Support Us

ލިޔުމެއްގެ ސުރުޚީގެ މައްޗަށް އަވަސް ކަޅިއެއް

މިތާ ބަލާލަން ގަސްދުކުރަނީ ހަމައެކަނި ލިޔުމުގެ ސުރުޚީގެ މައްޗަށެވެ. ލިޔުމުގައި ބުނެފައި އޮތް އެއްޗެއްގެ މައްޗަކަށް ނޫނެވެ. އަދި، ލިޔުމުގައި ވާހަކަދެއްކިފައިވާ މައިގަނޑު މައުޟޫއު- ރާއްޖޭގެ އިންޑިޔާ ސިފައިންގެ މުށުތެރޭގައި އޮތުން- މިކަމުގެ ރަނގަޅު ނުވަތަ ނުރަނގަޅުކަމުގެ މައްޗަކަށް ވެސް ނޫނެވެ. މި ތަނުގައި ބަލާލަން ގަސްދުކުރަނީ ސުރުޚީގައި ބުނާ އެއްޗެއްގެ މާނައާ މެދުގައެވެ.

ސުރުޚީގެ މައްޗަށް އެއްޗެއް ބުނުމުގެ ކުރިން، ލިޔުމުގެ މަސްދަރު ބަޔާންކޮށްލާނަމެވެ. މިލިޔުން ޝާއިކުރެވިފައިވަނީ 'އޭޝިޔާ ޓައިމްސް" މި ނޫހުގައެވެ. މި ނޫހަކީ، ހޮންކޮންގުގައި ގާއިމުވެފައި އޮތް، އެކިއެކި ނޫސްތައް ޝާއިއުކުރާ، އިއުލާމީ، އާދެ، މީޑިޔާގެ ޖަމާއަތެކެވެ. ތިރީގައިވާ ލިޔުން ލިޔެފައިވަނީ ކަލްކަތާގައި ގާއިމުވެ ހުރި، ތަފާތު ނޫސްތަކަށް ލިޔެއުޅޭ އިންޑިޔާގެ ނޫސްވެރިޔެއް ކަމަށް ވާ ސީމާ ސެންގުޕްތާއެވެ. އޭޝިޔާ ޓައިމްސްގެ އިތުރުން އެރެބް ނިޔުސްއިން ވެސް އޭނާގެ ލިޔުންތައް ފެނެއެވެ. މި ލިޔުން ޝާއިއުކުރެވިފައިވަނީ 2020ގެ އޮކްޓޯބަރު މަހުއެވެ.

އާދެ، ސުރުޚީގައި ބުނެފައި އޮތީ އިންޑިޔާގެ އަސްކަރީ މުށުތެރޭގައި އޮތް އޮތުން ނެތިދިޔުމުގެ ބިރު އިންޑިޔާއަށްއޮތް ކަމެވެ. ސުރުޚީގައި ބޭނުންކުރެވިފައިވާ މިފްތާހީ އިބާރަތަކީ 'އިންޑިޔާގެ އަސްކަރީ މުށުތެރެ' (އިންޑިޔަން މިލިޓަރީ ހޯލްޑު) ކަމުގައި ބުނެވިދާނެއެވެ.

'ހޯލްޑް’ގެ ތަރުޖަމާއަކަށް މުށުތެރެ ލިޔެވިފައިވަނީ ކީއްވެކަން ބުނެލާނަމެވެ. ހޯލްޑްގެ ލަފްޒީ މާނައަކީ ހިފުން މިއެވެ. އެންމެ އާންމު ގޮތެއްގައި ހިފަނީ އަތުންނެވެ. އެއްޗެއް އަތުން ދޫ ނުވާގޮތަށް ހިފަން ވެއްޖެ ނަމަ، ބާރުލައި ހިފަހައްޓަން ޖެހެއެވެ. އަދި، މުށަށް ލެވޭ ވަރު އެއްޗެއް ނަމަ، މުށަށްލައި ވަރުގަދައަށް ހިފަހައްޓަން ޖެހެއެވެ. މިތަނުގައި 'ހޯލްޑު' މިއިބާރާތުން މި މާނަ،- ދޫނުވާގޮތެއްގައި އެއްޗެއްގައި ބާރަށް ހިފެހެއްޓުން – ދޭހަވާތީ މުށުގެ ވާހަކަ ތަރުޖަމާގައި ގެނެވުނީއެވެ.

މިތަނުގައި އިންޑިޔާގެ އަސްކަރީ މުށުތެރަށް ލެވޭ އެއްޗަކީ ދިވެހި ރާއްޖެއެވެ. އިންޑިޔާގެ އަސްކަރީ ބާރުގައި 'އިންސާނީ މުށް ފަދަ' މުށެއް ނޯންނާނެތާއެވެ. އެެހެންވެ، މިތާނގައި މުށް ބޭނުންކުރެވިފައި އެވަނީ ފަހަރެއްގައި ވެސް ލަފްޒީ މާނައެއްގައެއް ނޫނެވެ. މަޖާޒީ މާނައެއްގައެވެ. އާދެ، ބާރުގެ މާނައިގައެވެ. އެހެންވެ، ރާއްޖެ އިންޑިޔާގެ އަސްކަރީ މުށުތެރޭގައި އޮތުމުގެ މާނައަކީ އަސްކަރީ ބާރުގެ ދަށުގަަައި އޮތުމެވެ.

ސުރުޚީގެ މައްޗަށް ބަލާލައި ދެން ފާހަގަކޮށްލަން ބޭނުންވަނީ ސުރުޚީގެ ސީދާ މާނައާއި (ޑިރެކްޓް މީނިންގް) އާއި ނުސީދާ މާނަ (އިންޑިރެކްޓް ނުވަތަ އިމްޕލައިޑް މީނިންގް) އެވެ. ސީދާ މާނައަކީ ބިރެއް، ނުރައްކަލެއް އޮތް ވާހަކައެވެ. އެ ބިރަކީ، ނުރައްކަލަކީ ކޮބައި ހެއްޔެވެ؟ އިންޑިޔާގެ އަސްކަރީ މުށުތެރެއިން ރާއްޖެ ބޭރުވުމުގެ ބިރެވެ. އިންޑިޔާގެ އަސްކަރީ ބާރުގެ ތެރެއިން ރާއްޖެ ވީއްލިގެން ދިޔުމުގެ ބިރެވެ.

ނުސީދާ މާނައަކީ މިހާރު، އޭގެ މާނައަކީ، މި ލިޔުން ލިޔުނު އިރުވެސް، ރާއްޖެ އޮތީ އިންޑިޔާގެ އަސްކަރީ މުށުތެރޭގައި ކަމެވެ. އިންޑިޔާގެ އަސްކަރީ ބާރުގެ ދަށުގައި ކަމެވެ. މިކަން އިންޑިޔާގެ ނޫސްވެރިންނަށް އޭރުވެސް އެނގޭ ކަމެވެ. މިކަން ނޭނގެނީ ނުވަތަ އެނގެން ބޭުނުން ނުވަނީ ރާއްޖޭގެ ނޫސްވެރިންނާއި އާންމުންނެވެ.

ކުރިން ވެސް ބުނި ފަދައިން، މިތަނުގައި، ލިޔުމުގައި އެކުލެވިގެންވާ ވާހަކަތަކުގެ މައްޗަކަށް ބަލާލުމަކީ މިލިޔުމުގެ އަމާޒެއް ނޫނެވެ. އަދި، މިމައްސަލައިގެ މައްޗަށް ފާޑުކިޔުމުގެ ނަޒަރުން ބަލައިލުމަކީވެސް މި ލިޔުމުގައި ގަސްދުކުރެވިފައި އޮތް ކަމެއް ނޫނެވެ. މިލިޔުމުގައި ބަލާލެވުނީ، ހަމައެކަނި، ލިޔުމުގެ ސުރުޚީއަށެވެ. އޭގެ ބައެއް މިފްތާހީ އިބާރަތަކަށާއި ސުރުޚީގެ ސީދާ މާނައާއި ނުސީދާ މާނައިގެ މައްޗަށެވެ. ސުރުޚީގައި ސީދާ ގޮތެއްގައި ބުނަނީ އިންޑިޔާގެ އަސްކަރީ މުށުތެރޭން، އާދެ، އަސްކަރީ ބާރުގެ ދަށުން ރާއްޖެ މިނިވަންވެދާނޭ ކަމުގެ ބިރު އޮތް ވާހަކައެވެ. ނުސީދާ ގޮތެއްގައި ސުރުޚީ ބުނަނީ މިހާރު ރާއްޖެ އޮތީ އިންޑިޔާގެ އަސްކަރީ މުށުތެރޭގައި ކަމެވެ.

ލިއުން ވިދާޅުވުމަށް