Support Us

ޗައިނާ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖޫމްހޫރިއްޔާއާއި ޗައިނާގެ ސަފީރު ވަނީ ދިވެހިރާއްޖެއާއި، ޗައިނާއާ ދެމެދު އޮތް ޚާރިޖީ ގުޅުމާއި ދެޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާފައިވާ އަދި، ހިންގަމުންދާ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ސަފީރު، އެ މަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމާއި ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ އިތުރުން ރާއްޖެއާ ގާތް ރަޙުމަތްތެރި ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރައްވައި ޗައިނާ އިން ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ ތަރައްޤީއަށް ވެދީފައިވާ އަދި، ވެދެމުންގެންދާ ދީލަތި އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި، އެކަމަށްޓަކައި ޗައިނާ ސަފީރަށާއި، ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޚާއްޞަ ގޮތެއްގައި ކޮވިޑްގެ ޙާލަތާއި ގުޅިގެން ޗައިނާއިން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވެދޭ އެހީތެރިކަމާއި ރާއްޖޭގައި ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން ޗައިނާއިން "ސިނޮފާރމް" ވެކްސިންގެ ދެ ލައްކަ ޑޯޒް ހަދިޔާކޮށްވާފައި ވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ ތަރައްޤީގެ ދާއިރާއާއި، ޞިއްޙީ ދާއިރާ އަދި އެހެން ދާއިރާތަކުގެ ތަރައްޤީއަށް ދެ ޤައުމުން ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ސަފީރަށް ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ. އަދި، މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން ކުރިމަގުގައި އިތުރު ދާއިރާތަކުން ބަދަހިވެ ކުރިޔަށް ދިއުމަށް އެދިވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް