހިމެނުމުގެ ވާހަކައެވެ. ޝައްކެއް ނެތް ގޮތުގައި، މުޅި ދެކުނު އޭޝިޔާގެ އިގުތިސާދު އިންޑިޔާގެ އިގުތިސާދުގެ ތެރައަށް ދިޔުން ވަރަށް ދުރެވެ. އެއީ މުސްތަހީލުކަމެކޭ ބުނުމަކީ ދޮގަކަށް ވެސް ނުވާނޭ ބުނެވިދާނެއެވެ. މިސާލަކަށް ސިރީލަންކާއާއި ބަންގުލާދޭޝްއާއި ޕާކިސްތާނުގެ އިގުތިސާދު އިންޑިޔާގެ އިގުތިސާދުގެ ތެރެއަށް ވަދެގެން ނުދާނެއެވެ.

ދެން ސުއާލަކީ މޫރްތީ މިހެން ބުނުމުގެ މާނައަކީ ކޮބާހެއްޔެވެ؟ މިތަނުގައި ބޭނުންކުރެވިފައި މިއޮތީ މަލަމަތި އޮމާންކޮށް ހަގީގަތް ފޮރުވައި އިބާރަތްކުރާ ގޮތުގެ މިސާލެކެވެ. ދެކުނު އޭޝިޔާގެ އިގުތިސާދޭ މިތާ ބުނާ ބުނުމުގެ މާނައަކީ ރާއްޖޭގެ އިގުތިސާދުގެ ވާހަކައެވެ. ރާއްޖޭގެ އިގުތިސާދު އިންޑިޔާއިން ކޮންޓުރޯލުކުރުމުގެ ވާހަކައެވެ. ޝައްކެއް ނެތް ގޮތުގައި އެކަން މިހާރުވެސް އޮތީ ހަމަ އެކަހަލަ ގޮތަކަށެވެ. މިއަންނަނީ ރޯދަމަހެވެ. މިކަމުގެ އަސަރު ކޮންމެ ރޯދަ މަހަކު ފެނިގެންދާހެން މި މިއަހަރުގެ ރޯދަ މަހުވެސް ފެނިގެންދާނެ ކަމަށް ލަފާކުރެވެއެވެ. ރާއްޖެއަށް އެތެރެކުރާ ފިޔާފަދަ ތަކެތީގެ ކޯޓާތަކަށް ބަދަލު ގެނައުމުގެ ބާރު އިންޑިޔާގެ އަތްމަތީ އޮންނާތީއެވެ. (މީގެ އިތުރު ތަފްސީލު އެހެން ބައެއް ލިޔުންތަކުގައި ލިޔެވިފައިވާނެއެވެ.) ކޮންމެއަކަސް ރާއްޖޭގެ އިގުތިސާދުގެ މައްޗަށް، އިހުގެ ވޯރާވެރިންގެ ބާރު އޮތްހެން، މިއަދު ވެސް އެފަދަ ބާރެއް އިންޑިޔާއަށް ލިބިފައިވެއެވެ. އަދި، މި ލޯނުތަކުގެ ސަބަބުން އެ ބާރު އިތުރުވެ ވަރުގަދަވެގެންދާނެއެވެ. މޫރްތީ ފާހަގަކޮށްފައިވާ ފަދައިން، ރާއްޖޭގެ އިގުތިސާދު އިންޑިޔާގެ އިގުތިސާދުގެ ތެރެއަށް ވަދެ 'އިންޓަގުރޭޓުވެގެން' ދާނެއެވެ. އާދެ، ރާއްޖޭގެ އިގުތިސާދު ކޮންޓުރޯލު ކުރުމުގެ ފުރިހަމަ ބާރު އިންޑިޔާގެ އަތްމައްޗަށް ދާނެއެވެ. މިއީ ލިޔުމުގައި ބުނެފައި އޮތް ވާހަކައެއް ކަމާއި އަޅުގަނޑުގެ އަމިއްލަ ވާހަކަ ނޫންކަން މިތާ ފާހަގަކޮށްލަން ބޭނުމެވެ.

