މާލޭގެ ގެއެއްގައި ހަތިޔާރު ހުރި ކަމަށް މައުލޫމާތު ލިބިގެން ފުލުހުންނާއި ސިފައިން ގޮސް ބެލިއިރު ފެނުނީ ކުޅޭކުޅޭ ބަޑިއެއް ކަމުގައި އެމް.އެން.ޑީ.އެފުން ބުނެފިއެވެ.
މާފަންނު މުއިވެޔޮ މަގުގައި ހުރި ގެއެއްގައި ބަލައި ފާސްކުރުމަށްޓަކައި ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު މެންދުރުފަހު ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގައިފައެވެ.
އެމް.އެން.ޑީ.އެފްގެ މީޑިއާ ކޯޑިނޭޓަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އެ އޮޕަރޭޝަނަކީ "ގެއެއްގައި ހަތިޔާރު ހުރި ކަމަށް ރިޕޯޓް ލިބިގެން ހިންގި އޮޕަރޭޝަނެއް" ކަމަށާއި "އެމް.އެން.ޑީ.އެފުން ގެ ޗެކްކުރިއިރު އެ ހަތިޔާރަކީ ޓޯއި ގަންއެއް (ކުޅޭކުޅޭ ބަޑިއެއް)" ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
މި ކަމާ ގޔޅިގެން ފުލުހުން ވެސް ވަނީ ކުރި ބަޔާނެއް ނެރެފައެވެ؛ "ހަތިޔާރު ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށްފައިވޭ. މި އޮޕަރޭޝަންގައި ބަލައި ފާސްކުރި ގެއިން އެފަދަ އެއްވެސް އެއްޗެއް ފެނިފައެއް ނުވޭ. މި އޮޕަރޭޝަން މިހާރު ވަނީ ނިންމާލައިފަ."



advertisment