ދެން ފަހުގެ ނުކުތާއަކަށް އޮތީ އިންޑިޔާއަށް އޮތް އަނެއް ފައިދާއެވެ. މޫރްތީ އިންޑިޔާއިން ކަމެއް ނޭދޭކަން ލިޔެފައި އޮތްއިރު، އިންޑިޔާއަށް އަސްކަރީ ގޮތުން ފައިދާ ކުރާނޭ ކަމަށް، ނުސީދާ ގޮތެއްގައި، އިޝާރަތްކޮށް ލިޔުމުގައި ބުނެފައި އޮތެވެ. ރާއްޖޭގެ އުުތުރާއި ދެކުނުގައި އިންޑިޔާގެ އެހީގައި ހިންގޭ 'ތަރައްގީގެ' މަޝްރޫއުގެ ސަބަބުންނެވެ. އާދެ، ތަރައްގީގެ މަޝްރޫއުތަކޭ ބުނެފައި އެ އޮތީ އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބޭ ތިބުމަށް އިޝާރަތްކޮށެވެ. ސީދާކޮށް މިވާހަކަ ބުނެފައި ނެތަސް، އެ ތަންތަނަކީ އިހުގައި އަސްކަރީ ހަރަކާތްތަކެއް ހިންގުނު ތަންތަން ކަމުގައި ފާހަގަކޮށް އެތަންތަން އިންޑިޔާއަށް މުހިއްމު ވާހަކަ ފާހަގަކޮށްފައިވެއެވެ. ކަނޑު ދަތުރުފަތުރުކުރުމަށް މުހިއްމު ވުމެވެ. މިތަނުގައި އިޝާރަތްކުރެވެނީ އެހެން ބާރެއް މިސަރަހައްދަށް އަތުވެދާނެތީ އެ ބާރު ހުއްޓުވުމަށް ރާއްޖޭގެ މި ސަރަހައްދުތައް އިންޑިޔާއަށް މުހިއްމު ވާހަކައެވެ. އެފަދަ ބާރެއް ހުއްޓުވޭނީ އަސްކަރީ ގޮތުން ރާއްޖޭގައި އިންޑިޔާގެ ސިފައިން ގާއިމުވެ ތިބެގެންތާއެވެ.

އާދެ، ދެން އަނެއްކާވެސް އެއްކަލަ ސުވާލުކޮށްލަ ބަލާށެވެ! ރާއްޖެއާއި އިންޑިޔާގެ ދެމެދުގައި އޮތް ގުޅުން، އިންޑިޔާ ދެކޭ ގޮތުގައި، ނަމޫނާ ގުޅުމަކަށް ވަނީ ކީއްވެ ހެއްޔެވެ؟ އިންޑިޔާއިން ބޭނުންވާ ގޮތަށް އެ ގުޅުން އޮތުމުންނެވެ. އިންޑިޔާއިން މާ ބޮޑު ޚަރަދުތަކެއް ނުގޮސް، އެމީހުންނަށް ރާއްޖޭގެ އިގުތިސާދު ކޮންޓުރޯލް ކުރެވި، އަދި، އެމީހުން ބޭނުންވާ ގޮތަކަށް ކަންކަން ހިންގުމަށް، އެމީހުންގެ ސިފައިން ތިބެވޭ ގޮތް ވީމައެވެ. އިންޑިޔާއިން މިކަމަށް ވަގުތީ ގޮތުން ޚަރަދެއް ކުރަން ޖެހެއެވެ. ލޯނު ދިނުމެވެ. ނަމަވެސް، މިއީ އެއިން ބޮޑު ފައިދާއެއް އިންޑިޔާއަށް ކުރާނޭ ކަމެކެވެ. ދެން، މިލިޔުމުގެ އިތުރުން މިކަމާ ބެހޭ އެހެން ލިޔުންތަކާއި، އަދި ރާއްޖޭގައި އިންޑިޔާގެ ސިފައިން ތިބޭ އެއްބަސްވުމުގެ މައްޗަށް ބަލާލުމުން، އިންޑިޔާގެ ސިފައިން ތިމުގެ ޚަދަރުތަކުގެ ބޮޑު ބަޔަކާއި އަދި، އެމީހުން ކުރާ ކަންތައްތަކުގެ ބޮޑު ޚަރަދުވެސް ދޭން ޖެހޭނީ ރާއްޖޭގެ ރައްޔިތުންނެވެ. މިހެން ކަމަށްވާއިރު، އިންޑިޔާއާއި ރާއްޖެއާއި އޮތް ގުޅުމަކީ ނަމޫނާ ގުޅުމަކަށް އިންޑިޔާއިން ނުދެކެންވީ ސަބަބެއް ނެތެވެ!